Advertisement

ދެ ޖުމްލަ ދޭތެރެއިން ގުގުމާލި "ހަނގުރާމަ"އިގެ އިއުލާނު!

9 ޖޫން 2022 - 09:31 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ދެ ޖުމްލަ ދޭތެރެއިން ގުގުމާލި "ހަނގުރާމަ"އިގެ އިއުލާނު!

9 ޖޫން 2022 - 09:31 0

ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި އޮތް ވަރުގަދަ ކޯޅުން، އެކި ގޮތް ގޮތަށް އެކި ދުވަސް މަތިން ވަނީ ރަނގަޅަށް އެނގި ހާމަވެފަ އެވެ. އަދި އެކަން ފޭދިގެން، ޕާޓީގެ އެތެރެއަށް ކޯރު ހެދިފައިވަނީ އެންމެ މަތީ ފަޑިން ކަމީ ވެސް ހޭޖެހޭ ކޮންމެ މީހަކަށް ނޭނގޭނެ ކަމެއް ނޫނެވެ.

މި ގަދަހިފުމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ގޮތް ވަނީ އެތައް ފަހަރެއްގެ މަތީން ވަރަށް ސާފުކޮށް ވިދާޅުވެފަ އެވެ. ކޮންމެ މަގަކުންވިޔަސް ވެރިކަމަށް އަލުން ވަޑައިގެންނެވުމެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން، ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވުމަކީ ޒަމާނުއްސުރެ އެމަނިކުފާނުގެ ހުވަފެނެވެ. އެކަން ނުވާނަމަ، ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ވެސް ނަޝީދު ހުންނެވީ ތައްޔާރަށެވެ.

"އެމްޑީޕީގެ ޕްރައިމަރީގައި އަޅުގަނޑު ބައިވެރިވާނަން، އަޅުގަނޑު މި ހުރީ އެ ޕްރައިމަރީގައި ބައިވެރިވެވޭ ގޮތަށް،" މީގެ އަހަރެއްހާ ދުވަސް ކުރިން ނަޝީދު ވަރަށް ސާފުކޮށް ވިދާޅުވެފައިވެ އެވެ.

އެއީ ޕާޓީގެ އިސް ލީޑަރުގެ މަގާމުގައި ހުންނެވި އެންމެ ގާތް އެކުވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ނަޝީދު ފުރަތަމަ ފަހަރަށް ހަނގުރާމަ އިއުލާނުކުރެއްވުމެވެ.

ނަޝީދުގެ ސްޓޭންޑް ތުނި ބިއްލޫރިކޮޅެއްހާ ސާފު ނަމަވެސް، ރައީސް ސޯލިހުގެ ރައްދުތައް މިހާތަނަށް ހުރީ ވަރަށް ވެސް "ޑިޕްލޮމެޓިކް"ކޮށްނެވެ. އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ އޮތް ބިޔަ ސުވާލަށް ސީދާ ޖަވާބެއް ދެއްވައިފައެއް ނުވެ އެވެ. އެންމެ ބޮޑު ވަރަކަށް ވެސް ވިދާޅުވެފައިވަނީ "އެ ފުރުސަތު ބަންދުނުވާ" ކަމަށެވެ.

ޝައުގުވެރިކަން ފާޅުކުރެއްވުން

އެކަމަކު އެ ގެންގުޅުއްވި "ޑިޕްލޮމަސީ" އިއްޔެގެ ހަވީރުގެ ވަގުތެއްގައި ރައީސް ސޯލިހު ވަނީ ނިމުމަކަށް ގެންނަވައިފަ އެވެ.

ދިހަ ވަރަކަށް މަސް ދުވަސް ފަހުން ރައީސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލު އަނެއްކާވެސް އަމާޒުކުރި އެވެ. އެ ސުވާލުކުރި ނޫސްވެރިޔާ ވެސް އެހެން ދެ ސުވާލެއްގެ ދޭތެރެއަށް އެ ސުވާލު ކުރުކޮށްލީ، އެދެވޭ ޖަވާބެއް ލިބިދާނޭކަމުގެ މާބޮޑު ޔަގީންކަމެއް ނެތިގެން ކަމަށް ވެދާނެ އެވެ.

ނަމަވެސް، ފުރަތަމަ ފަހަރަށް އެ ސުވާލަށް ރައީސް ސޯލިހު ވަނީ ސީދާ ނޫނަސް "ޝައުގުވެރި" ޖަވާބެއް ދެއްވައިފަ އެވެ.

ވިދާޅުވީ, އެމަނިކުފާނަކީ އަންނަ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް "ޗޮއިސް"އެއް ކަމަށެވެ.

