Advertisement

ރާއްޖެ: ފީނުމުގައި އެއް ވަނަ، އެކަމަކު ކަމެއް ވެއްޖެ ނަމަ ފަރުވާއެއް ނެތް!

22 ސެޕްޓެންބަރު 2022 - 08:34 3

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރާއްޖޭ ކަނޑުއަޑީގައި ޑައިވްކުރާ މަންޒަރެއް---


ރާއްޖެ: ފީނުމުގައި އެއް ވަނަ، އެކަމަކު ކަމެއް ވެއްޖެ ނަމަ ފަރުވާއެއް ނެތް!

22 ސެޕްޓެންބަރު 2022 - 08:34 3

ދިވެހި ކަނޑުފަޅުގެ މުއްސަނދިކަމާއި ރީތިކަމުގެ ވާހަކައިން ފެށުމުގެ ބޭނުމެއް ނެތެވެ. ސަމާލުވެ، ރަނގަޅު ސިޔާސަތެއް ތަންފީޒުކުރުން މުހިންމީ ދައްކަން މިއުޅޭ މައްސަލަ އަށެވެ. ކަނޑުފަޅުގެ މަންފާ ހޯދާ މިފަދަ ގައުމެއްގައި ފީނަނިކޮށް މީހަކަށް ކަމެއް ދިމާވެއްޖެ ނަމަ, ފަރުވާ ދޭނެ އެންމެ އެކަށީގެންވާ ވަސީލަތްތައް މަދުވުމެވެ.

ޑައިވްކުރުމުގެ ތެރޭގައި ޑިކޯވެ، އެކަށީގެންވާ ފަރުވާ ނުދެވިގެން ނުކުޅެދޭ ހާލަތަށް ބައެއް މީހުން ގޮސްފައި އެބަ ތިއްބެވެ. މިއީ އެފަދަ އެއް ހާދިސާ އެވެ. މ. މުއްޔަށް އުފަން ހައިފް އަހުމަދު (ހައްޕެ) ލަނޑާ ނަގަން ޅ. އަތޮޅު ބޭރަށް ފޭބީ އެއްވެސް ހާސްކަމެއް ނެތި އެވެ. ފުރަތަމަ ޑައިވަށް ފަހު ދެވަނަ ޑައިވް ނިންމިއިރު ވެސް ކަމެއް ގޯސްކޮށް ވާން އުޅޭކަމުގެ އިހުސާސެއް ނުވެ އެވެ.

"ދެ ވަނަ ޑައިވް ނިންމާފަ ދޯންޏަށް އަރާ ކޮފީއެއް ބޯން އިންދާ ލޯމައްޗަށް އަނދިރިވާން ފެށީ. އެހެންވާން ފެށީމަ ކައިރީގަ އިން ކުއްޖާއަށް ގޮވާލާފަ ބުނެފިން ގޮތެއް އެބަ ވެޔޭ. އެ ހިސާބުން އޮށޯވެގެން އިރުކޮޅަކު އޮވެފަ ތެދުވާން ބެލިއިރު އުނަގަނޑުން ތިރީގަ އެއްވެސް ހަރަކާތެއް ނެތް. އަތާއި ބޯ އެކަނި ގައިގަ އިންހެން ހީވީ. އެ ހިސާބުން އެނގިއްޖެ ކަމެއް ގޯސްކަން،" މީގެ ދިހަ ވަރަކަށް ކުރީގެ އެ ހާދިސާގެ ހަނދާންތައް ހައިފް އާ ކުރި އެވެ.

