6 ޖަނަވަރީ 2022 - 20:07 0
އަހުމަދު ސައީދު
ފުރާޅެއްގެ މަތީގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލް ތަކެއް: ސޯލާގެ ޕެނަލް ހަރުކުރުމުން ތެލަށް ކުރާ ހޭދަ ކުޑަ ކުރެވޭނެ-- އަދަދު ފައިލް ފޮޓޯ
6 ޖަނަވަރީ 2022 - 20:07 0
ދެހާސް ތިރީހުގެ ނިޔަލަށް ކާބަލް ނިޔުޓްރަލް ގައުމަކަށްވުމަކީ ރާއްޖޭގެ އަމާޒެކެވެ. މުޅި ރާއްޖެ ސޯލާ ހަކަތައް ބަދަލުކޮށްލުމުގެ ފެށުމަކީ ތިމާވެއްޓަށް އަހަމިއްޔަތުކަން ދިނުމަށް އެކަނި ކުރާ ކަމެއް ނޫނެވެ. އެއީ ރާއްޖެއިން ތެލަށް ކުރާ ދޭހަ ބޮޑުތަނުން ކުޑަ ކުރެވި، ކަރަންޓު ބިލުން ފަރުދުންގެ ޖީބަށް ހީނުކުރާހާ ބޮޑު ލުޔެއް ލިބިގެންދާނެ މަސައްކަތެކެވެ.
ސަރުކާރުން 20 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގޭގޭގައި ސޯލާ ޕެލަން ހަރުކޮށްދިނުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެކުލަވާލި ޕްރޮޖެކްޓު ހިންގުން މިއަދު ވަނީ ފެނަކް ކޯޕަރޭސަން އާ ހަވާލުކޮށްފަ އެވެ. މި ރިވޯލްވިން ފަންޑުގެ ފުރަތަމަ އަމާޒަކީ 1000 ގޭގެ ފުރާޅުގައި ސޯލާ ފޮޓޯވޮލްޓިކް (ޕީވީ) ސިސްޓަމް ހަރުކޮށް ދިނުމެވެ.
ހޯމް ސޯލާ ޕްރޮގްރާމް ފެނަކަ އާ ހަވާލު ކުރުމަށް ޖެން ހޮޓަލުގައި ބޭއްވި ރަސްްމިއްޔާތުގައި ތިމާވެށި މިނިސްޓަރު އާމިނަތް ޝައުނާ ވަނީ މި ޕްރާމުގެ މުހިންމުކަމާ އަދި މި ޕްރޮގްރާމު ކާމިޔާބު ވާނެކަން ޔާގީންވާ ވާހަކަ ތަކެއް ހިއްސާ ކުރައްވައިފަ އެވެ.
"ސައިންސް ވެރިން އިއްތިފާގު ވަނީ ދުނިޔޭގެ ހޫނު މިން ކުރިއަށް މިއޮތް ދިހަ އަހަރު ތެރޭގައި 1.5 ޑިގްރީ ސެލްސިއަސް އަށް ނުހިފެހެއްޓިއްޖެ ނަމަ، ދިވެހި ރާއްޖެ ފަދަ ގައުމު ތަކަށް ވިއްސާރަ ކުރާ މިންވަރާއި، ރައްގިރާ މިންވަރާއި ފެން ބޮޑުވާ މިންވަރު އެތައް ގުނައަކުން އިތުރުވާނެ ކަމަށް،" ކުރިއަށް އޮތް 20-30 އަހަރުގެ ތެރޭގައި ރާއްޖެ އަށް އޮތް ނުރައްކާ ފާހަގަ ކުރައްވާ ޝައުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމުގެ އިތުރަށް، ތެލަށް ހުރާ ހޭދަ ކުޑަކުރެވޭނެ މަގަށް ދަތުރު ކުރުމަކީ ރާއްޖޭގެ ވިލުންވެރިކަން އިތުރު ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަަށެެވެ.
"އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު، 2018 ގެ ނިޔަލަށް އިޔާދަ ކުރަނިވި ހަކަތަ ރާއްޖޭގައި ގާއިމުކޮށްފައިވާ އިންސައްތަ އަށްވުރެ ވިހި އިންސައްތަ އިތުރު ކުރުން، މި އަމާޒާ އެކު މަސައްކަތް ކުރަމުން މިދަނީ ރާއްޖެ އަކީ 2030 ގެ ނިޔަލަށް ނެތް ޒީރޯ ގައުމަކަށް ހެދުމަށް،" ޝައުނާ ސާފުކޮށް ދެއްވި އެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ގާއިމުކޮށްފައި ވަނީ، ސޯލާ އިން 16.5 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލު ކަމެވެ. މިދިޔަ ތިން އަހަރު ތެރޭގައި އެކަނި 20 މެގަވޮޓްގެ ކަރަންޓު ސޯލާ އިން އުފައްދަން ފަށާފައިވެ އެވެ.
މީހުން ދިރިއުޅޭ 1000 ގޭގެ ފުރާޅުގައި ސޯލާ ޕެންލް ހަރުކޮށްފި ނަމަ ޑީސަލަށް ކުރާ ހޭދައިން މަހަކު 10.4 މިލިއަން ރުފިޔާ ސަލާމަތްކޮށް ޖައްވަށް ބޭރުވާ ކާވަބްޑައި އޮކްސައިޑުން 2،500 ޓަނު މަދު ކުރެވެނެ އެވެ. ދެ ކިލޯވޮޓް ގެ 1000 ޕެނަލުން 3.1 މިލިއަން ޔުނިޓުގެ ކަރަންޓު އަވިން އުފެއްދޭނެ ކަމަށް އަންދާޒާ ތަކުން ދައްކަ އެވެ. އެ މިންވަރަށް ތެލުން ކަރަންޓު އުފައްދާނަ މަހަކު މިލިއަނެއްހާ ލިޓަރުގެ ތެޔު އަނދާ ހުލިވާނެ އެވެ.