އެކަން އިތުރަށް ތަފްސީލުކޮށް ދެއްވަމުން ރައީސް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީން ކާމިޔާބު ކުރުމަކީ މުޅި ގައުމަށް ވެސް ވަރަށް ބޭނުންތެރި އަދި އެންމެ ފައިދާ ބޮޑު ކަމެއް ކަމަށެވެ. ނަމަވެސް، އެ އިންތިހާބު ވެސް ކާމިޔާބު ކުރެވޭނީ ކޯލިޝަނެއްގެ އެހީތެރިކަމާއެކު ކަމަށް ޔަގީންކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް، މި ތިއްބެވި ބޭފުޅުން [ކޯލިޝަން]އާއެކު ނުކުމެ އިންތިހާބު އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ދެން ވިދާޅުވި ގޮތުންނަމަ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ކަނޑައަޅާނީ ޕާޓީންނެވެ.

ވަރުގަދަ ތިން ކަމެއް

ނަމަވެސް އެއީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަން ފިޔަވައި، އެ ވާހަކަތަކުގައި ސާފު ޖަވާބެއް ނުލިބޭ ކަމަށް ފުރަތަމަ އަޑުއަހައިލުމުން ފަހުމްނުވެދާނެ އެވެ.

އޭގެ ފަހަތުގައި ފޮރުވިފައި އޮތް ރައްދު ތިލަވަނީ މީގެ ކުރިން އިވިފައިވާ އަޑުތަކާ ވަރުން އެޅުވުމުންނެވެ. ހާއްސަކޮށް ނަޝީދު ހާމަކުރައްވާފައިވާ ސްޓޭންޑާއި ވިސްނުންފުޅު އަދި އެއްފަހަރު ސިކުނޑީގައި ދައުރުކޮށްލުމުންނެވެ.

ބަރުމަލާނީ ނިޒާމެއް ރާއްޖެއަށް ގެންނަން ނަޝީދު ބޭނުންފުޅުވާ ވަރަށް ވުރެން، ރިޔާސީ ނިޒާމެއްގައި ކޯލިޝަނަކުން ވެރިކަން ކުރުން އެމަނިކުފާނު ނުރުހެ އެވެ. ފަހަރުގައި އެއީ އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި ހިތި ތަޖުރިބާގެ ނަތީޖާ ކަމަށްވުން ގާތެވެ.

އެ ހަގީގަތް ބަދަލުކުރަން ނަޝީދު ވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ ފައްޓަވައިފަ އެވެ. އެކަން ކުރެވޭނެ އެންމެ ކުރު މަގަކީ އެމްޑީޕީގެ ތެރެއިން އެކަން ނިންމައިގެން ކަން ވިސްނިވަޑައިގެން، އެމަނިކުފާނު ވަނީ އަންނަ އޯގަސްޓު މަހު އޮންނަ އެމްޑީޕީގެ ކޮންގްރެސްއަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވައިފަ އެވެ.

ނަޝީދު ގެންނަވަން ބޭނުންވާ ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށްވުރެ އެންމެ ގިނައިން ވޯޓު ލިބޭ ކެންޑިޑޭޓް އިންތިހާބުން ކާމިޔާބުވީ ކަމުގައި ގާނޫނުއަސާސީގައި ލިޔުމެވެ.

މިހާރު ގާނޫނުއަސާސީގައި އޮންނަ ގޮތުން ވޯޓުގެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ހޯދައިގެން މެނުވީ ރާއްޖޭގެ ރައީސް ކަމަށް އިންތިހާބެއް ނުވެވޭނެ އެވެ. އެހެންވެ, ދެވަނަ ބުރެއްގެ ވޯޓަށް މީގެކުރިން ބޭއްވި ދެ ރިޔާސީ އިންތިހާބެއްގައި ވެސް ދާން ޖެހުނެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި, އެކަމަށް ބަދަލު ގެނައުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ބޭނުންތެރިކަމެއްގެ ގޮތުގައި އެންމެން ވެސް އިއްތިފާގުވާނެ އެވެ.

