Advertisement

ޔާމީން: 2023އަށް ނުވިސްނަވައި، "މިނިވަން"ކަމުގެ ވަރުގަދަ އަޒުމެއްގައި!

17 މޭ 2022 - 13:40 3

ނާޒިމް ހަސަން

ނާޒިމް ހަސަން

ރައީސް އަބްދުﷲ ޔާމީން "އަދަދު" އަށް އިންޓަވިއު ދެއްވަނީ: ވިދާޅުވީ ދައުލަތުގެ ހުރިހާ ބާރެއް ބޭނުން ކުރެއްވި ނަމަވެސް އިންޑިއާ އައުޓް ކެމްޕެއިން ނުހުއްޓަވާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޔާމީން: 2023އަށް ނުވިސްނަވައި، "މިނިވަން"ކަމުގެ ވަރުގަދަ އަޒުމެއްގައި!

17 މޭ 2022 - 13:40 3

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ތައްޔާރީތަކާއި ރޭވުންތައް، ސިޔާސީ ބޭފުޅުން އެކި ދިމަދިމާލުގައި، ތަފާތު ގޮތްގޮތަށް ކުރަމުންދިޔަ ނަމަވެސް, އެ އިންތިހާބަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކުރީގެ ރައީސް އަބްދުالله ޔާމީނަށް އެ ތައްޔާރީތަކަށްވުރެ މި ވަގުތަށް އޮތީ މާބޮޑު އެހެން ކަމެކެވެ; "އިންޑިއާ އައުޓް!" އެވެ.

ޔާމީން ވިދާޅުވާ ގޮތުގައި, އިންތިހާބާ ހަމައަށް ދެވޭނީ އެހާއިރަށް ވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ބީވެނުދީ ހިފަހައްޓަން ޖިހާދުކޮށްގެންނެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ ފުރަތަމަ ޝައުގުވެރިކަން ބާއްވާންވީ އިންތިހާބުގެ ބަދަލުގައި އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރުމަށެވެ.

ފަސް އަހަރުގެ ޖަލު ހުކުމަކުން މިންޖުންވެ, މިނިވަންވެވަޑައިގެންނެވި ފަހުން ޔާމީން އެންމެ ބޮޑު ސިޔާސީ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދަވަނީ "އިންޑިއާ އައުޓް" ކެމްޕެއިނެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ކޮންމެ ސިފައެއްގައި ނަމަވެސް ތިބުމާއި މިނިވަން ކަމަށް ގެއްލޭ ގޮތަށް ކަމަށް އެމަނިކުފާނަށް ގަބޫލު ކުރެއްވޭ ގޮތަށް އިންޑިއާ އާއި ރާއްޖެއާދެމެދު ހަދާ އެއްބަސްވުންތަކާއި ނަގާ ލޯނުތަކާ ދެކޮޅަށް ޔާމީން އަޑުއުފުލައްވަމުން ގެންދަވާއިރު, އެކަން ހުއްޓުވުމަށް ސަރުކާރުން ގެންދަނީ ދައުލަތުގެ ހުރިހާ ބާރެއް ބޭނުން ކުރަމުންނެވެ.

އެކަމަކު, "އަދަދު"އަށް ޔާމީން ދެއްވި ހާއްސަ އިންޓަވިއުގައި ޔާމީން ފާހަގަ ކުރެއްވި ގޮތުގައި އެމަނިކުފާނު ހުންނެވީ ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ.

"ރާއްޖޭގެ ކީއްވެގެންތޯ ރައްޔިތުން 2023 އަށް މިހާ ޝައުގުވެރިވަނީ, އެއަށްވުރެ ރައްޔިތުންނަށް ކަންބޮޑުވެފައި އޮތީ އިންޑިއާގެ އަސްކަރިއްޔާ އޮތުންތޯ, އެހެންވެއްޖެއާ ކީއްކުރަންތޯ އަޅުގަނޑުމެން 2023 ގެ ވާހަކަ ދައްކަންވީ. ދެހާސްތޭވީހުގައި މިހާރު މި އޮތް ހާލަތު އޮވެގެން ނޫނީ މިއަށްވުރެ ވަރުގަދައަށް ދިވެހިރާއްޖޭގެ ކަންކަން އިންޑިއާގެ ނުވަތަ އިންޑިއާގެ އަސްކަރިއްޔާގެ އަތްދަށުގައި އޮވެގެން ދިވެހިރާއްޖެއަށް ކޮން މުސްތަގުބަލެއްތޯ އޮތީ, ކީއްކުރާ 2023 އެއްތޯ, އެހެންވީމަ ރައްޔިތުން ވިސްނަންވީ އެކަމަށް ދެއްތޯ," ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނަންތޯ ސުވާލުކުރުމުން ޔާމީން ވިދާޅުވި އެވެ.

