Advertisement

ވާގޮތް: އައްޑޫ ސިޓީ ކައުންސިލު ބައިބައި ކުރާ ވޯޓަށް ފަހު ވާނީ ކިހިނެއް

12 އޮކްޓޯބަރު 2025 - 12:02 1

އަމަން ހަލީމް

އަމަން ހަލީމް

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


ވާގޮތް: އައްޑޫ ސިޓީ ކައުންސިލު ބައިބައި ކުރާ ވޯޓަށް ފަހު ވާނީ ކިހިނެއް

12 އޮކްޓޯބަރު 2025 - 12:02 1

ސަރުކާރުން މި ވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ރަށު ކައުންސިލުތަކެއް އުފެއްދުމުގެ ފުރުސަތު ފޭދޫ އާއި ހުޅުދޫ އާއި މީދޫއަށް ދީފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި މިއީ އެ ރަށްރަށުގެ ރައްޔިތުންގެ ބޭނުން ވެގެން، އެކަމަށް އެދި ހުށަހަޅައިގެން، އެ ރައްޔިތުންގެ ހިޔާލާ މަޝްވަރާގެ މަތިން ގޮތް ކަނޑައަޅަން ދިން ފުރުސަތެކެވެ. ނަމަވެސް އިދިކޮޅުން މިކަން ސިފަކުރަނީ ސަރުކާރު އަޑީގައި އޮވެ، އައްޑޫ ބައިބައިކޮށްގެން ސިޔާސީ ބާރުވެރިކަން ހޯދަން ހިންގާ، ރޭވުންތެރި، ނުބައި ކުޅިގަނޑެއްގެ ގޮތުގަ އެވެ.

މިކަމުގައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ދެނެގަންނަން ނަގާ ފެންނަ ނުފެންނަ ވޯޓު ގުޅިގެން އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި، މި ތިން ރަށަށް ވަކި ރަށު ކައުންސިލުތަކެއް އުފެއްދުމާ އެއްކޮޅަށް ހުއްޖަތުތަކެއް ބަޔާންކޮށްފައި ވެ އެވެ. ސަރުކާރުން ބުނާ ގޮތުގައި އައްޑޫ ސިޓީ ކައުންސިލު މިހާރު އެކުލެވިގެންވާ ގޮތުން، އައްޑޫ ސިޓީގެ ރަށްތަކުގެ "އައިޑެންޓިޓީއަށް އުނިކަން ލިބި" އެ ރައްޔިތުންނަށް "ރަށު ވަންތަކަން ދިރުވައި އާލާކުރަން" ހުރި ފުރުސަތުތައް ހަނިވެފައިވާ ކަމަށް ބުނެ އެ މީހުން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.

ސަރުކާރުން ދެއްކި އަނެއް ހުއްޖަތަކީ އައްޑޫ ސިޓީގެ ގިނަ ހިދުމަތްތައް މަރުކަޒުވެފައިވާ ހިތަދޫ އާއި ފޭދޫއާ އޮންނަ ދުރުމިނާއި، ހުޅުދޫ އާއި މީދޫ ހިތަދުއާ މުޅިން ވަކިން އޮތުމެވެ. މީގެ ސަބަބުން ހޯދަން ދާ ހިދުމަތާ ނުބައްދަލު އަދަދެއް ދަތުރުފަތުރަށް ކުރަން ޖެހި، އެ ކަމަށް ހޭދަވާ ވަގުތުގެ ދިގުކަމަކީ އެ ރަށްރަށުގެ ރައްޔިތުން އުފުލަން ޖެހޭ ބޮޑު ތަކުލީފެއް ކަމަށް ވެސް ބުނެފައި ވެ އެވެ.

އޭގެ އިތުރުން ހުޅުދޫ ކައުންސިލަރާއި މީދޫގެ ކައުންސިލަރު، ކައުންސިލު ޖަލްސާތަކުގައި ބައިވެރިވާން ހިތަދުއަށް ދަތުރުކޮށްފައި ގޮސް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުން، ރައްޔިތުންނާ ދުރުގައި އެއަށް ވުރެ "މުނާސަބު ނޫން ގިނަ ކަންކަމުގައި" ވަގުތު ހޭދަކުރަން ޖެހޭ ކަމުގެ ޝަކުވާ ވެސް ރައްޔިތުންގެ ފަރާތުން ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި އޮތެވެ. އަދި މި ދެ ރަށުގެ ކައުންސިލަރުން ބޭނުންވާ ކަންކަން ޖަލްސާތަކުގައި އެޖެންޑާ ނުކުރެވޭ ކަމަށް ވެސް ވެ އެވެ.

