19 ޖުލައި 2023 - 08:25 2
މުހައްމަދު އުޝާމް
19 ޖުލައި 2023 - 08:25 2
ފަސް އަހަރު ކުރިން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުނަމާގާއި އިސްކަން ދީފައި އޮތީ، ސިޔާސީ ހަމަޖެހުން ގާއިމް ކުރުމެވެ. ހަލަބޮލިވެފައިވާ މަގުތައް އަމާންކޮށްދިނުމެވެ. ރައްޔިތުންގެ ސިޔާސީ، އިޖުތިމާއީ، އިގުތިސޯދީ ހައްގުތައް ކަށަވަރުކޮށްދިނުމެވެ. ހިނގާފައިވާ ނުރައްކާތެރި މަރުތަކާއި ހަމަނުޖެހުންތަކާއި ހައްގުތައް ނިގުޅައިގަތުމުގެ މައްސަލަތަކުގައި އިންސާފު ގާއިމްކޮށްދިނުމެވެ.
އޭރު ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ނިކުންނެވީ "ޖަޒީރާ ރާއްޖެ" ޝިއާރު ނަންގަވައިގެނެވެ. އޭގެ ދަށުގައި މައިގަނޑު ފަސް ޝިއާރެއް ހިމެނުއްވި އެވެ. އެއީ ފަހުވެރި އާއިލާ، އޯގާތެރި ސަރުކާރު، ނޫ އިގުތިސޯދު، ޖަޒީރާ ދިރިއުޅުން، އަދި އިންސާފެވެ. އެހެން ނަމަވެސް ކެމްޕޭނުގައި ރާއްޖޭގެ ކޮންމެ ރަށަކަށް ވަޑައިގެން ވެސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް އިސްކަން ދެއްވާ ވާހަކައަކަށް އޮތީ ހަމަޖެހުމާއި އިންސާފެވެ.
"އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ އެންމެ މުހިންމު އެއް ވާޖިބަކީ ރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރުން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގައި އަދުލު އިންސާފު ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް އަޅުގަނޑުމެންގެ ޕްރޮގްރާމުގެ އެންމެ ކުރީގައި އޮންނާނެ،" ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ބ. އަތޮޅު ރަށެއްގައި ހުންނަވައި ސޯލިހު ވިދާޅުވެފައިވެ އެވެ.
އޭރު ދިވެހީން ތަޖުރިބާކުރީ ވެސް ސިޔާސީ ގޮތުން ގައުމު ހަލަބޮލި ފަސް އަހަރެކެވެ. ކުރިން، 2013 އިން 2018 އަށް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ފެށިގެން ނިމި ދިޔައީ އެމަނިކުފާނުގެ ސަރުކާރާ މެދު ނުރުހިފައި ތިބި މީހުންގެ މަގުމަތީގެ ހަރަކާތްތަކާއި، އަޑު އުފުލުމުގެ އެކި އިހުތިޖާޖުތަކުންނެވެ. އެއީ ސިޔާސީ ވާދަވެރިންގެ އިތުރުން ސަރުކާރުގެ އެތެރޭން އުފެދުނު ކޯޅުންތަކާ ދެކޮޅަށް ޔާމީން އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާ އެވެ.
ވާދަވެރި އެންމެ ބޮޑު ދެ ޕާޓީ، އެމްޑީޕީ އާއި ޖޭޕީ ގުޅިގެން މަސައްކަތް ކުރަން ފެށި ފަހުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ޖަލަށް ލި އެވެ. އެ އިއްތިހާދާ ގުޅުނު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ޖަލަށް ލި އެވެ. ޖަލަށްލި ސިޔާސީ މީހުންގެ ލިސްޓަށް ދެން އިތުރުވީ ޔާމީންގެ ބޭބޭފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޔާމީންގެ ޑިފެންސް މިިނިސްޓަރަކަށް ހުންނެވި މުހައްމަދު ނާޒިމާއި ނައިބު ރައީސަކަށް ބެހެއްޓެވި އަހުމަދު އަދީބެވެ.