އެ ހާލަތުގައި ހައިފް ފުރަތަމަ މަސައްކަތް ކުރީ އަމިއްލަ އަށް ފަރުވާ ހޯދުމަށެވެ. އެ ދުވަހު ހަވީރުވެފައި ހުރުމުން ފުޅިއެއް އަޅައިގެން ޑީކޯ ހެދުމަށް ފޭބީ އެވެ. ނަމަވެސް, ރަނގަޅެއް ނުވި އެވެ. އެއަށް ފަހު، ފަރުވާ ހޯދަން މާލެ އައުމުން ޑޮކްޓަރުން އޭނާ ފޮނުވީ ބަނޑޮހުގެ ޑިކޯ ޗެމްބަރަށެވެ. ނަމަވެސް އޭނާގެ ހާލަތު ގޯސްވެ، އުނަގަނޑުގެ ވާގި ގޮސް، ހިނގޭނެ ކަމުގެ އުއްމީދު އޭރު އޮތީ ގޮސްފަ އެވެ.

މިއީ ހައިފްގެ ވާހަކަ ނަމަވެސް މިއަދު މިއީ ރާއްޖޭގައި އާންމު ކަމެކެވެ. ފީނަން އުޅުމުގެ ތެރޭގައި ޑީކޯވުމަކީ ރާއްޖޭގައި އާންމު މައްސަލައެކެވެ. ނަމަވެސް އެކަމަކަށް އޮތް ފަރުވާ މަދުވެފައި، ފަރުވާ ނުކުރެވިއްޖެ ނަމަ ދިމާވާ ގެއްލުން ބޮޑެތެވެ.

ޑީކޯ ވަނީ ކީއްވެ؟

ޑީކޯވުމަށް މެދުވެރިވަނީ ޑައިވް ކުރުމުގައި އަޑިއަށް ދިއުމަށްފަހު, މައްޗަށް އަރަންޖެހޭ ދުވެއްޔަށްވުރެ މާ އަވަހަށް މައްޗަށް އެރުމުންނެވެ. އެހެންވުމުގެ ސަބަބުން ހަށިގަނޑުގައި އޮކްސިޖަން ދައުރު ވުމުގައި މައްސަލަ ދިމާވެ އެވެ. އަދި ހަށިގަނޑުގެ ލޭގެ އެތެރޭގައި، އެކި ތަންތަނުގައި ގޭސް ބޮކިތަކެއް އުފެދެ އެވެ.

އެ ބޮކިތައް ގޮސް ހަށިގަނޑުގެ ކޮންމެވެސް ގުނަވަނެއްގައި ހަރުލަ އެވެ. އަދި އެ ތަނަށް ލޭ ދައުރުވާ މިންވަރު މަދުވެ އެވެ. ޑީކޮމްޕްރެޝަނަކީ އެ އުފެދޭ ބޮކިތަކެވެ.

މި ބޮކިތަކުގެ ސަބަބުން ފުރަތަމަ ދިމާވާ އަލާމާތްތައް:

  • ގައިގެ އެކި ތަންތަނުގައި ރިއްސުން
  • ބޮލުގަ ރިއްސުން
  • އައްސިވުން

އެހެންވުމުގެ ސަބަބުން ސްޓްރޯކު ޖެހުމާއި ޕެރެލައިޒް ވުމާއި ގޭސް އެމްބޮލިޒަމް ނުވަތަ ނާރު ތެރެއަށް ވައި ބޮކިވަދެ ލޭ ހިނގުން ހުއްޓުން ފަދަ ކަންކަން ދިމާވެ އެވެ. ޑީކޯވާ ބަލިމީހާގެ ނޭވާލުން ރަނގަޅުކޮށް ހަށިގަނޑުގެ އެކި ތަންތަނުގައި އުފެދިފައި ހުންނަ ބޮކިތައް ނައްތައިލުމަށް ދެވޭ ހަމައެކަނި ފަރުވާއަކީ ކޮމްޕްރެޝަން ޗެމްބަރަށްލުމެވެ.

ކޮމްޕްރެޝަން ޗެމްބަރަކީ ޑިކޮމްޕްރެޝަން ނުވަތަ ޑީކޯވުމުން ދިމާވާ އެކި މައްސަލަތަކަށް ފަރުވާ ދިނުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބޭނުންކުރާ މެޝިނެވެ. އެ މެޝިނުން ކޮށްދޭ ކަމަކީ ހަށިގަނޑުގައި އުފެދިފައި ހުންނަ ބޮކިތައް ނައްތާލުމެވެ. އަދި އޭގެ ސަބަބުން އެ ގުނަވަނަށް ލޭ ދައުރުވުން ރަނގަޅުވެ އެވެ.

