Advertisement

ރައީސްގެ ތަގުރީރަށްޓަކައި އާރުޓީއައިތަކަށް އޮށްޓަރެއް ނެތް ޖަވާބުތައް ދިނީ ދަންވަރު

29 ޖުލައި 2024 - 10:28 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


ރައީސްގެ ތަގުރީރަށްޓަކައި އާރުޓީއައިތަކަށް އޮށްޓަރެއް ނެތް ޖަވާބުތައް ދިނީ ދަންވަރު

29 ޖުލައި 2024 - 10:28 1

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ސަރުކާރުތަކުން ކަމޭނުހިތާ ކަމަކީ އާ ވާހަކައެއް ނޫނެވެ. އެކަމުން މި ސަރުކާރު ވެސް އިސްތިސްނާއެއް ނުވި އެވެ. ހާމަކަން ބޮޑު ދެފުށް ފެންނަ ސަރުކާރެއްގެ ވައުދު މަތީގައި ވެރިކަމާ ހަވާލުވިޔަސް، ދައުލަތުގެ އިދާރާތަކާއި ވުޒާރާތައް އަދި އޮފީސްތަކަށް ހުށަހެޅޭ އާރުޓީއައި ރިކުއެސްޓުތަކަށް ޖަވާބެއް ނުލިބެ އެވެ.

މިކަމަށް ބާރުދޭ ބައެއް ތަފާސްހިސާބުތަކަށް ޖެހިލާއިރު، އިންފޮމޭޝަން ކޮމިޝަނާގެ އޮފީސް (އައިކޮމް) އިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މައުލޫމާތު ނުދީގެން ހުށަހެޅި މައްސަލަތައް 58 އިންސައްތަ އިތުރެވެ. އެންމެ ގިނައީ ރައީސް އޮފީހާ ދެކޮޅަށް ހުށަހެޅުނު މައްސަލަތަކެވެ. އެ އޮފީހުން ޖަވާބެއް ނުދޭ ތަނުގައި، އައިކޮމްގެ އަޑުއެހުމަކަށް ވެސް ހާޒިރު ނުވަނީ އެވެ.

އެންމެ ފަހުން ރައީސް އޮފީހުން އައިކޮމްގެ އަޑު އެހުމަކަށް ހާޒިރުވި ކުރީ ސަރުކާރުގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށެވެ. އެފަހުން އެކި ބަހަނާދައްކައި ރައީސް އޮފީހުން އެއްވެސް އަޑުއެހުމެއްގައި ބައިވެރިނުވެ އެވެ. ވޭތުވި ދެ ތިން މަހުގެ ތެރޭގައި ތާވަލުކުރި އެއްވެސް އަޑުއެހުމަކަށް ވެސް "ބިޒީ" ވެގެން ރައީސް އޮފީހުން ހާޒިރެއް ނުވެ އެވެ.

ހާލަތު މިހެން އޮއްވާ ހުކުރު ދުވަހުގެ ރޭ، މިނިވަން ދުވަހުގެ ރަސްމީ ހަފުލާގައި ދެއްވި ތަގުރީރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ ހުރިހާ އިދާރާއަކަށް ފޮނުވާފައިވާ އާރުޓީއައި ތަކަށް ޖަވާބުދީފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތު އެނގި ހާމަވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބިރެއް ނުގަނޭ، ޖެހިލުމެއް ނުވޭ ސުވާލުތަކަށް ޖަވާބުދޭކަށް. ސުވާލު ހުށަހަޅާ ފަރާތުން ސިޔާސީ ބޭނުމެއްގަ ޕޮލިޓިކަލް އެކްޓިވިޒަމްގެ ބޭނުމަށް ސުވާލު ހުށަހަޅައިފާނެ، އެގޮތަށް ގިނަ ސުވާލު ހުށަހަޅަނީ ވެސް. އެހެންވިޔަސް އަޅުގަނޑުމެން ޖަވާބު ދޭނަން. ކުރިއަށް އޮތް ތަނުގައި ވެސް ދޭނަން،" މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެވެ.

ބަރިބަރިއަށް "ޖަވާބުތައް" ފޮނުވާލީ ދަންވަރު

ރައީސް މިހެން ވިދާޅުވުމުން ކަން ހިނގި ގޮތް ސާފުކޮށްލަން ޖެހުނެވެ. ބުރާސްފަތި ދުވަހަކީ ސަރުކާރުގެ އިދާރާތަކުގެ، ހާއްސަކޮށް ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރާއި އެކަމުގައި ހަރަކާތްތެރިވާ އެންމެނަށް މި އަހަރު ކުރިމަތިވި އެންމެ ބުރަ ދުވަހަށެވެ.