އޭގެ ފަހުގައި މައުމޫންގެ ދަރިކަލުން މެމްބަރު އަހުމަދު ފާރިސް އާއި ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް ޖަލަށްލި އެވެ. ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް ވެސް ޖަލަށް ލި އެވެ. މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން ވެސް ޖަލަށްލީއިރު، އިލްހާމްގެ އަނބިކަނބަލުން ފުލުހަށް ހާޒިރުކޮށްފައި ވެސް އެތައް ދުވަހަކު ބެއިންދި އެވެ.
މި ހުރިހާ ކަމަކާ މެދު، ވާދަވެރި ސިޔާސީ ވެރީންގެ ސަޕޯޓަރުން ނުރުހުން ފާޅުކުރުމުގެ ގޮތުން ބާއްވާ އެއްވުންތަކާއި، ހިނގާލުންތަކާއި، ހަރުގެ ޖަލްސާތަކަށް ފުލުހުންނާއި ސިފައިން ދިޔައީ ހުރަސް އަޅަމުންނެވެ. އިދިކޮޅު ފަރާތްތަކުގެ ސަޕޯޓަރުން ހަމަޖެހިލައިގެން ސައި ބުއިމުގެ އިންތިޒާމެއް ރާވައިފިނަމަ، ހެދިކާތަކާއި ސައި ޖޯޑުތަކާއި މޭޒުތައް ވެސް ފުލުހުން ގެންގޮސްފައި އެބަ ހުއްޓެވެ.
ރައްޔިތުންގެ މަޖިލީހުގައި ވެސް އަޑު އުފުލުނަ ނުދީ އެތައް ތުރާލެއް ކުރިމަތިކުރުވި އެވެ. މަޖިލިހުގެ ތެރެއަށް ސިފައިން ވައްދައި، އެ ތަނުގެ ގޭޓު މަތީން މެމްބަރުން ބޭރަށް އުކާ ވެސް ލި އެވެ. ސަރުކާރާ މެދު ހިތްހަމަނުޖެހިގެން އޭރު ވެރިކަންކުރި ޕާޓީ، ޕީޕީއެމުން ވަކިވި 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލި އެވެ. އަހަރަކަށް ވުރެ ގިނަ ދުވަހު އެ މެމްބަރުންނަށް ދާއިރާ ތަމްސީލްކުރަން ފުރުސަތު ނުލިބި ދިޔަ އެވެ.
ގޭންގު މާރާމާރީތަކާއި، އެފަދަ މާރާމާރީތަކުން މީހުން ގަތުލު ކުރުމާއި ގޮތް ނޭނގޭ މަރުތައް ގިނަވުމާއި މީހުން ވަގަށް ނެގުމާއި، މިފަދަ އެތައް ކަމަކުން މާލޭގެ މަގުމަތީން އަމާންކަމުގެ މަންޒަރެއް ނުފެނެ އެވެ. އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތުމުގެ އެތައް ޝަކުވާތައެކެވެ.
މި ބިރުވެރި ހާލަތު އޮތް ސިޔާސީ މަސްރަހުގައި އޭރު އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބަށް އިއްތިހާދުވެ، ނެރުނު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހަށް އަމާންކަމާއި ސިޔާސީ ހަމަޖެހުމާއި ހައްގުތައް ކަށަވަރުކޮށްދިނުމާއި އިންސާފުގެ ވައުދު އިސްކުރުން ނޫން ގޮތެއް ވެސް ނޯންނާނެ އެވެ.
ފަސް އަހަރު ފަހުން ދެވަނަ ދައުރަކަށް ހޯއްދެވުމަށް ނުކުމެ ހުންނެވީ "އުފާވެރި، އަމާން ރާއްޖެ" ޝިއާރުގަ އެވެ. ޝިއާރަކަށް ވުރެ ބޮޑަށް ސަރުކާރުގެ ބޭފުޅުން، އަދި ކެމްޕެއިން ދަތުރުފުޅުތަކުގައި ރައީސް ސޯލިހު ވެސް ސިފަކުރައްވަނީ ލަގަބެއްގެ ގޮތުގަ އެވެ. މިދިޔަ ފަސް އަހަރު ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއަކީ "ޖަޒީރާ ރާއްޖެ"، އަކީ "އުފާވެރި، އަމާން ރާއްޖެ" އަކަށް ވުމެވެ.
