Advertisement

މިހާ ބޮޑު އޮޕަރޭޝަނެއް، އެހާ ބޮޑު ކޮން ކަމެއް؟

12 ޖަނަވަރީ 2022 - 08:53 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ސިފައިން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ: މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ގޭންގުތައް ހުއްޓުވަން ސިފައިން ވަނީ ނިކުމެފައި -- ފޮޓޯ: އަދަދު ފައިލް


މިހާ ބޮޑު އޮޕަރޭޝަނެއް، އެހާ ބޮޑު ކޮން ކަމެއް؟

12 ޖަނަވަރީ 2022 - 08:53 1

"ފަހެއް ޖަހާއިރު ކޮފީއެއް، ހައެއް ޖަހާ އިރު ކޮފީއެއް، ހަތެއް ޖަހާ އިރު މާރާމާރީއެއް،" މާލޭގައި ގޭންގު މާރާމާރީ އޮތް ވަރު ސިފަކޮށްދެއްވަން ކުރީގެ ކަމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހު، އޭރު ބޭއްވި މީޑިއާ ބްރީފިންއެއްގައި ވިދާޅުވި އެވެ.

ސީދާ ތާރީހު މިހާރު ހަނދާނެއް ނެތެވެ. އެކަމަކު އެއީ އެެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޕޮލިސް ކަމިޝަނަރަކަށް ހުންނެވި އަހުމަދު ފަސީހު ދެއްކެވި އެކި ވާހަކަތަކުގެ ތެރެއިން އެންމެ ހަނދާން ހުންނަ ވާހަކަ އެވެ. އޭނާ އެދުވަހު ކިޔައިދެއްވީ ގޭންގުތަކުގައި އުޅޭ ޒުވާނުންގެ ދުވަހެއްގެ ދިރިއުޅުން ހުންނަ ގޮތެވެ. ހޭލާނީ މެންދުރު ފަހުންނެވެ. ދެން ރޭގަނޑުގެ ވަކި ގަޑިއަކާ ޖެހެންދެން އޮންނާނީ ކޮފީތަކެވެ. މާރާމާރީތައް ރާވަނީ އެ ކޮފީތަކުގަ އެވެ.

ދަ އޭޝިއާ ފައުންޑޭޝަނާއި މޯލްޑިވްސް އިންސްޓްޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް، ޓްރޭނިން އެންޑް ރިސާޗް އާ ގުޅިގެން 2012 ވަނަ އަހަރު ރާއްޖޭގައި ކުރި ރިސާޗްގެ ހޯދުންތަކުން ފަސީހުގެ އެވާހަކައަށް ބާރު ލިބެ އެވެ. "ރެޕިޑް ސިޗުއޭޝަން އެސެސްމެންޓް އޮފް ގޭންގްސް އިން މާލެ" ގެ ނަމުގައި ޝާއިއުކުރި އެ ދިރާސާގައި، އޭރު ގޭންގުތަކުގައި އުޅުނު 150 މީހަކާ ސުވާލުކޮށްގެން އެއްކުރި މައުލޫމާތު ހިމަނާފައި ހުއްޓެވެ.

ރާއްޖޭގައި ގޭންގު މާރާމާރީ އާއި ގޭންގްތަކުން ހިންގާ އެހެން ކުށްތައް އާދަޔާ ހިލާފަށް ގިނަވެ އާއްމުވާން ފެށީ އެ ދުވަސްވަރުގައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެކަން އެހެން މައްޗަށް ގޮސް، މީހުން މެރުން އެންމެ ގިނަވީ 2016 އާއި 2018 އާ ދެމެދުގަ އެވެ. އެ ދެއަހަރުގެ ތެރޭގައި މަގުތަކަށް "މަރައި ވައްޓައިލި" މީހުންގެ އަދަދު ވެސް ގިނަ އެވެ.

ގޭންގުތަކަށް ވަރުގަދަ އިންޒާރެއް ދިނުމާއެކު ރައީސް ނަޝީދުގެ ދައުރުގައި ހަތިޔާރާއި ޓޭންކަރުތަކާއެކު މާލޭގެ މަގުތަކަށް ސިފައިން ނެރުނެވެ. ނަމަވެސް މުޅިއަކުން ގޭންގުތައް، އެއިރު ވެސް މިހާރު ވެސް ކޮންޓްރޯލް ކުރެވޭ ވަރެއް ނުވެ އެވެ.

