Advertisement

އެމްޑީޕީން ދީލާލައި، ބަރުލަމާނީ ވޯޓަށް އެއްބަސްވާނެތަ؟

18 ސެޕްޓެންބަރު 2023 - 10:42 3

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އާޓްވޯޓް: ރައްޔާން މުހައްމަދު


އެމްޑީޕީން ދީލާލައި، ބަރުލަމާނީ ވޯޓަށް އެއްބަސްވާނެތަ؟

18 ސެޕްޓެންބަރު 2023 - 10:42 3

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އޭނާގެ ރަނިން މޭޓް ހުސެއިން އަމްރު އެދިވަޑައިގަންނަވަނީ ސެޕްޓެމްބަރު 25, ގައި ކުރިން ރާއްޖޭގައި ހިންގާނީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބަލަން ރައްޔިތުންގެ ވޯޓަށް އަހާށެވެ.

ރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއްގެ ވާހަކަ ދައްކާތާ މިހާރު އަހަރުތަކެއްވެއްޖެ އެވެ. އެކަމަކު، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން އެފަދަ ވޯޓަކަށް އެހުމުގެ ވާހަކަ މީގެ ކުރިން ދައްކާފައެއް ނުވެ އެވެ.

އިލްޔާސްއަކީ ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ ރޭހުގެ ތިން ވަނައަށް ވަޑައިގެންނެވި ކެންޑިޑޭޓެވެ. އެހެންކަމުން، ވޯޓުގެ އެންމެ ފަހު ބުރުގައި އެއް ވަނައަށް ވަޑައިގެންނެވި ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ދެވަނައަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިލްޔާސްގެ ތާއީދު ބޭނުންވެ އެވެ.

ދެ ޕާޓީއާ ބައްދަލު ކުރުމަށްފަހު ވެސް ދަ ޑިމޮކްރެޓްސް ވަރަށް ސާފުކޮށް ބުނެފައި ވަނީ އެ ޕާޓީން ބޭނުންވާ ހަމައެކަނި ކަމަކީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދިޔުން ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު މިހާ ކުޑަތަންވެފައި އޮއްވައި ނިޒާމީ ވޯޓެއް ނެގިދާނެ ހެއްޔެވެ؟ އެކަން ކުރަން ޕާޓީތަކުން އެއްބަސްވާނެ ހެއްޔެވެ؟ އަދި ބަރުލަމާނީ ނުވަތަ ރިޔާސީ ވޯޓަކަށް ދާން ރައްޔިތުން ތައްޔާރު ހެއްޔެވެ؟

ޑިމޮކްރެޓްސްގެ ޑިމާންޑު

ކުރިއަށް އޮތް ނުވަ ދުވަހުގެ ތެރޭގައި ރިޔާސީ/ބަރުލަމާނީ އާންމު ވޯޓަކަށް ދިޔުމަކީ ކުޑަ ކަމެއް ނޫނެވެ. އެކަމަށް ޑިމޮކްރެޓްސް ވެސް އެއްބަސްވެ އެވެ. ނަމަވެސް، އެފަދަ ވޯޓެއް ނަގާނެ ހާލަތާއި ވަގުތު އޮތީ ފަހިވެފައި ކަމަށް އެ ޕާޓީން ދެކެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މިހާރު ވެސް ތިބީ ރަށްރަށުގައި ސްޓޭޝަންވެފަ އެވެ. އޮފިޝަލުން ތިބީ ނަގައިފަ އެވެ. ދެން، ހަފުތާއެއްހާ ދުވަހުގެ ކެމްޕެއިނަކަށްފަހު ފެންނަ ނުފެންނަ ވޯޓަކަށް ދެވިދާނެ ކަމަށް އެ ޕާޓީ ގަބޫލު ކުރެ އެވެ.

"ރައްޔިތުން މިކަމާ ވިސްނާތާ 16 އަހަރުވެއްޖެ. ރައްޔިތުން ތިބީ ތައްޔާރަށް،" އިލްޔާސްގެ ރަނިން މޭޓް ހުސެއިން އަމްރު ސޯޝަލް މީޑިއާގައި ވިދާޅުވި އެވެ.