ނަމަވެސް އެއީ ހަމަ ހައްގު ލަގަބެއްތޯ އެވެ؟
ޔާމީނުގެ ވެރިކަމުގައި ހިނގައިދިޔަ ފަސް އަހަރުގެ ދުވަހުގެ ތެރޭގައި މީހުން މަރާލުމުގެ 28 މައްސަލައެއް ރެކޯޑު ކުރެވިފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ވެސް ގޭންގުތަކުން އެއް ބަޔަކު އަނެއް ބަޔަކަށް ބަދަލު ހިފުމަށް ގަސްތުގައި، އިންތިޒާމުވެގެން ރޭވިގެން މީހުން މެރުމުގެ މައްސަލަތަކެވެ. އޭގެ އިތުރުން ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން މީހަކު މަރާލުމުގެ ދެ މައްސަލައެއް އޭގައި ހިމެނެ އެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި މި ހިނގި މުއްދަތުގައި ރެކޯޑު ކުރެވިފައިވަނީ އެފަދަ 14 މަރެކެވެ. ކުރީ ފަސް އަހަރާ އަޅާ ބަލާއިރު ދެގުނަ ދަށް އަދަދެކެވެ. އޭގެ ތެރޭގައި ރޭވިގެން އިންތިޒާމުވެގެން ގޭންގުތަކުން މީހުން މޭރުމުގެ މައްސަލަތައް ހިމެނުނު ނަމަވެސް ބިދޭސީންގެ ތެރޭގައި ހިނގާފައިވާ މާރާމާރީތަކާއި، މަސްތުވާތަކެއްޗާއި ފައިސާގެ ބޭނުމުގައި ދީފައިވާ ހަމަލާތައް ވެސް ހިމެނެ އެވެ.
ފުލުހުންގެ ވެބްްސައިޓްގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2014 އިން 2018 ގެ ނިޔަލަށް މާރާމާރީގެ 4،307 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. އަދި 2019 އިން ފެށިގެން 2023 ގެ މިހާތަނަށް ރިޕޯޓްކޮށްފައިވަނީ މާރާމާރީގެ 2،726 މައްސަލައެކެވެ. ތަފުސީލަށް ބަލާއިރު، 2014 އިން 2018 އަށް މުދަލަށް ގެއްލުން ދިނުމުގެ 2،348 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، 2019 އިން 2023 ގެ މިހާތަނަށް އޮތީ އެފަދަ 2،113 މައްސަލައެކެވެ.
ވައްކަމާއި ފޭރުމުގެ މައްސަލަތައް ވެސް މަދުވެފައިވީ ނަމަވެސް އެ ދެ މުއްދަތު އަޅާކިޔާއިރު އިރު މަކަރާއި އޮޅުވާލުމާއި ހިޔާނާތުގެ މައްސަލަތައް އޮތީ އިތުރުވެފަ އެވެ. ޔާމީންގެ ވެރިކަމުގައި 2014 އިން 2018 ގެ ނިޔަލަށް މަކަރާއި ހިޔާނާތުގެ 2،688 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ. މި ވެރިކަމުގައި 2019 އިން 2023 ގެ މިހާތަނަށް އޭގެ 3،344 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
ގެވެށި އަނިޔާގެ މައްސަލަތަކުގައި އޭރު 1،361 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. އަދި މިދިޔަ ފަސް އަހަރު 1،082 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. ޖިންސީ ކުށުގެ 2،281 މައްސަލައެއް އޭރު ރިޕޯޓް ކޮށްފައިވެ އެވެ. އަދި މިދިޔަ ފަސް އަހަރު އޭގެ 1،708 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. މިފަދަ މައްސަލަތަކުގައި ރިޕޯޓް ނުކުރުމުގެ ސަގާފަތެއް ވެސް އޮންނަ ކަން ފާހަގަކޮށްލަން ޖެހެ އެވެ.
