Advertisement

ދެ އަހަރު ފަހުން ވެސް ކަނޑޫފާތަކަށް ވީގޮތެއް ނުހޯދުނު!

2 އޮކްޓޯބަރު 2022 - 08:38 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވައިކަރަދޫގެ ކަނޑޫގަސްތައް މަރުވެފައި: ކަނޑޫފާތައް މަރުވާ ސަބަބު ހޯދަން އިންޑިއާގެ ސައިންސްވެރިން ކުރި ދިރާސާ އަދިވެސް ރާއްޖެއަށް ނުލިބޭ -- ފޮޓޯ: އާއިމް ޒަމީރް/ އަދަދު


ދެ އަހަރު ފަހުން ވެސް ކަނޑޫފާތަކަށް ވީގޮތެއް ނުހޯދުނު!

2 އޮކްޓޯބަރު 2022 - 08:38 0

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ރާއްޖޭގެ ކަނޑޫފާތައް އާދަޔާ ހިލާފު ގޮތަކަށް މަރުވާން ފެށުމުން އެންމެން އަވަސްވީ އެތަންތަން ސަލާމަތް ކުރެވޭތޯ އެވެ. ތިމާވެއްޓާ ބެހޭ ދިވެހި ތަޖުރިބާކާރުންނާއި ބޭރުގެ ސައިންސްވެރިން ވެސް ރާއްޖެ އައިސް ފެށީ، ގިނަ ރަށްތަކެއްގެ ކަނޑޫފާތައް ކުއްލި ގޮތަކަށް، ހަމަ އެއްކޮށް މަރުވާން މެދުވެރިވި ސަބަބެވެ.

ރާއްޖޭގެ އުތުރުގެ ރަށްތަކުގެ ކަނޑޫފާތައް މަރުވާކަން ފާހަގަވީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން ދެކުނު ރަށްތަކަށް ވެސް އެ މައްސަަލަ ދިމާވި އެވެ. ކަނޑޫފާތައް މަރުވާން ދިމާވާ ސަބަބު ހޯދަން އެންމެ ފުރަތަމަ ދިރާސާއެއް ކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ. އޭގެ ނަތީޖާ 2021 ވަނަ އަހަރުގެ ޖޫން މަހު ލިބުނެވެ.

ފުރަތަމަ ރިޕޯޓުތަކުން ހާމަވި ގޮތުގައި ކަނޑޫފާތައް ބަލިކަށިކޮށްލާ ފަންގަސްއެއް ފެނުނެވެ. އިތުރު ދިރާސާތައް ކުރުމަށް ކަނޑޫފާތަކަށް ދަތުރު ކުރުމަށް ރިޕޯޓުގައި ލަފާދިނެވެ.

އެ ލަފާގެ މަތިން އިންޑިއާގެ ކޮޗިން ޔުނިވާސިޓީގެ ސައިންސްވެރިންގެ ޓީމެއް ރާއްޖެ އައީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެކަމަކު މިއަދާ ހަމައަށް އެ ޓީމުގެ ރިޕޯޓު އާއްމުކޮށްފައެއް ނުވެ އެވެ.

އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ތަކުރާރުކޮށް ރިޕޯޓު ހޯދަން އެދުމުން ވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.

"އަދިވެސް ރިޕޯޓު ނުލިބޭ ކޮޗިން ޔުނިވާސިޓީއިން. ދިރާސާ ނިމިފަައި އޮތީ. ސާވޭ ރިޕޯޓު ނުދީގެން މި އުޅެނީ އެ ސާވޭ ޓީމުން ކޮޗިން ޔުނިވާސިޓީއިން،" ނައީމް ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ ރިޕޯޓު ލަސްވާ ސަބަބެއް އެއް ގޮތަކަށް ވެސް ސާފު ނުވާ ކަމަށާއި ނުރަސްމީކޮށް ވެސް ދިރާސާގެ ހޯދުންތައް އީޕީއޭއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕްރޮފެސަރު ބިޖޯއީ ނަންދަން އިސްކޮށް ހުންނަވާ ޓީމެއް ރާއްޖެ ގެނައީ އިންޑިއާ ހައި ކޮމިޝަންގެ އެހީގައި ކަމަށް އެނގިފައިވެ އެވެ.

ޕްރޮފެސަރު ބިޖޯއީ ނަންދަންއަކީ އިންޑިއާގައި ވެސް ކަނޑޫ ގަސްތަކާ ބެހޭ ދިރާސާތައް ހައްދަވާފައިވާ ސައިންސްވެރިއެކެވެ.

