Advertisement

ނޫސްވެރިންނަށް ދެއްކި އަތުހަރުގެ ވީޑިއޯއިން ފެންނަނީ ހުސް އިހުމާލު!

3 ސެޕްޓެންބަރު 2024 - 15:31 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ނޫސްވެރިންނަށް ދެއްކި އަތުހަރުގެ ވީޑިއޯއިން ފެންނަނީ ހުސް އިހުމާލު!

3 ސެޕްޓެންބަރު 2024 - 15:31 1

މިދިޔަ ބުރާސްފަތި ދުވަހު ލޯބިވެރިޔާ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކުރާ 36 މިނެޓެއްހާ ދިގު ވީޑިއޯ ނޫސްވެރިންނަށް ރޭ ފުލުހުން ދެއްކި އެވެ.

އެ ވީޑިއޯ ބެލި އެންމެންގެ ހިތުގައި ވެސް އުފެދުނީ ބައިވަރު ސުވާލުތަކެކެވެ. އަތުހަރު އަމިއްލަ މަރުވާން އުޅުނުއިރު ފުލުހުންނަށް އޭނާ ސަލާމަތް ނުކުރީ ނުވަތަ މަރުވާން އުޅޭކަން ނޭނގުނީ ކީއްވެތޯ އެންމެން ވެސް އެހި އެވެ.

ދޫނިދޫގައި އަތުހަރު ބާއްވާފައި އޮތް ގޮޅި ތެރޭގައި އަމިއްލައަށް މަރުވާން މަސައްކަތް ފެށި ހިސާބުން ފުލުހުން އޭނާއަށް އެޓެންޑުވުމާ ދޭތެރޭގައި 30 މިނެޓު ހޭދަވި އެވެ. އެޓެންޑުވި ތިން ފުލުހުން އޭނާގެ ކަރުގައި އޮތް ވާގަނޑު ކަނޑާލައި ބިންމަތީ ބާއްވައިގެން ބަލަހައްޓައިގެން ތިބީ އެވެ. ސީޕީއާރް ދިން ތަނެއް ނުފެނެ އެވެ. ސްޓްރެޗަރަށް ލައިގެން އޭނާ ގޮޅިން ނެރުނީ ތިން މިނެޓެއްހާއިރު ފަހުންނެވެ.

ސުވާލަކީ އަތުހަރުއަކީ އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅޭ މީހެއްކަން ފުލުހުންނަށް ކުރިން ވެސް އެނގޭއިރު އޭނާ ހުރީ "ސުއިސައިޑް ވޮޗް" އެއްގަތޯ އެވެ؟ އެއީ އެފަދަ ހާލަތްތަކުގައި ފުލުހުން އަމަލު ކުރާ ގޮތް ވެސް ތަފާތު ވާނެތީ އެވެ.

އަތުހަރު ދަންޖެހެން ބޭނުން ކުރީ ސޯޓުގައި އަޅުވާފައި އިން ނާޑުވަލެވެ. އެއީ ގޮޅިއަށް ވެއްދުން މަނާ އެއްޗެކެވެ. އެހެންވިއްޔާ އެ ނާޑުވާ ގޮޅިއަށް ވެއްދީ ކިހިނެއްތޯ ސުވާލު އުފެދެ އެވެ. ބައިގަޑިއިރު ގޮޅިއަށް އެޓެންޑު ނުވުމަކީ ވެސް އިހުމާލެއް ގޮތުގައި ބެލުމުގެ ފުރުސަތު ބޮޑެވެ. ވަގުތުން ސީޕީއާރް ނުދިނުމަކީ އެއަށްވުރެ ބޮޑު އިހުމާލެކެވެ.

