4 ޖަނަވަރީ 2022 - 03:57 2
ނާޒިމް ހަސަން
ރައީސް ޔާމީން: މާލެ ސަރަހައްދާ ދުރަށް އެއްފަސްކުރުމުގެ ސިޔާސަތު ފުޅާ ކުރެވިދާނެ ކަމަކަށް އެމަނިކުފާނު ގަބޫލެއް ނުކުރައްވާ -- ފޮޓޯ: ރައީސް އޮފީސް
4 ޖަނަވަރީ 2022 - 03:57 2
ކުކުޅާއި ބިހުގެ ތެރެއިން ދޮށީ ކުކުޅުތޯ ނޫނީ ބިސްތޯ ކުރާ ސުވާލެކޭ އެއްފަދައިން، ރާއްޖެ އެއްފަސްކުރުމުގެ ސިޔާސަތުގައި ވެސް މިއޮތީ އެފަދަ ސުވާލެކެވެ. ރައްޔިތުން ހިޖުރަކުރުވާނީ ހުރިހާ ހިދުމަތެއް ގެންގޮސްފައިތޯ ނުވަތަ ހިދުމަތްތައް ގެންދާނީ މީހުން ހިޖުރަކުރުވާފައިތޯ އެވެ؟
އެއީ, ކުރީގެ ރައީސް އަބްދުالله ޔާމީން މުހިންމު ބަހުސެއް ހުޅުވާލެއްވުމުގެ ގޮތުން އަމާޒު ކުރެއްވި ސުވާލެވެ. އެމަނިކުފާނުގެ ވެރިކަމުގައި ފެނުނީ މާލެ ސަރަހައްދަށް މަރުކަޒީ ވިސްނުމުގައި ސިޔާސަތުތައް ގެންގެޅުއްވި މަންޒަރެވެ. ނަމަވެސް, އެމަނިކުފާނު އިންތިހާބުން ބަލިކޮށް ދެން ވެރިކަމަށް އައި ސަރުކާރުން ބޭނުންވީ އެގޮތެއް ނޫނެވެ. ވެރިކަމަށް އައީ ވެސް ޖަޒީރާ ސަރުކާރުގެ ޓެގާއެކު ޖަޒީރާ މެނިފެސްޓޯއެއް ވިއްކައިގެނެވެ. ލާމަރުކަޒުކޮށްގެނެއް ނޫނެވެ.
ޖަޒީރާ ރާއްޖެއާ ގުޅިފައި އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ގެންނެވި އެއްފަސްކުރުމުގެ ސިޔާސަތާ އެވެ. އެ ސިޔާސަތު ފުޅާވެގެން އައިސް, މި ސަރުކާރުން ބޭނުން ވަނީ އިގުތިސޯދީ ހަބުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދައި, މީހުން އެތަންނަށް ބަހާލައި ރާއްޖެ އެގޮތުގެ މަތީ ތަރައްގީވުމެވެ.
އެކަމަކު, އެ ސިޔާސަތަކީ ކުރީގެ ރައީސް ޔާމީންގެ ވިސްނުމާ މުޅީން ދުރުގައި އޮތް ސިޔާސަތެއްކަން އެމަނިކުފާނު މިވަނީ ހާމަކުރައްވައިފަ އެވެ. އޭގެ ސަބަބުތަކާއި އުޒުރުތައް ބައިވަރެވެ.
"އެއްފަސްކުރުމުގެ ސިޔާސަތަކީ އޭގެ ޒާތުގައި އެއްކޮށް ދޫކޮށްލާވަރުގެ ސިޔާސަތެއް ނޫން. އެހެންނަމަވެސް އެކްޓްރެކްޓްކުރާ މެގްނެޓަކަށް މި ވަނީ ވަޒީފާ އާއި އެހެން ވެސް ވަސީލަތްތައް ހުންނަ ޕޮޕިއުލޭޝަން ހަބެއް, އެފަދަ ތަނަކީ މި މާލޭ ސަރަަހައްދު," ޔާމީން އެމަނިކުފާނުގެ ވާހަކަ ފައްޓަވަމުން ވިދާޅުވި އެވެ.