މެންގްރޫވްސް އަކީ ކޮބާ؟


މެންގްރޫވްސް އަކީ ލޮނުގެ ކޮންމެވެސް ޕަސެންޓެއް ހުންނަ އިރު ހެދޭ އެކި ވައްތަރުގެ ގަސްގަހާއި ތަކެއްޗަށް އާއްމުކޮށް ކިޔާ ނަމެވެ. މެންގްރޫވްސް ގައި ލޮނުގެ ޕަސެންޓޭޖެއް ނުހުންނަ ނަމަ ރީތި ނުވަތަ ލޮނު ނޫން ފެނުގައި ހެދޭ ގަސްތައް އެ ތަންތަނުގައި ފެތުރޭނެ އެވެ. ކަނޑޫ ގަހަކީ މެންގްރޫވްގައި ހެދޭ އެއްޗެއް ނަމަވެސް، މިއީ މާ ގިނައިން ލޮނު ބޭނުންވާ އެއްޗެއް ނޫނެވެ. އެއާ ހިލާފަށް މޫސުން ގޯސްވެ، ދިޔަވަރު ބޮޑުވާ ހާލަތްތަކުގައި ކަނޑޫފަލަށް ލޮނު ވައްދާނެ އެވެ. ކަނޑޫފަލަކީ މާ ބޮޑަށް ފެންގަނޑެއް ނުހެދި ޗަސްކޮށް އޮންނަ ތަނަކަށް ކިޔާ ނަމެކެވެ. މެންގްރޫވްސް އަކީ ރަށެއްގެ ރައްކާތެރިކަމަށް މުހިއްމު އެއްޗެކެވެ. އެގޮތުން ރާއްޖޭގައި ވެސް ސުނާމީގެ ބިޔަ ރާޅުތަކުން ބައެއް ރަށްތަކަށް ލިބުނު ގެއްލުން ކުޑަވީ އޭގެ ސަބަބުންނެވެ. ނަމަވެސް ކަނޑޫ މަރުވިޔަސް އެހެން ވައްތަރުގެ މެންގްރޫވްސް ހެދޭނެ އެވެ. ލޮނުވެއްޖެ ނަމަ ގިނައިން ލޮނުގައި ހެދޭ ރަނޑޫ، ތަކަފަތި ނުވަތަ ކަރަމަނަ ފަދަ ބާވަތްތައް ހެދޭނެ އެވެ. *މައުލޫމާތު ނެގީ ބްލޫޕީސްގެ ލީފްލެޓަކުން

ޕްރޮފެސަރު ބިޖޯއީގެ ޓީމުން ކުރިން ބުނީ ކަނޑުލަކީ ފެން ލޮނުވިޔަސް އަދި ބިންގަނޑު ކިސަޑުވެފައި އޮތަސް އަދި އޮކްސިޖަން މިންވަރު ދަށްވިޔަސް ހެދޭ އެއްޗެއް ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ކަނޑޫފާތައް މަރުވަނީ އާދަޔާހިލާފު ކަމެއްގެ ސަބަބުން ކަމަށް އެ ޓީމުން ދެކެ އެވެ.

ސައިންސްވެރިންގެ ދިރާސާއަށް ފަހު މިދިޔަ ފެބްރުއަރީ މަހު ބައެއް ނޫސްތަކަށް ބުނީ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިރާސާ ރިޕޯޓު އާއްމުކުރާނެ ކަމަށެވެ.

އެކަމަކު އޭގެ ފަހުން ހަތް މަސް ފާއިތުވެގެން ދިޔަ އިރު، ދިރާސާ ރިޕޯޓު ލަސްވާ ސަބަބެއް އެއް ގޮތަކަށް ވެސް ނޭނގެ އެވެ. އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް މި ނޫހުން ޕްރޮފެސަރު ބިޖޯއީ ނަންދަންއަށް ކުރި އީމެއިލްތަކަށް ޖަވާބެއް ނުދެއްވަ އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް ނައީމް ވެސް ވިދާޅުވީ ތަކުރާރުކޮށް އީމެއިލް ފޮނުވައިގެން ވެސް ރިޕޯޓުތައް ނުލިބޭ ކަމަށާއި ނުލިބޭ ސަބަބު ވެސް ނޭނގޭ ކަމަށެވެ.

ކަަނޑޫފާތައް މަރުވާ ސަބަބު ނުހޯދި ގިނަ ދުވަސްވަމުންދާއިރު، ރާއްޖޭގެ އުތުރާއި ދެކުނުގެ ކަނޑޫފާތައް 2020 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ހުރީ މަރުވެފަ އެވެ.

ދެކުނުގެ އަތޮޅުތަކުގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރާ ހުވަދޫ އެއިޑް ޖަމިއްޔާގެ އަބްދުﷲ އަރީޝް ވިދާޅުވީ ކަނޑޫފާތައް އަލުން ދިރޭނެކަމުގެ ނިޝާނެއް ނެތް ކަމަށެވެ.

"އޭގެ ފަހުން މާ ބޮޑު ބަދަލެއް ނާދޭ، ހަމަ އެގޮތަށް ހުރީ. އިންޑިއާގެ ޓީމް މިކޮޅަކަަށް ނާދޭ. ބޮޑަށް އުތުރުގައި އެ މަސަައްކަތް ކުރީ،" އޭނާ ވިދާޅުވި އެވެ.

