Advertisement

މުއިއްޒުގެ ވަރުހުރި އިފްތިތާހީ ތަގުރީރަށް އެތައް ބައެއްގެ ތައުރީފު

17 ނޮވެންބަރު 2023 - 19:51 1

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން


މުއިއްޒުގެ ވަރުހުރި އިފްތިތާހީ ތަގުރީރަށް އެތައް ބައެއްގެ ތައުރީފު

17 ނޮވެންބަރު 2023 - 19:51 1

ދިވެހިރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާގެ ކަމުގެ ގާނޫނީ ހުވާކުރެއްވުމަށް ފަހު މިއަދު ހަވީރު، ޑރ. މުހައްމަދު މުއިއްޒު ދެއްވި އިފްތިތާހީ ތަގުރީރު ނިމެން ދަނިކޮށް ހިމަފޮދު ވާރޭ ވެހެން ފެށި އެވެ. އެ ވަގުތު އެމަނިކުފާނު ފަހަތަށް އެނބުރިވަޑައިގަތުމުން ބައެއް މީހުން ހީވީ، އެއީ ވާރޭ ވެހެން ފެށުމުން ބޭއިހުތިޔާރުގައި ކުރެއްވުނު ކަމެއް ކަމަށެވެ. ނަމަވެސް މުއިއްޒު ފަހަތަށް އެނބުރި ވަޑައިގަތީ، އެތަނުގައި ވިހުރިވިހުރި ހުރި ގައުމީ ބޮޑު ދިދަ އަށް މުހާތަބުކުރައްވައި ވާހަކަފުޅެއް ދެއްކެވުމަށެވެ. އެ ވާހަކަފުޅަށާއި، ޖުމްލަކޮށް މުއިއްޒު ދެއްވި ތަގުރީރުގެ ބާރުގަދަކަމަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.

މިއަދު ނިމުނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ބުރޫއަރާ ފަދަ ސިޔާސަތުތަކެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށް އެކަމުން ރާއްޖެ ސަލާމަތްކުރުމުގެ ވައުދުގައި ވެރިކަމަށް ވަޑައިގެންނެވި މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު، ޖުމްހޫރީ މައިދާނުގައި ބާއްވަވަން ބޭނުންފުޅުވީ ވެސް، ޖުމްހޫރީ މައިދާނުގައި ހުންނަ ދިދައިގެ ކުރިމަތީގައި އެ ޝަރަފް ހާސިލްކުރައްވާށެވެ.

"މި މައިދާނަކީތޯ؟ މިއީ، ޝަހީދު ހުސައިން އާދަމާއި ދިވެހި ގައުމު ދެކެ ލޯބިވި، އެނޫން އެފަދަ އެތައް ބަތަލުންނެއް، އަޅުގަނޑުމެންގެ ފަހުރުވެރި ދިވެހިރާއްޖެ އާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި، ފުރާނައިން ގުރުބާންވި ބަރަކާތްތެރި ފަސްގަނޑާ ގުޅިފައިވާ، ޝަރަފުވެރި މައިދާން!،" މުއިއްޒު ވާހަކަފުޅު ފަށްޓަވަމުން ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށާއި، އެގޮތަށް ބަލާއިރު އެމަނިކުފާނަކީ ދިވެއްސެއް ކަމުން ދިވެހި ރައްޔިތުން އަންނާނީ، ލިސްޓުގެ އެއް ވަނަ އަށް ކަމަށެވެ.

"އެހެން ގައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް،" މުއިއްޒު ޔަގީންކަމާ އެކު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެހެން ގައުމުތަކާ ރަހުމަތްތެރިވާނެ ކަމަށާއި، ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނެ ކަމަށެވެ. އަދި އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ގައުމުތަކަށް ވެސް އިހުތިރާމުކުރާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ ކޮންމެ ގައުމެއްގައި ވެސް އޮންނަ ރަތް ރޮނގެއް. އަދި އޮންނަންވާނެ ވެސް ރޮނގެއް. އެހެން ގައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމުކުރާނެ. ދިވެހި ދައުލަތުގެ ރަތް ރޮނގަށްވެސް އެ ހައްގު އޮންނަންވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ބޭފުޅުން.