އަމާންކަމާއި ހިތްހަމަޖެހުން ހޯދުމަށް އެންމެ މުހިންމު ކަމަކަށް އޮތީ ފަނޑިޔާރުގޭގެ ފެންވަރު ރަނގަޅު ވުމެވެ. ޖުޑިޝަރީގައި ހުރި ޒަމާންވީ ގިނަ މައްސަލަތަކަށް ހައްލެއް ދެއްކުމެވެ. އަވަސްމިނުގައި، ކައިރިކައިރީ ގިނަ އަޑުއެހުންތައް ބާއްވައިގެން ޝަރީއަތްތަކަކީ ހިނގަހިނގާ އޮންނަ ކަމެއް ގޮތުގައި އެ ކަން ބަދަލު ވުމެވެ. އަދި އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ލިބުމުގެ އިހުސާސް އޮތުމެވެ.
ރައީސް ސޯލިހުގެ ވައުދަކީ އެއީ އެވެ. ކުރިން ހިނގި މައްސަލަތަކުގައި އިންސާފު ހޯދުމެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި، ނޫސްވެރިޔާ އަހުމަދު ރިލްވާނާއި، އޭނާގެ އެކުވެރިޔާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަތައް ހިމެނޭހެން މަރުގެ މައްސަލަތަކެއް ބަލަން ރިޔާސީ ކޮމިޝަނެއް އެކުލަވާލި އެވެ. ލިބުނުހާ ވެސް ކުރިއެރުމަކީ އެއީ ދީނީ ހަރުކަށި ފިކުރު ފަތުރަން ރާއްޖޭގައި މަސައްކަތް ކުރާ ބަޔަކު އަޑީގައި ތިބެގެން ހިންގި ކަމެއް ކަން ރިޔާސީ ކޮމިޝަނުން އާންމު ކުރުމެވެ.
އެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް އަދިވެސް ނާދެ އެވެ. އެ މައްސަލަތަކުގައި ކުރިން ދައުވާ ނުކުރާ ބަޔެއްގެ މައްޗަށް ދައުވާކުރީ ވެސް މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެ ޖަރީމާތައް ހިންގުމަށް އަޑީގައި ތިބި މީހުން ހޯދިފައި ނެތުމުން އިންސާފު މުޅީން ލިބިފައިވާ ކަމަށް އާއިލާތަކުން ގަބޫލެއް ނުކުރެ އެވެ. އިތުރުވެފައިވާ މާޔޫސްކަމާއެކު އެ އަޑުތައް ވެސް ވަނީ މުޅީން މަޑުވެފަ އެވެ.
އޭގެ އިތުރުން، ދައުލަތުގެ ސެކުއިރިޓީ އެންމެ ވަރުގަދަކޮށް އޮންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަކީ އަދިވެސް ދީނީ ހަރުކަށި ފިކުރުގެ ޓެރަރިސްޓް ނެޓްވޯކްތަކުގެ ވަރުދަކަން ދެމިއޮތުމުގެ ހެއްކެކެވެ. އެ މައްސަލާގައި ވެސް ބަޔަކަށް ދައުވާ ކުރި ނަމަވެސް ޝަރީއަތުގެ ދުވެލި މަޑެވެ.
އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ ދުވެއްޔާ މެދު ހިތްހަމަނުޖެހުން ފާޅުކުރި އެކަކަކީ ހުދު ރައީސް ސޯލިހުގެ ފަރާތްޕުޅުން އެ ކަންކަމަށް ފާރަވެރިވާން ހަމަޖައްސާފައިވާ މަންދޫބު އިނގިރޭސިވިލާތުގެ އައްބާސް ފާއިޒެވެ.
