Advertisement

ވައުދުވި ތާރީހު ފަހަނައެޅި އިރު ވެސް ރައީސް އާއި އިގުތިސޯދީ މިނިސްޓަރަށް ޑޮލަރުގެ މައްސަލަ ހައްލެއް ނުކުރެވުނު!

25 އޮގަސްޓު 2024 - 14:12 0


ވައުދުވި ތާރީހު ފަހަނައެޅި އިރު ވެސް ރައީސް އާއި އިގުތިސޯދީ މިނިސްޓަރަށް ޑޮލަރުގެ މައްސަލަ ހައްލެއް ނުކުރެވުނު!

25 އޮގަސްޓު 2024 - 14:12 0

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅުނީ 17ރ. އާއި 18ރ. އާ ދެމެދުގަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އެންމެ ބޮޑަށް ފޯކަސް ކުރެއްވީ ޑޮލަރުގެ މައްސަލައަށެވެ. ޑޮލަރުގެ މައްސަލަ ހައްލު ކުރާނެ ގޮތުގެ "ޕްލޭނެއް" އެމަނިކުފާނު ގެންގުޅުއްވި އެވެ.

ދިވެހި ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތްތައް ކުރެވޭ އަދަދު ބޮޑު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ޑޮލަރު ކަޅު ބާޒާރުގައި ވިއްކަން ލިބޭ އަގު ތިރި ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ ފަހުން ވެރިކަމަށް ވަޑައިގެން، ރައީސްގެ ސިޔާސަތުތައް ތަންފީޒު ކުރައްވަން ފަށައި ވިދާޅުވީ ޑޮލަރުގެ އަގު ތިރިވެ، ދިވެހި ރުފިޔާގެ އަގު މަތިވާ ވާހަކަ އެވެ.

"ޑޮލަރުގެ އަގު މިހާރު ނާރާނެ މައްޗަކަށް. ނާރާނެ މައްޗަކަށް. ހިފެހެއްޓިފަ، ތިރިއަށް އެ ދަނީ. ކުރިއަށްވުރެ ދަށަށް އެ ދަނީ. ފައިސާގެ އަގު އެ ދަނީ މައްޗަށް،" އޭޕްރީލް 18، ގައި ރައީސް ވިދާޅުވި އެވެ.

އެކަމަކު މިއަދުގެ ހާލަތަށް ބަލައިފި ނަމަ ޑޮލަރުގެ މައްސަލަ މި އޮތީ ބޮއްސުންލައިފަ އެވެ. އަދިވެސް ޑޮލަރު ގަންނަން ލިބެނީ ކަޅު ބާޒާރުގައި އެކަންޏެވެ. ޑޮލަރެއް ގަންނަން މި ލިބެނީ 18.50ރ. ގަ އެވެ. އެންމެ ފަހުން ޑޮލަރުގެ ތާށިކަން ބޮޑުވެގެން ދިވެހި ރުފިޔާ އެކައުންޓުތަކަށް ދެމުން އައި ޑޮލަރު ސަޕޯޓު ބޭންކް އޮފް މޯލްޑިވްސް އިން މި ވަނީ ކަނޑާލައިފަ އެވެ.

ރައީސްގެ "ޑޮލަރު ޕްލޭން" އަކީ ކޮބާ؟

ޑޮލަރުގެ މައްސަލަ ހައްލު ކުރަން ރައީސް ކިޔައިދެއްވީ ވަރަށް ސާފު ސާދާ ޕްލޭނެއްގެ ވާހަކަ އެވެ. އެއް ކަމަކަށް އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ވަންނަ ފައިސާ ވަކި މުއްދަތެއް ވަންދެން ރާއްޖޭގައި ބަހައްޓަން މަޖުބޫރު ކުރުމެވެ.