ތަފާސް ހިސާބުތަކުން ފެންނަ މަންޒަރު

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 700 އަށް ވުުރެ ގިނަ މާރާމާރީ ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެއީ 2016 ވަނަ އަހަރު 781، 2017 ވަނަ އަހަރު 770 އަދި 2018 ވަނަ އަހަރު 753 މައްސަލަ އެވެ.

އެ ތިން އަހަރު ރާއްޖޭގައި ހިންގި މާރާމާރީތަކުގެ ބޮޑު ބަޔަކީ ގްރޫޕް ހަދައިގެން ހިންގި މާރާމާރީތަކެވެ. ގްރޫޕް ހަދައިގެން ހިންގި 215 މާރާމާރީއެއް 2016 ވަނަ އަހަރު ފުލުހުންނަށް ރިޕޯޓްކޮށްފައި ވެ އެވެ. ޖެހިގެން އައި 2017 ވަނަ އަހަރު އޭގެ 219 މައްސަލަ އަދި 2018 ވަނަ އަހަރު 223 މައްސަލަ ރިޕޯޓްކޮށްފައި ވެ އެވެ.

އެ ތިން އަހަރު ހިންގި މާރާމާރީތަކުގައި ތޫނު ހަތިޔާރުން ހަމަލާ ދިން ފަހަރުތައް ވެސް ގިނަ އެވެ. އެއީ 2016 ވަނަ އަހަރު 22 ފަހަރު، 2017 ވަނަ އަހަރު 34 ފަހަރު އަދި 2018 ވަނަ އަހަރު 26 ފަހަރެވެ.

ވަކިވަކިން އެކަކު އަނެކަކަށް ހަމަލާދިނުމުގެ ކުށް ވެސް އޭރު އިންތިހާއަށް ގިނަ އެވެ. އެ ތިން އަހަރުގެ ތެރޭގައި އަހަރަކަށް 400 އަށް ވުރެ ގިނަ ވަކިވަކި މާރާމާރީ ރިޕޯޓްކޮށްފައި އޮތް އިރު ތޫނު ހަތިޔާރުން ހަމަލާ ދިނުމުގެ ޖަރީމާ އަހަރަކު 30 އަށް ވުރެ ގިނަ އެވެ. އެނޫން ހަތިޔާރުން ހަމަލާދިނުން ވެސް ހުރީ 30 އަށް ވުރެ މަތީގަ އެވެ.

ގަސްދުގައި މީހުން މެރުމުގެ ޖަރީމާ ވެސް އެ ދުވަސްވަރު ގިނަ އެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގަސްދުގައި މީހުން މެރުމުގެ ފަސް ޖަރީމާއެއް 2016 ވަނަ އަަހަރު ހިންގި އެވެ. ޖެހިގެން އައި އަހަރު އެފަދަ ނުވަ ޖަރީމާ އަދި 2018 ވަނަ އަހަރު އެފަދަ ތިން ޖަރީމާ ހިންގި ކަމަށް ވެސް ފުލުހުންގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2019 ގެ ފަހުން މާރާމާރީގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކޮށްފައި އޮތީ އޭގެ ކުރީގެ ތިން އަހަރަށް ވުރެ މަދުންނެވެ. އޭގެ ފަހުން އެއްވެސް އަހަރެއްގައި މާރާމާރީގެ މައްސަލަތަކުގެ އަދަދު 700 އަށް އަރައިފައެއް ނެތެވެ. އެކަމަކު 2019 ވަނަ އަހަރަށް ވުރެ 2020 އަދި 2021 ގައި ރިޕޯޓްކުރި މައްސަލަތައް ގިނަ އެވެ.

މާރާމާރީގެ 626 މައްސަލައެއް 2019 ވަނަ އަހަރު ރިޕޯޓްކުރި އިރު 2020 ވަނަ އަހަރު ރިޕޯޓް ކުރީ 652 މައްސަލަ އެވެ. އެކަމަކު މިދިޔަ އަހަރު ރިޕޯޓްކުރި މާރާމާރީ މައްސަލަތައް އޭގެ ކުރީ އަހަރަށް ވުރެ ތަންކޮޅެއް މަދެވެ. މިދިޔަ އަހަރު ރިޕޯޓްކުރި ކަމަށް ތަފާސްހިސާބުން ދައްކަނީ 649 މައްސަލަ އެވެ. މިއީ ހަމަ އެކަނި ގޭންގު މާރާމާރީތައް ކަމަށް ނުވާތީ " ގޭންގު ވަޔަލެންސް" މިދިޔަ އަހަރު އިތުރުވި ކަމަކަށް ރެކޯޑްތަކުން ފެންނާކަށް ނެތެވެ.