ސަރުކާރުން ބުނީ، ރައްޔިތުން އެދެމުންދާ ގޮތަށް، ރަށުގެ އިދާރީ ކަންކަން އެ ރައްޔިތުން ބޭނުންވާ ގޮތަށް ހަމަޖެހިދާން އެ ރަށްތަކުގެ ރައްޔިތުން ބޭނުންވާ ގޮތެއް ދެކުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. މިހެން ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވަނީ މި މައްސަލައިގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ވިދާޅުވެ، މިއީ ސަރުކާރުން ބޭނުން ވެގެން ކުރަން އުޅޭ ކަމަށް ކުރެވޭ ތުހުމަތުތަކުން ރެކިވަޑައިގެންފަ އެވެ.

މި ވޯޓުގައި ސަރުކާރު ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ އައްޑޫގެ ދާއިރާތައް ތަމްސީލުކުރާ މަޖިލިސް މެންބަރުންނާއި އެކްޓިވިސްޓުން ގެންދަނީ ވަކި ކައުންސިލުތަކެއް އުފައްދަން ވޯޓު ދޭން ގޮވާލަމުންނެވެ. ސަރުކާރު ޕާޓީގެ މެންބަރުންގެ ތެރެއިން މިކަމާ ދެކޮޅަށް އަޑުއުފުލީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެކަންޏެވެ. މިކަމުގައި އިދިކޮޅު އެމްޑީޕީގެ ރަސްމީ ސްޓޭންޑަކީ ކައުންސިލުތައް ބައިކުރުމާ ދެކޮޅަށް ވޯޓު ދިނުމަށެވެ.

އައްޑޫ ސިޓީ ކައުންސިލު އުފެއްދުން

އައްޑޫއަކީ މާލެ ސަރަހައްދު ނަގާފައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އާބާދީ އާއި ދިރިއުޅޭ އާބާދީ ވެސް އެންމެ ބޮޑު އަތޮޅެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ އޮންނަނީ ހަ ރަށެވެ. އެއީ ހިދަތޫ އާއި ފޭދޫ އާއީ މަރަދޫގެ އިތުރުން މަރަދޫފޭދޫ އާއި ހުޅުދޫ އާއި މީދޫ އެވެ. މި ރަށްތަކުގެ ތެރެއިން ފޭދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އޮންނަނީ އެއްގަމު މަގުން ހިތަދޫއާ ގުޅިފަ އެވެ.

ޒަމާނުއްސުރެން އައްޑޫ އަތޮޅުގައި ވެރިކަން ކުރާ ރަށަކީ، އާބާދީ އާއި ބިން ބޮޑު، ހިތަދޫ އެވެ. ދެ ވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަނީ ފޭދޫގަ އެވެ. ވަކި ދެ ރަށެއްގެ ގޮތުގައި ނަން ދެވި، އިދާރީ ގޮތުން ވަކިކުރެވިފައި އޮތަސް މަރަދޫ އާއި މަރަދޫފޭދޫއަކީ, ހުޅުދޫ އާއި މީދޫއެކޭ އެއް ފަދައިން، ޖޯގުރަފީގެ ގޮތުން އެއް ރަށެކެވެ. އައްޑޫގެ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ އާބާދީއަކާއި ބިމުގެ ސަރަހައްދެއް އޮންނަނީ މަރަދޫފޭދޫގަ އެވެ.

އައްޑޫ އަތޮޅުގެ ހުރިހާ ރަށްތަކެއް އެއް ރަށެއްގެ ގޮތުގައި އޮވެ، ސިޓީ ކައުންސިލެއް އުފެއްދީ ވެސް ރައްޔިތުންގެ މެދުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަކަށް ފަހުގަ އެވެ. މިއީ ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށި ފަހުން، އޮކްޓޫބަރު 9، 2010 ގައި ނެގުނު ވޯޓެކެވެ. މި ވޯޓުގައި އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މީހުން ބައިވެރިވި އެވެ. އަދި 54 ޕަސެންޓު ވޯޓާ އެކު އަގުލަބިއްޔަތު ލިބުނީ އައްޑޫ އެކަތިގަނޑެއްގެ ގޮތުގައި އޮވެ ސިޓީ ކައުންސިލެއް އުފައްދާށެވެ.