ރައްޔިތުންގެ 30 ޕަސެންޓު ވޯޓަކީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ވެރިއަކު ހޮވުމަށް އެކަށީގެންވާ އަދަދެއްގެ ވޯޓެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް މި ރާއްޖޭގައި އަބަދުމެ އޮތުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށް ވެސް އޮތުމަށް އެ ގޮވަމުންދާ ގޮވުން އަޅުގަނޑުމެން ކަނުލާ އަޑުއަހަން ޖެހޭނެ," އެމަނިކުފާނުގެ ހުށަހެޅުން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ މި ސްޓޭންޑާ، ރައީސް ސޯލިހު އިއްޔެ ވިދާޅުވި ވާހަކަތައް ގާތްގާތުގައި ބެހެއްޓުމުން, ނަޝީދަށް އަމާޒުކުރެއްވި ރައްދާއި އެމްޑީޕީގެ މެމްބަރުންނަށް ދެއްވި މެސެޖު ސިފަވާން ފަށަ އެވެ. ނަޝީދެކޭ އެއްފަދައިން، 2023 އެމްޑީޕީއިން ކާމިޔާބު ކުރަންޖެހޭ ކަމަށް ރައީސް ސޯލިހު ވެސް އިއްތިފާގުވެވަޑައިގަންނަވަ އެވެ.

އެކަމަކު އެ މަގަށް ހިޔާރުކުރާ މަގު، ދެ ބޭފުޅުންގެ ތަފާތެވެ. ރައީސް ވިދާޅުވި ގޮތުންނަމަ، އެ އިންތިހާބު، އެއްވެސް ޕާޓީއަކަށް އެކަނި ކާމިޔާބެއް ނުކުރެވޭނެ އެވެ. ނަޝީދުގެ ސްޓޭންޑާ ދިމާ އިދިކޮޅަށް، ރައީސް ސޯލިހު ވިދާޅުވީ, އިންތިހާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނާ އެކީ ކަމަށެވެ. ކޯލިޝަން ސަރުކާރެއް އެންމެ ގިނަ ދުވަހު ދެމެެހެއްޓި ރެކޯޑް އޮތް ރައީސްގެ ލަގަބުގެ މަތީގައި ހުންނަވައިގެން އެކަން ކުރެއްވޭނީ ސީދާ އެމަނިކުފާނަށް ކަމަށް ވެސް ނުސީދާކޮށް ވިދާޅުވެ ދެއްވި އެވެ.

ދެން އޮތީ ކޯލިޝަން ހަދަންނުޖެހޭ ގޮތަށް ނަޝީދު ހުށަހެޅުއްވި އިސްލާހެވެ. އެކަމާ ރައީސް ސޯލިހުގެ ސްޓޭންޑް ވަރަށް ސާފުކޮށް އިއްޔެ ހާމަކުރެއްވި އެވެ. ރައީސް ވިދާޅުވީ 30 ޕަސެންޓުގެ ވޯޓު ކާމިޔާބުކުރައްވާ ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމަކީ އެމަނިކުފާނަށް ތާއީދުކުރެއްވޭ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވެރިކަމަށް އަންނަ މީހަކު ވެރިކަމަށް އަންނަންވަނީ 50 ޕަސަންޓުގެ ރައްޔިތުންގެ ތާއީދާއެކު،" ނަޝީދަށް ސީދާ ގޮންޖައްސަވައި، ރައީސް ސޯލިހު އިއްޔެ ވިދާޅުވި އެވެ.

ހަމައެކަނި ޗޮއިސް؟

ކޮންމެއަކަސް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަވި ދެ ރައީސުންގެ ހިލާފުތަކާއެކު އޯގަސްޓް މަހު އޮންނަ އެމްޑީޕީގެ ކޮންގްރެސް އިތުރަށް ޝައުގުވެރިވެއްޖެ އެވެ. މިހާރު ވެސް ދެ ފެކްޝަނަކަށް ބެހިފައިވާ އެމްޑީޕީގެ ގަދަހިފުން އިތުރަށް ހޫނުވާނެ އެވެ.

ނަޝީދު ބޭނުންފުޅުވާ ގޮތް، ހުށަހެޅުންތަކެއްގެ ސިފައިގައި މިހާރު ހާމަވެފައިވާއިރު އެ ހުށަހެޅުންތަކާ ރައީސް ސޯލިހު ދެކޮޅު ކަން އެނގިގެން ގޮސްފައިވާތީ އެވެ.

ރައީސް ސޯލިހު އިއްޔެ ވިދާޅުވީ، 2023ގެ އިންތިހާބުގައި އެމަނިކުފާނަކީ އެމްޑީޕީއަށް އޮތް "ޗޮއިސް"އެއް ކަމަށެވެ. އެކަމަކު އެއާ ވިދިގެން އެމަނިކުފާނު ދެ ޖުމްލަ ދޭތެރެއިން ވިދާޅުވި ވާހަކަތަކުންނާއި އެކަމަށް އޮތް މަގު ދެއްކެވެމުން ދޭހަވާ ކަމަކީ، އެ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރަން އޮތް ހަމައެކަނި ޗޮއިސްއަކީ އެމަނިކުފާނު ކަމެވެ.