Advertisement

މަޖިލިސް ވޯޓާ ދިމާކޮށް ސަރުކާރުން ކަޑަޖެހުމުގައި އަވަދިނެތި

18 އޭޕްރީލް 2024 - 15:44 1

އަމަން ހަލީމް

އަމަން ހަލީމް

ހިޔާ ފްލެޓުތަކުގައި ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތު: ސަރުކާރުން މަސައްކަތް ފަށަމުން އަންނަ މަޝްރޫއުތަކުގެ ތެރޭގައި ކުރިން އިއުލާންނުކުރާ، ބަޖެޓުނުކުރާ މަޝްރޫއުތައް ހިމެނޭ -- ފޮޓޯ: އެޗްޑީސީ


މަޖިލިސް ވޯޓާ ދިމާކޮށް ސަރުކާރުން ކަޑަޖެހުމުގައި އަވަދިނެތި

18 އޭޕްރީލް 2024 - 15:44 1

ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އިންތިހާބަށް ރަށްރަށުގައި މަޝްރޫއުތައް ފަށައި ކަޑަޖަހާ ކަމަށް ބުނެ ކުރީ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ މިއަދު ސަރުކާރުން ހިންގަން ތިބި ބޭފުޅުންނެވެ. އޭރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށަކަަށް ވަޑައިގެން ފައްޓަވާ ކޮންމެ މަޝްރޫއަކީ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށް ތުހުމަތުކޮށް، ބުނެ އެއްވެސް ހިފެހެއްޓުމެއް ނެތި ފާޑުކިޔަމުން ދިޔަ އެވެ.

އެކަމަކު މިއަދު ފެންނަނީ އޭރު ދެއްކެވި ވާހަކަތަކާއި ރައްދުކުރި ފާޑުކިޔުންތައް ހަނދާނެ ނެތި، މި ސަރުކާރުން ވެސް އިންތިހާބާ ދިމާކޮށް، ޓާމް ޝީޓުތަކާއި ފަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ސޮއިކޮށް، އަވަސް އަރުވާލައިގެން މަޝްރޫއުތައް ހަވާލުކުރަމުންދާ މަންޒަރެވެ. ވޯޓު ލާން މިހާރު ދެ ދުވަހަށް ވެފައިވާއިރު މިއަދާއި މާދަމާގެ ވެސް މަޝްރޫއުތަކެއް ފަަށަން ރަސްމިއްޔާތުތަކެއް ބާއްވަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

މިއަދު ރަސްމިއްޔާތެއް ބޭއްވުނު އެއް މަޝްރޫއަކީ ހިޔާ ފްލެޓުތަކުގައި ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމެވެ. މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތެއްގެ ގޮތުގައި، މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރަމުން އަންނަ މަސައްކަތެކެވެ. ލިފްޓު ހަވާލުކުރުމުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ޝެންޔަން ޔުއާންޑާ އިންޓެލެކްޗުއަލް ގްރޫޕާ އެވެ. މިއަދު މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި ނަމަވެސް މިދިޔަ ފެބްރުއަރީގައި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ހިޔާ ފްލެޓުގައި ލިފްޓުތަައް ހަރުކުރުމުގެ އިތުރުން، ހުޅުމާލެ ތަރައްގީކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މިއަދު މެންދުރު ފަހު ވެއާހައުސިން ކޮމްޕްލެކްސްއެއް އަޅަން ބަޔަކާ ހަވާލުކުރަން ވެސް ރަސްމިއްޔާތެއް ބާއްވަން ތާވަލުކޮށްފަ އެވެ.

ރަށްރަށަށް ޖެހިލާއިރު ތާ އަތޮޅުގައި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ދެ އެއާޕޯޓު މަޝްރޫއަކާ ގުޅޭ ރަސްމިއްޔާތުތަކެއް މިއަދަށް ތާވަލުކޮށްފައިވެ އެވެ. އެއީ ތ. ގުރައިދޫގައި މި ސަރުކާރުން އަޅަން ނިންމި އެއާޕޯޓުގެ ސާވޭ ކުރުމާއި ޑިޒައިން ކުރުމާއި އީއައިއޭ ހެދުމުގެ މަސައްކަތް ހަވާލުކުރުމާއި ތ. ވިލުފުށީގައި ކުރީ ސަރުކާރުން އަޅަން ނިންމި އެއާޕޯޓުގެ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެވެ.

ވިލުފުށި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ދައުވަތު --- ފޮޓޯ: ވިލުފުށީ ކައުންސިލް


ވިލުފުށީ އެއާޕޯޓު މަޝްރޫއަކީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ފައިނޭންސިން ހޯދަން ކުރީ ސަރުކާރުން ހުޅުވާލި މަޝްރޫއެކެވެ. މި މަޝްރޫއަށް ބޭނުންވާ ފައިނޭންސިން ހޯދަން ސޮއިކުރީ ރާއްޖޭގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަކާ ހަވާލުވެގެން އުޅޭ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ. މި އެއްބަސްވުމުގެ ދަށުން ވިލުފުށީ އެއާޕޯޓުގެ އިތުރުން ބ. ތުޅާދޫ އެއާޕޯޓާއި ށ. ބިލެއްފަހި އެއާޕޯޓު ތަރައްގީކުރުމާއި ބިން ހިއްކުމަށް ބޭނުންވާ 42.4 މިލިއަން ޑޮލަރު (653.7 މިލިއަން ރުފިޔާ) ދޭން ޖެހެނީ ސީއެމްސީންނެވެ.