ސިޓީ ކައުންސިލް އުފެއްދުމަށް 2010 ވަނަ އަހަރު ނެގި ވޯޓުގެ ނަތީޖާ


މި ވޯޓުން ފާހަގަކޮށްލެވޭ ކަންކަމަށް ބަލާއިރު، ވޯޓު ލުމުގެ ހައްގު 21،000 އަށް ވުރެ ގިނަ މީހުންނަށް ލިބިފައި އޮތަސް، މި ވޯޓުގައި ބައިވެރިވީ 4706 މީހުންނެވެ. އެ ފަހަރު ވޯޓުގައި ބައިވެރިވީ މީހުންގެ ނިސްބަތަކީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ އާބާދީގެ އެންމެ 21 ޕަސެންޓެވެ. މި ވޯޓުގައި ބައިވެރިވި ރަށްތަކުގެ ތެރެއިން، އެއް ކައުންސިލެއް އުފައްދަން ބޭނުން ނުވާ ކަމަށް އަގުލަބިއްޔަތު ލިބުނީ، ފޭދޫ އާއި މީދޫ ގަ އެވެ. އެ ދެ ރަށުގެ ރައްޔިތުން ބުނީ އެއް ރަށެއްގައި ގޮތުގައި އޮވެ، އައްޑޫ ކައުންސިލު އުފައްދަން ބޭނުން ނުވާ ކަމަށެވެ.

މި ވޯޓަށް ފަހު، އައްޑޫއަށް ސިޓީއެއްގެ ލަގަބު ލިބި އުފެދިގެން އައި އައްޑޫ ސިޓީ ކައުންސިލުގައި ހަ ރަށް ބަހާލީ ހަތަރު އަވަށަށެވެ. އެ ހަތަރު އަވަށަކީ ހިތަދޫ އަވަށާއި، މަރަދޫ އަވަށާއި، ފޭދޫ އަވަށާއި، ހުޅުމީދޫ އަވަށެވެ. އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރާ އެކީ 12 ކައުންސިލަރަކު އިންތިހާބުކޮށްފައި ވެ އެވެ. މި ކައުންސިލުގައި ތިބޭ ހަ ކައުންސިލަރުން ތަމްސީލުކުރަނީ ހިތަދޫ އަވަށެވެ. ދެން އޮތް ތިން އަވަށުން ކުރެ ކޮންމެ އަވަށެއްގައި ތިބެނީ ދެ ކައުންސިލަރުންނެވެ.

އައްޑޫ ކައުންސިލުން ވަކިވާން އުޅުމުގެ ތާރީހު

އައްޑޫގެ ހުރިހާ ރަށްތަކެއް އެއް ރަށެއްގެ ގޮތުގައި ކަނޑައެޅި، 2011 ގައި އައްޑޫ ސިޓީ ކައުންސިލު އުފެދުނު ފަހުން ހުޅުދޫ އާއި މީދޫން ވަނީ އެ ކައުންސިލުން ވަކިވާން މަސައްކަތްކޮށްފަ އެވެ. މި އަޑުތައް ފުރަތަމަ އިވެން ފެށީ 2021 ގައި ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގެ ދުވަސްވަރުގަ އެވެ. ނަމަވެސް އޭރު އެ އަޑުތައް އިވުނީ އެ ދެ ރަށުގެ ރައްޔިތުންގެ ޝަކުވާއެއްގެ ގޮތުގަ އެވެ.

މި ޝަކުވާގެ އަޑު ގަދަވީ، އެ އިންތިހާބުގެ ފަހުން މަަސައްކަތް ފެށި "އަފިރިންގެ ކައުންސިލް އަފިންނަށް" ޕެޓިޝަންއާ އެކީގަ އެވެ. ހުޅުދޫ އާއި މީދޫގެ ރައްޔިތުންތަކެއްގެ އިސްނެގުމަކަށް ފެށި މި މަސައްކަތުގެ ދަށުން އެ ދެ ރަށުގެ ރައްޔިތުންގެ ސޮއި ހޯދި އެވެ. އަދި ރައީސް އޮފީހަށް އެ ޕެޓިޝަން ހުށަހެޅި އެވެ. މި ޕެޓިޝަން ލިބުމުން ރައީސް އޮފީހުން ކުރި ކަމެއް ނޭނގެ އެވެ.