"ފެންނަން އޮތީ ނުރައްކަލުގެ ސާފު, ބޮޑު މަންޒަރެއް"

ޔާމީން ވިދާޅުވި ގޮތުގައި, "އިންޑިއާ އައުޓް" ކެމްޕެއިން އިހުނަށްވުރެ ފުޅާކޮށް އެކަމުގައި ސާބިތުވެ ހުންނަވާނެ ކަމުގެ ކަށަވަރުކަން ދެއްވަމުން ގެންދަވާ ސަބަބަކީ, އެމަނިކުފާނަށް ފެންނަން އޮތް މަންޒަރާއި ރާއްޖޭގެ ކުރިމަގަށް އޮތް ނުރައްކަލެވެ. އެ ނުރައްކަލުގެ މަންޒަރު, އެމަނިކުފާނަށް ފަހުމްވަނީ އިންޑިއާއާ ދެކޮޅަށް ކެމްޕެއިން ކުރުމުން އެ ގައުމުން ފޮނުވާ ފިޔާ, އަލުވިކޮޅު ދަތިވެދާނެ ކަމަށްވުރެ މާދުރަށެވެ. ރާއްޖޭގައި "ހޮސްޓައިލް ފޯސްއެއް" ގާއިމްވެ, ރާއްޖޭގެ މިނިވަންކަމާ ދެކޮޅަށް އޮތް އުދުވާނެއްގެ މަންޒަރު, އެމަނިކުފާނު ވިދާޅުވާ ގޮތުގައި, އޮތީ ސާފުކޮށް ފެންނާށެވެ.

"....އަޅުގަނޑަށް މި ވަރަށް ފަސޭހައިން ފަހުމްވޭ, އެހެންވީމަ އެއީ އޭގަ ޗޮއިސެއް އޮތް ކަމެއް ނޫން, ރާއްޖޭގަ އިންޑިއާ އަސްކަރީ ތިބެގެން އިންޑިއާ އާއި ރާއްޖެ ސަރުކާރާ ކޮށްފަ ހުރި ހުރިހާ އެގްރިމެންޓެއް ގަދަ ބާރުން ތަންފީޒުކުރުމަށްޓަކައި, އެމީހުންގެ އިސް މީހުން ދައްކާ ވާހަކަތަކުން އެނގޭ މީހުން ހޮސްޓައިލް ފޯސްއެއްކަން ރާއްޖޭގައި މިއޮތީ, ރާއްޖެއަށް ހެޔޮ އެދިގެން އައިސް ތިބި ބައެއް ނޫންކަން ހަމަ ޝައްކެއް ނެތް ގޮތުގައި އެނގޭ،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޔާމީން ވިދާޅުވި ގޮތުގައި, އިންޑިއާއަކީ އަވަށްޓެރި ގައުމަކަށްވާތީ އެ ގައުމާ ދެކޮޅަށް ކެމްޕެއިން ކުރުމުން އެކަމުގެ ސަބަބުން ދަތިވެދާނެތީ, އިންޑިއާ ސިފައިން ތިއްބަސް ވަރިހަމަކޮށްލައިގެން ތިބޭ ތިބުން ފެނިފައިވާ އެމަނިކުފާނު ވަރަށް ކަންބޮޑުވެވަޑައިގަންނަވަ އެވެ. ގުދުރަތީ މި ހުރިހާ މުއްސަނދިކަމާއި ރައްޔިތުންނާއެކު ރާއްޖެ, އިންޑިއާގެ ސަހަރަކަށް ވެއްޖެނަމަ, އެކަމާ ދިވެހިން މާދެރަވާނެކަން ކަށަވަރުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ރައްޔިތުންނަށް ގެއްލުމެއް ވަނީ އިންޑިއާއިން ގެންނަ ފިޔާ އަލުވިކޮޅު ނުލިބުންތޯ ނޫނީ މުޅި ގައުމު އަޅުވެތިކަމުގައި ތިބުން ނޫންތޯ. އިންޑިއާގަ އެކިއެކި ބޭނުންތަކަށް ގޮސް ތިބޭ ތިބުންތޯ އަޅުގަނޑުމެންނަށް މުހިންމުވެގެން މި އުޅެނީ މުޅި ދިވެހިރާއްޖެ ގުދުރަތީ ހުރިހާ ވަސީލަތްތަކާއެކީ މީހުންނާއެކު އަޅުވެތިވުންތޯ ބޭނުން ވަނީ," ޔާމީން ވިދާޅުވި އެވެ.