ޖަލު ހުކުމުން ސަލާމަތްވެވަޑައިގެން ޓީވީ ޗެނަލަކަށް ފުރަތަމަ ދެއްވި އިންޓަވިއުގައި ޔާމީން ވިދާޅުވީ މާލެ ސަރަހައްދުން ދުރަށް އެއްފަސްކުރުމުގެ ސިޔާސަތު ގެންދެވޭނެ ތަން އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އައްޑޫ, ކުޅުދުއްފުށީ ފަދަ ތަންތަނުގައި ބިން އޮތޭ ކިޔާފައި އެތަންނަށް މީހުން ގެންދަން އުޅުނު ނަމަވެސް އެއީ ކާމިޔާބު ވެދާނެ މަސައްކަތެއް ކަމަކަށް ޔާމީން ދެކިވަޑައިނުގަންނަވަ އެވެ.
"އަޅުގަނޑަކަށް ނުފެނޭ ރާއްޖޭގެ އެކި ހިސާބުތަކުން އެތަނަށް މީހުން ދަތުރުކޮށްފާނެ ކަމަކަށް," ޗެނަލް-13 އަށް ދެއްވި އިންޓަވިއުގައި ޔާމީން ވިދާޅުވި އެވެ.
އޭގެ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވި ކަމަކީ އެފަދަ ހިޖުރައެއްގައި އޮންނާނެ އުނދަގޫތަކެވެ. ރައްޔިތުންނާއި ސަރުކާރަށް ވެސް އޭގެ ސަބަބުން ކުރިމަތިވެދާނެ ބުރަ އާއި ތަކުލީފެވެ.
"މާލެއާ އެއް ފެންވަރަށް ހުރިހާ ހިދުމަތެއް އެ ތަންތަނުން އެބަ ލިބެން ޖެހޭ. [އެއިރުން ހިދުމަތްތައް] ލިބުނީމަ މީހުންނަށް ދެވޭނީ, އެކަން ކުރެވޭނީ ސަރުކާރުން ބޮޑެތި ހަރަދުތަކެއްކޮށް މީހުން ގެދޮރުވެރިކުރުވައި ބިން ވެސް ހިއްކައިގެން," ޔާމީން އެމަނިކުފާނުގެ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރެއްވި އެވެ.
"އެ ސިޔާސަތު އެގޮތަށް މަސައްކަތް ކުރުވަން އަޅުގަނޑުމެން މަސައްކަތްކޮށްފިނަމަ ވަރަށް ގިނަ ހޭދަތަކެއްވާނެ, އެ ހޭދަތަކާއެކު އެއްވެސް މީހަކަށް ޔަގީންކަމެއް ނުދެވޭނެ އެ ސިޔާސަތު ކާމިޔާބުވާނެ ކަމަކަށް, އެއީ މިހާތަނަށްވީ ކަމެއް ނޫން," އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ބައެއް މިނިސްޓަރުންނާއެކު: އެމަނިކުފާނުގެ ވިސްނުމަކީ މާލެ ސަރަަހައްދު ތަރައްގީކުރުން
ޔާމީން ވިދާޅުވީ ކުރިއަށް އޮތް 10 ނުވަތަ 20 އަހަރުގައި ވެސް މިހާރު ރާއްޖޭގައި އޮތް ހިޖުރަކުރުމުގެ ޓްރެންޑަށް ބަދަލެއް ނާންނާނެ އެވެ. މީހުން ޖަމާވަމުން ދަނީ ހިދުމަތްތައް ރަނގަޅު ފެންވަރަކަށް އޮތް މާލެއަށެވެ.
"މާލެ މިއީ މީހުން އެޓްރެކްޓްކުރާ ޕޮޕިއުލޭޝަން ހަބެއް. މި ސަރަހައްދުގައި ބިން ހުރެއްޖެ ކަމަށްވާ ނަމަ މިސާލަކަށް ހުޅުމާލޭގެ ދެ ފޭސް. ދެން އަނެއްކާ ފުށިދިއްގަރު ފަޅާއި ވިލިމާލެ ސަރަހައްދުން ތިލަފުށި އިގުތިސޯދީ ސަރަހައްދު ހިމެނޭ، މިއީ އިގުތިސޯދު އެންމެ ބޮޑަށް ބަރޯސާވާނެ ސަރަހައްދަށް ވެގެންދާނެ," މާލެ ސަރަަހައްދުގެ ކުރިމަގު ތަސްވީރެއް ޔާމީން ދެއްވި އެވެ.