ދެ ވަނަ ބުރުގެ ތާއީދު ހޯދުމަށް، ޕީޕީއެމް އަދި އެމްޑީޕީއަށް ހުށަހެޅުމުން، ކަމަކަށް އެއްބަސްވި ނަމަވެސް ލިޔުމެއްގައި ސޮއިކުރާ ހިސާބަށް ނުދާނެކަން ޑރ. މުއިއްޒުގެ ޓީމުން ވަނީ ޑިމޮކްރެޓްސްއަށް އަންގާފަ އެވެ. އޭގެ ޖަވާބުގައި ޑިމޮކްރެޓްސް ޕާޓީން ބުނީ އެއްވެސް ކަމަކަށް ލިޔުމުން އެއްބަސްނުވެވޭ ނަމަ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ދަތި އެއްޗެއްގައި ސޮއިނުކޮށް، ޕީޕީއެމްއާ އެކީ ޑިމޮކްރެޓުންނަށް މަސައްކަތެއް ކުރަން. އެނގިވަޑައިގަންނަވާނެ ސިޔާސީ ޕާޓީއެއް ޑިމޮކްރެޓްސް އަކީ ވެސް. ޕާޓީގައި އޮންނަން ޖެހޭނެ، ޕާޓީން އެއްބަސްވާ ކަންކަން [ލިއުމުން ފެންނަން]،" ޕާޓީގެ އެއް ފައުންޑަރު ހަސަން ލަތީފު ހުކުރު ދުވަހު ވިދާޅުވި އެވެ.

ހަތް ޕަސެންޓު ހޯދަން އެމްޑީޕީން އެވަރު ގުރުބާނީއެއް ވާނެތަ؟

ޑިމޮކްރެޓްސްގެ ފައުންޑަރު ހަސަން ލަތީފު ވިދާޅުވެފައިވާ ގޮތުން، މިހާރު ޑިމޮކްރެޓްސް ވާހަކަ ދައްކަމުންދަނީ ހަމައެކަނި އެމްޑީޕީއާ އެވެ. ދެ ވަނަ ބުރެއްގެ ކުރިން ނިޒާމުގެ ވޯޓަކަށް ދެން ދެވޭނީ ވެރިކަން ކުރާ ޕާޓީގެ ރުހުން ލިބިގެނެވެ.

އިންތިހާބުގެ ނަތީޖާ ލިބުމާއެކު އެމްޑީޕީން ވަނީ މަޖިލީހަށް ވައްދާފައި އޮތް، އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްފަ އެވެ. އެއާއެކު ދެން ޑިމޮކްރެޓްސް ފެށީ ނިޒާމުގެ ވޯޓުގެ ވާހަކަ އެވެ. އެކަމަކު އެ ޕާޓީން ބޭނުންވާ ހުރިހާ އެމްޑީޕީން ވެސް ދީލަލަފާނޭ ކަމަކަށް ނުބެލެވެ އެވެ.

"އަޅުގަނޑުމެން ކުޑަކަކޫ ޖަހާނެ އެހެން އެއްވެސް ފަރާތެއް ނެތް. އަޅުގަނޑުމެން މައާފަށް އެދޭނީ ހަގީގަތުގައި ވެސް އަޅުގަނޑުމެން މައާފަށް އެދެން ޖެހިއްޖެ ހާލަތުގައި، [އެއިރުން] ޖެހިލުމެއް ވެސް ނުވާނެ މައާފަށް އެދޭކަށް،" އެމްޑީޕީގެ ލީޑަރޝިޕްގެ ވަކިވަކި ބޭފުޅުން ޑިމޮކްރެޓްސްގެ ކިބައިން މާފަށް އެދުމަށް އެޕާޓީން ކުރި ޑިމާންޑާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހަށް ވުރެ 15،474 ވޯޓު ގިނައިން ޑރ. މުއިއްޒަށް ވޯޓު ލިބުނެވެ. އެއީ ގާތްގަނޑަށް ޑިމޮކްރެޓްސްއަށް ލިބުނު 15،839 ވޯޓާ އެއްވަރުގެ އަދަދެކެވެ.

އެކަމަކު ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ތެރެއިން 21 ވަރަކަށް ޕަސެންޓު މީހުން އެ ހައްގުގެ ބޭނުމެއް ނުކުރެ އެވެ. އެއީ 56،909 މީހުންނެވެ.

އެމްޑީޕީ އަދި ރައީސް ސޯލިހުގެ ކުރިމަތީގައި ދެގޮތެއް އެބަ އޮތެވެ. އެއްގޮތަކީ ނިޒާމީ ވޯޓަކަށް އެއްބަސްވެ، ޑިމޮކްރެޓްސްއާއެކު ކޯލިޝަން ހެދުމެވެ. އެއިރުން އެ ޕާޓީއަށް ވޯޓުލީ މީހުންގެ ތެރެއިން ގިނަ މީހުންގެ ވޯޓު ލިބޭނެ ކަމަށް ބެލިދާނެ އެވެ.