"މި މައްސަލައިގެ ޝަރީއަތް ލަސްވެގެންދާ އެކަށޭނަ ސަބަބެއް ރާއްޖޭގެ ޝަރުއީ އިދާރާތަކަށް ދެއްކިފައެއް ނުވޭ," ޝަރީއަތް ލަސްވާ ކަމަށް ކްރިމިނަލް ކޯޓުން ބުނާ ސަބަބުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އައްބާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.
މަދަނީ މައްސަލަތަކުގައި މަސައްކަތްކުރައްވާ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާގެ ވެސް އޮތް ހިތްހަމަނުޖެހުމަކީ ޝަރުއީ ދާއިރާގެ ދުވެއްޔެވެ. ކޯޓުތަކުގެ ވަސީލަތްތައް އިތުރުކޮށްގެން ވެސް އެ ކަން ހަމައަކަށް އެޅިފައި ނެތުމުން، އިންސާފާއި ހައްގު ރައްކާތެރިކުރުމުގެ ދާއިރާ އަދިވެސް އޮތީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ވަރަށް ފަހަތުގަ އެވެ.
"ވަރަށް ފަހުން ނިމުނު ބައެއް މައްސަލަތަކަށް ބަލާއިރު ވެސް، 11 އަހަރު މި ދިޔައީ ޝަރީއަތުގެ ތިން މަރުހަލާ ނިމެން، ދެން މި ނިމެނީ ގެއްލުމުގެ ބަދަލު ހޯދަން އަނެއްކާ ވެސް ވަކި މައްސަލައެއް ހުށަހަޅަން އަންގާފައި، 11 އަހަރު ފަހުން އަނެއްކާ ވެސް ދަށު ކޯޓަށް ގޮސް، ހައި ކޯޓަށް، އަދި ސުޕްރީމް ކޯޓަށް، މިހާރު އޭނާ ހުންނާނީ ޝަރުއީ ދާއިރާއިން އިންސާފު ހޯދަން ފޫހިވެފައި،" ޝުނާނާ ވިދާޅުވި އެވެ.
ކުރިން ފަނޑިޔާރު ކަން ކުރެއްވި ބޭފުޅަކު، ސިޔާސީ ލީޑަރެއްގެ އިންތިހާބީ ޝިޔާރަކަށް ވާތީ، ނަން ނުޖެހުމަށް ޝަރުތުކޮށް ކިޔައިދެއްވި ގޮތުގައި އަމާންކަމާއި އުފާވެރިކަމުގެ އިހުސާސެއް ވާނީ އެފަދަ މައްސަލަތައް މަދުވުމުގެ އިތުރަށް އެހެން ހުރި މައްސަލަތަކުގައި އިންސާފު ލިބޭނަމަ އެވެ. އަދި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ދެއްކެވީ ވެސް އެ ވާހަކަފުޅެވެ.
"މަރުގެ މައްސަލައެއް ހިނގާތާ 10-11 އަހަރު ފަހުން ކިރިޔާ ދަށު ކޯޓުގެ މަރުހަލާއިން މައްސަލަ ނިމޭ ވަރު މި ވަނީ، އަދިވެސް އެ ހަގީގަތް އެ އޮތީ އެ ގޮތުގައި، އަހަރެން ޕާސަނަލީ، ހިތްހަމައެއް ނުޖެހޭ ޝަރުއީ ދާއިރާއަށް ސަރުކާރުތަކުން، މި ސަރުކާރު ވެސް ހިމެނޭހެން، އިންވެސްޓްކޮށްފައި ހުރިލެއް،" އޭނާ ވިދާޅުވި އެވެ.
އިންސާފު ލިބެމުން އަންނަ ކަމުގެ އިހުސާސް ނުވި ނަމަވެސް އެ ދެ ވަކީލުން ވެސް އެއްބަސްވި ކަމަކީ ބައެއް ހެޔޮ ބަދަލުތަކެއް ވެސް އައިސްފައި ހުރި ކަމެވެ. އެ ގޮތުން އޮންލައިންކޮށް ޝަރީއަތްތައް ބޭއްވޭނެ އިންތިޒާމު ހަމަޖެހުމާއި، ސުޕްރީމް ކޯޓުގެ ދުވެއްޔަށް ބަދަލުތަކެއް އައިސްފައިވާ ކަން ދެ ވަކީލުން ވެސް ގަބޫލުކުރައްވަ އެވެ.