އޭރު މީދޫ ދާއިރާގެ މެންބަރަކަށް ހުންނެވި، ރޮޒެއިނާ އާދަމް ވެސް މި ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ އައްޑޫ ސިޓީގެ އިހުތިސޯސުގެ ތެރެއިން ހުޅުދޫ އާއި މީދޫ ވަކިކުރަން މަޖިލީހުގެ ތެރެއިން މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ރޮޒެއިނާ މިކަން ކުރަން ފައިވިއްދާލީ، އޭނާ ވިދާޅުވި ގޮތުގައި، އެއް ރަށްތަކެއްގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލު އުފައްދަައިގެން "ވޯކް" ނުކުރާތީ އެވެ. މިހެން މަސައްކަތް ނުކުރުމުން، އެއްވެސް ރަށެއްގެ ރައްޔިތުން ބޭނުންވެއްޖެ ނަމަ، ސިޓީ ކައުންސިލުން ވަކިވުމުގެ އިހުތިޔާރު އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ދާއިރާތައް ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރައްވާނެ ކަމަށް ވިދާޅުވުމުގެ އިތުރަށް މި ކަމުގައި ރޮޒެއިނާ ކުރި އިތުރު މަސައްކަތެއް ފެންނާކަށް ނެތެވެ. މަޖިލީހަށް އެ ފަދަ މައްސަލައެއް ހުށަހެޅުނު ކަމަކަށް ރެކޯޑުތަކަކުން ނުދައްކަ އެވެ.

ހުޅުމީދޫ ރައްޔިތުންގެ އޭރު ވެސް މިހާރުގެ ވެސް ޝަކުވާއަކީ، އަައްޑޫ ސިޓީގެ ކައުންސިލުގެ މެޖޯރިޓީ ގުޅިފައިވާ ރަށްތަކުގެ ކައުންސިލަރުންނަށް އޮންނާތީ އެ އަވަށުގެ ރައްޔިތުންގެ އަޑު ނީވޭ ކަމަށެވެ. މީދޫ އާއި ހުޅުދޫގެ ކަމެއް ވެއްޖެއްޔާ، ކައުންސިލު ތެރެއިން ކަންކަން ކުރަން އުނދަގޫ ކަމަށް، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އެ ރައްޔިތުން ފާޅުކޮށްފައި ހުރި ޝުއޫރުތަކުން އެނގެ އެވެ.

މިކަމަށް ވަަކާލާތުކުރާ ރައްޔިތުން ބުނަނީ މިއީ ދެ ރަށުގެ ރައްޔިތުންގެ އަމިއްލަ ބާރުވެރިކަން ހޯދައި، ގޮތް ނިންމުގައި ފަސޭހަކުރަން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އަދި މިއީ ރަށުގެ ތަރައްގީގެ މިސްރާބު ރައްޔިތުންގެ ބޭނުންވާ ގޮތަށް ކަނޑައަޅަން ކޮންމެހެން ވެސް ބޭނުން ބަދަލެއް ކަމަށެވެ. މިކަމުގައި އެ ދެ ރަށުގެ ރައްޔިތުންގެ ދެބަސްވުމެއް އޮތީ ހުޅުމީދޫ ކައުންސިލެއް އުފައްދާނީތޯ ނުވަތަ ހުޅުދޫ ކައުންސިލާއި މީދު ކައުންސިލު އުފައްދާނީ އޮތް ހިޔާލު ތަފާތުވުމާ ގުޅިގެންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އަމިއްލަ ރަށު ކައުންސިލުތަކެއް އުފައްދަން ހުޅުމީދޫ ރައްޔިތުން ކުރި މަސައްކަތްތައް ފެންނަން ހުއްޓަސް، ފޭދޫއިން މި ވިސްނުމުގައި މަސައްކަތްތަކެއް ކުރި ކަމަކަށް ފެންނާކަށް ނެތެވެ. ނަމަވެސް އެންމެ ފުރަތަމަ ނެގި ހިޔާލު ނެގި ވޯޓުގައި، ފޭދޫގެ ރައްޔިތުން ނޫނެކޭ ބުނެފައި އޮތުމުން ވަކި ކައުންސިލެއް އޮތުމުގެ ޝުއޫރު މާކުރިން ފެށިގެން އޮތް ކަން ވެސް ސާފެވެ.