މީގެ އިތުރުން ޗެމްބަރުގައި އޮވެ ހަށިގަނޑުން އަމިއްލައަށް ގައިގަހުރި ވިހަ ގޭސްތައް ބޭރުކުރަންދެން އޮންނަން ޖެހެ އެވެ.

ރާއްޖޭގައި ޑީކޯވުމަކީ ޑައިވަރުންގެ ތެެރޭގައި އާންމު ކަމެއް ނޫން ނަމަވެސް, މިއީ މަދުން ވާ ކަމެކޭ ބުނެވޭކަށް ނެތެވެ. އެއީ ރާއްޖެ އަންނަ ފަތުރުވެރިންނާއި މަސްވެރިން ވެސް ޑީކޯވާތީ އެވެ.

ގާނޫނުގައި ބުނާ ގޮތުން ޑައިވަރުންނަށް އެންމެ އަޑިއަށް ދެވޭނީ 30 މީޓަރަށެވެ. ނަމަވެސް, ބައެއް ފަހަރަށް ޑައިވަރުން ވެސް އެއަށްވުރެ އަޑިއަށްދެ އެވެ. ހާއްސަކޮށް މަސްވެރިން އެން ހޯދުމަށާއި ލަނޑާ ނެގުންފަދަ ކަންކަމަށް 30 މީޓަރަށްވުރެ އަޑިއަށް ފީނަ އެވެ.

ރާއްޖޭގައި އެންމެ ތިން ޗެމްބަރު

ރާއްޖޭގައި ފުރަތަމަ ޑީކޯ ޗެމްބަރެއް ބެހެއްޓީ 1993 ވަނަ އަހަރު ބަނޑޮސް މޯލްޑިވްސްގަ އެވެ. އެ ފަހުން މިއަދަށް 29 އަހަރުވެފައިވާއިރު, އިތުރަށް ގާއިމް ކުރެވިފައި ވަނީ އެންމެ ދެ ޗެމްބަރެވެ. އެއީ ވެސް ރިސޯޓުތަކުގަ އެވެ.

އެއީ:

  • ދ. ކަނޑިންމަ މޯލްޑިވްސް ރިސޯޓު
  • ޅ. ކުރެއްދޫ ރިސޯޓު

ޑައިވިންގެ ދާއިރާގައި 23 އަހަރު ހޭދަކޮށްފައިވާ، ޑައިވް ޑެސްކުގެ މެނޭޖިން ޑިރެކްޓަރު އަދި މިހާރު ޕަޑީގެ ކޯސް ޑައިރެކްޓަރެއް ކަމަށްވާ އާދަމް އަޝްރަފް ގަބޫލުކުރާ ގޮތުގައި ރާއްޖެއަކީ ޑައިވިން މައްޒިލަކަށް ވާއިރު، އެފަދަ ހާދިސާތަކުގައި ފަރުވާ ކުރެވެން އޮތް މިންވަރު މަދެވެ. އަދި ހުރި ފަރުވާއަށް ވާސިލުވުން އެހާމެ އުނދަގުލެވެ.

"އަދިވެސް އަޅުގަނޑުމެން ޑައިވިން ޑެސްޓިނޭޝަނަކާ ބަލާފައި ފަރުވާ ދެވޭނެ ކަންކަން މަދު. ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ބަހައްޓަން ޖެހޭ. އުތުރުން ފެށިގެން ދެކުނަށް ކުޑަކޮށް އިތުރު ކޮށްލަންވީ ޗެމްބަރު ބަހައްޓާ ފެސިލިޓީތައް،" އަޝްރަފް ބުންޏެވެ.

އެފަދަ ފަރުވާ ދެވޭ ދިވެހިން ވެސް މަދުވެ. ރާއްޖޭގައި މިހާރު ހުރި ޗެމްބަރުތަކުގައި ވެސް ފަރުވާ ދޭން ތިބީ ބޭރު ޑޮކްޓަރުންނެވެ.