މިއަދު ސޮއިކުރި އަނެއް މަޝްރޫއަކީ މ. ދިއްގަރުގައި ހައުސިން ޔުނިޓުތަކެއް އެޅުމުގެ މަޝްރޫއެވެ. މި މަޝްރޫއަކީ ކުރިން ބަޖެޓުކޮށްފައި އޮތް މަޝްރޫއެކެވެ. މިއަދު ރަސްމިއްޔާތެއް ބޭއްވީ އެކަމުގެ އަމަލީ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށެވެ.

ދިއްގަރުގައި 75 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯގެ ކަނާތުގައި ދިއްގަރު ދާއިރާއަށް ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ވާދަކުރާ ނާޒިމް -- ފޮޓޯ: ހައުސިން މިނިސްޓްރީ


އެޗްޑީސީން ވަނީ އިތުރު ދެ އެއްބަސްވުމެއްގައި ވެސް މިއަދު ސޮއިކުރަން ނިންމާފަ އެވެ. އެއީ, ސާފިން އަދި ބޮޑީބޯޑިން ސްޓޭޑިއަމް ތަރައްގީ ކުރުމަށާއި ރޭސިން އަދި ޑްރިފްޓިން ޓްރެކެއް އަޅަން ގާއިމުކުރާ އެއްބަސްވުންތަކެކެވެ.

އޭގެ އިތުރުން, ތ. ކިނބިދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށް ބުނެ އެ ރަށުގައި ވެސް ޖަލްސާއެއް ވަނީ ބާއްވާފަ އެވެ. އެ ހިސާބުގައި ޑްރެޖަރެއް ވެސް ނެތެވެ.

މި މަޝްރޫއުތަކުގެ އިިތުރުން، މިފަހުން ރައީސް ރަށްރަށަށް ވަޑައިގެން ކުރެއްވި ދަތުރުތަކުގައި ވެސް ގިނަ މަޝްރޫއުތަކެއް ހިންގަން ސޮއިކޮށްފައިވެ އެވެ. މިގޮތަށް ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ކުރިން އެއްވެސް ވަރަކަށް އިއުލާންކުރުމެއް ނެތި ނުވަތަ ބަޖެޓު ވެސް ނުކުރާ މަޝްރޫއުތައް ހިމެނެ އެވެ.

ބައެއް މިސާލުތަކުގެ ތެރޭގައި އަައްޑޫ ފެނުގެ ނިޒާމުގެ އަޕްގްރޭޑު ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީ ހަވާލުކުރުމާއި ކުރީ ސަރުކާރުން ޗައިނާ ކުންފުންޏަކާ ހަވާލުކުރި ހަންކެޑެ ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ކުލަ ގަދަ ރަސްމިއްޔާތެއް ބޭއްވުން ފާހަގަކޮށްލެވެ އެވެ. މި ނޫނަސް އޭގެ ކުރިން ރަސްމީ ދަތުރެއްގެ ނަމުގައި ރަށްރަށަށް ރައީސް ވަޑައިގެން، ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށްފައިވެ އެވެ.

ހިޔާ ފްލެޓުގައި އިތުރު ލިފްޓުހަރުކުރުމުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯގެ ކަނާތްފަޅީގައި އެތިބީ ހުޅުމާލޭގެ ދާއިރާތަކަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ތިން ކެންޑިޑޭޓުން -- ފޮޓޯ: އެޗްޑީސީ


މިގޮތަށް ބާއްވާ ރަސްމިއްޔާތުތަކުގައި ސަރުކާރު ތަމްސީލުކުރަން މަޖިލީހަށް ކުރިމަތިލާފައިވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނާއި "ސަރުކާރުގެ" ކެންޑިޑޭޓުން ބައިވެރިވަމުންދާ ކަން ފާހަގަކުރެވެ އެވެ. އެގޮތުން މިއަދު ދިއްގަރު ހައުސިން ޔުނިޓުތަކުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ދާއިރާއަށް ސަރުކާރު ކޯލިޝަނުގެ ޓިކެޓުގައި ވާދަކުރާ އަހުމަދު ނާޒިމް ބައިވެރިވި އެވެ. އަދި ހިޔާ ފްލެޓުތަކުގެ ލިފްޓުތައް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލޭ ދާއިރާތަކަށް ވާދަކުރާ ތިން ކެންޑިޑޭޓުން ބައިވެރިވި އެވެ.

ސަރުކާރުން އިންތިހާބާ ދިމާކޮށް ކަޑަޖަހާ މައްސަލައިގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލަން ސަރުކާރަށް ގޮވާލާފަ އެވެ.