"އިގްތިސާދުގައި މިހާރު އެންމެ ބޮޑަށް ޓުއަރިޒަމް ދާއިރާ މި އޮތީ. ބޭރުގެ ވަރަށްގިނަ ފަރާތްތައް ރާއްޖޭގައި އިންވެސްޓްކޮށްފައި އެބަތިބި. އެހެން ނަމަވެސް ރާއްޖޭގައި އެފަރާތްތަކުގެ ޑޮލަރެއް ނުހުރޭ ހިފެހެއްޓިފައެއް އަދިއެއް އެކަށީގެންވާ ވަރަކަށް. އެހެންވީމާ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލު ގެނެސް އެފަރާތްތަކުގެ ޑޮލަރ،ު ބޭރު ފައިސާ، ރާއްޖޭގައި އެކަށީގެންވާ ވަރަކަށް ދައުރުކުރެވިފައި، ވަކި ވަރަކަށް ހިފެހެއްޓިފައި، ދެން ގަނޑުކޮށް ބޭރަށްދާ ގޮތަށް ބަދަލުވާން އެބަޖެހޭ. އެއިރުން އަޅުގަނޑުމެންގެ މި މާލީ ނިޒާމަށް ލުޔެއް އަންނަން އޮތީ. [އެއިރުން] ޑޮލަރުގެ އަގު ތިރިކުރެވެން އޮތް،" އޯގަސްޓް 27، 2023، ގައި ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް ފަތުރުވެރިކަމުން ލިބޭ ޑޮލަރު ރާއްޖޭގައި ވަކި މުއްދަތެއް ވަންދެން ބަހައްޓަން ކުރަންޖެހޭ އެއްވެސް މަސައްކަތެއް އަދި ސަރުކާރަކުން ނުކުރެ އެވެ. އެފަދަ މަސައްކަތެއް ކުރަން އުޅޭކަން އަދި ހާމައެއް ވެސް ނުކުރެ އެވެ.

ޑޮލަރުގެ އަގު ތިރިކުރަން ރައީސް ދެ ވަނައަށް ގެންގުޅުއްވި ޕްލޭނަކީ ޔޫޒަބަލް ރިޒާވް އިތުރު ކުރުމެވެ. ރައީސް އަމާޒު ހިއްޕެވީ ޔޫޒަބަލް ރިޒާވުގައި މަދުވެގެން 500 މިލިއަން ޑޮލަރު ބެހެއްޓުމަށެވެ. އެ ވާހަކަ ވެސް ކެމްޕެއިނު ތެރޭގައި އެމަނިކުފާނު ތަފުސީލުކޮށްދެއްވި އެވެ.

"އެކްސްޗޭންޖް ރޭޓާއި ޕްރައިޒް ސްޓެބިލިޓީއަށް ބަލާއިރ،ު އަޅުގަނޑުމެން ހުށަހަޅާފައި މިއޮތީ ޔޫޒަބަލް ރިޒާވް 500 މިލިއަން ޑޮލަރާއި ހަމައަށް ޖެއްސުން. އެހިސާބަށް ގެންދިއުން. 500 މިލިއަން ޑޮލަރާ ހަމައަށް އަދި އަޅުގަނޑު ކުރިން ދެންނެވި އެސޑީއެފް ފަންޑު، ޕެންޝަން ފަންޑު ވެސް ހިމެނޭ ގޮތަށް، އެސްޑީއެފްގައި ޑިޕޮޒިޓް އަޅުގަނޑުމެން 500 މިލިއަން ޑޮލަރާ ހަމައަށް މަތިކުރުމާއި އެކީގައި އެއިން އިންޓަނޭޝަނަލް އެކިއެކި ޕޯޓްފޯލިއޯތަކުގައި އިންވެސްޓްކުރުން،" ސެޕްޓެމްބަރު 24، 2023، ގައި ރައީސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހަތަރު މަހުން ޑޮލަރުގެ އަގު ތިރިކުރައްވާނެ ކަމަށް

ޑޮލަރުގެ މައްސަލަ ހައްލު ކުރުމުގެ ވާހަކަ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވީ "އިންވެސްޓް މޯލްޑިވްސް" ގެ ނަމުގައި ޑުބާއީގައި ބޭއްވި ފޯރަމެއްގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ޑޮލަރުގެ އަގު ތިރި ކުރެވޭނީ ވިޔަފާރި އާއި ކޮންސިއުމާ ކޮންފިޑެންސް ވެސް ވަރުގަދަކޮށްގެން ކަމަށެވެ. އެކަންކަން ކުރުމަށް ބޭނުންވެވަޑައިގަންނަވަނީ އެންމެ ހަތަރު މަސް ދުވަސް ކަމަށް ސައީދު ވިދާޅުވި އެވެ.