އެމަނިކުފާނު ވިދާޅުވީ އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތުވެގެނެއް ނުވާނެ ކަމަށާއި އިރާދަކުރެއްވިއްޔާ، އެ ހައްގު ނިގުޅައިގަންނާކަށް އެއްވެސް ގައުމަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. ވިދާޅުވީ ދިވެހީންނަކީ މިނިވަންކަމުގެ ދަރީން ކަމަށާއި، ދޫނި އޭގެ ހާލި ބަލަހައްޓާ ފަދައިން، ދިވެހީން މިހާތަނަށް ވެސް އައީ މި ލޮބުވެތި ދިވެހި ފަސްގަނޑު މިނިވަންކަންމަތީ، އެތައް ޒަމާނަކަށް ބަލަހައްޓަމުން ކަމަށެވެ.

"އެއީ، ދިވެހި ރައްޔިތުން އެދޭގޮތް. ދިވެހީންގެ ނަފުސާއި ފުރާނައިގެ ނިންމުން. އެހެންކަމުން، އަޅުގަނޑު ރައްޔިތުންގެ އެ ނިންމުމަށް އަބަދުވެސް ކަމޭހިތާނަން. ހިމޭން ރީތި މިންގަނޑުތަކުގެ އެހީގައި އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން،" މުއިއްޒު ވިދާޅުވި އެވެ.

"ގައުމި ހައިސިއްޔަތުން ބަލާއިރު، ދިވެހި ގައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްދޭނަން."

މުއިއްޒު ދެން ދެއްވީ މިއަދު މި ފަށާ ދަތުރަކީ ދިވެހި އުންމަތް އޭގެ ހަގީގީ ބަނދަރާ ދިމާޔަށް މިސްރާބު ހެޔޮކޮށްލުމުގެ ދަތުރުކަމުގެ ޔަގީންކަމެވެ. އަދި މިއީ، ދިވެހިވަންތަ ގައުމީ ޝަހުސިއްޔަތު، އަންނަން އޮތް ޖީލުތަކަށް ފޯރުވައިދިނުމުގެ ބުރަ މަސައްކަތް ފަށާ ދުވަސް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެއީ ދިވެހި ކޮންމެ ކުޑަކުއްޖަކަށް އަދި ކޮންމެ ޒުވާނަކަށް ލިބެންޖެހޭ ގައުމީ ހައްގެއް. ދިވެހި ތާރީހު އެނގުމުގެ ހައްގުން އެ ކުދީން މަހުރޫމު ކުރެވިގެން ނުވާނެ. ދިވެހިރާއްޖޭގެ ޖިއޮގްރަފީ އެނގުމުގެ ހައްގު، ދިވެހި ކިޔަވާކުދިންގެ ކިބައިން ނިގުޅައިގަނެވިގެނެއް ނުވާނެ،" އެމަނިކުފާނުގެ ވެރިކަމުގައި ދިވެހި ބަހާއި، ގައުމިއްޔަތާއި، ސަގާފަތް ދިރުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ 4000 އަހަރުވީ މިނިވަން ދިވެހިރާއްޖޭގެ ފަހުރުވެރި ދިވެހި ހަޟާރަތާއި އަސްލުތައް ދަސްކޮށް، އެކަންކަމުން އިލްހާމު ލިބިގެން، ދިވެހި ގައުމަށް ހެޔޮއެދި، މުރާލި ހިންމަތްތެރިޔަކަށްވުމުގެ ފުރުސަތު، ދިވެހި ކޮންމެ ކިޔަވާ ކުއްޖަކަށް ލިބެންޖެހޭނެ ކަމަށެވެ، މިއަދު މި ފަށަނީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއު ކަމަށާއި މިއީ، ދިވެހީންގެ ސިކުނޑިތައް ބިނާކުރުމާއި، ދިވެހީންގެ ކެރުމާއި، އަޒުމާއި ހިތްވަރާއި، އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމާއި، ދިވެހީން، ގޮތާ ފޮތާ ދިމާޔަށް އުފަލުން އެނބުރިލާނެ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މި މަޝްރޫއުން ދިވެހި ދަރީންގެ ނަފުސާނީ، ރޫހާނީ އަދި މާނަވީ ވެށި ހެޔޮގޮތުގައި ބިނާކޮށް ފައްކާކުރާނަން. ދަރީން ހެޔޮގޮތުގައި ބޮޑުކުރަން، މައިންބަފައިން ރެޔާއިދުވާލު އެ ވާ ގުރުބާނީގެ މައްޗަށް ތަސައްލީއެއް، އެ މައިންބަފައިންގެ އުއްމީދުން ފުރިފައިވާ ހިތްތަކަށް ހޯދައިދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

