Advertisement

ބޮަލަކަށް 13.6ރ. ގެ ރޭޓުން ކާޑަށް ހަރަދު ވަނީ ހަތް މިލިއަން ރުފިޔާ

14 ޖަނަވަރީ 2024 - 11:52 2

އަހުމަދު ސައީދު

އަހުމަދު ސައީދު

ބަސްތާ އެއްގައި ހުރި ހަނޑޫ ތަކެއް: ކޮންމެ ގެއަކަށް ދެނީ 10 ކިލީގެ ހަނޑުލާއި ފުށް-- އަދަދު ފައިލް ފޮޓޯ


ބޮަލަކަށް 13.6ރ. ގެ ރޭޓުން ކާޑަށް ހަރަދު ވަނީ ހަތް މިލިއަން ރުފިޔާ

14 ޖަނަވަރީ 2024 - 11:52 2

ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުން 10 ކިލޯ ހަނޑުލާއި ފުށް، ދޭން ނިންމުން، ގިނަ ބައެއްގެ ފާޑު ކިއުން އެކަމަށް ވަނީ އަމާޒުވެފަ އެވެ. ބައެއް މީހުންގެ ހިޔާލުގައި ހަނޑުލާއި ފުށައްވުރެ މަސްދަޅު ނޫނީ ކަދުރު ބަހާނަމަ މާރަނގަޅު ވީހެވެ.

ކުރިންސުރެ ވެސް ރާއްޖޭގައި ކާޑުގެ ބާވަތްތައް ވިއްކަމުން އައީ ކޮންޓްރޯލް އަގެއްގައި ސަރުކާރު ސަބްސިޑައިޒް ކޮށްގެންނެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމިން ގެ ސަރުކާރުން ސަބްސިޑީ ކަނޑައިލައި ކާޑުގެ ބާވަތްތަކުގެ އަގު، ދެ ގުނަ ބޮޑުކުރި އެވެ.

2016 ގައި ބޮޑުކުރި ކާޑުގެ އަގު

  • ހަނޑު ކިލޯއެއް - 7.96ރ.
  • ހަކުރު ކިލޯއެއް- 8.00ރ.
  • ފުށް ކިލޯއެއް- 5.96ރ.

ސަރުކާރުން އޭރު ކާޑުގެ އަގު ބޮޑުކުރުމުގެ ސަބަބުން، ރައްޔިތުންނަށް އެކަން ވަރަށް ބޮޑު ބުރަ އަކަށް ވެފައި އޮއްވާ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑުގެ އަގު އެއް ހަމަކޮށް، އަގު ހެޔޮކުރީ ރައީސް އިބްރީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

މިހާރު ކާޑުގެ ބާވަތްތައް ވިއްކާ އަގުތައް

  • ހަނޑޫ ބަސްތާއެއް: 240 ރުފިޔާ، ހަނޑޫ ކިލޯއެއް: 4.8 ރުފިޔާ.
  • ފުށް ބަސްތާއެއް: 190 ރުފިޔާ، ފުށް ކިލޯއެއް: 3.8 ރުފިޔާ.
  • ހަކުރު ބަސްތާއެއް: 241 ރުފިޔާ، ހަކުރު ކިލޯއެއް: 4.82 ރުފިޔާ.

ކާޑުގެ އަގުބޮޑުކުރުމަށް ފަހު ސަރުކާރުން 2016 ގައި ނިންމީ، ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި މަހަކު 240ރ. ގެ ސަބްސިޑީ ހަމަޖައްސުމަށެވެ. ކާޑުގެ ސަބްސިޑީ އަށް އެންމެ ފުރަތަމަ ޝަރުތު ހަމަވީ 70 އާއިލާ އެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ ރޯދަ މަހު ސަރުކާރުން ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުށް ބަސްތާ އެއް ދޭން ނިންމާފައިވާ ކަމަށެވެ. މިކަމުގެ އިތުރު ތަފްސީލެއް މިހާތަނަށް ހާމަ ނުކުރެ އެވެ.

ރާެއްޖޭގައި ހަނޑުލާއި ފުށް ވިއްކާ ރޭޓަށް ބަލާއިރު، 10 ކިލޯ ގެ ހަނޑުލަށް ހަރަދުވާނީ 48ރ. އެވެ. އަދި 10 ކިލޯގެ ފުށަށް 38ރ. އެެވެ. އެއީ ޖުމްލަ 86ރ. އެވެ. އެހެން ކަމުން 81،744 ގޭބިސީ އަށް، ހަނޑުލާއި ފުށް ދިނުމަށް ހަރަދުވާނީ ހަތް މިލިއަން ރުފިޔާ އެވެ. އާބާދީގެ ނިސްބަތުން ބަލާއިރު، ބޮަލަކަށް ސަރުކާރުން އެ ދެނީ 13.6ރ.ގެ ކާޑެވެ. ރާއްޖޭގެ އާބާދީ އަކީ 515،132 އެވެ.

ސަރުކާރުން 2019 ވަނަ އަހަރު ކުރި، ގޭބިސީތަކުގެ ހަރަދުގެ ސާވޭއިން ދައްކާ ގޮތުގައި ކޮންމެ ގޭބިސީ އެއްގައި އެވަރެޖް ކޮށް، 3-7 މީހުން ހިމެނޭއިރު، މަހަކު 28،251ރ. ހަރަދަށް ހިނގަ އެވެ. އޭގެތެރެއިން އެވަރެޖްކޮށް 6،591ރ. ހޭދަ ވަނީ ކެއިން ބުއިމަށް ކަމަށް އެ ސާވޭއިން ދައްކަ އެވެ. ރޯދަ މަހަކީ، އެހެން މަސް ތަކަށްވުރެ ކެއިންބުއިމުގެ ހަރަދު ބޮޑު މަހެކެވެ.

އާންމު މިންގަޑަކުން ބަލާއިރު، 10 ކިލޯ ހަނޑުލަކީ 60 މީހުންނަށް ވާހާ ބަތެވެ. އަދި 10 ކިލޯގެ ފުށުން 250-300 އާ ދެމެދުގެ އަދަކަށް ރޮށި ފިހެވޭނެ އެވެ. އެހެންކަމުން، ސަރުކާރުން ދޭ 10 ކިލޯގެ ހަނޑުލާއި ފުށުން، ތިން ހަތަރު މިހުންގެ އާއިލާ އަކަށް މަސް ދުވަހަށް ފުއްދާލެވޭނެ އެވެ.

ކުރިންސުރެ ވެސް ސައުދީ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ދޭ ކަދުރު ރޯދަމަހު ބަހައެވެ. ރައީސް ޔާއިމްގެ ދުވަސްވަރު ކަދުރު ބެހީ ރައީސްގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްގެ، ސޮދަގާތް ފައުންޑޭޝަނުންނެވެ. އެ ފައުންޑޭޝަނުން ކަދުރުގެ އިތުރުން މަސްދަޅު ވެސް ބެހި އެވެ.