މީގައި ކުރިއެރުމެއް ލިބުނުތޯ ބެލުމަށް ދެން ބަލަން އޮތީ މިފަދަ މައްސަލަތައް ދިރާސާކޮށް ނެރޭ ބައިނަލްއަގްވާމީ އިންޑެކްސްތަކާއި ސްޓޭޓަސްތަކެވެ.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި 2021 ވަނަ އަހަރު 75 ވަނަ ރޭންކުގައި އޮތް ގައުމު މިދިޔަ އަހަރާއި މި އަހަރު ސޮއްސާލާފައި އޮތީ 85 ވަނަ ރޭންކުގަ އެވެ. ޕްރެސް ފްރީޑަމް އިންޑެކްސްގައި މިދިޔަ ދެ އަހަރު ފަހަތަށް ސޮއްސާލިއިރު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރޭ "ޓްރެފިިކިން އިން ޕާސަންސް ރިޕޯޓް" ގައި ރާއްޖެ އޮތީ އެއްވެސް ބަދަލެއް ނައިސް އެއް ދަރަޖައިގަ އެވެ.
ހިއުމަން ޓްރެފިކިންގެ ރިޕޯޓްގައި ރާއްޖެ ކުރިއެރުމެއް ނައިސް އެއް ސަބަބެއްގެ ގޮތުގައި އެ ރިޕޯޓްގައި ބަޔާން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް އުފުލާފައިވާ ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެނައުމެވެ.
"ހަދަމުން އަންނަ ރިސޯޓެއްގައި ތިބި ބިދޭސީ 200 މަސައްކަތުގެ މީހުންގެ ތެރެއިން ދެ މީހަކަށް މުސާރަ ނުދީ، އެމީހުންނަށް ބިރުދައްކައިގެން ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ [މަސައްކަތް ކުރުވުމުގެ] ތުހުމަތުގައި ކޮންސްޓްރަކްޝަން ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި، ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރަކާ ދެކޮޅަށް، މިދިޔަ ރިޕޯޓިން ޕީރިއަޑްގައި ކުރި ހިއުމަން ޓްރެފިކިން ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އަނބުރާ ގެންގޮސްފަ،" އެ ރިޕޯޓްގައި ބުނެ އެވެ.
އޭގައި ވެސް އަދި ޓްރާންސްޕޭރެންސީ ޖަމިއްޔާގެ ދިރާސާތަކުން ވެސް ފާހަގަކޮށްފައި އޮންނަ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަންގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ، އިންސާފުގެ ދާއިރާއަށް ސިޔާސީ ނުފޫޒު ވަނުމުގެ ޖާގައެއް އޮންނަނީ ދެވިފަ އެވެ. އެ ކޮމިޝަނުގެ އެކުލެވުން ބަދަލުކުރުމަކީ ވެސް ސަރުކާރުގެ ވައުދަކަށްވީ ނަމަވެސް ރިޔާސީ ދައުރު ނިމެން ކައިރިވާ އިރު ވެސް އެ ކަން އަދި ކުރެވިފައެއް ނުވެ އެވެ.
ސާފުކޮށް ފެންނަން އޮތް ކަމަކީ މީގެ ކުރިން ފެނިގެން ދިޔަ ހަލަބޮލިކަމެއް ރާއްޖޭގައި މިހާރަކު ނެތެވެ. ސަރުކާރުގެ އެތެރޭގައި ކޯޅުން ބޮޑުވެގެން ނައިބު ރައީސުން ތިން ފަހަރު މަތިން ބަދަލު ކުރަން ޖެހިފައެއް ނެތެވެ. ކުއްލި ނުރައްކަލުގެ ހާލަތު ދެ ފަހަރެއް މަތިން އިއުލާނެއް ނުކުރެ އެވެ.
