Advertisement

ދެ ބުރުގެ ސަގާފަތުން ވީއްލަން ނުވޭތަ؟

14 ސެޕްޓެންބަރު 2023 - 07:28 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ދެ ބުރުގެ ސަގާފަތުން ވީއްލަން ނުވޭތަ؟

14 ސެޕްޓެންބަރު 2023 - 07:28 1

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއިން، ސިޔާސީ މަސްރަހު އެތުރިފައިވާ ގޮތަށް ތާރީހީ ބަދަލުތަކެއް އައިސްފި އެވެ. ވޯޓުގެ ރަނގަޅު އިންސައްތައެއް ހޯދާ ބައެއް ލީޑަރުންނަށް ލިބުނީ ވަރަށް ދަށް ނަތީޖާއެކެވެ. މައި ދެ ސިޔާސީ ފިކުރަށް 85 ޕަސެންޓު ވޯޓު ބެހުނެވެ. ކުރިން ވެސް އިންތިހާބުތަކުގައި މައި ދެ ފިކުރު ލީޑުކުރިއަސް އެ ނިސްބަތް އުޅުނީ ގާތްގަގަނޑަކަށް 70 ޕަސެންޓުގަ އެވެ.

މައި ދެ ސިޔާސީ ފިކުރަށް ލިބުނު ވޯޓު ގިނަ ވުމާއި، މީގެ ކުރިން "ކޯލިޝަން ކިންގް މޭކާ" ގެ ދައުރު އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ނިސްބަތުން ދަށް ނަތީޖާއެއް އައުމުން ކޯލިޝަންގެ އޮނިގަނޑަށް ބަދަލުތަކެއް ރައްޔިތުން ގެންނަން ބޭނުންވި ކަން ދައްކައިދިން ކަމެކެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ގިނަ މީހުންގެ ވިސްނުން ވެސް ހުރީ އެ ގޮތަށެވެ.

"މައި ދެ ޕާޓީއަށް ފޯރިދޭ މީހުން ތިބި ގޮތަށް ތިއްބަސް، އަހަރުމެން މި ތިބެނީ ފޫހިވެފަ، މި ކޯލިޝަން ސަކަރާތާ ހުރެ އިތުރަށް ފޫހިވޭ، ހަރަދުތައް ބޮޑުކުރަން ދެ ބުރުން ނިންމަނީ ކީއްކުރަން، ފުރަތަމަ ބުރުން ނިންމަން މައި ދެ ޕާޓީީން ކުރެ ޕާޓީއެއްގެ ކެންޑިޑޭޓަކަށް ވޯޓުލީ،" ޒުވާނަކު ބުންޏެވެ.

މައި ދެ ސިޔާސީ ފިކުރަށް ވޯޓުތައް ގިނަވި ނަމަވެސް ފުރަތަމަ ބުރުން ނަތީޖާ ނުނެރެވުމުގެ ސިޔާސީ ހަގީގަތަކަށް ދެން ވެސް ބަދަލެއް ނަ އެވެ. އެއް ސިޔާސީ ޝަހުސަކަށް ނުވަތަ ޕާޓީއަކަށް އެކަނި ފުރަތަމަ ބުރުގައި 50ޕަސެންޓަށް ވުރެ ގިނަ ވޯޓު މި ފަހަރު ވެސް ނުލިބެ އެވެ.

ވެރިކަމަށް އައުމަށް ފެހި ގާނޫނު އަސާސީގައި ދަމާފައިވާ "50 ޕަސެންޓު އަދި އިތުރު އެއް ވޯޓު" ގެ ރޮނގު ހުރަސް ކުރަން، ދެވަނަ ބުރުގެ ކެމްޕެއިންގެ ތެރެއިން އެހެން ޕާޓީތަކުގެ ތާއީދު ހޯދަން މަސައްކަތް ކުރަން ޖެހުމަކީ އަނެއްކާ ވެސް ބަދަލު ނުވެ އޮތް ސިޔާސީ ހަގީގަތެކެވެ.