ޖަވާބު ނުދީ ހަ މަސްވެފައި ހުރި އާރުޓީއައި ތަކުން ފެށިގެން ދެ މަސް ކުރީގެ އާރުޓީއައި ތަކުގެ ޖަވާބުވެސް ފޮނުވާފައިވަނީ ފުލުފުލުންނެވެ. ބައެއް އާރުޓީއައި ތަކަށް ދެވަނަ ބުރަކަށްވެސް ޖަވާބު ފޮނުވާފައި ހުއްޓެވެ. މި ނޫހުގެ އާރުޓީއައި މެއިލް އެޑްރެހަށް ރައީސް އޮފީހުގެ ޖަވާބުތައް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12:40 ގައި ވެސް ލިބިފައިވެ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމުގައި ހަރަކާތްތެރިވާ އެކްޓިވިސްޓް އައިމަން ލަތީފް (ޕިކޯ)، މި ރިޕޯޓަށް މައުލޫމާތު ދެމުން ބުނީ މިނިވަން ދުވަހުގެ ޖަލްސާގެ ކުރިން ބުރާސްފަތި އަދި ހުކުރު ދުވަހު ފުލުފުލުގައި ޖަވާބުތައް ދީފައިވާ ކަމަށެވެ.

"ޖުލައި 26، ގެ ދަންވަރު ރައީސް އޮފީހުން ބަރިބަރިއަށް ފޮނުވި ޖަވާބުތަކުން ޔަގީންވި ކަމަކީ، އެކަންކުރީ އެއްވެސް ހާލެއްގައި މައުލޫމާތު ފޯރުކޮށްދިނުމުގެ ނިޔަތަކު ނޫންކަން،" އޭނާ ބުންޏެވެ.

ރައީސްގެ ވާހަކައަށްފަހު ސޯޝަލް މީީޑިއާގައި އާންމުވި ގިނަ މައުލޫމާތުތަކުން ވެސް ފެނިގެންދިޔައީ، އަވަސް އަރުވާލައިގެން ޖަވާބުތައް ދީފައިވާ މަންޒަރެވެ.

އެންމެނަށް އޮށްޓަރެއް ނެތް އެއް ޖަވާބުތަކެއް

ސޯޝަލް މީޑިއާގައި އާންމުވި ޖަވާބުތަކާއެކު ފާހަގަވި އަނެއް ކަމަކީ އަވަސް އަރުވާލައިގެން ފޮނުވި ގިނަ ޖަވާބުތަކުގައި ހުރި އެއްގޮތް ކަމެވެ.

އެންމެ ބޮޑަށް ފާހަގަވީ ރައީސް އޮފީހުގެ ސިޔާސީ މުވައްޒަފުންގެ އަދަދާއި ތަފުސީލު ހޯދުމަށް ހުށަހެޅި އާރުޓީއައި ތަކަށް ދިން ޖަވާބެވެ. އެ ރިކުއެސްޓުތަކަށް ރައީސް އޮފީހުން ޖަވާބުދީފައިވަނީ އެއް ތަތްގަނޑެއްގަ އެވެ. އެންގީ ރައީސް އޮފީހުގެ ވެބްސައިޓު ބަލައިގެން އެ މައުލޫމާތު ހޯދުމަށެވެ.

އާރުޓީއައި ޕްރެކްޓިޝަނާ އަފްރާހް އިސްމާއިލް އެކްސްގައި ލިޔެފައިވާ ގޮތުން، އޭނާއަށް ވެސް އެ ރޭ ދަންވަރު އެތައް ޖަވާބެއް ލިބުނެވެ. އެ ޖަވާބުތަކަކީ މީގެ އެތައް މަހެއް ކުރިން ވެސް ދެވޭނެ ޖަވާބުތަކެއްކަން އޭނާ ފާހަގަކުރި އެވެ.

ކުރިން ވާހަކަދެއްކި ޕިކޯ ވެސ ބުނީ، އިދާރާތަކުން ފޮނުވި ޖަވާބުތަކުގެ އެއްވެސް އޮށްޓަރެއް ނެތްކަމެވެ. މައުލޫމާތު ދިނުމުގެ ވިސްނުމެއް ނެތް ކަމެވެ.