"އެއީ އެއްވެސް ސުވާލެއް ނެތި އެކަން ވާނެ ގޮތް."
ޔާމީން ޔަގީންކަން ދެއްވީ އަލުން ވެރިކަން ލިބިވަޑައިގެންފިނަމަ, ކުޅުދުއްފުށި, ތިނަދޫ އަދި އައްޑޫ ފަދަ ތަންތަން އެއްފަސްކުރެވިދާނެތޯ ބެލުމަށް ފައިސާ ބޭންކު ނުކުރައްވާނެ ކަމަށެވެ.
"އެ އެކްސްޕެރިމެންޓެއް ނުކުރާނަން, އެއީ މިހާރު މިއޮތީ ކާމިޔާބު ކަމާއެކު ޕްރޫވް ކުރެވިފައި އޮތް ޕްރޮޑަކްޓެއް, މާލެ," ޔާމީން ވިދާޅުވި އެވެ.
"އެއްފަސްކުރުމުން މިކޮޅުގައި އެހެންވީމަ އޮންނާނީ, މި ސަރަހައްދުގައި މީހުން ނޫޅެވޭ މިންވަރަށް ފުރިގެންދާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުރަން. ހައްލަކީ މާލެ ސަރަހައްދު, ޒަމާންގަނޑަކަށް ދާންދެން ވެސް މިކަން މި ނޫން ގޮތަކަށް އޮވެދާނެ ކަމަކަށް ގަބޫލެއް ނުކުރަން," އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މާލެ ނޫން ސަރަހައްދަކަށް މީހުން ހިޖުރަ ކުރެވޭތޯ ބެލުމުގެ ތަހުލީލުގެ ތެރެއިން މާލޭގެ ފެންވަރަށް އައްޑޫ ޓާޝަރީ ހޮސްޕިޓަލް ވެސް ތަރައްގީ ކުރަންޖެހޭނެ ކަމަށާއި އެ ނޫން ވެސް ލައްކަ ކަންކަން ކުރަން ޖެހޭނެ ކަމަށެވެ. އެވެގެން ދާނީ ވަރަށް ބޮޑު ތަކުލީފަށް ކަމާއި ހާއްސަކޮށް ފެންވަރު ރަނގަޅު ސަރަހައްދެއް ގާއިމްކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތް ނުލިބޭނެކަން ފާހަގަ ކުރެއްވި އެވެ.
"މެޝިނަރީ ގަނެވިދާނެ އެކަމަކު ފަންނީ މީހުން ތަމްރީނު ކުރުމަކީ ފަސޭހަ ކަމެއް ނޫން," ޑޮކްޓަރުންނާއި ނަރުހުން ލިބުމުގެ ދަތިކަން ބަޔާން ކުރައްވަމުން ޔާމީން ވިދާޅުވި އެވެ. "ކީއްކުރަންތޯ އަލުން ބަލުން ހުރިހާ އީޖާދުކޮށްގެން މިކަން ކުރަން އުޅެންވީ, މިއީ ވާނެ ކަމެއް ނޫނޭ."