ދެވަނަ ބުރުގެ ވޯޓު ލުމަށާއި އިންތިހާބުގެ އިތުރު އިންތިޒާމުތަކަށް އަނެއްކާ ވެސް 44 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ. ވީއިރު މި ނޫން ގޮތަކަށް މި ކަން ތަރުތީބު ކުރެވެން ނެތް ހެއްޔެވެ؟ މި ކަން އެހެން ގޮތަކަށް ތަރުތީބު ކުރުމުގެ ބާރު ރައްޔިތުންގެ އަތް މަތީގައި އޮތް އިރު ވެސް، މި އާދަ ތަކުރާރުވަމުން އައުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

ކޯލިޝަންގެ ތޮބީއަތާއި، ރައްޔިތުން ދިން މެސެޖު

ކޯލިޝަން ހެދުމުގެ ސަގާފަތާއި، ޕާޓީތަކުން އެ ކަމަށް ގެންގުޅެމުން އައި އާދަކާދަތަކާއި، ޑީލުތަކުގެ ތެރެއިން އުފައްދާ ސަރުކާރުގެ ވައްޓަފާޅިއަށް ރައްޔިތުން ނުރުހޭ ކަމަކީ މި އިންތިހާބުން ދިން އެއް ފިލާވަޅެވެ. އެއް މެސެޖެވެ. ސިޔާސީ ބައެއް ތަޖުރިބާކާރުންނާއި އެނަލިސްޓުން އެ ގޮތަށް ދެކެ އެވެ.

އަބަދުވެސް ފެނުނު އެއް ކަމަކީ ސަރުކާރު ކެބިނެޓާއި ސިޔާސީ މަގާމުތަކުގެ އިތުރުން ކުންފުނިތަކުގެ ވަޒީފާއިން ވަކި ބައެއް ކޯލިޝަނުގައި ބައިވެރިވާ ޕާޓީތަކަށް ދިން ތަނެވެ. ފުރަތަމަ ބުރުގައި ވޯޓު ލިބުނު ނިސްބަތަކަށް ނޫނީ ޕާޓީގެ މެންބަރުންގެ އަދަދު ހުރި ނިސްބަތަކުން ސަރުކާރުން ބައި އެޅުމެވެ.

"އަޅުގަނޑު ދެކެނީ މިއީ ކޯލިޝަންގެ ވާހަކަ ދައްކާ އެންމެ ފަހު އިންތިހާބު، ކުރިން ފުރަތަމަ ބުރު ނާކާމިޔާބުވާ ގިނަ ވޯޓު އޮތް ލީޑަރު ދެން ތާއީދުކުރާ ފަޅިއަށް، އޭނާގެ ހުރިހާ ވޯޓާސް އެބަ އަރާ، މިހާރު އެ އާދައަށް ބަދަލެއް އެބަ އާދޭ،" އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމައީލް (އިބްރާ) ވިދާޅުވި އެވެ.

މި ރިޔާސީ އިންތިހާބުގައި ވެސް އެ އާދަ އެ ގޮތަށް ބަދަލުވާ ކަން އެބަ ފެނެ އެވެ. އިބުރާ ވެސް ފާހަގަ ކުރެއްވީ ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި ޑިމޮކްރެޓްސްގެ ލީޑާޝިޕުން ގޮތެއް ނުނިންމަނީސް، އާންމު މެންބަރުންތަކެއް ގޮތެއް ނިންމައި، ސޯޝަލް މީޑިއާގައި އެ ހިޔާލު ފާޅުކުރަމުންދާ ކަމެވެ.

"ވޯޓާސްއަކީ އަޅުންނެއް ނޫން ދޯ، އެ މީހުނަށް ފެންނަ ބަޔަކަށް ވޯޓު ލާނީ، މިހާރު ވެސް ސޯޝަލް މީޑީއާއިން އެ ފެންނަނީ އެ މަންޒަރު، ޑިމޮކްރެޓްސްގެ ބައެއް އާންމު ސަޕޯޓަރުން އެ ބުނަނީ ދޯ، ރައީސް ނަޝީދު ވިދާޅުވިޔަސް ސަރުކާރަށް ވޯޓެއް ދެވެން ނެތޭ،" އިބްރާ ވިދާޅުވި އެވެ.

ސިޔާސީ އެ އާދަ ބަދަލުވި ނަމަވެސް ދެވަނަ ބުރަށް ދިޔުމުގެ އާދަ ތަކުރާރުވުމުގައި ދިމާވީ އާ ހާލަތެކެވެ.

މައި ދެ ސިޔާސީ ފިކުރުގެ ތެރެއިން ބަޔަކު ނުކުމެ، ވޯޓުތަކެއް ހޯދުމެވެ. ވޯޓުލާ އާބާދީގެ ބޮޑު ނިސްބަތެއް މައި ދެ ފިކުރަށް ވޯޓު ދިނުމުގެ ވިސްނުމަށް ޖެހުމުން، މައި ދެ ފިކުރުގެ ސަޕޯޓަރުންގެ ތެރެއިން އެއް ބަޔަކު ދެ ޕާޓީގެ ލީޑާޝިޕާ މެދު ހިތްހަމަނުޖެހި ޕާޓީއާ ދުރަށް ޖެހުމެވެ.