އަތުހަރު ގޮޅީގައި ހަރަކާތް ނުކޮށް 26 ވަރަކަށް މިނެޓު އޮތް

  • އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ފެށީ - 18:32 ގައި
  • މަރުވާން މަސައްކަތް ކުރި ފަހުން އޭނާގެ ހަރަކާތް ހުއްޓުނީ - 18:39 ގައި
  • އަތުހަރުގެ ގޮޅިއަށް ފުލުހުން ވަނީ - 19:02 ގައި
  • ސްޓްރެޗަރު ގެނެސް އޭނާ ލައިގެން ގެންދިޔައީ - 19:05 ގައި.

ފުލުހުން ދެއްކި ވީޑިއޯގެ ޓައިމްލައިނަށް ބަލާއިރު އަތުހަރު މަރުވާން ދޫކޮށްލެވިފައި ބައިގަޑިއިރު އޮތެވެ. އެއީ ފުލުހުންގެ ފަރުވާ ކުޑަ ކަމުންތޯ ނުވަތަ ގަސްތުގައި ކުރި ކަމެއްތޯ ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އަތުހަރުއަކީ އަމިއްލަ ނަފްސަށް ހާނީއްކައެއް ދީފާނެ މީހެއްކަން ކުރިން ފުލުހުންނަށް އެނގެ އެވެ. އެހެންވީމަ އޭނާ "ސުއިސައިޑް ވޮޗް" އެއްގައި ފުލުހުން ބަހައްޓަން މަޖުބޫރުވާނެ އެވެ. ހާއްސަ ނަޒަރެއް ދީގެން ފުލުހުން އޭނާ ބަލަހައްޓަން ޖެހޭނެ އެވެ.

ނަމަވެސް ފުލުހުން އަތުހަރަށް ހާއްސަ ނަޒަރެއް ދީގެން ނުބެލޭ ކަމުގެ ހެއްކަކީ އަމިއްލަ މީހާއަށް ހާނީއްކައެއް ދެވޭ ވަރުގެ އާލާތެއް ގޮޅި ތެރެއަށް ވެއްދިފައިވުމެވެ. އެއީ އޭނާ ލައިގެން ހުރި ސޯޓުގެ ވާގަނޑެކެވެ. އޭނާ އަމިއްލަ ނަފްސަށް ހާނީއްކައެއް ދޭން މަސައްކަތް ކުރީ އޭތި ބޭނުންކޮށްގެންނެވެ.

ގޮޅިއަށް އެއްވެސް ކުށްވެރިއަކަށް އަމިއްލަ ނަފްސަށް ގެއްލުންދޭ އެއްޗެއް ވެއްދުމަކީ މަނާ ކަމެކެވެ. އެނގޭ ހަގީގަތަކީ "ސުއިސައިޑް ވޮޗް" އެއްގައި ހުންނަ މީހުން އެހެން ކުށްވެރިންނާ މާ ބޮޑަށް ވެސް ތަފާތު ކުރަން ޖެހޭ ކަމެވެ. އަމިއްލަ ނަފްސަށް ގެއްލުން ދެވޭނެ އެއްވެސް ބާވަތެއްގެ އެއްޗެއް އެމީހުންނަށް ގޮޅިއަކަށް ނުވެއްދޭނެ އެވެ. ގަވާއިދުން މޮނިޓާ ކުރެވޭނެ އިންތިޒާމު ވެސް ހުންނަން ޖެހޭނެ އެވެ.

އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާކަން އެނގުނު ހިސާބުން ފުލުހުން ގޮޅިއަށް އެޓެންޑުވީ ވަރަށް ހާސްވެ ތިބެގެންކަން ވީޑިއޯއިން އެނގެ އެވެ. އެ ހާސް ކަންމަތީ އެތަނަށް އެޓެންޑުވި ތިން ފުލުހުން ހަރަކާތް ހުއްޓިފައި އޮތް އަތުހަރުގެ ކަރުގައި އޮތް ވާގަނޑު ކަނޑައި ބިންމަތީ ބާއްވައިގެން ތިބީ ސްޓްރެޗަރު ގެނައުމާ ހަމައަށް އޭނައަށް ބަލަންށެވެ.