ސިޔާސީ މީހުން ހައްޔަރުކުރުމާއި މީޑިއާތައް ބަންދުކުރުން ފަދަ އެއްވެސް ކަމެއް ނެތެވެ. ކިރިޔާ ވެސް އޮތް ކަމަކީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާއި އެމަނިކުފާނުގެ މައްޗަށް ހިނގަމުންދާ ޝަރީއަތެވެ. އޭރުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި އޭގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ސިޔާސީ މީހުންގެ މައްޗަށް ހިންގާ ޝަރީއަތެކެވެ.
ކޯލިޝަން ދެމެހެއްޓުމަކީ ސިޔާސީ ހަލަބޮލިކަން ހިފެހެއްޓުމަށް އެޅުނު އެއް ފިޔަވަޅުގެ ގޮތުގައި ރައީސް ސޯލިހުއާ އަރިސް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ވެސް ވިދާޅުވި އެވެ.
"ކޯލިޝަން ދެމެހެއްޓުން، ބައިވެރިންގެ މަސްލަހަތު ވެސް އަމިއްލަ ޕާޓީގެ މަސްލަހަތު ފަދައިން ބެލުން، އޭރަށް މި ލިބުނު އެޑްވާންޓޭޖަކީ މާ ބާރުގަދަ ވާދަވެރި އިދިކޮޅު ފަރާތެއް ނެތުން، ފަސް އަހަރު ނިމިގެން މިދިޔައީ، އޮޕޮޒިޝަނެއްގެ ހަލަބޮލިކަމެއް މަގުމަތީގައި އިހުސާސް ނުވެ، ސަރުކާރާ މެދު ހިތްހަމަނުޖެހޭ މާ ގިނަ ސިޔާސީ ވެރީންތަކެއް ވެސް ފަސް އަހަރު ތެރޭގައި ނުފެނި ދިޔުން،" އެ މެމްބަރު ވިދާޅުވި އެވެ.
ސިޔާސީ ހަމަޖެހުން ގުޅިފައި އޮތް އަނެއް ކަމަކީ، އޭރެއްގައި އޮންނަ ސަރުކާރަކާ މެދު ހުރި ހިތްނުރުހޭ ކަންކަމާ މެދު އަޑު އުފުލުމެވެ. އަޑު އުފުލޭނީ އެއްވެގެނެވެ. އިހުތިޖާޖުތަކެއް ރާވައިގެނެވެ. ހަރުގެ ޖަލްސާތަކާއި، ހިނގާލުންތަކާއި، ކެމްޕޭން ހަރަކާތްތަކާއި، ހަވީރު ސައި ބާއްވާން މިހާރު ފުލުހުން ހުރަހެއް ނާޅަ އެވެ. ނަމަވެސް އެއްވެ އުޅެން ހަނިކޮށްފައިވާ ގާނޫނުގެ މާއްދާ އަދިވެސް އެ ގޮތުގައި އެބަ އޮތެވެ.
ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގެ ކާނިވާ ނޫން ސަރަހައްދަކަށް އެއްވުން މަނާ ކުރީ އޯގަސްޓް 17، 2016 ގައި ޔާމީނުގެ ވެރިކަމުގަ އެވެ. އޭރު ވެރިކަމުގައި އޮތް އަދި މަޖިލީހުގެ މެޖޯރިޓީ ވެސް އޮތް ޕީޕީއެމުން ހުށަހެޅި އިސްލާހު 37 މެމްބަރުންގެ ވޯޓުން ފާސްވުމުން، ރައީސް ސޯލިހު އޭރު ވިދާޅުވެފައި ވަނީ ވެސް އެއީ އަމަލު ކުރަން ނުޖެހޭ، ގާނޫނު އަސާސީއާ ހިލާފު މާއްދާއެއް ކަމަށެވެ.
"އަސާސީ ހައްގުތަކާ ބެހޭ އެއްވެސް މާއްދާއެއް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން. މިއީ [މަޖިލީހުގެ] އަގުލަބިއްޔަތުން އެކަން ނުކުރެވޭނެ ކަން އަންގަން ލިއެދީފައި އޮތް މާއްދާއެއް. މި މާއްދާގެ ބޭނުމަކީ އަސާސީ ހައްގުތައް ރައްކާތެރިކުރުން،" ރައްޔިތުންގެ މަޖިލީހުގެ ގޭޓު ކައިރި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.