ޔާމީން ފާހަގަ ކުރެއްވި ގޮތުގައި, އިންޑިއާގެ ސިފައިން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބޭ ތިބުމާ ދެކޮޅަށް އަޑުއުފުލައި އެކަމުގައި އުޅެންޖެހުމަކީ ހަަމައެކަނި ޕީޕީއެމްގެ ޒިންމާއެކޭ ބައެއް މީހުންނަށް ހީވެފައި އޮވެ އެވެ. އެކަމަކު, އެމަނިކުފާނު އުފެއްދެވި ސުވާލަކީ ރާއްޖޭގެ މިނިވަންކަމަށް ކުޑަ ވެސް އަސަރެއްނުކޮށް ބޭއްވުމުގެ ބޮޑު ޒިންމާ އޮތީ މުޅި ރައްޔިތުންނަށް ނޫންތޯ އެވެ.

"...އަޅުގަނޑުމެންގެ ހަމައެކަނި ޒިންމާއެއް ނޫން އެއަކީ, މިއީ ރައްޔިތުންގެ މައްސަލައެއް, މިއީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްސަލައެއް, މިކަމަށް ރައްޔިތުންގެ ގިނަ ބަޔަކަށް ދަތިނުވާ ކަމުގައިވާނަމަ މިއީ ޕީޕީއެމްއިން އެކަނި އަސަރުކޮށްގެން އުޅެން ޖެހޭ ވަރުގެ ކަމެއް ވެސް ނޫން ދެއްތޯ, އަޅުގަނޑުމެންނަށް ވެސް ފަސޭހަ ގޮތް ފަސޭހަ ދެއްތޯ," އުފެއްދެވި ސުވާލަށް ޔާމީން ޖަވާބު ވެސް ދެއްވި އެވެ.

"އެކަމަކު އަޅުގަނޑުމެން ގަބޫލެއް ނުކުރަން އަޅުގަނޑުމެން ޕާޓީގެ އެއްވެސް މެންބަރަކު ގަބޫލެއް ނުކުރޭ ސަރުކާރުން ބޭނުންހާ ގޮތަކަށް އިންޑިއާ މީހުން މިތަނަށް އަތް ގަދަ ކުރަން ދޫކޮށްލާފައި ރާއްޖޭގެ ކަންކަން އެމީހުންނާ ހަވާލުކޮށްފައި އޮންނަން ވާނެ ކަމަކަށް."