ވޯޓަށް ފަހު ދެން ވާނީ ކިހިނެއް؟

އައްޑޫ ރައްޔިތުންގެ މެދުގައި އާންމު ވޯޓަކަށް އަހަނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭ ގޮތުންނެވެ. ހުޅުދޫ އާއީ މީދޫގެ ރައްޔިތުންނަށް ވަނީ ދެ ރަށް އެކުގައި އޮވެ ކައުންސިލެއް ނަގާނީތޯ، ނޫނީ ވަކިން އޮވެ ކައުންސިލެއް ނަގާނީތޯ އިހުތިޔާރުކުރަން ވެސް ފުރުސަތު ދީފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ވޯޓަސް ލިސްޓުގައިވާ ގޮތުން، މި މަހުގެ 26 ގައި ނަގާ މި ވޯޓުގައި، 9،577 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. ސުވާލަކީ، މި ވޯޓަށް ފަހު ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން 3،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރަން ޖެހެނީ ހަތް މެންބަރުންނެވެ. އައްޑޫ ސިޓީ ކައުންސިލުގެ ވެބްސައިޓުގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި، މި ތިން ރަށުގައި ރަޖިސްޓްރީކޮށްފައިވާ އާބާދީ 3،000 އަށް ވުރެ ގިނަ އެވެ. އެހެންކަމުން މި ތިން ރަށުގައި ވަކިވަކި ކައުންސިލެއް އުފައްދާ ހާލަތުގައި ވެސް، އަދި ހުޅުމީދޫ އެކުވެގެން ކައުންސިލެއް އުފެއްދާ ހާލަތުގައި ވެސް އޮންނާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލުތަކެކެވެ.

މި ތިން ރަށް އައްޑޫ ސިޓީ ކައުންސިލުގެ އިހުތިސާސުން ވަކިވިޔަސް، އެ ކައުންސިލަށް ލިބިފައިވާ ސިޓީ ކައުންސިލެއް ލަގަބު ގެއްލިގެން ނުދާނެ އެވެ. ސަބަބަކީ ހިތަދޫގެ އާބާދީ އެކަނި ވެސް 17،000 އާ ގާތްކުރާތީ އެވެ. މިއީ އައްޑޫ ސިޓީގެ އިހުތިސޯސުން ފޭދޫ އާއި ހުޅުދޫ އާއި މީދޫގެ އިތުރުން މަރަދޫ އާއި ފޭދޫ ވަކިވެއްޖެ ހާލަތެއްގައި ވެސް ސިޓީއެއްގެ ލަގަބު ދެމިއޮންނާނެ ވަރުގެ އާބާދީއެކެވެ.

ރަށު ކައުންސިލުތަކެއް އުފެދިގެން ދިޔުމުން އެންމެ ބޮޑު ތަފާތެއް އަންނާނީ މި ރަށްތަކަށް ލިބޭ ބަޖެޓަށެވެ. ދައުލަތުގެ ބަޖެޓުން ކައުންސިލުތަކަށް ދޫކުރާ ފައިސާ އެންމެ ގިނަ ފައިސާ ލިބެނީ ސިޓީ ކައުންސިލުތަކަށެވެ. މި އަހަރުގެ ބަޖެޓުގައި ވެސް އައްޑޫ ސިޓީ ކައުންސިލަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ. މާލެ ސިޓީ ކައުންސިލު ނަގާފައި އެންމެ ބޮޑު ބަޖެޓެއް ލިބެނީ އައްޑޫ ސިޓީ ކައުންސިލަށެވެ.

ދައުލަތުން ލިބޭ ފައިސާގެ ފޯމިއުލާ މިހާރު އޮންނަ ގޮތުން ލިބޭ އަދަދު ކަނޑައެޅުމުގައި އެންމެ ބޮޑަށް ބަލަނީ އާބާދީއަށެވެ. މިހެންކަމުން މުސްތަގުބަލުގައި އައްޑޫ ސިޓީ ކައުންސިލަށް ދައުލަތުން ލިބޭ ފައިސާ މަދުވާނެ އެވެ. އަދި ފޭދޫ އާއި ހުޅުދޫ އާއި މީދޫއަށް ބަޖެޓު ކަނޑައެޅިގެން ދާނީ އެ ރަށރަށުގެ އާބާދީއާ އެއްވަރު ރަށްތަކަށް ލިބޭ ވަރުގެ އަދަދެކެވެ.