"މިސާލަކަށް މަހަކު 300 ޔުނިޓުގެ ކަރަންޓު ބޭނުން ކުރާ ގެއަކުން ދެ ކިލޯވޮޓްގެ ސޯލާ ސިސްޓަމެއް ހަރުކޮށްފި ނަމަ، އަޅުގަނޑުމެން މި ދައްކަނީ ބިލުގެ ގާތްގަނޑަށް 90 އިންސައްތަ ކުޑަ ކުރެވިގެން ދާނެ ކަމަށް،" ޝައުނާ ވިދާޅުވީ އޭރުން ކަރަންޓު ބިލުން މަހަކު 490ރ. ކުޑަ ކުރެވޭނެ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނި ގޮތުގައި އެކުންފުނިން ހިދުމަތް ދޭ 154 ރަށުގެ ގޭބިސީތަކަށް ބަލާއިރު، 70 ޕަސެންޓް ގޭބިސީގައި ބޭނުން ކުރަނީ މަހަކު 400 ޔުނިޓަށްވުރެ މަދު ކަރަންޓެވެ. އެހެން ކަމުން އެފަދަ ގެއެއްގެ ބިލަށް މިހާރު އަރާ 535ރ. ގެ ބަދަލުގައި ސޯލާ ހަރުކުރުމުން ދައްކަން ޖެހޭނީ އެންމެ 45ރ. އެވެ.
ތިމާވެށި މިނިސްޓްރީ އާއި ފެނަކަ އިން އެއްބަސްވެފައި ވަނީ ފެނަކައިގެ ކަސްޓަމަރުންނަށް އިންސްޓޯލްމަންޓް އުސޫލުން ސޯލާ ޕީވީ ހަރުކޮށް ދިނުމަށެވެ. ފެނަކައިން ބުނީ އެކަމުގެ އަގުތައް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެެވެ.
"މި ފަންޑުގެ ދަށުން ރައްޔިތުންގެ ގޭގެ ފުރާޅުގަ ސޯލާ ޕެނަކް ހަރުކުރުމަށް ފައިސާ ދޫކުރެވޭނެ، ފުރަތަމަ ފަށައި ގަތުމަށް ވެސް 1000 ގޭގެ ފުރާޅުގައި ސޯލާ ހަރުކުރުމުގެ ވާހަކަ މި ދައްކަނީ،" ޝައުނާ ވިދާޅުވި އެވެ.
ފެނަކައިން ބުނީ ދެ ކިލޯވޮޓް އާއި ތިން ކިލޯވޮޓް އާއި ފަސް ކިލޯވޮޓްގެ ސޯލާ ޕެނަލް އެ ކުންފުނިން ތައާރަފު ކުރާނެ ކަމަށެވެ. ދެ ކިލޯވޮޑްގެ ޕެނަލެއްގެ އަގަށް 30،000ރ އަރާނެ ކަމަށް ފެނަކަ އިން ލަފާ ކުރެ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ ކަރަންޓު ވިއުގަތަކުގެ ފެންވަރު ރަނގަޅު ކޮށްފައިވާއިރު، ކުންފުނި އޮތީ ގޭގޭގައި ސޯލާ ޕެނަލް ހަރުކޮށްދޭން ފެށުމަށް ރަނގަޅަށް ތައްޔާރުވެފަ ކަމަށެވެ. ސައީދު ވިދާޅުވީ ކުރިން އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް މަންފާ ކުރާ ގޮތަށް އިޔާދަ ކުރުމުގެ ހަކަތައިގެ މަސްރޫއެއް ކުރިއަށް ގެންގޮސްފައި ނުވާއިރު، މިއަދު މި ފެށޭ މަސަކަތުން ރައްޔިތުންނަށް މިކަމުގެ ސީދާ ފައިދާ ކުރާނެ ކަމަށެވެ.
"ފެނަކައިގެ ހިދުމަތް ލިބިގަންނަ ހުރިހާ ރައްޔިތުންގެ ކިބައިން އެދެން އަޅުގަނޑުމެންގެ މި ވަސީލަތްތައް ބޭނުން ކުރުމަށް، ވަރަށް ލުއި ގޮތް ގޮތަށް މިކަން ކުރެވޭނެ ހުރިހާ މަގެއް، ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި އެންވަރަމެންޓު މިނިސްޓަރު ވަނީ ފަހިކޮށް ދެއްވާފައި،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ސޯލާ ހަރުކުރުމުގައި ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިން ކުޑަވުމެވެ. އޭނާ ވިދާޅުވީ ބިން ހިއްކައިގެން ވެސް ސޯލާ ހަރުކުރެވޭނެ މަގު ފަހި ކުރުން ބޭނުންތެރި ކަމަށެވެ.
ސަރުކާރުން ލަފާ ކުރަނީ ކާމިޔާބުކަމައެކު ޕްރޮޖެކްޓު ކުރިއަށް ގެންދެވިއްޖެ ނަމަ ރާއްޖޭގައި ސޯލާ ޕެނަލަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށެވެ. އަދި އެކަންވެގެންދާނީ އާދަޔާ ހިލާފު ބޮޑު އިންގިލާބަކަށް ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.
"މިކަމަށް ރައްޔިތުންގެ ޝަގުވެރިކަން އުފެދި ޑިމާންޑް އުފެދުމުން ދެން ހަމަ އިސާހިތަކު އޭސީ ގަންނަ ފަދައިން ސޯލާ ޕީވީ ގަންނަން މީހުން ޝައުގުވެރިކަން އުފެދޭނެ،" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment