Advertisement

މުޑުދާރު އަމަލު ހިންގާ މުޑުދާރު ކެފޭތައް: ފުލުހުން ހަނގުރާމަ ފަށައިފި

13 ސެޕްޓެންބަރު 2021 - 09:44 6

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

މަސްތުވާ ކެފޭއެއް: އެފަދަ ސާޅީހަކަށް ތަން މާލޭގައި ހިންގާ. -- ފޮޓޯ: އަދަދު


މުޑުދާރު އަމަލު ހިންގާ މުޑުދާރު ކެފޭތައް: ފުލުހުން ހަނގުރާމަ ފަށައިފި

13 ސެޕްޓެންބަރު 2021 - 09:44 6

ހަނދުވަރުދޭ ގޯޅީގެ މެދެއްހާ ހިސާބުގައި ހުރި ގެ އެކެވެ. އެ ގޭ ބޭރުގައި ސްޕްރޭކޮށް ބޮޑުއަކުރުން ލިޔެފައިވަނީ މާލޭގެ މަޝްހޫރު ގޭންގެއްގެ ނަމެވެ. ކޮޅަށް ހުރި އަރަން އުނދަގޫ ލަކުޑި ސިޑިއަކުން ފުރަތަމަ ފަންގިފިލާއަށް އަރައި ދޮރު ހުޅުވާލިއިރު ގޮނޑެއްހެން އޮތް އެ އެޕާޓްމަންޓްގެ ތެރެއިން ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ މަސްތުވާތަކެތި ވިއްކުމަށް އެތަނުގެ ފާރުގައި ލިޔެފައިވާ އިސްތިހާރަކެވެ. އޭގައި އޮތީ މަސްތުވާތަކެތީގެ ބާރުގަދަ ބާވަތެއް ކަމަށްވާ "މެތު" ލިބެން އެބަހުރި ކަމަށެވެ. އެ ލިޔުމާއެކު ގުޅަން ޖެހޭ ނަމްބަރު ވެސް ލިޔެފައި އޮތެވެ. އެއްކޮޓަރި ސިޓިންގ ރޫމްގެ އެ އެޕާޓްމަންޓަކީ މަސްތުވުމަށް ހާއްސަ ކޮށްގެން ހިންގާ ކެފޭ އެކެވެ. އެ ގޭގައި އެފަދަ ދެ އެޕާޓްމަންޓް ހިންގަ އެވެ.

އެފަދަ ކެފޭތައް ބަންދު ކުރުމަށް ފުލުހުން މިހާރު ހިންގާ އޮޕަރޭޝަންގެ ތެރެއިން "އަދަދު"ގެ ނޫސްވެރިންނަށް ވަނީ އެފަދަ އެތައް ކެފޭއެއް ދައްކާލައިފަ އެވެ. އެތަންތަނަށް ވަދެ ބަލާލުމުން މަސްތުވާތަކެތީގެ މައްސަލަ ހައްދުން ނައްޓާފައި އޮތް މިންވަރު ސާފުވެ އެވެ. އެ އެޕާޓްމަންޓްތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ބޭނުންކޮށްފައިވާ ފޮއިލްތަކާއި ކުދި ރަބަރު ޕެކެޓްތައް ގިނަ އަދަދަކަށް ފެންނަން ހުއްޓެވެ.

އެ ކެފޭތަކަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އައްޑާތަކެވެ. އެތަންތަން އޮޕަރޭޓް ކުރަނީ ވަރަށް ފުޅާކޮށެވެ. ކޮންމެ އެޕާޓްމެންޓެއްގައި މަސްތުވާތަކެތި ވިއްކުމަށް 'ސޭޓެއް' ހުރެ އެވެ. އެ އެޕާޓްމަންޓްތަކަށް ގޮސް ފައިސާ ދެއްކުމުން އޭނާ މަސްތުވާތަކެތި ދޫކުރެ އެވެ. ތަކެތި ގަތުމަށް ފަހު އެ ތަންތަނުގައި ތިބެ މަސްތު ވާންވީ އެވެ. އަދި މަސްތުވެގެން އެތާގެ ތެރޭގައި ތިބެވެ އެވެ.

ޑްރަގް ކެފޭއެއް ދަގަނޑު ގޭޓެއް ލައިފައި: އެތަންތަން ހަދާފައި ހުންނަނީ ފުލުހުންނަށް ވަންނަން އުނދަގޫ ވާނެ ގޮތަށް-- ފޮޓޯ: އަދަދު


އޮޕަރޭޝަންގައި ފުލުހުން ބަންދު ކޮށްފައިވާ އެޕާޓްމަންޓްތަކަށް ބަލާއިރު މުޅިންހެން ވެސް ހުރީ ވަރަށް ދުވަސް ވެފައިވާ އިމާރާތްތަކެކެވެ. ޖާގައިގެ ގޮތުން ދަތި އެތަންތަން ހުންނަނީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ. މުޅި އެޕާޓްމަންޓުގެ ތެރޭގައި ހުންނަނަނީ ކުނި ބުންޏެވެ. ދުވަނީ ކުޑަކަމުދާ ތަކެތީގެ ވަހެވެ.