ފޭދޫއަކީ އާބަދީ ބޮޑު ރަށެކެވެ. އެ ރަށުގައި ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. މިހެންކަމުން މި ރަރަށް ވެސް އެ ވަރުގެ އާބަދީއެއް އޮންނަ ރަށްތަކާ އެއްވަރުގެ އަދަދެއް ބަޖެޓުން ލިބޭނެ އެވެ. ފޭދޫއާ އެއްވަރުގެ އާބާދީއެއް އޮންނަ ދެ ރަށަކީ ލ. ގަމާއި ޅ. ނައިފަރެވެ. މި އަހަރުގެ ބަޖެޓުގައި ގަމު ކައުންސިލަށް 19.1 މިލިއަން ރުފިޔާ އަދި ނައިފަރު ކައުންސިލަށް 17.1 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ. ފޭދޫއަށް ވެސް މި ވަރުގެ ބަޖެޓަށް ލިބޭނެ އެވެ.

ހުޅުދޫ އާއީ މީދޫގެ އާބާދީ އެއްކޮށްލުމުން 6،845 އަށް އަރަ އެވެ. މިއީ ފޭދޫއަށް ވުރެ ވެސް ބޮޑު އާބާދީއެކެވެ. މި ދެ ރަށް އެކުގައި އޮވެ، ހުޅުމީދޫ ކައުންސިލް އުފައްދައިފި ނަމަ އެ ކައުންސިލު ވެގެންދާނީ ސިޓީ ކައުންސިލުތައް ހުންނަ ރަށްތައް ނަގާފައި އެންމެ ބޮޑު އާބަދީއެއް އޮންނަ ރަށަށެވެ. މިހެންކަމުން ބޮޑު ބަޖެޓު ލިބޭ ގިންތީގައި މި ކައުންސިލު ވެސް ހިމެނިގެން ދާނެ އެވެ. ފަހަރުގައި ރަށު ކައުންސިލުތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ލިބޭ ކައުންސިލަކީ މިއީ ކަމަށް ވެސް ވެދާނެ އެވެ.

މި ދެ ރަށް ވަކިވެގެން، ހުޅުދޫ ކައުންސިލަކާއި މީދޫ ކައުންސިލެއް އުފައްދައިފިއްޔާ ވެސް، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކާ އަޅައިބަލައިއިރު އާބަދީ ބޮޑެވެ. މިހެންކަމުން މި ދެ ރަށުގެ ކައުންސިލަށް ވެސް 12 މިލިއަން ރުފިޔާ އާއި 15 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

މިހާރު އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރާއި ޑެޕިއުޓީ މޭޔަރާއި ކައުންސިލަރުންގެ މުސާރަތައް ދޭން އަހަރަކު 5.6 މިލިއަން ރުފިޔާ ހަރަދު ވެ އެވެ. ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި 28.2 މިލިއަން ރުފިޔާ ހަރަދުވެ އެވެ. ކައުންސިލުން ވަކިވުމާ މެދު ހިޔާލު ހޯދާ ތިން ރަށަށް ނިސްބަތްވާ ހަތަރު ކައުންސިލަރުން އުނިކުރުމުން މުސާރަތައް ދޭން އަހަރަކު ހަރަދު ވަނީ ފަސް މިލިއަނެވެ. އަދި ފަސް އަހަރުގެ ތެރޭގައި ހަރަދު ވަނީ 25 މިލިއަން ރުފިޔާ އެވެ.

ހަތް މެންބަރުން ހިމެނޭ ރަށު ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސާއި ކައުންސިލަރުންނަށް މުސާރަ ދޭން މަހަކު 135،500ރ. ހަރަދު ވެ އެވެ. މިއީ އަހަރަކު 1.6 މިލިއަން ރުފިޔާ އެވެ. އަދި ފަސް އަހަރުގެ ތެރޭގައި 8.1 މިލިއަން ރުފިޔާ އެވެ. ތިން ރަށު ކައުންސިލު އުފައްދައިފި ނަމަ، މި ތިން ކައުންސިލަށް މުސާރަތައް ދޭން ފަސް އަހަރުގެ ތެރޭގައި 24.3 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ. ދެ ކައުންސިލު އުފައްދައިފި ނަމަ ހަރަދު ވާނީ 16.2 މިލިއަން ރުފިޔާ އެވެ.

މި ވޯޓުގެ ނަތީޖާ ކައުންސިލުން ވަކިވާ ކޮޅަށް ނިމިއްޖެ ނަމަ، ލާމަޒުކަޒީ ގާނޫނަށް އަމަލުކުރަން ފެށިތާ މިވީ 15 އަހަރުގެ ތެރޭގައި ސިޓީ ކައުންސިލެއް ރޫޅާލި ފުރަތަމަ ފަހަރަށެވެ.