އަނެއް ގޮތަކީ ޑިމޮކްރެޓްސްއާއެކު އެއްބަސްވުމަކަށް ނުގޮސް ވޯޓުލާން ނުނިކުތް މީހުންގެ ތާއީދު ހޯދަން މަސައްކަތް ކުރުމެވެ. ވޯޓުލާން ނުނިކުތް ގިނަ މީހުންނަކީ އެމްޑީޕީ ސަޕޯޓަރުން ކަމަށް އެމްޑީޕީން ބުނެ އެވެ.

07، 10، 15، 18 އަދި 22 ގައި ވެސް ބަރުލަމާނީގެ މަސައްކަތް

ރިފޯމް އެޖެންޑާ

ބަރުލަމާނީ ނިޒާމަކަށް ދިވެހިރާއްޖެ ބަދަލު ކުރުމަށް މީގެ ކުރިން ހަ ފަހަރެއްގެ މަތިން ސީރިއަސް މަސައްކަތްތަކެއް ކޮށްފި އެވެ. އެ ހުރިހާ ފަހަރަކު ވެސް އެކަމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ބަރުލަމާނީ ނިޒާމެއްގެ ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ ދިވެހި ސަރުކާރުގެ ފަރާތުން ރިފޯމް އެޖެންޑާއެއް ނޮވެމްބަރު 11، 2003 ގައި އެއިރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއުލާނު ކުރެއްވުމުންނެވެ. އެއިރު ގާނޫނު އަސާސީ ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ނަމަވެސް އަސާސީއަށް ސަރުކާރުން ގެންނަން ބޭނުންވި އިސްލާހުތައް ފެބްރުއަރީ، 2005 ގައި މައުމޫން ގެންނަން ބޭނުންވެވަޑައިގެންނެވި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ހަވާލު ކުރި ދުވަހު ނިޒާމުގެ ވާހަކަ ދައްކާފައެއް ނެތެވެ.

އެ ދުވަހު ނޫސްވެރިން މައުމޫންއާ ސުވާލު ކުރުމުން ވިދާޅުވީ ރިޔާސީ އަދި ބަރުލަމާނީ ނިޒާމަށް އަމަލު ކުރުން ވެސް ޑިމޮކްރެޓިކް ސިސްޓަމެއްގައި މައްސަލައެއް ނެތް ކަމަށެވެ.

"އާދެ، މި ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމާ މި ހުންނަނީ، ގާނޫނީ ޓެކްނިކަލް ނަންތަކެއް ދޮގެއްތޯ؟ އެހެންވީމާ، ކޮންމެހެން އަޅުގަނޑުގެ މަގްސަދަކީ، ވަކިކަހަލަ ނަންބޯޑެއް ޖެހުމެއް ނޫން، މިކަމަކަށް. އަޅުގަނޑުގެ މަގްސަދަކީ، ރާއްޖެއާ އެންމެ ގުޅޭ، ރާއްޖޭގެ ރައްޔިތުންގެ ތަރައްގީ އާއި ހަމަޖެހުމާ އެންމެ ބޮޑަށް ގުޅޭ ނިޒާމަކީ ކޮބައިތޯ ބަލާފައި، އެ ނިޒާމެއް ގެނައުން،" ފެބްރުއަރީ 14، 2005 ގައި މައުމޫން ވިދާޅުވި އެވެ.

2007 ވަނަ އަހަރުގެ ނިޒާމީ ވޯޓު

ނިޒާމީ ވޯޓެއް އެންމެ ފުރަތަމަ ރާއްޖޭގައި ނެގެނީ ގާނޫނު އަސާސީ އިސްލާހު ކުރަމުންދިޔައިރު އޯގަސްޓް 17، 2007 ގަ އެވެ. އެ ވޯޓު ނެގިއިރު ރާއްޖޭގައި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާތާ ދެ އަހަރު ފުރިއްޖެ އެވެ.

ވެރިކަމުގައި އޮތް ދިވެހި ރައްޔިތުންގެ ޕާޓީ ރިޔާސީ ނިޒާމަކަށް ތާއީދު ކުރެއްވިއިރު، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ރައްޔިތުންގެ ވޯޓަކަށް އެފަހަރު ދިޔައީ ދެ ނިޒާމަށް ކެމްޕެއިން ކުރުމަށްފަހެވެ.