"ޑޮލަރު ވެސް ވިޔަފާރި ވެސް އަދި ކޮންސިއުމާ ކޮންފިޑެންސަކީ ވެސް އެކަތި އަނެކައްޗާ ގުޅިފައި ހުރި ކަންކަން. މިހާރު މި އުޅޭ އިޝޫއަކީ ބްލެކް މާކެޓެއް އޮވެފައި، ބްލެކް މާކެޓަށް ޑެލިބަރޭޓްލީ [ގަސްދުގައި] ވިޔަފާރިތަކެއް ޓައިވަމުންދާ މައްސަލަ. އެހެންވީމަ އެކަން އޯވާކަމްކޮށްފަ ކުރިއަށް އޮތް ދެ ތިން ހަތަރު މަހެއްގެ ތެރޭގައި އަޅުގަނޑުމެން މި ޑޮލަރު ސިޓުއޭޝަން ހަމައަކަށް އެޅިގެންދާނެ އިރާދަކުރެއްވިއްޔާ،" ސައީދު ވިދާޅުވި އެވެ. "އެއީ އަޅުގަނޑުމެންގެ އަމާޒަކީ،" ފެބްރުއަރީ 13، 2024، ގައި ސައީދު ވިދާޅުވި އެވެ.

ޑޮލަރުގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިފަހުން ޑޮލަރުގެ ހާލަތު ރަނގަޅުވަމުންދާ ކަމަށް ރައީސް ވެސް ވިދާޅުވި އެވެ. އަދި ދެން ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ޑޮލަރުގެ އަގު މިހާރު ނާރާނެ މައްޗަކަށް. ނާރާނެ މައްޗަކަށް. ހިފެހެއްޓިފަ، ތިރިއަށް އެ ދަނީ. ކުރިއަށްވުރެ ދަށަށް އެ ދަނީ. ފައިސާގެ އަގު އެ ދަނީ މައްޗަށް،" އޭޕްރީލް 18، ގައި މަޖިލިސް އިންތިހާބުގެ ތެރެއިން ރައީސް ވިދާޅުވި އެވެ.

ޑޮލަރުގެ މައްސަލަ ހަތަރު މަހުން ހައްލު ކުރައްވާނެ ކަމަށް ސައީދު ވިދާޅުވި ފަހުން އަދި ޑޮލަރުގެ އަގު މަތިނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ފަހުން މިހާރު ހަ މަސް ފާއިތުވެއްޖެ އެވެ. އެކަމަކު، އެ ވާހަކަތައް ވިދާޅުވިއިރު އޮތް ހާލަތަށްވުރެ ވެސް މިހާރު ޑޮލަރުގެ ހާލަތު ގޯސްވެއްޖެ އެވެ. އަދި ޑޮލަރުގެ ހާލަތު ރަނގަޅުވާނެކަމުގެ އަލިމަގެއް ވެސް ފެންނާކަށް ނެތެވެ.

އިގްތިސާދީ ހަގީގަތް ތެދުވެރިކަމާއެކު ސަރުކާރުން ހާމަކުރަންޖެހޭ

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވަމުންދާކަމީ މިއަދު ފެންނަން އޮތް ހަގީގަތެވެ. ތަކެތި އަގުބޮޑުވެ، އިންފްލޭޝަން އުފުލިއްޖެ އެވެ. އުފުލުނު އަގުތަކާ އެއްވަރަށް އެއްވެސް މީހެއްގެ މުސާރަ ބޮޑެއްނުވި އެވެ.

ދިވެހިރާއްޖޭގެ ޔޫޒަބަލް ރިޒާވް ފުރަތަމަ ފަހަރަށް މައިނަހަށް މި މަހުގެ ތެރޭގައި ތިރިވި އެވެ. އިގްތިސާދީ ތަދު ހާލަތެއް ކުރިމަތިވެއްޖެ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރަން ފަށައިފި އެވެ. އެކަމަކު، އިގްތިސާދީ ހަގީގަތެއް އަދިވެސް ރައްޔިތުންނަކަށް ނޭނގެ އެވެ.

އިގްތިސާދީ ހާލަތާއި ހަގީގަތް ކިޔައިދިނުމުގެ ބަދަލުގައި ސަރުކާރުން ބުނަނީ ހުރިހާ ކަމެއް ވެސް "ރަނގަޅު" ކަމަށެވެ. ޔޫޒަބަލް ރިޒާވުގައި ފައިސާ ވެސް ހުރި ކަމަށެވެ. ވިދާޅުވަނީ ބޭރުގެ އިންވެސްޓްމަންޓުތައް ވެސް އަންނަނީ ކަމަށެވެ. އިގްތިސާދީ ހަގީގަތް ކިރިޔާ ވެސް ސާފުވަނީ ރައީސް މުއިއްޒުގެ އެޑްވައިޒަރު އަލީ އާރިފް ވިދާޅުވީ "ގަރުދިޔަ އާއި ބަތުގެ" ވާހަކައިންނެވެ.

"މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ކޭކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަށް ތިރިވެލުން،" ވެރިކަން ހިންގާ ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޖުލައި 14، ގައި އަލީ އާރިފު ވިދާޅުވި އެވެ.

އެކަމަކު އެއަށްވުރެ ސާފުކޮށް އެ ވާހަކަ، ސީރިއަސްކަމާއެކު ސަރުކާރުން ރައްޔިތުންނަށް ބުނެދޭންޖެހެ އެވެ. އިގްތިސާދީ ހަގީގަތާއި އެކަމުން އަރައިގަތުމަށް އޮތް ރޭވުން ރައްޔިތުންނާ ހިއްސާ ކުރަންޖެހެ އެވެ. މިވަގުތު ގާނާގައި ދިރިއުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެކަމާ އެއްބަސްވެވަޑައިގަންނަވަ އެވެ.

"މިވަގުތު ހުރިހާ ސިޔާސީ ލީޑަރުންގެ ޒިންމާ ވަރަށް ބޮޑު. މާލީ ހާލަތު މި ހިސާބަށް ދިޔަ ގޮތާއި، ދެން ވެދާނެ ކަމަށް ލަފާ ކުރެވޭ ގޮތާއި އަދި އަރައިގަތުމަށް އަމަލުކުރަން ރާވާފައި އޮތް ގޮތްތައް ސާފު ބަހުން ރައްޔިތުންނަށް ކިޔައިދޭންޖެހޭ،" ސޯޝަލް މީޑިއާގައި ކުރެއްވ ޕޯސްޓެއްގައި ނަޝީދު ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް ވެސް އައީ އިގްތިސާދު "ކޮޅަށް ޖެހުމަށް" ޕްލޭނެއް އޮތް ކަމަށް ވިދާޅުވަމުންނެވެ. އެ ޕްލޭންތައް ފެއިލިވެފައިވާ ނަމަ އެ ވާހަކަ ވެސް ރައްޔިތުންނާ ހިއްސާ ކުރަންޖެހެ އެވެ.

"އަޅުގަނޑުމެންގެ ގައުމުގެ އިގްތިސާދު މިވަނީ އަނދަވަޅަކަށް ވެއްޓިފައި. ދަރަނި މިވަނީ އިންތިހާއަށް ބޮޑުވެފައި. 113 ބިލިއަން ރުފިޔާގެ ދަރަނި އަޅުގަނޑުމެންގެ ބޮލުގައި މި ސަރުކާރުން މިވަނީ އަޅުވާފައި. މި ދަރަނި ދައްކަން އަޅުގަނޑުމެން ކެރިގެން މި ކުރިމަތިލަނީ. އަޅުގަނޑުމެންނަށް އެނގޭ މި ދަރަނި ދައްކާނެ ގޮތް. އަޅުގަނޑުމެން ދަރަނި ދައްކައި، ރައްޔިތުންނަށް ބުރައެއް ނުޖައްސައި، މި ގައުމުގެ އިގްތިސާދު ނަގާ ކޮޅަށް ޖަހައިދޭނަން އިރާދަކުރެއްވިއްޔާ،" ސެޕްޓެމްބަރު 8، 2023، ގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

-

ކަރަންޓާއި ފެން ކުއްލިއަކަށް ނުކެނޑެނީސް އިގްތިސާދީ ހަގީގަތާ ކުރިމަތިލާންޖެހެ އެވެ. އެ ވާހަކަތައް ރައްޔިތުންނަށް ކިޔައިދޭންޖެހެ އެވެ. އަވައްޓެރި ސްރީ ލަންކާ އާއި އެހެނިގެން ގައުމުތަކުން ފިލާވަޅެއް ދަސްކުރަންޖެހެ އެވެ. އެހެން ނޫން ނަމަ ގައުމު ވެއްޓޭނީ ހީވެސް ނުކުރާވަރުގެ ބޮޑު އަނދަވަޅަކަށެވެ.