އެއް ކަމަކީ، ޕީޕީއެމްގެ ވިސްނުންތަކާ ދާދި އެއް އެއް ވިސްނުންތަކެއް ގެންގުޅުއްވާ އުމަރު ނަސީރު އަމިއްލަ ގޮތުން ވާދަކުރެއްވުމެވެ. ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީނަށް ވާދަނުކުރެވުނު މި އިންތިހާބުގައި، އުމަރަށް 2.8 ޕަސެންޓު ވޯޓު ލިބުނެވެ. އެއީ ވޯޓުލީ މީހުންގެ 2.8 ޕަސެންޓެވެ. 6،000 އެއްހާ ވޯޓެވެ.

އަނެއް ކަމަކީ، އެމްޑީޕީ ހިނގަމުން އައި ގޮތާ މެދު ނުރުހިގެން ވަކިވެގެން ބަޔަކު ނުކުތުމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން އުފެއްދި ޑިމޮކްރެޓްސްއަށް ހަތް ޕަސެންޓު ވޯޓު ލިބުނެވެ. އެއީ މި ފަހަރުގެ ކިންގް މޭކާ އެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި ޕާޓީ އެވެ.

ޑިމޮކްރެސީގެ އެއް ތޮބީއަތަކީ އަބަދުވެސް މައި ޕާޓީތަކާ މެދު ހިތްހަމަ ނުޖެހޭ ބަޔަކު ތިބުމެވެ. ވަރުގަދަ އިދިކޮޅު ހަރަކާތެއް ނެތް ނަމަ، ސަރުކާރުގެ ތެރެއިން އެފަދަ ހަރަކާތެއް އުފެދޭނެ އެވެ. މައި ދެ ޕާޓީގެ ސިފަތަކާ ދެކޮޅަށް ނުކުންނަ ބަޔަކަށް ތާއީދު ގެއްލިއްޖެނަމަ، އެހެން ބަޔަކު އެ ޖާގަ ފުރާނެ އެވެ.

"ސަރުކާރަށް، މައި ޕާޓީތަކަށް ފާޑުކިޔާނެ ބަޔަކު އަބަދުވެސް ތިބޭނެ، ހުސްކަމެއް އޮތިއްޔާ، ސަރުކާރު ތެރެއިން ވެސް އެ ދިމާލަށް ދަމާނެ، ރައީސް ނަޝީދު އެ ދިމާއަށް އެ ދެމީ، ހުސްވި ގޮޅިއަށް އެމަނިކުފާނު ގޮސް އެ ޖެހިލީ،" ޕޮލިޓިކަލް އެނަލިސްޓް އަދި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވި އެވެ.

ކޯލިޝަން ހެދުމަކީ ސިޔާސީ ސަގާފަތެއް ކަމަށް ޑރ. ޝަހީދުގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ގަބޫލުކުރައްވަ އެވެ. ޖަމީލު ދެކޭ ގޮތުގައި، ޑިމޮކްރެޓިކް ކޮންމެ ނިޒާމެއް އޮތަސް އަދި ރަސްކަމުގެ ނިޒާމެއް އޮތަސް ކޯލިޝަނަކީ، ކޮންމެ މުޖުތަމައެއްގެ ވެސް އާދައެކެވެ.

"ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައި ވެސް، މައި ދެ ޕާޓީއެއް ކުރީގައި އުޅޭނީ، އެކަމަކު ދެ ޕާޓީގެ ފަހަތުގައި ވަރަށް ގިނަ ކުދި ޕާޓީ އޮވެގެން ކާމިޔާބެއް ލިބެނީ، ޖަމިއްޔާތަކެއް ވެސް އުޅޭނެ، ލޮބީ ގްރޫޕްތަކުގެ ސަޕޯޓް ވެސް ހޯދާނެ، އެއީ ހަމަ ކޯލިޝަން،" ޖަމީލު ވިދާޅުވެފައިވެ އެވެ.