ޔާމީން ވިދާޅުވީ ކޮންމެ ބަޔަކަށް ވެސް އެމީހެއްގެ ރަށެއްގެ ހުރިހާ ހިދުމަތެއް ދެވޭ ނަމަ ފަސޭހަވާނެ ކަމަށާއި އެކަމަކު އެއީ އެގޮތަކަށް އޭގެ ޒާތުގައި ފުރިހަމަވާނެ ކަމެއް ނޫން ކަމަށެވެ. އަދި, ހުރިހާ ރަށެއްގައި ހުރިހާ ހިދުމަތެއް ގާއިމް ކުރަން އުޅިއްޖެނަމަ އެއީ ކުރިއަށް އޮތް 15 އަހަރުން ވެސް ފުދޭނެ ކަންކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ސިޔާސީ މީހަކަށް މި ލިބެނީ ފަސް އަހަރު, ފަސް އަހަރު ތެރޭ އޭނާ ހުވަފެން ދެކޭނީ ކުރިއަށް އޮތް ތަނުގައި ކަންކަން ކޮށްދޭން, އޭނާ ކުރިމައްޗެއް ނުލާނެ 10 އަހަރުން 20 އަހަރުން ކުރެވޭނެ ކަންކަން ކުރާކަށް. އެއީ އޭނާ ވެސް ބޭނުންވާނެ އޭނާ ފައްޓާ މަޝްރޫއު ނިމިގެންދާން," ޔާމީން ވިދާޅުވި އެވެ.
އެހެން ނޫނީ ވެގެންދާނެ ގޮތަކީ, ޔާމީން ވިދާޅުވި ގޮތުގައި، އެއް ރައީސަކު ދިގު މުއްދަތަކަށް ފައްޓާ މަޝްރޫއުއެއް އަނެއް ރައީސަކު އައިސް ހުއްޓާލައި, އެތައް ހަރަދެއް ބޭކާރުކޮށްލުން ކަމަށެވެ. ކޮންމެ ފަސް އަހަރަކުން ސިޔާސަތު އެނބުރިގެން ދަނީ އެވެ.
މިހާރު މި އޮތީ އެ ހާލަތެވެ. ކޮންމެ ފަސް އަހަރަކުން ރާއްޖެ ތަރައްގީ ކުރާނެ ގޮތް އެބަ ބަދަލުވެ އެވެ. ހަގީގަތަކީ ގައުމީ މާސްޓާ ޕްލޭނެއް ނެތް ކަމެވެ.
ޔާމީންގެ ވާހަކަ ދިގުލަމުން ގޮސް ދެން ވިދާޅުވި އެއްޗެއް ކުރިން ދެއްކެވި ވާހަކަތަކާ ފުށުއަރަ އެވެ. އެމަނިކުފާނު މިފަހަރު ވާހަކަ ދެއްކެވީ މަހާޖައްރާފު ގެނެސް ރާއްޖޭގެ ރަށްރަށުގެ ބިން ހިއްކައި, އެ ރަށްތައް ބޮޑުކޮށް ތަރައްގީ ކުރެއްވި ކަމުގެ ވާހަކަ އެވެ. ވިހި ރަށެއްގެ ބިން ބޮޑު ކުރެއްވިކަން ފާހަގަ ކުރެއްވީ ފަހަރުވެރިކަމާއެކު އެވެ.
އޭގެތެރެއިން އެއް ރަށަކީ ބ. އަތޮޅު އޭދަފުއްޓެވެ.
"އިތުރު އޭދަފުއްޓެއް ވަރުގެ ބިން އެ އޮތީ ހިއްކާފަ. އެހެންވީމަ އޭދަފުށީ ރައްޔިތުންނެއް މިތާ ކައިރިއަކުން [މާލެ ސަރަަހައްދު] ނޫނީ ހިތަދޫއަކުން ގެދޮރުއަޅާފައި ދެއްކި ނަމަވެސް ދާނެ ކަމަކަށް ނުބެލެވޭ," ޔާމީން މިފަހަރު ވިދާޅުވީ މިހެނެވެ.
ޔާމީންގެ ވެރިކަމުގައި ރަށަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން: ކޮންމެ ރަށެއްގައި ހުރިހާ ހިދުމަތެއް ނުދެވޭނެ ކަމަށް ވިދާޅުވި
އޭގެ ސަބަބު ދައްކަވަމުން ޔާމީން ވިދާޅުވީ އެމީހުން އެތިބި ތަނެއް ދޫކޮށްލާފައި އެހެން ތަނަކަށް ދާން އިންސާނުން އަބަދުވެސް ފަސްޖެހޭނެ ކަމެވެ. އަމިއްލަ ވަޒަން ނޫން އެހެން ތަނަކަށް ގޮސް އެމީހުން އެތަނަށް ސެޓެލްވެ އެތަނުގައި ތިބި ބަޔަކާ ރަހުމަތްތެރިވެ މުޅީން އާ އިގުތިސޯދީ ނޫނީ ދިރިއުޅުމުގެ ތަޖުރިބާއެއް ކުރަން ޖެހުމަކީ އުނދަގުލެއް ކަމެވެ.