ސުވާލަކީ ވަގުތުން ވަގުތަށް އޭނާއަށް ސީޕީއާރް ދިނުމުގެ ވިސްނުމެއް ފުލުހުންގެ ނޭތީތޯ އެވެ. ފުލުހުންގެ ތަމްރީންތަކުގައި މިފަދަ ކަންކަން ހަމަ އެއްގޮތަކަށް ވެސް ކިޔައި ނުދެނީތޯ އެވެ. ބިންމަތީ ބޭއްވިތާ ތިން މިނެޓު ފަހުން ސްޓްރެޗަރަށް ލައިގެން ގެންދިޔައީ އެވެ. އޭގެ މިނެޓެއް ފަހުން ދޫނިދޫ ކްލިނިކަށް އޭނަ ގެންދިޔަ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ސީޕީއާރް ދިން ކަމެއް ނޭގެ އެވެ.

އަތުހަރުގެ ބޮލަށް މުގުރުން ހަމަލާ ދިނުން: 12 ގަޑިއިރު ތެރޭ ހޮސްޕިޓަލުން ދޫކޮށް ބަންދަށް

  • ބުރާސްފަތި ދުވަހުގެ ރޭ - އަތުހަރުގެ ބޮލުގައި މުގުރުން ތެޅުމުން ފަރުވާ ހޯދަން އަތުހަރު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ
  • ބުރާސްފަތި ދުވަހުގެ ރޭ ފަތިހު - އަތުހަރު އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ގެންދިޔަ
  • ހުކުރު ދުވަހުގެ ހެނދުނު - އަތުހަރު ކަސްޓޯޑިއަލްއަށް ގެންދިޔަ

ބާރުގެ ބޭނުންކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް އަތުހަރު ގެންދިޔައީ ބޮލުގައި މުގުރުން ތަޅައި ބިން މައްޗަށް ވައްޓާލައިގެންނެވެ. ފުލުހުން ބުނީ ބޮލުގައި މުގުރުން ތަޅަން ޖެހުނީ އޭނާގެ ލޯބިވެރިޔާ ސަލާމަތް ކުރުމަށް ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަތުހަރު ބިންމައްޗަށް ވެއްޓުނު ފަހުން ވެސް ފުލުހުން ވަނީ އޭނާއަށް ފައިންނާ އެކި ގޮތްގޮތަށް ހަމަލާދީފަ އެވެ.

އެކަމުގައި ހަރަކާތްތެރިވި ފުލުހުންނަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި މިނިސްޓަރު އިހުސާން ވަނީ ހިތްވަރު ދެއްވައިފަ އެވެ.

އަތުހަރު ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ބޯ ފަޅައިގެން ގޮސް ބައިވަރު ލޭ އާދެ އެވެ. އޭނާ ވެއްޓުނު ސަރަހައްދުގައި ވެސް ގިނަ އަދަދަކަށް ލޭ އޮތެވެ. މައިބަދައަށާއި ކަރާއި ލޮލަށް ބޮޑެތި ގެއްލުންތަކެއް ވެފައި ހުއްޓެވެ. އެއް ލޯ ވެސް ނުހުޅުވެ އެވެ. އެއީ ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކެވެ. އޭނާ ފުރަތަމަ ގެންދިޔައީ އޭޑީކޭއަށެވެ.

އޭޑީކޭ ހޮސްޕިޓަލުން އަތުހަރުއަށް ފަރުވާދީ، އިތުރު ފަރުވާއަށް އެ ރޭ ފަތިހު އޭނާ އައިޖީއެމްއެޗްއަށް ގެންދިޔަ އެވެ. ނަމަވެސް ފާހަގަކުރެވެނީ އަވަސް އަރުވާލައިގެން އޭނާ ހޮސްޕިޓަލުން ޑިސްޗާޖު ކުރުވައިގެން ފުލުހުން އޭނާ ޖަލަށް ގެންދިޔަ ކަމެވެ. ބޮލަށް ބޮޑު ގެއްލުމެއް ލިބުނުތާ 12 ގަޑިއިރު ނުވަނީސް ކަސްޓޯޑިއަލްއަށް ގެންދިޔުމަކީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެކެވެ.