"ޗެމްބަރެއްގަ ފަރުވާ ދެވޭނެ ވަރުގެ ޑޮކްޓަރެއް އަދި ނެތް. އެއީ ވަރަށް މުހިންމު ކަމެއް ކަންނޭނނެ ރާއްޖޭގަ އެކަމަށް ފަރުވާ ދޭން ދިވެހި ކޮޑްޓަރުން ތިބުން،" އޭނާ ބުންޏެވެ.

މީގެ އިތުރުން ވާހަކަ ދެއްކި އެހެން ހުރިހާ ޑައިވަރުން ވެސް އިއްތިފާގުވާ އެއް ކަމެއް އެބަ އޮތެވެ.

ރާއްޖޭގައި ޑީކޯވާ މީހުންނަށް ފަރުވާދެވޭނެ ވަސީލަތްތައް މަދު ކަމާއި ފަރުވާއަށް ދާންޖެހޭ މަންޒިލް ދުރުކަމާއި އެކަމަށް ވެފައި އޮތް އިހުމާލެވެ.

"ޗެމްބަރުތައް ހުންނަން ޖެހޭ ޕަބްލިކް ހޮސްޕިޓަލުތަކުގަ ވެސް. ހުރިހާ ހޮސްޕިޓަލެއްގައި. ސަރުކާރުން ވެސް ގާއިމް ކޮށްދޭން ޖެހޭ. އެންމެ ކުޑަމިނިން އައިޖީއެމްއެޗުގަ ވެސް ނުހުރޭ ޗެމްބަރެއް. މިއީ އަސްލު ވަރަށް ވިސްނަން ޖެހޭ ކަމެއް. މި ދާއިރާގެ އެންމެން ވެސް. ފަރުވާގެ ނިޒާމް މިއަށްވުރެ ރަނގަޅުކުރަންޖެހޭ،" ޑައިވް ކުރުމުގައި ހަރަކާތްތެރިވާ މީހަކު ބުންްނެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ސެޓިފައިޑް ކޯސް ޑިރެކްޓަރު ޒޫނާ ނަސީމް (ޒޫންޓި) ވެސް އެއްބަސްވީ ރާއްޖެއަކީ ދުނިޔޭގައި މަޝްހޫރު ޑައިވް ޑެސްޓިނޭޝަނަކަށް ވެފައި ލިބޭ ފަރުވާގެ ވަސީލަތްތައް މަދު ކަމަށެވެ.

"ޑައިވިންގައި ޑިކޮމްޕްރެޝަން ޖެހިއްޖެއްޔާ އޭނައަށް ފަރުވާ ދެވޭނެ މި އިންނަނީ ހަމަ އެންމެ ގޮތެއް. އެއީ ޗެމްބަރަށްލުން. ތިން ޗެމްބަރު އިންނަ އިރު ވެސް އޮޕަރޭޝަނަލް މި އިންނަނީ އެންމެ ޗެމްބަރެއް،" ކަންބޮޑުވުމާ އެކު ޒޫނާ ފާޅުކުރީ އޭނާގެ, ހިޔާލެވެ.

"މިސާލަކަށް ބަލަމާ ފުވައްމުލަކުން ގެއްލުނު ޑައިވަރާއެއްކޮށް ފޭބި ކުއްޖާ. އޭނާ މައްޗަށް އެރި ފަހުން 12 ގަޑިއިރު ފަހުން ދ. އަތޮޅު ޗެމްބަރަށް މި ލީ. އެއީ ވަރަށް ގިނައިރު ޑީކޯވެފަ އޮތް މީހަކަށް. ޑީކޯވެފަ އޮތް މީހަކު މަތިންނެއް ނުގަނެވޭނެ. ކަނޑުމަގުން ގެންނަން މި ޖެހެނީ. އެ ޗެމްބަރުން އަނެއްކާ ބަނޑޮހުގެ ޗެމްބަރު އޮޕަރޭޝަންގަ ނެތީމަ މި ގެންދިޔައީ ޅ. އަތޮޅުގަ ހުންނަ ޗެމްބަރަށް. އެއީ ވަރަށް ދުރު. ފުވައްމުލަކުން ކަމެއް ވެގެން މި ގެންދަން ޖެހުނީ ޅ. އަތޮޅު ޗެމްބަރަށް،" ޒޫނާ ކަންބޮޑުވުން އޭނާ ފާޅު ކުރި އެވެ.