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 199،841 މީހުންނަށް ލިބުނެވެ. އަދި 155,890 މީހުން އެ އިންތިހާބުގައި ވޯޓުލި އެވެ. އެއީ ހަައްގު ލިބުނު މީހުންގެ 79 ޕަސެންޓެވެ.

އެ އިންތިހާބުގައި ރިޔާސީ ނިޒާމަށް 95،619 ވޯޓު ލިބުނެވެ. އެއީ 62 ޕަސެންޓު ވޯޓެވެ. ބަރުލަމާނީއަށް 58،504 ވޯޓު ލިބުނެވެ. އެއީ 37.9 ޕަސެންޓު ވޯޓެވެ.

ގާއިމް ކުރަން ބޭނުންވާ ނިޒާމެއްގެ ވޯޓު އޮތީ އޮޅުވާލާފައި ކަމަށް އެމްޑީޕީން އެއިރު ބުންޏެވެ. އަދި ވޯޓުގެ ބައެއް ކަންކަމުގައި ސިވިލް ކޯޓަށް ވެސް މައްސަލައެއް ވެސް ވެއްދި އެވެ.

2010 ގައި ނަޝީދުގެ ވެރިކަމުގައި ކުރި މަސައްކަތް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދުގެ ވެރިކަމުގައި ވެސް ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވި އެވެ.

އޭގެ ސަބަބުތައް ބައިވަރެވެ. އޭގެ ތެރެއިން އެއް ކަމަކީ އަދި އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ނަޝީދަށް ނުލިބުމާއެކު، ސަރުކާރު ހިންގުމަށް އިދިކޮޅު މެމްބަރުން ހުރަސް އެޅުމެވެ.

ނަޝީދުގެ ދައުރުގެ މެދު ތެރެއިން ރައްޔިތުންގެ މަޖިލިސް ހުއްޓި ގައުމު ހަލަބޮލިވަމުންދާން ފެށުމުން އެމަނިކުފާނު ދެ ގޮތެއް ހުށަހެޅުއްވި އެވެ. އެއް ގޮތަކީ، ގައުމު ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށްފަހު މަޖިލިސް އަދި ވެރިއަކު އަލުން ހޮވުމެވެ. އަނެއް ގޮތަކަށް އެމަނިކުފާނު ހުށަހެޅުއްވީ، އެކަމަށް އިދިކޮޅުން ތާއީދުކުރާ ނަމަ "ފުރިހަމަ ރިޔާސީ ނިޒާމަކަށް" ބަދަލު ކުރުމަށެވެ.

"ރިޔާސީ ނިޒާމު ފުރިހަމަ ކުރުން ނުވަތަ ބަރުލަމާނީ ނިޒާމަށް ބަދަލުވުން. އަޅުގަނޑު ތަކުރާރު ކުރަން، އަޅުގަނޑު މިހުރީ އެފަދަ ބަރުލަމާނީ ނިޒާމަކަށް އަޅުގަނޑުމެން ބަދަލުވާއިރުގައި، އަލުން އަނބުރާ އިންތިހާބަކަށް ދިޔުމަށް ވަރަށް ބޮޑަށް ތައްޔާރަށޭ،" ޖުލައި، 2010 ގައި ރައީސް ވިދާޅުވި އެވެ.

2015 ގެ ޕާޓީ ޓޯކްސްގައި އެމްޑީޕީން ބަރުލަމާނީ ހުށަހެޅުން

ފުލުހުންނާއި ސިފައިން ހިންގި މިއުޓިނީއެއްގެ ތެރެއިން 2012 ވަނަ އަހަރު ނަޝީދު އިސްތިއުފާ ދެއްވިފަހުން، ނިޒާމު ބަދަލުކުރުމުގެ ވާހަކަ އޮތީ ހުއްޓިފަ އެވެ.

ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން 2013 ވަނަ އަހަރު އަދި އޭގެ ކުރިންނާއި ފަހުން ވެސް ބަރުލަމާނީ ނިޒާމުގެ ވާހަކަ ދެއްކި އެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ދިޔުމަށް ސީރިއަސް މަސައްކަތްތަކެއް އަނެއްކާ ވެސް ފެށީ 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ބަރުލަމާނީ ނިޒާމަށް އެމްޑީޕީން އަނެއްކާ ވެސް މަސައްކަތް ފެށީ ސިޔާސީ މަޝްރަހު ވަރަށް ގޯސްވެފައި އޮތް ދުވަސްވަރެއްގަ އެވެ. ވެރިކަން ކުރަމުން އައި ޕީޕީއެމް ފިޔަވާ ދެން ތިބި ޕާޓީތައް އޮތީ ފިއްތާލައިފަ އެވެ. އެހެން އޮއްވާ، ބަރުލަމާނީ ނިޒާމުގެ ވާހަކަ އަނެއްވާ ވެސް ފެށުނީ، ޕާޓީތަކާއެކު ވާހަކަ ދައްކަން ސަރުކާރުން ނިންމުމުން އެމްޑީޕީން އެކަމަށް ލޮބީ ކުރަން ފެށުމުންނެވެ.

އެމްޑީޕީން ބޭނުންވީ ސަރުކާރުން ޕާޓީތަކާއެކު މަޝްވަރާ ކުރާއިރު ޕާޓީތައް އެއް ރޫހެއްގައި ވާހަކަ ދައްކައި، އެއް ކަންކަމަށް ޑިމާންޑު ކުރުމެވެ. އެގޮތުން، ބަރުލަމާނީ ނިޒާމުގެ ވާހަކަ ހިމެނޭ ގޮތަށް އެމްޑީޕީއަށް ފެންނަ ބައެއް ކަންކަމުގެ މައްޗަށް އެ ޕާޓީން ކަރުދާހެއް އެކުލަވާލި އެވެ. އޭގައި ހިމެނެނީ:

  • ބަރުލަމާނީ ނިޒާމެއް ގާއިމްކުރުން
  • ޖަލު ހުކުމުގައި ތިއްބެވި ސިޔާސީ ބޭފުޅުން ގޭބަންދަށް ބަދަލުކުރުން
  • މެއި 1، ގެ މުޒާހަރާއާ ގުޅިގެން ސިޔާސީ ލީޑަރުންނަށް ދައުވާ ނުކުރުން
  • މުޒާހަރާގައި ހައްޔަރުކުރި އާއްމުންގެ މައްޗަށް ދައުވާ ނުކުރުން
  • ވިޔަފާރިވެރިންނާ މެދު ސިޔާސީ އަދި ޒާތީ ފިޔަވަޅު އެޅުން ހުއްޓާލުން
  • ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުން
  • ކައުންސިލަރުން ސަސްޕެންޑްކުރުމާއި ބިރު ދެއްކުން ހުއްޓާލުން
  • ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމަށް ސަރުކާރުން ހުރަސްތައް ކުރިމަތިކުރުން ހުއްޓާލުން
  • ޑރ. އަފްރާޝީމް އަވަހާރަކޮށްފި މައްސަލަ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި މިނިވަން ތަހުގީގެއް ހިންގުން

ނަމަވެސް އެމްޑީޕީ ފިޔަވާ އެހެން އެއްވެސް ޕާޓީއަކަށް ބަރުލަމާނީއެއް ކަމަކު ނުދިޔަ އެވެ. އެގޮތުން، ނިޒާމުގެ ވާހަކަ ދައްކަން އާދަލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ ބޭނުމެއް ނުވި އެވެ. އަދި އެއިރު އުފައްދައިގެން އުޅުނު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ބޭނުމެއް ނޫން ކަމަށެވެ.

2018 ގައި ބަރުލަމާނީ ނިޒާމު އެމްޑީޕީ މެނިފެސްޓޯއަށް

މީގެ ފަސް އަހަރު ކުރިން ބޭއްވި ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރު ކުރި މެނިފެސްޓޯގައި ވެސް ވަރަށް ތަފުސީލުކޮށް ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކާފައި އޮތެވެ.

އެއިރު އެމްޑީޕީން ބުނަމުންދިޔައީ، ވެރިކަމަށް އާދެވިއްޖެ ނަމަ، މިހާރު ވެސް އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ހުވާ ކުރެއްވުމަށްފަހު ދެން މަސައްކަތް ކުރާނީ ޓްރާންޒިޝަނަލް ޖަސްޓިސްގެ މަސައްކަތް ފެށުން ކަމަށެވެ.

ނަމަވެސް އެންމެ ބޮޑު މަސައްކަތަކަށް އެ މެނިފެސްޓޯގައި ފާހަގަކޮށްފައި ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކުރުމުގެ ވާހަކަ އެވެ.