އާ ރައީސް މުއިއްޒު (ކ-2) ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ހުސެއިން (ކ) އާއި މަޖްލިސް ރައީސް އަސްލަމް އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަރިހުގައި.


އޭގެ ފަހުން އެމަނިކުފާނު، އެތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެންނަށް ދައުވަތު ދެއްވީ ދިވެހި ދިދަޔަށް ބައްލަވައިލަ ދެއްވުމަށެވެ. އެއަށް ފަހު ވިދާޅުވީ މި ވަގުތު އެ ޝަރަފުވެރި ދިވެހި ދިދަ އަޅުގަނޑުމެންނާ އެބަ މުހާތަބު ކުރާ ކަމަށެވެ. އެއީ، މިނިވަންކަމުގެ ދިދަ ކަމަށާއި އެކަން ދައްކައިދިނުމަށްޓަކައި، އަތްވާއި ވާރޭގައި، ރެޔާއިދުވާލު އެ ދިދަ ވިހުރޭ ކަމަށާއި، އެކަމުން ބުނެދެނީ، މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ ހިތްވަރާއި، ބަހައްޓަންޖެހޭ ސާބިތުކަމުގެ ވާހަކަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެ ދިދައިގައި ކުލަތައް އެތުރިފައި ހުންނަނީ، ވަކި މިންތަކަކުން ވަކި އިންތަކެއްގައި. އެއިން އެނގެނީ މިނިވަންކޮށް މުޖުތަމައެއް ނުވަތަ ގައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ތިބެގެންކަން. އެހެންކަމުން، އެ ދިދަ އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ދިވެހި ގައުމު ހަގީގީ ދިވެހި ގައުމަށް ވާނީ، ދިވެހި މުޖުތަމައު ދިވެހީންގެ ހަގީގީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެގެންކަން،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ދެން ފަހަތަށް އެނބުރި ވަޑައިގެން ދިދަ އަށް މުހާތަބަތުކުރައްވައި ވިދާޅުވީ ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން ކަމަށާއި، ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް ވެސް އިހުސާސް ކުރާ ކަމަށެވެ. އަދި ދިދަ ތިޔަ ދައްކައިދެނީ ގައުމު ދިފާއުކުރި މަތިވެރި ޝަހީދުންގެ ލޭފޮދާއި، ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުއްމީދާއި ދިރުމާއި، ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަހުރުވެރި ދިދައަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން! މިއަދު އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހީން ދިވެހީންގެ ހަރުދަނާ ގޮތްތައް ކުރިއަށް ނެރޭށޭ! އެކުވެރިވާށޭ! ބައިބައިނުވާށޭ! މިއަދު އަޅުގަނޑުގެ ހިތުގެ ނިދާޔަކީ، ދިވެހީން ދިވެހީންގެ ރިވެތި އަހުލާގު ދައްކުވައިދޭށޭ! ހެޔޮބަސް ބުނާށޭ! ނުބައިބަސް ނުބުނާށޭ! މިއަދު އަޅުގަނޑުގެ އެދުމަކީ، މި ލޮބުވެތި ދިވެހި ފަސްގަނޑުގެ ކޮންމެ ވެލިފުކެއްގެ އަގު ދަސްކުރާށޭ! ފަރުވާކުޑަކޮށް ނުލާށޭ!،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނުގެ އިފްތިތާހީ ތަގުރީރު ނިންމާލެއްވީ، މަޝްހޫރު ޅެންވެރިޔާ އަލް-މަރްހޫމް ޔޫސުފް މުހައްމަދުފުޅު (އެދުރުބެ) ހައްދަވާފައިވާ ޅެމެއްގެ ބައިތަކުންނެވެ.

"ކޮން ފަދަ ނަސީބެއްތޯއެ މީ، ދޮންވެލި ބިމެއްގައި ލެއްވުމީ ހަންހާރަވެތި ދިވެހީންގެ މީ، ގިންތީ ތެރޭ ހިމެނުއްވުމީ،"

މުއިއްޒުގެ ތަގުރީރަށް ތައުރީފުކުރައްވައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ތަގުރީރަކީ ބާރުގަދަ އަދި ހިތްވަރުލިބިވަނިވި ތަގުރީރެއް ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު ފާއިޒް ލިޔުއްވި ގޮތުގައި މުއިއްޒު އެ އިއްވެވީ ޖަޒުބާތުން ފުރިހައިވާ އަސަރުގަދަ ވާހަކަފުޅުތަކެއް ކަމަށެވެ.

"މުހިއްބުލް ވަޔަނުންގެ ހިތްތައް ފުރިގެންދިޔަ ނިދާއެކެވެ. ދިވެހި ދިދަޔަށް އިރުއޮއްސުމެއް ދެން ނާންނާނެ އެވެ. މާނައަކީ ފަހުރުވެރިކަމާއެކު ވިހުރުވެމުންދާ ދިދަ އިރު އޮއްސުމާއެކު ފަތްޖަހާފައި ދެން ފޮއްޓަކަށް ނުލާނެ އެވެ. ރެޔެއް ދުވާލެއް ނުބަލައި، ދިދަ އޭގެ ވާޖިބު އަދާކުރުމަށް ނެގިފައި ހުރި ދަނޑީގައި ވިހުރުވެ ވިހުރުވެ ހުންނާނެ އެވެ،"

މަޝްހޫރު ލިޔުންތެރިޔާ އަދި ވާހަކަދެއްކުންތެރިޔާ ހޯރަފުށީ މުހައްމަދު އާދަމް ސަލީމް ފޭސްބުކުގައި ލިޔުއްވި ގޮތުގައި އޭނާގެ ހަޔާތުގައި މިހާތަނަށް އެހި، އެންމެ އަސަރުގަދަ، އެންމެ ގައުމީ، އަދި އެންމެ އުއްމީދީ ތަގުރީރަކީ، މުއިއްޒު އެ ދެއްވި އަސަރީ އަދި ޖޯޝީ ތަގުރީރު ކަމަށެވެ.

"ސާބަސް ރައީސް ޑރ. މުއިއްޒު،"

މަޝްހޫރު ޅެންވެރިޔާ އަދި ލިޔުންތެރިޔާ ނަސްމާ އަބްދުﷲ (ނައްކޮ) ޓްވީޓްކުރެއްވި ގޮތުގައި އިވިގެންދިޔައީ ގައުމީ ލޯބި އުތުރިއެރި ތަގުރީރެއް ކަމަށެވެ.

"ދިވެހި ބަހުގެ މުއްސަނދިކަން ދެއްކި ނަމޫނާ ތަގުރީރެއް (މިއީ)،" ޓްވީޓުގައިވެ އެވެ.

މަޝްހޫރު ޓީވީ ހުށަހެޅުންތެރިޔާ އަހުމަދު ޝަކީބް (ޝަކީބްބެ) ލިޔުއްވި ގޮތުގައި މުއިއްޒު އެ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ގާނޫނީ ހުވާ ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ދެއްވި ހިތާބުތަކުގެ ތެރެއިން މިހާތަނަށް އަޑުއިވުނު އެންމެ ހަރުދަނާ އެންމެ އުއްމީދީ ހިތާބު ކަމަށެވެ.

"އުއްމީދަކީ އިންތިޒާރާ ގުޅިފައިވާ ކަމެއް،" އޭނާ ފޭސްބުކުގައި ލިޔުއްވާފައިވެ އެވެ.

ނިމުނު ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީލް ލިޔުއްވި ގޮތުގައި އާ ރައީސްގެ މިއަދުގެ ހިތާބަކީ ވަރަށް ފުރިހަމަ، އަސަރުގަދަ، ވަރުގަދަ ހިތާބެއް ކަމަށެވެ.

"މާތް ﷲ އެމަނިކުފާނަށް އިހްލާސްތެރިކަމާއި ހެޔޮ ތައުފީގު ދެއްވާށި!"