Advertisement

ހާލުގައި އުޅުނު ޒުހުރާއަށް ކުއްލި ސަމާލުކަމެއް، އޭނާއަށް ހައިރާންކަމާއި އުފާ

12 ޑިސެންބަރު 2022 - 12:29 0

ނާޒިމް ހަސަން

ނާޒިމް ހަސަން

މީގެ 13 އަހަރުގެ ކުރީގެ ވީޑިއޯގައި ޒުހުރާ: ކުއްލިއަކަށް ލިބުނު ސަމާލުކަމާ އެކު އޭނާ ވަނީ ހައިރާންކަމެއްގެ ތެރޭގައި


ހާލުގައި އުޅުނު ޒުހުރާއަށް ކުއްލި ސަމާލުކަމެއް، އޭނާއަށް ހައިރާންކަމާއި އުފާ

12 ޑިސެންބަރު 2022 - 12:29 0

ހއ. ބާރަށު, އުތުރުގޭގައި އާންމު ދިރިއުޅުމުގައި މަސްއޫލުވެ އުޅެނިކޮށް މިއަދު ހެނދުނު ކުއްލި ގޮތަކަށް ފޯނަށް އަންނަން ފެށި ކޯލްތަކާ އެކު އައިމިނަތު ޒުހުރާގެ ހިތަށް ވެރިވެގަތީ ބިރުވެރިކަމާއި ހާސްކަމެވެ. ސްކޭމް ކޯލްތަކެއް ކަމަށް އޭނާ ހީކޮށްގެން ހުއްޓަސް, ކޮންމެ މީހަކު ވެސް އެންމެ ފުރަތަމަ އަހާލަނީ އޭނާގެ ހާލެވެ. އެއަށްފަހު އޭނާގެ އެކައުންޓް ނަންބަރެވެ.

"ކުއްލިއަކަށް މި ދިމާވި ކަންތަކާ އެކު އަޅުގަނޑު މި ހުންނަނީ ހަދާނެ ގޮތެއް ވެސް ނޭނގިފައި," އެތައް ގިނަ ފޯނު ކޯލްތަކެއްގެ ތެރޭން މި ނޫހާ ވާހަކަ ދައްކަމުން, ޒުހުރާ ބުންޏެވެ.

ޒުހުރާއަށް ހަމަ ކުއްލިއަކަށް ސަމާލުކަން ލިބިގެން ދިޔައީ އިއްޔެގެ ވަގުތެއްގައި ވީޑިއޯ ކޮންޓެންޓް ޕްލެޓްފޯމް, "ޓިކްޓޮކް"ގައި އާންމުވި ވީޑިއޯއަކާ އެކު އެވެ. އެތައް ގިނަ ވިއުސްއެއް ލިބި, އެތައް ބައެއްގެ ހިތާ ކުޅެލި އެ ވީޑިއޯ "ޓިކްޓޮކް"އިން ނުކުމެ, އެންމެފަހުން ޓްވިޓާއާ ހަމައަށް ވެސް ގޮސް, އެންމެންގެ ލޯތައް ވީޑިއޯއަށް ހުއްޓުނެވެ.

ބާރަށުގައި އޭރު ދިރިއުޅެމުން ދިޔަ ޒުހުރާގެ މި ވީޑިއޯއަކީ އެކަނިވެރި މައިންނަށް އެލެވެންސް ދޭން ފަށައި, އޭގެ ސަބަބުން މީހުންގެ ދިރިއުޅުމަށް އައި ބަދަލު ދައްކުވައިދިނުމަށް, 2009 ވަނަ އަހަރު ހަދާފައި އޮތް ވީޑިއޯއެކެވެ. އޭގައި ކިޔައިދެނީ ޒުހުރާގެ އޭރުގެ ދިރިއުޅުމުގެ ހާލަތެވެ. ވީޑިއޯގައި ޒުހުރާ ބުނާ ގޮތުގައި އޭރު އޭނާގެ ތިން ދަރިންނަށް 3,000 ރުފިޔާ, އެލެވެންސްގެ ގޮތުގައި ލިބެ އެވެ.