އެފަދަ ބައެއް ކެފޭތައް ހިންގާ އިމާރާތްތަކުގެ ތިރީ ދޮރު ހުންނަނީ ދަގަނޑު ގޭޓަކުން ހަދައިފަ އެވެ. މީހަކު ގޮސް ހުޅުވީމައި ވަދެވޭ ގޮތަށެވެ. އޭގެ ބޭނުމަކީ ފުލުހުން އެތަންތަނަށް ވަނުމަށް ހުރަސް އެޅުމެވެ.

މަސްތުވުމަށް ހާއްސަ ކޮށްގެން ކެފޭ އުސޫލުން ތަންތަން ހަދަން ފެށީ ފުލުހުންގެ އަތްދަށު ވިޔަ ނުދިނުމަށެވެ. ގޭގެއަށް ފުލުހުންނަށް ވަދެވެނީ ކޯޓު އަމުރެއް ހޯދައިގެން ނުވަތަ ގޭގެ ވެރިފަރާތުން ހުއްދަ ދީގެން ކަމަށްވާތީ އެވެ. ކޯޓު އަމުރެއް ހޯދުމަކީ ފުލުހުންނަށް އިތުރު މަސައްކަތަކަށް ވެ އެވެ. އަދި މިފަދަ ކެފޭތައް ގިނައިން ހިންގަނީ ގޭގެ ވެރިންނަށް އެނގިގެން ކަމަށްވާއިރު އެ މީހުން އެކަންކަން ފުލުހުންނަށް ރިޕޯޓް ނުކުރެ އެވެ.

އެކިއެކި އެޕާޓްމަންޓްތަކުގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމަށް ފުރުސަތު ދޭ ތަންތަން ހިންގަނީ ގޭންގުތަކުން ކަމަށް އެތަންތަނުގެ ތެރެއަށް ވަދެ ބަލާލުމުން ފާހަގަވެ އެވެ. އެކި އެޕާޓްމަންޓުތަކުގައި އެކިއެކި ގޭންގުތަކުގެ ނަން ލިޔެފައި ހުރެ އެވެ. އަދި ފުލުހުންނާ ގުޅުވައިގެން ހުތުރުބަހުން ލިޔެފައި ހުރެ އެވެ. އޭގެ އިތުރުން މަސްތުވާތަކެތި ވިއްކުމަށް އެކިއެކި އިސްތިހާރުތައް ވެސް އެ އެޕާޓްމަންޓުތަކުގެ ތެރޭގައި ލިޔެފައި ހުރެ އެވެ.

ޑްރަގް ކެފޭއެއްގައި މަސްތުވާތަކެތި ބޭނުން ކޮށްފައި: އެފަދަ ސާޅީހަކަށް ކެފޭ މާލޭގައި ހިންގާ. -- ފޮޓޯ: އަދަދު


މި އޮޕަރޭޝަންގައި ފުލުހުން ވަނީ އެފަދަ އެތައް ކެފޭތަކެއް ބަންދުކޮށްފަ އެވެ. އަދި އެފަދަ ތަންތަނުގެ ކައިރީގައި ފޯރިމެރުމަށް ފުލުހުން ޑިއުޓީ ކުރަމުން ދެ އެވެ.

ކެފޭ އުސޫލުން ހިންގާ އެޕާޓްމަންޓުތަކުގެ އިތުރުން ފަޅު ގޯތި ތަކުގެ ތެރޭގައި ވެސް މަސްތުވެ އެވެ. ފުލުހުން ވަނީ އެފަދަ ގެތައް ވެސް ދެނެގަނެފަ އެވެ. އެތަންތަނުގެ ތެރެއިން ވެސް އެތައް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

މަސްތުވުމަށް ހާއްސަ ކެފޭތައް ބަންދުކުރުމާއެކު އެ ވިޔަފާރި މަގުމަތީގައި ކުރާލެއް އިތުރުވާކަން ފުލުހުންނަށް ފާހަގަވާން ފެށި އެވެ. އެއާއެކު މަގުމަތިން ޝައްކު ކުރެވޭ މީހުން ހުއްޓުވައި ފުލުހުން ގެންދަނީ ޗެކް ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުންގެ އަތުން ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓިކަމަށް ބެލެވޭ ވަރަށް ވެސް މަސްތުވާތަކެތި ފެނިފައިވެ އެވެ.

ފުލުހުންގެ އަމާޒަކީ މަސްތުވާ ހުރިހާ ކެފޭއެއް ބަންދު ކުރުން

މާލޭގައި މަސްތުވުމަށް ހާއްސަ ސާޅީހަށް ވުރެ ގިނަ ކެފޭ އޮޕަރޭޓް ކުރަމުން ދާއިރު މި އޮޕަރޭޝަންގައި އެކަނި މިހާތަނަށް 20 ތަނެއް ވަނީ ބަންދުކޮށްފަ އެވެ. ކުރީ އޮޕަރޭޝަންތަކުގައި ވެސް ގިނަ އަދަދެއްގެ ތަންތަން ބަންދު ކުރި އެވެ. ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ހެޑް އަހުމަދު ޝާކިރު ވިދާޅުވީ މިހާތަނަށް ބަންދު ނުކުރެވި ވަނީ އެގާރަ ތަނެއް ކަމަށާއި އެތަންތަނުގައި ފުލުހުން ޑިއުޓީ ބަލަހައްޓަމުން އަންނަ ކަމަށެވެ.

މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން ޗެކް ކުރަނީ: ކެފޭތައް ބަންދު ކުރުމުން މަސްތުވާ މީހުން މަގުތަކުގައި ގިނަ. -- ފޮޓޯ: އަދަދު


ޝާކިރު ވިދާޅުވާ ގޮތުގައި މިފަދަ ކެފޭތަކުން 500 އެއްހާ މީހުން މަސްތުވަމުން ދާއިރު އޭގެ ތެރެއިން 300 އެއްހާ މީހުންނަކީ ފަރުވާއަށް ހުކުމް ކޮށްފައިވާ މީހުންނެވެ. އަނެއް 200 އެއްހާ މީހުންނަކީ އެކި ސަބަބުތަކާ ހެދި ދޫވެފައިވާ މީހުން ކަމަށް ޝާކިރު ވިދާޅުވި އެވެ. މަސްތުވުމާއި އެތަކެތި ވިއްކުމަށް ހަރަކާތްތެރިވާ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ވެސް އުޅޭތީ އެ މީހުންގެ ކަންކަން ހައްލު ކުރަން ވެސް ބޮޑު އިސް ކަމެއް ދެއްވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.

"ފަރުވާއަށް ހުކުމް ކޮށްފައި ތިބި މީހުންނަކީ މިގޮތަށް ދޫވެފައި ތިބި ބަޔަކަށް ވެގެން ނުވާނެ. އެ މީހުން ތަންތަނަށް ފޮނުވަން އެބަޖެހޭ. ހިންމަފުށީގައި ވެސް ޖާގަ އެބަހުރި. އެހެންވީމައި އެކަންކަން ކުރުމަށް އަޅުގަނޑުމެން އިސްކަން ދޭނަން،" ޝާކިރު ވިދާޅުވި އެވެ.

މަސްތުވުމަށް ހާއްސަކޮށްގެން ހިންގާ އެޕާޓްމަންޓްތަކުގެ ވެރި ފަރާތްތަކުން ޒިންމާ ނުނަގާ ދައްކަމުން އަންނަ ބަހަނާއަކީ އެ ތަންތަނަކީ ކުއްޔަށް ދޫކޮށްފައިވާ ތަންތަން ކަމަށާއި އެތަންތަން ބޭނުން ކުރަނީ ކޮން ކަމަކަށް ކަން ނޭގޭ ކަމެވެ.

ޝާކިރު ވިދާޅުވިގޮތުގައި މަސްތުވުމަށް ކެފޭ ހިންގާ ގޭގޭ ވެރިފަރާތް ނުވަތަ އެތަންތަން ކުއްޔަށް ނަގައިގެން އެކަން ކުރާ މީހުން ވެސް ގާނޫނުގެ ކުރި މައްޗަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެފަދަ ގެއެއްގެ ވެރިފަރާތުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް ދައުވާ އުފުލާފައިވާއިރު އިތުރު އަށް ގެއެއްގެ ވެރިންނާ މެދު ފިޔަވަޅު އަޅަން ޕީޖީއަށް ފޮނުވާފައިވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.

ޑްރަގް ކެފޭއެއް ހިންގާ އިމާރާތެއް: އެފަދަ ކެފޭތައް އާއްމުކޮށް ހިންގަނީ ވަރަށް ބާ އިމާރާތްތަކުގައި-- ފޮޓޯ: އަދަދު


"ގާނޫނީ ގޮތުން އެކަމަށް ހައްލެއް ހޯދުމަށް ޕީޖީ އެވަނީ އެ މަސައްކަތް ފަށައިފައި. ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުން މަގުސަދަކީ. ގޭގެ ވެރިފަރާތް، ނޫނީ ކުއްޔަށް ހިފައިގެން އުޅޭ މީހާ، އެ މީހުންނާ ހަމައަށް ގާނޫނު އަރާ ހަމަ ކުރާނެ،" ޝާކިރު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި މިވަނީ ވަރަށް ފުޅާވެފަ އެވެ. ކުރިން ކަންކަންމަތީ ތިބެ ވަގަށް ކުރަމުން ދިޔަ ޑީލްތައް މިހާރު ކުރަމުން އަންނަނީ ގޭތަކުގެ ތެރޭގަ އެވެ. އެ ގެތަށް ހާއްސަ ކޮށްފައި އެވަނީ މަސްތުވެގެން ތިބެވޭ ގޮތަށެވެ. ފުލުހުންގެ އަމާޒަކީ އެފަދަ ތަންތަން ބަންދު ކުރުމެވެ. މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނަކީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ ހަނގުރާމައިގެ އައު ބޮޅެކެވެ.