ޖަމީލުގެ ނުކުތާއަށް ބާރު ދެއްވުމަށް މިސާލެއްގެ ގޮތުގައި އިޝާރާތް ކުރެއްވީ އެމެރިކާއަށެވެ. އެމެރިކާގެ ނިޒާމުގައި ސްޓޭޓްތަކަށް ކަނޑައަޅާފައި އޮންނަ އެލެކްޓޯރަލް ވޯޓު ވަރަށް މުހިންމެވެ. ހުރިހާ އެލެކްޓޯރަލް ވޯޓެއް ލިބެނީ، ސްޓޭޓް ކާމިޔާބުކުރާ ކެންޑިޑޭޓަށެވެ. އެހެންވެ އަބަދުވެސް މެޖޯރިޓީ ބަދަލުވާ ސްޓޭޓްތަކުގެ ބާރު އޮންނާނީ އެ ސްޓޭޓެއްގެ ލޮބީ ގްރޫޕްތަކަށެވެ. އެއީ ވެސް، ޖަމީލު ގަބޫލުކުރައްވާ ގޮތުގައި، ކޯލިޝަނެކެވެ.

ވޯޓު ލުމުގެ އޮނިގަނޑު ބަދަލު ކުރަން ޖެހޭ؟

ގާނޫނު އަސާސީގައި 50 ޕަސެންޓު އަދި އެއް ވޯޓު ލިބިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭ ގޮތަށް ލިޔުނު ސަބަބަކީ ރައްޔިތުންގެ ފުރިހަމަ އަގުލަބިއްޔަތު ނެތް ވެރިޔަކު ވެރިކަމަށް އިސް ނުވުމެވެ.

ކޮންމެ ފަހަރަކު ވެސް ދެ ބުރުގެ ސަގާފަތް ތަޖުރިބާކުރަން ޖެހޭ އިރު، ނިޒާމަށް ބަދަލުތަކެއް ގެނައުމުގެ ބަހުސް ވެސް ދަނީ ދުވަހަކަށް ފަހު ދުވަހެއް ވަރުގަދަ ވަމުންނެވެ. އެއީ ސިޔާސީ އިލްމުގެ ބައެއް މާހިރުންގ ނަޒަރުގައި ކޯލިޝަނަކީ ރިޔާސީ ނިޒާމުގެ ސިފައެކެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވީ އިންތިހާބުގެ ކުރިއަށް ކޯލިޝަނެއް އުފައްދައިގެން ކުރިއަށްދާނަމަ މިހާރު މި ފެންނަމުންދާ މައްސަލަތައް އަބަދުވެސް ފެންނާނެ ކަމަށެވެ. އެއީ ތޮބީއީ ކަމެއްގެ ގޮތުގައި ހަސަން ސިފަކުރެއްވި އެވެ.

"އިންތިހާބުގެ ކުރިން އެބަ ކޯލިޝަން ހަދާ، އިންތިހާބުގައި ބައިވެރިނުވާ ޕާޓީތައް ވެސް އެބަ ބައިވެރިކުރެވޭ، އެހެން ތަރުތީބު ކުރާ ކޯލިޝަނެއްގައި ނޭނގޭނެ ކޮންމެ ޕާޓީއަކަށް ތާއީދު އޮތް ވަރެއް، އެހެންވެ ނުކުންނަ މައްސަލަތަކެއް، ދެބަސްވުންތަކެއް އެއީ،" މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ވިދާޅުވި އެވެ.

ނަޝީދުގެ ސަޕޯޓަރުން އަބަދުވެސް މީގެ ހައްލަކަށް ބަރުލަމާނީ ނިޒާމު ދައްކަވާއިރު، ގާނޫނު އަސާސީ ޑްރާފްޓްކުރި ހާއްސަ މަޖިލީހުގެ މެންބަރު އިބުރާ އެންމެ ފުރަތަމައިން ފެށިގެން ވަކާލާތު ކުރެއްވި ކަމަކީ ކޮންމެ ނިޒާމެއް ތަންފީޒުކުރި ނަމަވެސް ޕްރެފްރެންޝަލް ވޯޓިން ސިސްޓަމެއް އޮތުމެވެ.

"ޕްރެފްރެންޝަލް ވޯޓިން ސިސްޓަމްއަކަށް ބަދަލު ވާންވީއޭ، ޕްރެފެރެންޝަލް ވޯޓިން އައިމަ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު އޭރަށް ހޮވޭނީ، ހަމައެކަނި މަގުބޫލު ކެންޑިޑޭޓެއް ވެސް ނޫން މި ހޮވެނީކީ،" ތައުލީމީ ދާއިރާގައި ވެސް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އިބްރާ ވިދާޅުވި އެވެ.