އެކަނިވެރިކަމާ އެކު ޒުހުރާ އޭރު ދިރިއުޅެމުންދިޔަ ދަތި ހާލަތާއި އޭނާގެ ބަލި ހާލަތު ހުރި ގޮތާއި ދަރިން, ޅަ އުމުރުގައި ދެކެމުންދިޔަ ކަންކަން, މީގެ 13 އަހަރުގެ ކުރީގެ އެ ވީޑިއޯގައި ޒުހުރާ ކިޔައިދެ އެވެ. އަދި, އޭނާގެ ޅަ އުމުރު މަންމަ އާއި ބައްޕަގެ ލޯބިން މަހްރޫމްވެ, ކިޔެވުން ދޫކޮށްލައި, ކޮއްކޮމެންގެ ޒިންމާތައް އުފުލަން ޖެހުނު ހިތި މާޒީ ވެސް ޒުހުރާ އެ ވީޑިއޯގައި ސިފަކޮށްދެ އެވެ.

"އަޅުގަނޑަކީ ވަރަށް ބަލި މީހެއް, އެއީ މައްސަލައަކީ, އަޅުގަނޑު ހޭއަރާ ފަހަރާ ނާރާ ފަހަރު ގިނައިން ދަނީ, ސިކުނޑީކަމެއް, ނާރުގެ ކަމަކާ, ހިތުގެ މައްސަލައާ, ޑޮކްޓަރުން ބުނީ ކުޑައިރުން ފެށިގެން އެހެން ވިސްނާތީއޭ އުފަލެއް ނުލިބޭތީއޭ އެހެން އެވަނީ, ކުރިއަށް އޮތް ތަނުގައި ވެސް އުފަލުގައި އުޅެވޭތޯ ބަލާށޭ," ޒުހުރާ ބުނެ އެވެ.

"އަޅުގަނޑު ބަލި ނޫންނަމަ, ކުދިންނަށް ކިހާވަރަކަށް ލޯބި ދެވޭނެ ނޫންހޭ ހިތަށް އަރާ, ވަރަށް ދެރަވޭ,"

ވީޑިއޯއާ އެކު, ޒުހުރާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވެ ގިނަ ބަޔަކު މިހާރު ވަނީ ޓްވީޓްކޮށްފަ އެވެ. ގިނަ ބަޔަކު ސީދާ ޒުހުރާއަށް ވެސް ވަނީ ގުޅާފަ އެވެ. މިއަދު ހެނދުނު 10:00 އެއް ޖެހިއިރު, އެހީގެ ހަވަރަކަށް ކޯލް ޒުހުރާއަށް ލިބުނެވެ. އުމުރުން 42 އަހަރުގެ ޒުހުރާއަށް މިއީ, ކުއްލިއަކަށް ލިބުނު ވަރަށް ބޮޑު ހައިރާންކަމެކެވެ.

"ކޮންމެ މީހަކު ވެސް ފޯނު ބާއްވަނީ އެކައުންޓް ނަންބަރު ފޮނުވައިދޭން އެދި, އެކަމަކު އަދި އެއްވެސް މީހަކަށް ނަންބަރެއް ވެސް ނުފޮނުވަން, ނޭނގޭ ވެގެން މިއުޅޭ ގޮތެއް, ބިރު ވެސް ގަނޭ ނަންބަރު މީހުންނަށް ދޭން," ޒުހުރާ ބުންޏެވެ.

އެކަމަކު, ހައިރާންކަމުގެ ތެރޭން އޭނާއަށް އުފާވެރިކަން ވެސް އިހްސާސްވި އެވެ. އުމުރުން 40 ން މައްޗަށް ދިޔައިރު, އޭނާގެ ހާލު އަހާލި މަދު ބަޔަކު ނޫނީ ނެތެވެ. މިވަގަތު އެހާ ގިނަ ބަޔަކު އޭނާއަށް ހެޔޮއެދުމުންދާތީ, އެއީ ޒުހުރާ ބުނާ ގޮތުގައި, ދުވަހަކު ވެސް އުއްމީދު ނުކުރާވަރުގެ އުފަލެކެވެ.