އެކަމަކު މިއަދު އެމަނިފާނުގެ ވެރިކަމުގައި ވެސް މާލެއަށް އެއްވުމަކީ ރައްޔިތުންނަށް މަނާ ކަމެކެވެ. އިސްލާހު އޮތް ގޮތަށް ހަމަ އޮތީ އެވެ. އެ މާއްދާ ތަންފީޒު ކުރުމަށް ސަރުކާރުގެ އިދާރާތަކާއި ފުލުހުން ކުރިއެކޭ އެއް ގޮތަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރެ އެވެ. މަގުމައްޗަށް މިހާރު އެއްވެ އުޅޭ އެއް ބަޔަކީ ޔާމީންގެ ސަޕޯޓަރުންނެވެ. އެ އެއްވުންތައް ކޮންމެ ރެޔަކު ވެސް ފުލުހުން ރޫޅާލަ އެވެ.
އެއްވެ އުޅުން ހަނިކޮށްފައި އޮތުމުގެ ނުރުހުން، އޭރު އެ އިސްލާހު ގެނައި ޕީޕީއެމްގެ މެމްބަރުންގެ އިތުރަށް މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި އަދި މި ފަހުން އެމްޑީޕީން ވަކިވި މެމްބަރުންނާއި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ހިމެނެ އެވެ. މުޒާހަރާ ކުރުން މަނާ ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މި ދާދި ފަހުން ވިދާޅުވުމުން އެ ނުރުހުން ޓުވިޓާއިން ފެނުނެވެ.
ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި މިހާރު ޔުނިވާސިޓީ އޮފް އެސެކްސްގައި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ތަގުރީރު ދެއްވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އެއްވެ އުޅުމާއި އަޑު އުފުލުމުގެ މިނިވަންކަން އޮތުމަކީ ސިޔާސީ ހަމަޖެހުމުގެ ބަޔެކެވެ. އެ ނުލިބޭ ނަމަ ނުރުހުން އޮންނާނެ އެވެ. އަދި ސިޔާސީ ހަމަޖެހުން މުޅީން ގާއިމު ވެސް ނުވަނީ އެވެ.
"ހަމަ ގައިމުވެސް ނުކުރެވޭނެ ކަމަކީ ހަމައެކަނި އެއްވެވޭނީ މިވެނި އެވެނި ތަނަކަށޭ ބުނުން. އެއީ ނުކުރެވޭނެ ކަމެއް ކަމަށް އދ. ގެ ކަމާ ބެހޭ ފަރާތްތަކުން އޮންނާނީ ކަނޑައަޅާފަ. އެގޮތަށް ރާއްޖޭގައި ކަންކަން އޮތް ނަމަ އެއީ ޑިމޮކްރަސީގެ އަސާސްތަކާ އިންސާނީ ހައްގުތަކާ ހިލާފަށް ކުރެވުމުންދާ ކަމެއް،" އޭނާގެ ހިޔާލު ހިއްސާ ކުރައްވަމުން ޑރ. ޝަހީދު ވިދާޅުވި އެވެ.
ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ މަސައްކަތް ރައީސް ސޯލިހު ފައްޓަވާފައިވާ އިރު އެމަނިކުފާނުގެ ޝިޔާރު "އުފާވެރި، އަމާން ރާއްޖެ" އެއް ގެނެސްދެވިފައިވާ ކަން ނުވަތަ ނޫން ކަން ނިންމުމުގެ ބާރު މި އޮތީ ދިވެހި ރައްޔިތުންގެ އަތްމަތީގަ އެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންދާ ދުވަހު، ހަމަހިމޭން ކަމާއެކު ތިބެ ރައްޔިތުން ވޯޓު ކަރުދާހުގައި ޖަހާލާ ފާހަގައިން އެ ކަން ނިމިގެން ދާނެ އެވެ.
Comment