މި ނިޒާމުގައި ވޯޓު ދޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓް ކޮށްގެނެވެ. ވޯޓުލާ ކޮންމެ މީހަކަށް ކަމުދާ ތަރުތީބުން ވޯޓު ދެވޭ ގޮތަށެވެ. އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް، މިފަދަ ގޮތަކަށް ޖަހައިގެން ރޭޓް ކޮށްގެންނެވެ. އިންތިހާބު ކާމިޔާބު ކުރާނީ އެންމެ ގިނަ މީހުން "އެކެއް" ގޮތުގައި ބަލައިގަންނަ ކެންޑިޑޭޓެވެ.

މި ނިޒާމުގައި ވެސް 50 ޕަސެންޓު ރައްޔިތުންގެ ރުހުން މަދުވެގެން އޮތްތޯ ބަލާނެ އެވެ.

އޭގައި އަމަލުކުރާ ގޮތަކީ 50 ޕަސެންޓު ރައްޔިތުން "އެކެއް" ރޭޓިން ދިން ކެންޑިޑޭޓެއް ނެތް ނަމަ، ދެން ބަލާނީ "ދޭއް" ރޭޓިން ދިން ގޮތަށެެވެ. "ދޭއް" ރޭޓިން ގުނަން ފަށާނީ "އެކެއް" ރޭޓިން މަދުން ލިބުނު ކެންޑިޑޭޓު ނުލަ އެވެ. "ދޭއް" ރޭޓިންއަށް ފަހު ވެސް 50 ޕަސެންޓު ކެންޑިޑޭޓަކަށް ހަމަ ނުވާ ނަމަ، ކުރިން މި ފާހަގަ ކުރި އުސޫލުން ހަމަ ކުރިއަށް ދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ދެކެވަޑައިގަންނަވާ ގޮތުގައި ކޯލިޝަން ނުހަދައި 50 ޕަސެންޓު ރައްޔިތުންގެ ރުހުން އޮތް ވެރިޔަކު ހޯދަން އެންމެ ރަނގަޅު ނިޒާމަކަށް އޮތީ އެ ނިޒާމެވެ.

"ކޯލިޝަން ތަސައްވުރު ނުކޮށް ގެންދެވޭނެ އެންމެ ރަނގަޅު ފޯމިއުލާއަކަށް އޮތީ ހަމަ މި ގޮތް، ކޯލިޝަނުން އަޅުގަނޑުމެން އެހާ ވަރަށް ރެކެން ބޭނުން ވަންޏާ، ފުރަތަމަ ބުރުން ކާމިޔާބު ވާ ގޮތަށް ހެދިޔަސް، ފުރަތަމަ ބުރުން ހަމަ ކުދި ޕާޓީތަކެއް ގުޅިގެން އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކޮށްފާނެ،" އަލީ ވިދާޅުވި އެވެ.

ޑީއާރުޕީއާއި ޕީޕީއެމްގައި ވެސް އިސް މަގާމުތަކެއް ފުރުއްވި އަދި މި އިންތިހާބުގައި ވާދަކުރެއްވި އުމަރު ނަސީރު ވެސް ކުރިން ވިދާޅުވެފައިވަނީ ގޮތުގައި، ތަހުޒީބު ޑިމޮކްރަސީތަކުގައި އެންމެ ރަނގަޅު އުސޫލަކަށް ވެސް މިހާރު ފެންނަނީ "ޕްރެފެންޝަލް ވޯޓިން ސިސްޓަމް" އެވެ.

"އެއީ އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ މޮޑާން ޑިމޮކްރެޓިކް އެއް ގޮތް، އޭރަށް ރައްޔިތު މީހާ، ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަށް ވަޒަން ކުރާނެ، އެންމެ ގަޔާވާ ކެންޑިޑޭޓަށް ފަހު، ދެން އެންމެ ގަޔާވާ ކެންޑިޑޭޓެއް ވެސް ލިޔާނެ، އެންމެން ވަޒަން ކުރާނެ،" ހޯމް މިނިސްޓަރު ކަން ވެސް ކުރެއްވި އުމަރު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މެނިފެސްޓޯތަކަށް ބެލުމުން ވެސް، ގިނަ ސިޔާސީ ޕާޓީ ބައިވެރިވާ ޑިމޮކްރެސީއަށް ރާއްޖެ ބައްޓަންކޮށްފައިވާ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަން ސިޔާސީ ލީޑަރުން ވެސް އެބަ ގަބޫލުކުރައްވަ އެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތީ މިފަދަ ބޮޑެތި ބަހުސްތަކެވެ. އެ ބަހުސްތަކުގެ ތެރެއިން އެއް ބުރުން މި ކަން ނިންމޭނެ ގޮތެއް ހޯދުން ކިހިނެއް ވާނެ ހެއްޔެވެ؟