ތުއްތު ނުވަ މަހުގެ ދަރިފުޅު އުނގަށްލައިގެން އިނދެ, ޒުހުރާ މިއަދު އަނެއްކާވެސް އެންމެންނަށް ކިޔައިދެނީ މާބޮޑު ހެޔޮ ބަދަލެއް ނައި, އޭނާގެ ދިރިއުޅުމުގެ ހާލަތެވެ.

އެ ވީޑިއޯގައި ފެންނަ ތިން ދަރީން މިހާރު ތިބީ ބޮޑުވެފަ އެވެ; މަންމަގެ ހުރިހާ ކަމެއް ބަލަހައްޓަމުންދިޔަ ދޮށީ ފިރިހެންދަރިއަށް މިހާރު 20 އަހަރުވެ, އުޅެނީ ރިސޯޓެއްގައި ވަޒީފާގަ އެވެ. ދެން ތިބި ދަރިން ފުރާވަރަށް އަރައިފި އެވެ. އޭގެ ފަހުން, އިތުރު މީހަކާ ކައިވެނިކޮށް އެ ކައިވެންޏަށް 10 ވަރަކަށް އަހަރުވިއިރު, މިހާރު އިތުރު ދެ ދަރިން އެބަތިއްބެވެ. އެންމެ ހަގު ދަރިއަށް އަދި އެންމެ ނުވަ މަހެވެ. ދިރިއުޅުން ވަނީ ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ.

"ކައިވެންޏެއްކޮށްގެން މިހާރު އުޅުނު ކަމުގައިވީ ނަމަވެސް, ދިރިއުޅުމަށް މާބޮޑު ބަދަލެއް ނާދޭ, އުޅެން ޖެހެނީ ފިރިމީހާއަށް ލިބިފައި ހުރި ކޮޓަރިއެއްގެ ތެރޭގައި, ހުރިހާ ދަރިންނާ އެކު މި އުޅެނީ އެ އެއް ކޮޓަރި ތެރޭގައި," މިވަގުތު, ޗުއްޓީއަކަށް ރަށުގައި ހުރި ޒުހުރާ ބުންޏެވެ.

ޒުހުރާގެ މާޒީގެ ހިތްދަތިކަމުގެ ތެރޭން މެދުވެރިވި ސިއްހީ މައްސަލަތައް އޭނާގެ މިހާރު ވެސް ހުރިއިރު, ފިރިމީހާއަކީ ލޮލުގެ ފެނުމުގެ މައްސަލަތައް ދިމާވާ މީހެކެވެ. އެހެންވެ, އޭނާއަށް ވަޒީފާއަށް ލިބުން ދަތިވި އެވެ. މާލެއަށް ދިރިއުޅުން ބަދަލު ކުރަން ޖެހުނީ ވެސް ރަށުން ވަޒީފާއެއް ލިބޭނެ ގޮތް ނުވެ, މާލޭން ހަމަޖެހޭނެ މަގެއް ފެނުމުންނެވެ.

ޅަ އުމުރުން ފެށިގެން ވެސް ދިރިއުޅުމުގެ އެ ވިސްނުމާއި ތަކުލީފުގައި ޒުހުރާ އުޅެން ޖެހުނަސް, މިއަދު އޭނާއަށް ފުރަތަމަ ފަހަރަށް ހަގީގީ އުފާވެރިކަމެއް އެބަ އިހްސާސްވެ އެވެ. މުޖުތަމައުގެ ގުޅުމާއި އޯގާތެރިކަމުގެ އަސަރު ފުރަތަމަ ފަހަރަށް އެބަ ވަޒަން ކުރެވެ އެވެ. މިއަދު ޒުހުރާގެ ހަނދާނަށް އަނެއްކާވެސް އަންނަނީ އުފަލުގައި އުޅެން, އޭނާއަށް ޑޮކްޓަރުން ދިން ލަފާ އެވެ.

"ހައިރާންކަމާ އެކު އުފާވެރިކަން ވެސް އެބަ ލިބޭ,"