އެފަދަ އެންމެ ބޮޑު ކަމެއްގެ ގޮތުގައި ޔާމީން ފާހަގަ ކުރެއްވި އެއް ކަމަކީ އުތުރުގެ އުތުރުތިލަފަޅުގައި ސަރުކާރުން އިންޑިއާއާ ގުޅިގެން ހިންގާ މަޝްރޫއުގެ އެއްބަސްވުމުގެ ތެރެއިން އަންނަން އޮތް ނުރައްކާތަކަށެވެ. އެތަނުގައި ސިފައިންގެ މަރުކަޒެއް އެޅުމަށް ޔާމީންގެ ސަރުކާރުގައި ވެސް އިންޑިއާއެކު މަޝްވަރާތައް ކުރެވުމެވެ. އެތަނުގައި އިންޑިއާ ސިފައިންނަށް ތިބެވޭ ގޮތަށް ދީއްލާލަން އެ ސަރުކާރުން ވެސް އެއްބަސްވި ކަމަށް ޔާމީންއާ ދިމާއަށް ފާޑުކިޔުންތައް އައި ނަމަވެސް, ޔާމީން ދެއްވި ގެރެންޓީއަކީ އެފަދަ ކުޑަ ވެސް ވާހަކައެއް އޮތް އެއްބަސްވުމެއް އެމަނިކުފާނުގެ ވެރިކަމުގައި ގާއިމްކޮށްފައި ނޯންނާނެ ކަމެކެވެ. އެކަމަކު, މި ސަރުކާރުން އުތުރުތިލަފަޅަށް ހެދި އެއްބަސްވުންތައް ރައްޔިތުންނަށް ދައްކައި, އެފަދަ ގެރެންޓީއެއް ދެވެން ނޯންނާނެކަން ޔާމީން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ސާފުކޮށްލަން ބޭނުންވޭ ހުރިހާ ޖެނަރަލުން އެއްބަސްވެގެން ހެދި އެއްބަސްވުންތަކެއްތޯ ވެސް އެއީ، އެއްބަސްވުންތައް އިންޑިއާގެ ހުއްދައާ ނުލާ ނުދެއްކޭނެ ކަމަށް ސަރުކާރުން ބުނާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާނެތީ ނުދެއްކޭނެ ކަމަށް, ދިވެހި ރައްޔިތުން ދެއްތޯ ގައުމީ ސަލާމަތް އެންމެ ބޮޑަށް އޮންނަން ބޭނުން ވަނީ, އެހެންވީމަ ކީއްވެގެންތޯ ރައްޔިތުންނަށް މި އެގްރިމެންޓްތައް ނުފެނިގެން މި އުޅެނީ, ދައްކަންވީނޫންތޯ މި އެގްރިމެންޓްތަކުގަ ހުރި ވާހަކަތައް," އެއްބަސްވުންތައް ހާމަ ކުރުމަށް ގޮވާލައްވަމުން ކުރީގެ ރައީސް ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ އަސާސީ ހައްގެއް; ނުހުއްޓުވޭނެ

ޔާމީން ވިދާޅުވި ގޮތުގައި, ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުވާ ހައްގަކަށްވާއިރު އިންޑިއާއެކު އޮތް ހާރިޖީ ގުޅުމަށް ފާޑުނުކިޔެންވީ އެއްވެސް ސަބަބެއް ނެތެވެ. ސަރުކާރުތަކުން ގެންގުޅޭ ހާރިޖީ ސިޔާސަތުތަކަކީ އެއަށް ހުރިހާ ރައްޔިތުން އެއްބަސްވާނެ ކަންކަމެއް ނޫން ކަމާއި ބައެއް ގައުމުތަކުގައި އެހެން ގައުމުތަކުގެ ދިދަ އަންދާލާ ހިސާބަށް ވެސް ރައްޔިތުން ނުކުމެ ހިޔާލުފާޅުކުރާކަން ޔާމީން ފާހަގަކުރެއްވި އެވެ.

"ދުނިޔޭގެ ކޮން ތަނެއްގަތޯ މި މިނިވަންކަން ނެތީ, އެއްވެސް ގައުމެއްގެ ހާރިޖީ ސިޔާސަތަކަށް އެ ގައުމުގަ ތިބި އެންމެން ތަބާވާކަށް ނުޖެހޭނެ, އަދި އާންމުކޮށް ހާރިޖީ ސިޔާސަތަކީ އިދިކޮޅުން ފާޑުކިޔާ ކަންތައް, އަޅުގަނޑުމެން ސަރުކާރު ހިންގިއިރު އޭރު އިދިކޮޅުގަ ތިބި އެމްޑީޕީން ޗައިނާއާ އޮންނަ ގުޅުންތަކާ ދޭތެރޭގަ ފާޑު ނުކިޔާތޯ, ގައުމުތަކުގައި ގައުމުތަކުގެ ދިދަ އެބަ އަންދާތާ ދެއްތޯ," ޔާމީން ވިދާޅުވި އެވެ.