"ޖަވާބު ދިން ރިކުއެސްޓްތަކުގެ ތެރެއިން ދެބައިކޮޅެއް އެއްބައި ރިކުއެސްޓް ތަކުގައި ހަމަ އެކަނި ބުނެފަ އޮތީ މައުލޫމާތު ވެބްސައިޓުން ލިބޭނެކަމަށް. ނަމަވެސް ވެބްސައިޓު ބަލާލިއިރު، ވެބްސައިޓަށްވެސް އެއްވެސް އިތުރު މައުލޫމާތެއް އަޅާފައެއް ނެތް،" އޭނާ ބުންޏެވެ.

ރަސީދުތައް ދިނުމަށް ދެއްކި ބަހަނާއެއް؟

ހަމަ ގައިމު ވެސް މައުލޫމާތު ނުދީ ދެތިން މަސްވެ، އެ މައްސަލަތަކުގެ އަޑުއެހުންތަކަށް ހާޒިރުނުވުމަށް ފަހު ރައީސް އޮފީހުން ކުއްލިއަކަށް މައުލޫމާތުތައް ދިނުން ހަމައެކަނި ރައީސްގެ ތަގުރީރާ ނުގުޅޭކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. އެ މީހުންގެ އިނގިލި އަމާޒުވަނީ ބަންޑާރަނައިބުގެ ނިންމުމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ފެންނަ ފައިސާގެ ރަސީދުތައް ނުދިނުމަށް އެދި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އަނބުރާ ގެންނަން އޭޖީ ނިންމީ ޖުލައި 23، ގަ އެވެ. އެ މައްސަލައަކީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން ނޫސްވެރިކަން ކުރި ދުވަސްވަރު ހޯދަން ހުށަހެޅުމުން އޭރު ހާމަނުކުރި މައުލޫމާތުތަކަކާ ގުޅޭ މައްސަލަ އެކެވެ.

ރައީސް އޮފީހުގެ އެ ނިންމުމާ އޭރު އައިކޮމް އިން ދެކޮޅު ހެދި އެވެ. މި މައްސަލަ ހައިކޯޓުން ވެސް ނިންމީ ރައީސް އޮފީހާ ދެކޮޅަށެވެ. އެއާއެކު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުންނެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވީފަހުން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އޭޖީގެ ވަކީލުން ދިފާއުކުރީ ހަމަ ކުރީ ސަރުކާރުގެ ރައުޔެވެ.

އެއާއެކު އަޒާން ވަނީ ނުރުހުން ފާޅުކޮށް، އޭޖީ އަހުމަދު އުޝާމް އެކަން ބަދަލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސޯޝަލް މީޑިއާގައި ލިޔުއްވާފަ އެވެ. މައްސަލަ އަނބުރާ ނެގީ އެ ޕޯސްޓަށް ފަހު އެވެ. އަދި، އެ މައުލޫމާތު އަޒަނު އާ ހިއްސާކުރުމަށް ވެސް އޭޖީ ލަފާދިނެވެ.

ނަމަވެސް، ދެން ހުށަހެޅި އާރުޓީއައި ތަކަށް ޖަވާބުނުދީ އެ މައުލޫމާތު ދީފިނަމަ ކުރިމަތިވާނެ ފާޑުކިޔުންތަކަށް ވިސްނާ، ރައީސް އޮފީހުން އަވަސް އަރުވާލީ ކަމަށް ވެސް ބަޔަކު ތުހުމަތު ކުރި އެވެ. މި ތުހުމަތަށް ބާރު ލިބޭ އަނެއް ކަމަކީ މިނިވަންދުވަހުގެ ޖަލްސާގައި ރައީސް ވާހަކަދައްކަވަމުން ދަނިކޮށް، އެ ރަސީދުތައް އަޒާން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވުމެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ޖަވާބުތައް ދީގެނެއް ނޫނެވެ. 90 އިންސައްތަ ޖަވާބުތައް ރިވިއު ކުރަން ޖެހޭތީ އެވެ. އެންމެނަށް އެއް ޖަވާބެއް ލިބުނީމަ އެވެ. އަޑުއެހުމަކަށްވެސް ހާޒިރުނުވެ ދެތިން މަސް ފަހުން ދަންވަރު އޮށްޓަރެއް ނެތް ޖަވާބުތަކެއް ދިނީމަ އެވެ. ގިނަ ބަޔަކު މިކަން ސިފަކުރަނީ ދިވެހި މުސްކުޅިން ބުނެ އުޅޭހެން، އަމާ ބުނީތީ ފަރަށް ދާ އުސޫލުން ކަމެއް ކުރީ ކަމަށެވެ.