"އެއް ނަސްލެއްގެ އެއް ބަޔެކޭ ބުނި ނަމަވެސް މި އިހުސާސްތައް ހުރިހާ އެންމެންގެ ވެސް ހުރޭ," އެމަނިކުފާނުގެ ހިޔާލު ޔާމީން ހާމަކުރެއްވި އެވެ.
"އެހެންވީމަ ކިތަންމެ ވަރަކަށް އެއްފަސްކުރި ނަމަވެސް ބޭރުން މި އަންނަ މީހުންނެއް އެހާ ވަރަކަށް ގުޅިލާމެހިގެނެއް ނުދޭ. ސޯޝަލް އިންޓަގްރޭޝަނެއް ނުފެނޭ. ވަކި އާބާދީއެއް ވަކި ޓައުނެއްގެ ގޮތަށް އުޅޭތަން ފެނިގެން މި ދަނީ," ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ އެންމެ ބޮޑު ތަސައްވުރެއްގެ ގޮތުގައި މިހާރު އޮތީ ވިލިމާލެ ދޭކެވެ. ނުވަތަ ފުށިދިއްގަރު ފަޅު ހިއްކައިގެން ހެދުމުގެ ވިސްނުން ގެންގުޅުއްވި މުޅިން އާ ސިޓީ އެވެ.
"އެ ޕްލޭން އަދިވެސް އެބަ އޮތް, ފުށިދިއްގަރު ފަޅު!," ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ތަސައްވަރަކީ އެ ފަޅު ހިއްކައި އެ ތަން މުޅިން އާ ސިޓީއަކަށް ހަދައި ވިލިމާލެ އާއި މާލެއާ ގުޅާލުމެވެ. އަދި އެއަށްފަހު, އެ ތަނުން ފްލެޓާއި ގޯތި ދޫކުރުމެވެ.
"އަޅުގަނޑު ބުނެފައި އޮންނާނީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު އުމުރުން 15 އަހަރު ފުރޭ ކުދިންނަށް ވެސް އެޕާޓްމެންޓެއް ނުވަތަ ބިންކޮޅެއް އެތަނުން ލިބޭނެއޭ," ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެއްވެސް އާބަން ޕްލޭނަކު, އެއްވެސް ސިޓީ ޕްލޭނަރަކު މުޅި ތަން އެއްކޮށް އުސް އިމާރާތްތަކަށް ޕްލޭން ނުކުރާނެ ކަމަށެވެ. ހަމަ އެގޮތަށް އެތަނުގައި އުޅެން ވާނީ ހަމައެކަނި ނިކަމެތިންނެއް ވެސް ނޫން ކަމަށެވެ.
"އެއްވެސް ސިޓީއެއްގައި ހަމައެކަނި ނިކަމެތިންނަކަށް ނޫޅެވޭނެ," ޔާމީން ވިދާޅުވި އެވެ.
"އެތަނަކަށް އަންނަން ވާނެ މިސްކްޓް ޑިވެލޮޕްމެންޓެއް, އެއީ އިޖުތިމާއީ ގޮތުން ވެސް, މީހުންގެ ދިރިއުޅުމުގެ ފެންވަރުގެ ގޮތުން ވެސް."
ބޮޑު ބަޔަކީ އެފޯޑަބަލް ހައުސިން ކަމުގައިވީ ނަމަވެސް, ޔާމީން ވިދާޅުވި ގޮތުގައި ފުށިދިއްގަރު ސިޓީއަށް މުއްސަނދިން ވެސް އަންނަން ޖެހޭނެ އެވެ. އަދި އެތަނުގެ ބިން ވެސް ވިއްކާނެ ކަމަށާއި ބިން ވިއްކައިގެން ބޭރު މީހުން ވެސް އެކިއެކި މަސައްކަތް ކުރަން އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ އެތަނުން ބިން ބޭނުންވާ އެންމެންނަށް ބިން ކަނޑާފައި ހިލޭ ނުދެވޭނެ ކަމަށެވެ.
"އެކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ," ޔާމީން ވިދާޅުވި އެވެ. "ތަނަވަސްކަން ނެތް މީހުން އެކަނި އައިސްގެން ސިޓީއެއް ނުއުފެދޭނެ. މި އުޅެނީ މުޅިން އާ ސިޓީއެއް އުފައްދަން. ފުށިދިއްގަރު ކަމަށްވަންޏާ މިސްކްޑް ޑިވެލޮޕްމެންޓެއް އަންނާނީ."
ޔާމީންގެ މި ވިސްނުމާ އެއްގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މިފަހުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން, މާލެ ކައިރި ފަޅެއް ހިއްކައި އެތަން ތަރައްގީކޮށް ގޯތި ދޫކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް, އެއީ ފުށިދިއްގަރު ކަމެއް ރަސްމީކޮށް އެމަނިކުފާނު އިއުލާނެއް ނުކުރައްވަ އެވެ.
އެކަމުން އެނގިގެން ދަނީ މާލެ ސަރަހައްދަށް އޮތް ޑިމާންޑް ޖަޒީރާ ރާއްޖެ ސިޔާސަތު އޮތް މި ސަރުކާރަށް ވެސް ސާފުކަމެވެ. އެކަމަކު, ސުވާލަކީ ދޮށީ ކުކުޅުތޯ ނުވަތަ ބިސްތޯ އެވެ.
މި ސަރުކާރުން އާ ސިޔާސަތެއްގެ ދަށުން ލ. އަތޮޅުގައި އެ އަޅަނީ ކެންސަރު ހޮސްޕިޓަލެވެ. އެތަނަށް މީހުން އެޓްރެކްޓްކުރާށެވެ. އެކަމަކު, ހަމައެކަނި ކެންސަރު ހޮސްޕިޓަލް އެޅުމުން އެތަނަށް ބަޔަކު ގޮސްދާނެ ކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. ރައްޔިތުން ހިޖުރަ ކުރުމަށް ހޮސްޕިޓަލުގެ އިތުރުން އެހެން ޒަރޫރީ ހިދުމަތްތައް ވެސް ބޭނުންވާ ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.
ޔާމީން ވިދާޅުވި ގޮތަށް މިއީ, ކުރަން އޮތް އެކްސްޕެރިމެންޓެވެ. ގައުމީ ޕްލޭނެއް ނެތި ކޮންމެ ބަޔަކު އެކްސްޕެރިމެންޓެއްގެ ތެރޭ ދިވެހިން ބައިތިއްބަން ވެއްޖެނަމަ, ދޮށީ ކުކުޅުތޯ ނޫނީ ބިސްތޯ ބެލުމުގެ ސުވާލަށް ޖަވާބެއް ލިބޭ ދުވަހެއް އަންނާނެތޯ ސުވާލު އުފެދެ އެވެ.
33.33%
6.67%
40.00%
20.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކަތީއްބެ
about 3 years ago
އެހެންވެ ދެއްތޯ ތިބޭފުޅާ ޕާޓީގެ ހައުސިންގ މިނިސްޓަރ މިސަރުކާރަށް އުނދަގޫކުރަނީ ހުޅުމާލެއިން ބިންކަނޑާފަ މާލޭމީހުންނަށް ހިލޭގޯތި ދޭށޭކިޔާފަ. އިޚުލާސްތެރި ކަމެއްނެތެއްނޫންތޯ
އިހްސާން
about 3 years ago
އަދި ޕެންޑަމިކުން ދަސްވީ ކޯއްޗެއް؟ އަދި އިތުރު ޕެންޑަމިކެއް އަތުވެދާނެ ކަމަށް ބަލާ އެކަމަށް ރައްކާތެރި ވުމަށް ސިޓީތައްތަ އަޅަނީ؟ އަދި މޫސުމީ ބަދަލުތަކުން މިރާއްޖެއަށް ވާ ކަންކަމަށް ރައްކާތެރިވުން ކޮބާ؟؟؟؟
Comment