ރާއްޖޭގައި ފަތުރުވެރިން ނުވަތަ ޑައިވަރުން ޑީކޯވާ މިންވަރު ގިނަ ނުވާނެ ކަމަށް ޒޫނާ ވިދާޅުވި އެވެ. ނަމަވެސް, ޑައިވިން ޑެސްޓިނޭޝަނަކާ އަޅާ ބަލާއިރު ނިސްބަތުން ރާއްޖޭގައި ފަރުވާދޭނެ ގޮތްތައް މަދު ކަމަށް އޭނާ ވެސް އެއްބަސްވި އެވެ.

"އަސްލު ޑައިވް ކުރުމުގަ ޑީކޯ ވަނީ ގަވައިދާ ހިލާފަށް ނުވަތަ އެ އޮންނަ މިންގަނޑުގެ ބޭރުން މަސައްކަތް ކުރާތީ. ގަވައިދުގައި އޮންނަ ވަރަށްވުރެ އަޑިއަށް ފީނާތީ. ގަވައިދާ އެއްގޮތަށް ޑައިވަ ކުރާ މީހުންނަށް ޑީކޯ ވުމަކީ ހަމަ ނުވާނެ ކަމެއް. އެއްކޮށް ނުވާނެއެއް ނޫން. ވާނެ އެކަމަކު ވަރަށް މަދު ހާލަތެއްގަ ވާނީ،" ޒޫނާ ކިޔައިދިނެވެ.

ރާއްޖޭގައި އެންމެ ގިނައިން ޑީކޯ ވަނީ އެމަށް ފައިބާ މަސްވެރިންނާއި ލަނޑަޔަށް ފައިބާ މީހުން ކަމަށާއި އެ މީހުން ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ. ސަބަބަކީ އެން ހޯދުމަށާއި ލަނޑަޔަށް ފީނަނީ ވަރަށް އަޑިން ކަމަށް ވެފައި އެކަމަށް ބޭނުން އެ ކުރާ އާލާތްތަކަކީ އެހާ އަޑިޔަށް ފީނުމަށް ހާއްސަ ތަކެއްޗަށް ނުވާތީ އެވެ.

އެންމެ އަޑިޔަށް ފީނެނީ 30 މީޓަރަށް ނަމަވެސް, އެއަށްވުރެ އަޑިޔަށް ގޮސްގެން ޑީކޯވާ މީހުންނާއި އެ ނޫން ވެސް ސިއްހީ އެތައް މައްސަލައެއް މި ރާއްޖޭގައި ދިމާވުމަކީ އާންމު ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެކަމުގެ ސަބަބުން ލިބޭ ގެއްލުމުން އަރައި ނުގަނެވި ފަރުވާ ލިބޭނެ ގޮތެއް ނެތި އުމުރު ދުވަހު ފުރޮޅުލީ ގޮނޑިއެއްގާ ހައިފް ފަދައިން އިންނަން ޖެހިފައި މީހުން އެބަ ތިއްބެވެ.

ކުރިއަރަމުން އަންނަ ފަތުރުވެރިކަމާ އެކު މި ފަރުވާއަކީ ވެސް އެންމެ ބޭނުން އެއް ކަމަށް މިވަނީ ވެފަ އެވެ. ޑައިވް ކުރުމުގައި ދިމާވާ މިފަދަ ކަންކަމުން އަރައިގަތުމަށް ފަރުވާއަށް ސަލާން ޖަހަން ނުޖެހޭ ވަރުކުރަން އެބަ ޖެހެ އެވެ.