އެކަމާ ގުޅިގެން އާއިލާއިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ. އާއިލާއިން ތަކުރާރުކޮށް އޭނަ އެއްކޮށް ރިކަވާ ނުވަނީސް ބަންދަށް ނުގެންދަން އާދޭސް ކުރި އެވެ.

ނަތީޖާއަކަށް ވެގެންދިޔައީ އަތުހަރުގެ ހާލު ގޯސްވެގެން އަނބުރާ ހުކުރު ދުވަހު ހަވީރު އަނެއްކާ ވެސް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންނަންޖެހުމެވެ. ފަރުވާ ދޭން ފެށީ ކްރިޓިކަލް ކެއާ ޔުނިޓް (ސީސީޔޫ) ގަ އެވެ. ބައެއް ޓެސްޓުތަކެއް ވެސް ހެދި އެވެ. ނަމަވެސް އަނެއްކާ ވެސް އަތުހަރުގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗްއިން ނިންމައި އޭނާ ދޫކޮށްލި އެވެ.

ހޮސްޕިޓަލުން ދެވަނަ ފަހަރަށް ދޫކޮށްލުމުން އަތުހަރު ބަންދަށް ގެނައުމަށްފަހު ފުލުހުން އަވަސްވެގަތީ އޭނާ ދޫނިދޫއަށް ފޮނުވާލުމަށެވެ. އާއިލާއަށް އެކަން އެނގުނީ ވެސް ހަބަރުތަކުންނެވެ. ފުލުހުން އެއްވެސް ވަރަކަށް އާއިލާއާ މައުލޫމާތެއް ހިއްސާ ނުކުރެ އެވެ. އާއިލާއިން ސިފަކުރާ ގޮތުގައި އެމީހުންނަށް އަހުތަރުގެ މައުލޫމާތު ހިއްސާ ކުރުމުގައި ފުލުހުން ތިބީ ނުކުޅެދިފަ އެވެ.

އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ނިންމިއިރު އާއިލާއަށް އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ. ކުޑަ މިނުން އޭނާގެ ފަރާތުން އެކަމާ ގުޅިގެން ވަކާލާތު ކޮށްލާނެ ފުރުސަތެއް ވެސް ހަމަ ނުލިބުނެވެ. ވަކީލެއްގެ އެހީތެރިކަމެއް ވެސް ނުދިނެވެ.

އާއިލާއިން އާދޭސްކުރުމުން ވެސް ފުލުހުން މައުލޫމާތު ހިއްސާ ނުކުރޭ

އަތުހަރު އޭޑީކޭއަށް ގެނައި ހިސާބުން އަދި ފަހުން އައިޖީއެމްއެޗަށް ގެނައި އިރު ވެސް އެންމެ ކައިރީގައި ހުރީ އޭނާގެ ދައްތަ އެވެ. އަތުހަރުގެ އެންމެ ފަހު ނޭވާއާ ހިސާބަށް ވެސް އަތުހަރުގެ ދައްތަ ދިޔައީ އޭނާގެ ދިފާއުގައި މަސައްކަތް ކުރަމުންނެވެ. އެކި މުއައްސަސާތަކުގެ ދޮރުގައި ޓަކި ޖަހަމުންނެވެ. އެއީ އަތުހަރުގެ ހާލަތު ދެނެގަތުމަށެވެ. އޭނާއަށް ލިބެންޖެހޭ ހައްގުތައް ހޯދުމަށެވެ.