"...އެހެންވީމަ މިތާ މި އޮތީ މާބޮޑަށް ދޮންވެ ފައްކާވެފައި އޮތް ޑިމޮކްރަސީއެއް, އެފަހަރަކު ބޭނުންވާ ގޮތަކަށް ކަންތައް ކުރާ ޑިމޮކްރަސީއެއް, މިއީ އެއްވެސް ކަހަލަ ހަމައެއް ލަމައެއް އޮވެގެން ކަންތައްތައް ކުރާ ތަނެއް ނޫން."

އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ދަށުން ކުރި މުޒާހަރާއެއް ފުލުހުން ހުއްޓުވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޔާމީން ވިދާޅުވި ގޮތުގައި "އިންޑިއާ އައުޓް"އަކީ ވެސް ދިވެހި ރައްޔިތުންތަކެއް ހިޔާލުފާޅުކުރުމަކަށްވާއިރު, އެ ހައްގު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވައި ގަރާރަކުން ނުހިފެހެއްޓޭނެ އެވެ. އަސާސީ ހައްގެއް ހަނިކުރެވޭ ހާލަތެއްގައި ވެސް އެކަން ކުރެވޭނީ މަޖިލީހުގެ ގާނޫނަކުން ފާހަގަ ކުރައްވަމުން ޔާމީން ވިދާޅުވީ, މަޖިލީހުން ކުރަން ޖެހޭ ކޮންމެ ކަމެއް ރައީސްގެ ރިޔާސީ ގަރަރާކުން ނުކުރެވޭނެ ކަމަށެވެ. އެ ރިޔާސީ ގަރާރަކީ ޣައިރު ގާނޫނީ ގަރާރެއް ކަމާއި އެ ގަރާރުގެ ދަށުން ފިޔަވަޅެއް އަޅައި, ތަހުގީގަކާ ކުރިމަތިލާން ޖެހުނަސް އެ ވާހަކަ އެ ގޮތުގައި ދައްކަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ފުލުހުން އައިސް ގަދަބާރުން އެ ގަރާރު އެ ތަންފީޒުކުރަނީ, ބެނާތައް ނައްޓައިގެން މި ދަނީ. މަގުމަތީ ހަރަކާތްތައް ގަދަ ބާރުން މި ހުއްޓުވަނީ, ފުލުހުން އެ ކުރަނީ އިންޑިއާ ހިމާޔަތް, ދިވެހި ރައްޔިތުން މި ނުކުންނަނީ ދިވެހިރާއްޖޭގެ ހިމާޔަތުގައި, ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި މި ނުކުންނަނީ, އެހެންވީމަ ދެން މީގަ ޖާނަލިސްޓުން ނިންމާ ފުލުހުން މީގަ އެދޭ ގޮތަށް އިންޑިއާ ހިމާޔަތް ކުރުންތޯ ރާއްޖެއަށް ރަނގަޅު ގޮތަކީ ނޫނީ ދިވެހިން ދިވެހިންގެ މިނިވަކަން ކަށަވަރު ކުރުމަށްޓަކައި މި ކުރާ ޖިހާދުތޯ ރަނގަޅަކީ," ޔާމީން ވިދާޅުވި އެވެ.

އެ މަސައްކަތުގައި ޕީޕީއެމް ދެމިއޮންނާނީ ޔާމީން ވިދާޅުވި ގޮތުގައި, ގައުމާމެދު އެ ޕާޓީގެ އޮތް ތަސައްވުރު ބޮޑުކަމުންނެވެ. ފުރިހަމަ ސިޔާދަތީ ބާރާއެކު, ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ ރައްޔިތުންނަށް ގެނެސްދެވޭނެ އަދި ޔަގީނުން ވެސް ގެންނާނެ ކުރިއެރުންތަކުގެ ސާފު މަންޒަރު އެ ޕާޓީގައި އޮތުމުންނެވެ. އެކަމަކު, އެ ކުރިއެރުންތަކާ ހަމައަށް ދެވޭނީ ޔާމީން ވިދާޅުވި ގޮތުގައި, ހުރިހާ ރައްޔިތުން ވެސް އިންޑިއާއާ ދެކޮޅަށް, ގައުމުގެ މިނިވަންކަމާ އެއްކޮޅަށް ނުކުމެގެންނެވެ.