ސިފައިން ނުކުތީ ގޭންގުތައް ހުއްޓުވަން؟

ތަފާސްހިސާބުން ކޮންމެ މަންޒަރެއް ފެންނަން އޮތަސް، ކުށުގެ ވެށީގެ އަސްލު މަންޒަރު ފެންނާނީ ފުލުހުންނަށެވެ. "ގުޅިގެން" މި ނަމުގައި ފުލުހުންނާއި ސިފައިން ހޯމަ ދުވަހު ފެށި އޮޕަރޭޝަނަކީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެ ދުވަހު ވިދާޅުވި ގޮތުގައި، ގޭންގު ކުށްތައް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން އުފައްދާފައިވާ ގައުމީ ޓާސްކް ފޯހުގެ މަސައްކަތްތައް ތަންފީޒުކުރުމުގެ ފުރަތަމަ މަރުހަލާ އެވެ.

މާލެ ސަރަހައްދުގައި އާންމުކޮށް ގޭންގުތަކާއި ގުރޫޕުތައް އެއްވެ ތިބޭ ސަރަހައްދުތަކުގެ އިތުރުން އެފަދަ ގުރޫޕުތަކަށް ނިސްބަތްވާ އުޅަނދުތައް ވެސް މި އޮޕަރޭޝަންގެ ދަށުން މޮނިޓާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގޭންގުތައް އާންމުކޮށް އެއްވެ ތިބޭ ތަންތަނާއި ސަރަހައްދުތަކުގައި ފުލުހުންގެ ޕްރެސެންސް އިތުރުކުރުން މި އޮޕަރޭޝަންގެ ބޭނުމަކީ. އެކަމުގައި ފުލުހުންނާއެކީ ސިފައިން ވެސް ހަރަކާތްތެރިވާ ގޮތަށް ގުޅިގެން މި އޮޕަރޭޝަން ހިންގަނީ،" ކޮމިޝަނަރު ވިދާޅުވި އެވެ.

ސިފައިންނާ ގުޅިގެން އޮޕަރޭޝަނެއް ފެށީ އެކި ކުށްތަކަށް އަރައިގަތުމާއި ތޫނު ހަތިޔާރު ގެންގުޅުން ފަދަ އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ގޭންގުތަކާއި ގުރޫޕުތަކުން އަމަލުކުރަމުންދިއުން ފަހަކަށް އައިސް އިތުރުވެފައިވާތީ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

އާދީއްތަ ދުވަހުގެ ރޭ މެންދަމު 12:22 ގައި ފުލުހުން ބަޔާން އާންމުކުރިތާ ކުޑަ އިރުކޮޅެއް ތެރޭ ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން މާލޭގެ ބައެއް ސަރަހައްދުތަކަށް ނުކުތެވެ. އެ އޮޕަރޭޝަނުގެ އެންމެ ފަހުގެ މައުލޫމާތުތަކެއް އަދި ނުލިބެ އެވެ.

އެކަމަކު ބައެއް މީހުން އުފައްދާ ސުވާލެއް އެބަ އޮތެވެ. ފުލުހުން ސިފައިންގެ އެހީތެރިކަން ހޯދާ ވަރުގެ ކަމެއް މާލޭގައި އެންމެ ފަހުން ހިނގީ ކޮން އިރަކު ހެއްޔެވެ؟ އެ އޮޕަރޭޝަނުގެ ދަށުން ގޭންގުތަކާ ދެކޮޅަށް މިހާތަނަށް އެއްވެސް އަމަލީ ހަރަކާތެއް ހިންގިތޯ އެވެ؟

މި ސުވާލުތަކުގެ ޖަވާބު އަދި ނުލިބުނަސް ޔަގީންވާ އެއް ކަމެއް އެބަ އޮތެވެ. ޓެރަރިޒަމްގެ ބިރު ރާއްޖޭގައި މިހާރު ކުރިއަށް ވުރެ ބޮޑެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން މިދިޔަ އަހަރު މޭމަހު ދިން ހަމަލާއަކީ އޭގެތެރެއިން އެއް ހެއްކެކެވެ.