އަރީޝް ވިދާޅުވީ ހުވަދޫ އެއިޑްގެ އަމިއްލަ އިސްނެގުމުގެ މަތިން ކޮލަމްބިއާ ޔުނިވާސިޓީގެ ފަރާތަކާ އެކު ދިރާސާތަކެއް ހަދަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ކޮލަމްބިއާ ޔުނިވާސިޓީގެ ކުއްޖަކާ އެކު ވެސް ރިސާޗެއް ހަދަމުން މި ދަނީ. އެ ވެސް ނިމުމަކާ ގާތްވެފައި އިނީ، އިނގިރޭސި ކުއްޖެއް. އެ މީހުންގެ ޓީމެއް ނޮވެމްބަރު ހިސާބުގައި މިކޮޅަށް އަންނަ ވާހަކަ ބުނެފައި އޮތީ،" އަރީޝް ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރުން ހދ. ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ އާދަމް ވެސް ވިދާޅުވީ ކަނޑޫފާތައް މަރުވެފައި އޮތް އޮތުމަށް ބަދަލެއް ނާންނަ ކަމަށެވެ.

"ކަނޑޫފާތައް އަދިވެސް އޮތީ ހަމަ އެހެން. އެއްވެސް ކުރިއެރުމެއް ނާދޭ. އޭގެ ދަށުން ބުރެވި ކަހަލަ ބައެއް ގަސްތައް އެބަ ހެދޭ. އެކަމަކު ކަނޑޫ ގަސްތައް ހަމަ މަރުވެފައި،" އޭނާ ވިދާޅުވި އެވެ. "އިންޑިއާގެ ޓީމުން މިކޮޅަށް އައިސް ބައެއް މަސަައްކަތްތައް ކުރި. ދެން އެ މަސައްކަތުން އެނގުނު އެއްވެސް އެއްޗެއް އަޅުގަނޑުމެންނާ ހިއްސާއެއް ނުކުރޭ."

ކަނޑުލަކީ ތިމާވެއްޓަށް މުހިއްމު ގުދުރަތީ ނިޒާމެއް ކަމަށް ނިންމައި ނޭކުރެންދޫގެ ކުޅި، ފާ އަދި ޗަސްބިން 2018 ގައި ސަރުކާރުން ހިމާޔަތް ކުރި އެވެ.

ކަނޑޫފާ މަރުވުން ގުޅިފައި ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާ؟

އިންޑިއާ ސައިންސްވެރިންގެ ރިޕޯޓު ހާމަ ނުކުރި ނަމަވެސް، ބަައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކަނޑޫފާތައް މަރުވުން ގުޅިފައި ވަނީ ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކަނޑޫފާތައް ހުންނަ ސަރަހައްދަށް މާ ގިނައިން ލޮނުގަނޑު ވައްދާ މައްސަލައާ އެވެ.

"ރާއްޖޭގައި ކްލައިމެޓް ޗޭންޖާ ގުޅިގެން އުދަ އަރާ ވަރު ވެސް ވަރުގަދަވެއްޖެ. ރަށްރަށުގެ ފުއްޓަރާ ދިމާލުން ނުވަތަ ގާތަކުން ލޮނު ވަންނަ ކަހަލަ ގޮތަށް ހުންނަ ތަންތަނުގައި ކަނޑޫފާތައް މި ހުންނަނީ. އެހެންވީމަ އެ ޖަހާ ރާޅުގެ ވަރުގަދަކަމުން، އުދަ އަރާލެއް ވަރުގަދަ ކަމުން، މި ތަންތަނަށް އިތުރަށް، އާއްމުކޮށް ވާ ވަރަށް ވުރެ ގިނައިން ލޮނު ވެއްދުމަކީ ހަމަ އެކަށީގެންވާ ކަމެއް. އެހެންވީމަ ލޮނޭ، ލޮނު ވައްދާތީއޭ މި މަރުވަނީ،" ބްލޫޕީސް ޖަމިއްޔާގެ ކޯފައުންޑަރު އަލީ ރިލްވާން މިދިޔަ އަހަރު ވިދާޅުވި އެވެ.

"ލޮނުގެ މިންވަރު ގިނަވެގެން ވާ ގޮތަކަށް ވެސް ވުން އެކަށީގެންވޭ ހަމަ ބްލޫޕީސް ބުނާ ގޮތަށް،" އީޕީއޭގެ ޑިރެކްޓަރު ނައީމް ވެސް ފާހަގަކުރެއްވި އެވެ.

ދިރާސާތަކުގެ އެހީގައި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ކަނޑޫގަސްތައް މަރުވުމާ ގުޅުމެއްވާކަން ހޯދިފައިވާއިރު، މޫސުމީ ބަދަލުގެ އަސަރު ރާއްޖެ އަށް ކުރާ ގޮތާއި މިންވަރި ދަނީ އިތުރުވަމުންނެވެ. އެގޮތުން އާދަޔާ ހިލާފަށް ބޮޑަށް އުދަ އެރުމާއި، ރަށް ގިރުމާއި، މާ ބޮޑަށް ވާރޭވެހި، ވައިގަދަވުން މިހާރަކަށް އައިސް ދިމާވެ އެވެ.