"ގާނޫނު އަސާސީ އިސްލާހު ކުރުމަށްފަހު އެެކުލަވާލާ ސަރުކާރުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އެކުލަވާލެވޭނީ މަޖިލިސް ތެރެއިން. މިހެން ބަދަލު ކުރުމުން ސަރުކާރުގެ މަތިބަރުކަން މާ ބޮޑަށް ކުޑަކުރެވިގެންދާނެ،" އެ މެނިފެސްޓޯގައި ބުނެފައިވެ އެވެ.

މެނިފެސްޓޯގައި ހިމެނި ބައެއް ކަންކަމަކީ:

  • ބޮޑުވަޒީރާއި ކެބިނެޓު މަޖިލީހުގެ ތެރެއިން ހޮވުން
  • އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ ކޯލިޝަން ސަރުކާރެއް އުފެއްދުމަށް ގާނޫނީ ހައިސިއްޔަތު ދިނުން
  • މެމްބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ ގޮތް ހެދުން

2022 ގައި ނަޝީދު ހުށަހެޅުއްވި ގަރާރު

ބަރުލަމާނީ ނިޒާމު ގެނައުމަށް ދެން އެންމެ ބޮޑު މަސައްކަތެއް ކުރީ 2022 ވަނަ އަހަރު ހަމަ ނަޝީދު އިސްކޮށް ހުންނަވަ އެވެ. އެމަނިކުފާނު ހުށަހެޅުއްވީ ބަރުލަމާނީ ނިޒާމް ގެންނަން ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެމްޑީޕީގެ ކޮންގްރެސްއަށެވެ.

އޯގަސްޓް 11، 2022 ގައި ނަޝީދު ހުށަހެޅުއްވި އެ ގަރާރަށް އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ތާއީދެއް ނުލިބުނެވެ. އެގޮތުން، ބަރުލަމާނީ ނިޒާމާ ދެކޮޅަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ރައީސް ސޯލިހު ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެ ގޮތުގައި މިހާރު އޮތް ގަރާރަކީ އަދި މި އޮތް ގޮތަށް ކޮންގްރެސްއަށް ހުށަހަޅައިގެން ބަހުސްކޮށްގެން ވޯޓާ ހިސާބަށް ދާވަރަށްވުރެ މާ ޅަފަތުގައި އޮތް ގަރާރެއް. އަޅުގަނޑުގެ އިލްތިމާސަކީ މި ގަރާރު އަނބުރާ ނެންގެވުން. އަނބުރާ ނަންގަވާފައި މިކަމާއި ދޭތެރޭގައި ވިސްނުން ގެންގުޅުއްވާ ފަރާތްތަކުން ރައްޔިތުންނާ ކައިރިއަށްދާންވީ. ގޭގެއަށް ވެސް ދާންވީ. ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަވަންވީ. ހޮޅުއަށިތަކުގައި ވާހަކަ ދައްކާ ބަހުސްކުރަންވީ," އެ ގަރާރު ހުށަހެޅުއްވުމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

އެއާއެކު ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދައި، ޕެޓިޝަނެއްހެދުމުގެ ބޮޑު މަސައްކަތެއް ފެށި އެވެ. އެކަމުގައި އަމަލީ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވީ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމެވެ. އޭނާ ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ 55 މެމްބަރަކާއި އާންމުންގެ 100،000 އަށްވުރެ ގިނަ މީހުން ޕެޓިޝަނުގައި ސޮއި ކުރި ކަމަށެވެ.

އެކަމަކު، އެންމެފަހުން އޯގަސްޓު 21، 2022 ގައި ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ގަރާރު އެމަނިކުފާނު އަނބުރާ ގެންދެވި އެވެ.

ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމް ކުރަން މިއީ ސީރިއަސް މަސައްކަތްތަކެއް ކުރާ ފަސް ވަނަ ފަހަރެވެ. ކޮންމެ ފަހަރަކު ވެސް ބަރުލަމާނީއަށް ތާއީދުކޮށް އިއްވި އަޑުތައް އަޑުއަހާނެ ކަންފަތްތައް މަދެވެ. މިފަހަރު ވެސް ބަރުލަމާނީ މި އުޅެނީ ހަވާސާގަ އެވެ. އެކަމަކު ވެސް، ބަރުލަމާނީ ކެމްޕެއިން މި ރާއްޖޭގައި ހުއްޓޭ ތަނެއް ނުފެނެ އެވެ.