"...އަަޅުގަނޑުގެ ތަސައްވުރެއް ނޫން, ޕާޓީގެ ތަސައްވުރެއް އޮންނާނެ, އެ ހިސާބަށް ޕާޓީގެ ތަސައްވުރުގެ ކުލަ ޖެއްސޭނެ ކަމުގެ ސިޔާދަތީ ބާރު އަޅުގަނޑުމެންނަށް ސަރުކާރެއް އޮވެދާނެ ކަމަށް ގަބޫލު ކުރެވޭ ހިސާބުން ހަމަ ތަސައްވުރުގެ ވަރަށް ގިނަ ކަންކަން ނުކުންނާނެ, އޭގެ ތެރޭގައި އިތުރު ހައުސިންގެ މަޝްރޫއުތައް ހިމެނޭ ނަމަ އޭގެ ވާހަކަ ވެސް ދެއްކޭނެ," ޔާމީން ވިދާޅުވި އެވެ.

"އެކަމަކު އެ ހުރިހާ ކަމެއް، އެއިން އެއްވެސް ކަމެއް އަޅުގަނޑުމެންނަށް ކުރެވޭނީ ދިވެހިރާއްޖޭގަ ދިވެހި ސަރުކާރަށް އަންނަ ބަޔަކަށް ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ބާރު ފޯރާނެ ކަމުގެ ގެރެންޓީއެއް އޮވެގެން, އެކަންކަން ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ފުރިހަމަ މާނާގައި އެ ހައްގު ސަރުކާރަކަށް އޮންނާނެ ކަމުގެ ޔަގީންކަން ހޯދުމަށް ކުރާ ޖިހާދެއް މި ކުރަނީ."

ޔާމީން ވިދާޅުވި ގޮތުގައި ދެން ސަރުކާރަށް ވަޑައިގެންނެވުނަސް އެންމެ ފުރަތަމަ އޮންނާނެ ބޮޑު ތަކުލީފަކަށް ވާނީ އިންޑިއާގެ ދަރަނިތައް ދެއްކުމެވެ. ތަފްސީލާއި އޭގެ ފަހަތުގައިވާ ސިއްރުތައް ނޭނގޭ އެ ދަރަނިތައް, ޔާމީން ވިދާޅުވި ގޮތުގައި ދެއްކުން ވާނީ ގައުމަށް ބޮޑު ބުރައަކަށެވެ. އެމަނިކުފާނު ޗައިނާއިން ނެންގެވި ލޯނުތަކަށްވުރެ އިންޑިއާގެ ލޯނުތައް ބޮޑުވެފައި, އޭގެ ތުރާ ވެސް ރައްޔިތުންނަށް މާބޮޑުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ޒުވާނުންނަށް މާބޮޑު ކަމެއްހެން ހީނުވެ މި ތިބެނީ މިނިވަން ޖާނަލިސްޓުން މި ވާހަކަތައް ނުލިޔާތީ, އޮންލައިން ހުރިހާ މީޑިއާއަކީ މި ސަރުކާރުން ނުވަތަ އިންޑިއާ ސަރުކާރުން އަންގާ ގޮތަކަށް ކަންތައްތައް ކުރާނެ ބައެއް ނޫން, ދިވެހިންގެ ކުރިމަގު އޮތް ގޮތް ދިވެހިންނަށް މިހާރު އެބަ އެނގެން ޖެހޭ, އެކަން ކޮށްދޭނެ ބަޔަކީ ސިޔާސީ މީހުންނެއް ނޫން, އަޅުގަނޑުމެންނަށް މައުލޫމާތު ދެވޭނެ އެކަމަކު އެކަން ދިރާސާކޮށްފައި ވެރިފައިކޮށް އެކަން ކުރަން ޖެހޭ ބަޔަކީ ޖާނަލިސްޓުން," އިންޑިއާގެ ޖީއެމްއާރްއަށް ބަދަލު ދޭން ޖެހުނު ގޮތާއި އެ ބުރައިގެ ތަޖުރިބާ ހިއްސާކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޓްވިޓާއަށް ވެންނެވި ސަބަބާއި ބޮޑު ދައުވަތު

ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ވަރަށް ނުކުރައްވަން ހުންނެވުމަށްފަހު ސިޔާސީ އަރައިރުވުންތަކުގެ ހޮޅުއަށި ކަމަށްވާ ޓުވިޓާއަށް ވެންނެވީ ވެސް އިންޑިއާއާ ދެކޮޅު އެމަނިކުފާނުގެ ޝައޫރުތައް, އެ ބޭނުންވާ ގޮތުގައި ބައިނަލްއަގްވާމީ މުޖުތަމައުއަށާއި ބޭރުގެ ނޫސްވެރިންނަށް ވެސް ފޯރުކޮށްދިނުމަށެވެ. އެމަނިކުފާނުގެ ޓުވީޓުތައް އެންމެ ބޮޑަށް އަމާޒު ކުރައްވަނީ އެ ފަރާތްތަކަށް ކަމަށް ފާހަގަ ކުރައްވަމުން ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުކުރަން އެ ފަރާތްތަކާ ހަމައަށް ޝަކުވާ ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

"...ވަރަށް ޝަކުވާ ވެސް އާދޭ އަޅުގަނޑުގެ ޓްވީޓް އެންމެ ފުރިހަމައަށް ތަރުޖަމާ ނުކުރެވޭތީ, ދެން އެކަމަކު ވަރަށް ބޮޑަށް މާފު ކުރައްވާށޭ ދިވެހި ރައްޔިތުން, އަޅުގަނޑުގެ އޯޑިއެންސްއަކީ ހަމައެކަނި ދިވެހި ރައްޔިތުންނެއް ނޫނޭ, ރާއްޖޭގެ ހާލަތު މިއަދު އޮތް ގޮތް އެންމެ ބޮޑަށް ކިޔައިދޭން ޖެހެނީ ބޭރަށް, އެއްވަނަ ދުނިޔޭގެ ގައުމުތަކަށް, ޑިމޮކްރަސީގެ ނަމުގަ އަޅުގަނޑުމެންނަށް އަދަބުދިން ގައުމުތަކަށް ވެސް އެބަ އެނގެން ޖެހޭ ރާއްޖޭގެ ހާލަތު މިހާރު އޮތީ ކިހިނެއްތޯ, އެއީ ދިވެހި ރައްޔިތުންނަށް މި ހާލަތު ފެނޭ ކޮންމެ ދުވަހަކު ވެސް, އެކަމަކު އަޅުގަނޑުމެން މި ތިބީ އަމިއްލަ ހާލަތު ބަދަލުކުުރުމަށް ނުކުޅެދިފައި, އެހެންވީމަ އަޅުގަނޑުމެންގެ ޝަކުވާތައް އެނގެން ޖެހޭ ފަރާތްތަކީ އެއްވަނަ ދުނިޔޭގަ ޑިމޮކްރަސީއަށް ލޯބިކުރާ ފަރާތްތައް," ޔާމީން ވިދާޅުވި އެވެ.

ޓުވިޓާގައި އަމިއްލަ ޝުއޫރުތައް ފާޅުކުރައްވަމުން ގެންދަވާއިރު, ޔާމީން "އަދަދު"އަށް ދެއްވި އިންޓަވިއު ވެސް ނިންމަވާލެއްވީ ބޮޑު ދައުވަތަކާ އެކު އެވެ. އިންޑިއާ ސިފައިންއާ ދެކޮޅަށް އެމަނިކުފާނު ދައްކަވާ ވާހަކަތަކާއި އޭގެ ބަހުސް ފުޅާކޮށް އެކަމުގައި ސަރުކާރުގެ ވާހަކަތައް އަޑުއަހައި އެއަށް ރައްދު ދެއްވަން ޔާމީން ހުންނެވީ ތައްޔާރަށެވެ.

"އަޅުގަނޑު ތައްޔާރު އިނގޭތޯ ކޮންމެ ޓީމަކާއެކު ވެސް އަރާ ޕެނަލް ޑިސްކަޝަނެއް ދާން. ސަރުކާރުން ވެސް ވަޑައިގަންނަވާ..."