އަތުހަރުގެ އާއިލާއިން ބުނީ މަރުވުމާ ހިސާބަށް ވެސް އަތުހަރުގެ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް އާއިލާއާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަމިއްލައަށް މަރުވާން މަސައްކަތް ކުރި ދުވަހު ވެސް ފުލުހުން އާއިލާއަށް ގުޅައި ތިން ގޮތަށް އެކަމާ ގުޅޭ މައުލޫމާތު ދިނުމުން އާއިލާއިން އެކަމާ ވަރަށް ހިތްހަމަ ނުޖެހުނެވެ. އެއާއެކު އާއިލާއިން ފުލުހުންނަށް އެކި ތުހުމަތު އެވެ. ސަބަބަކީ އާއިލާއަށް ކިޔައިދޭންޖެހޭ މައުލޫމާތު ހިއްސާ ނުކޮށް އަސްލު ހާލަތު ފޮރުވާތީ އެވެ.

އެޗްއާރްސީއެމްއަށް އަތުހަރުގެ އާއިލާގެ ހުރި ކަންބޮޑުވުންތައް މިހާރު ވަނީ ރަސްމީކޮށް ހިއްސާކޮށްފަ އެވެ. އެ ކޮމިޝަނުން އަންނަނީ އަތުހަރު ފުރަތަމަ ހައްޔަރުކުރި ދުވަހުން ފެށިގެން މަރުވުމާ ހިސާބަށް ފުލުހުން އަމަލުކުރި ގޮތާއި އޭނާއަށް ލިބެން ޖެހޭ ފުރިހަމަ ސިއްހީ ފަރުވާ ދެވުނުތޯ އާއި އެއްވެސް ކަހަލަ އިހުމާލެއް އޮތްތޯ ބަލަން ފަށާފަ އެވެ. އޭގެ އިތުރުން ނެޝަނަލް އިންޓަގިރިޓީ ކޮމިޝަނުން ވެސް އަންނަނީ މިކަމުގައި އެއްވެސް އިހުމާލެއް އޮތްތޯ ބަލަމުންނެވެ.

އާއިލާއިން އަތުހަރުގެ ހަށިގަނޑު ވީހާ ވެސް އަވަހަށް ވަޅުލާން ބޭނުންވި ނަމަވެސް، އެ ފުރުސަތު ނުދީ އޮންނަ އުސޫލުގެ ތެރެއިން އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ހޯމް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެކަން ކުރަނީ ޖަލުގައި މީހަކު މަރުވުމުން ނުވަތަ މަރުވާން މަސައްކަތް ކޮށްފިނަމަ އަމަލުކުރަން އޮންނަ ގޮތުގެ މަތިން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

--

އަތުހަރު މި ދުނިޔެ ދޫކޮށް ދިޔައީ އެއްވެސް ބައެއްގެ އިހުމާލެއް ނެތި އޭނާ އަމިއްލައަށް ކަމަށް ބުނުމުގެ ޖާގައެއް މިއަދަކު ނެތެވެ. އޭނާ މަރުވީ ލިބެން ޖެހޭ ފުރިހަމަ ފަރުވާ ނުދެވި، އަޅަމުންދިޔަ ވޭނަށް ކެތްނުވެ އަޅާލަން ޖެހޭ ވަރަށް އަޅާނުލައިގެންނެވެ. ގާނޫނު އަސާސީން ކަށަވަރުކޮށްދީފައި އޮތް އެތައް ހައްގަކުން އޭނާ މަހުރޫމްވިކަން އެނގެ އެވެ.

އަތުހަރު މަރުވިއިރު އޭނާގެ މައްޗަށް އޮތީ އެންމެ ތުހުމަތެކެވެ. އެއީ ވަޅިން ބިރު ދެއްކި ކަމުގެ ތުހުމަތެވެ. ބިރު ދެއްކީ ލޯބިވެރިޔާއަށެވެ. ބިރު ދެއްކި ސަބަބެއް މިއަދާ ހިސާބަށް ވެސް ނޭގެ އެވެ. ދެން އެނގޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ. އަތުހަރާއެކު އެ މައްސަލަ ވެސް ވަޅުލެވުނީ އެވެ.