3 އޭޕްރީލް 2021 - 09:55 12
ފަޒީނާ އަހުމަދު
3 އޭޕްރީލް 2021 - 09:55 12
ހިޔާ ފްލެޓްތަކަށް ވަނުމުގެ އިންތިޒާރުގައި އެ ތިބީ 6,720 އާއިލާ އެވެ.
އެއް ބަޔަަކަށް އެއީ, އުމުރު ދުވަހުން ލިބުނު ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ބޮޑު ކުލީގައި މާލޭގައި އުޅުނު "ގޮޅިން" ނުކުމެ ކުޑަ ކުއްޔަކަށް އަމިއްލަ ހިޔާވައްސަކަށް ބަދަލުވުމެވެ. އަނެއް ބަޔަކަށް, އެއީ ފްލެޓަކަށް އެދި ފޯމުލުމުގައި މުޅި އުމުރު ހޭދަކުރި ފަހުން ލިބުނު ތަންކޮޅުގައި އާއިލާއާ އެކު އުޅެން ޖެހިދާނެ ތޮއްޖެހުންބޮޑު ދިރިއުޅުމެއްގެ ކަންބޮޑުވުމެވެ. ބޯހިޔާވަހިކަމުގެ ހައްގު މިންވަރުކަމާ މެދު އުފެދޭ ސުވާލެވެ.
މި އިހްސާސްތަކާ އެކު ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ހުޅުމާލެއަށް ޖަމާވާނީ އެއްފަހަރާ އެތައް ހާސް ބައެކެވެ. މިއީ, ރާއްޖޭގެ އެންމެ ބޮޑު ހިޖުރަކުރުމެވެ. މިހާ ގިނަ ބަޔަކު އެކުގައި އެއްތަނެއްގައި އާބާދެއް ނުވެ އެވެ.
އެޗްޑީސީން ލަފާކުރާ ގޮތުގައި ދެ ވަނަ ފިޔަވައްސަށް އެއްފަހަރާ ގާތްގަނޑަކަށް 30,000-35,000 ދެމެދަށް މީހުން ބަދަލުވާނެ އެވެ.
މިއީ އެންމެ ފަހުގެ ބޯހިމެނުން އަޅުގަނޑު ބަލާލިއިރު ހއ. އާއި ހދ. އަތޮޅު އެއްކޮށްލީމާ ޖުމްލަ އާބާދީއެއް. -- އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް
ހުޅުމާލެ, މީގެ 20 އަހަރު ކުރިން ހިއްކިއިރު އަމާޒުކުރީ 40,000 މީހުންގެ އާބާދީއަކަށެވެ. މިހާތަނަށް އެއް ބުރަކުން އެންމެ ގިނައިން ހުޅުމާލޭގައި ދޫކުރީ 1,000 ފްލެޓެވެ. ދެ ވަނަ ފިޔަވަހީގައި އަލަށް އާބާދު މިވާ މީހުންނާ އެކު ހުޅުމާލޭގެ ޖުމްލަ އާބާދީ މި އަހަރު 100,000 އަށް ވުރެން މަތިވާނެ އެވެ.
ބޯހިޔާވަހިކަމުގެ ހައްލަކަށް, މީހުން ދިރިއުޅެން ރާއްޖޭގައި 25 ބުރިއަށް އިމާރާތްތަކެއް މިއެޅީ ވެސް އަލަށެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގެ ވިސްނުމަކަށް ވީ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް އެއްފަހަރުން ބޮޑު ހައްލެއް ހޯދުމެވެ. ހިޔާ މަޝްރޫއު, 25 ބުރީގެ 16 ޓަވަރަށް ޕްލޭންކުރީ އެހެންވެ އެވެ. ކައިރިކައިރީގައި ހުރި އިމާރާތްތައް ކޮންޓްރެކްޓަރާ އެކު އެއްބަސްވި ގޮތަށް ނިންމައިފި އެވެ. ފްލެޓްތައް އެޗްޑީސީއާ ހަވާލުކުރަން އިންސްޕެކްޝަން ވެސް ފަށައިފި އެވެ.
ހިޔާ މަޝްރޫއާ ގުޅޭ ގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް "އަދަދު"އަށް ވާހަކަ ދައްކަވަނީ: ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށަންވާއިރަށް އަސާސީ ހިދުމަތްތައް ގާއިމްކޮށް ނިމޭނެ ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު
ސުހެއިލް ވިދާޅުވީ ހިޔާގެ ކޮންމެ ޓަވަރެއްގައި 2,000 އަށް ވުރެން ގިނަ މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އެއީ, ދެ ކޮޓަރީގެ ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން އުޅޭނެ ކަމަށް ބަލައިގެންނެވެ. އެއް އިމާރާތެއްގައި މިހާ ގިނަ ބަޔަކު އުޅުން ސިފަކުރެވެނީ, ކުދި އާބާދީތައް ހިމެނޭ ދެތިން ރަށެއްގެ މީހުން އެއް ޓަވަރެއްގައި ދިރިއުޅުމެވެ.
މިހާ ގިނަ ބަޔަކަށް ބޭނުންވާނެ އަސާސީ ހިދުމަތްތަކެއް އެ ސަރަހައްދުގައި އަދި ނެތެވެ. އެކަމަކު ޓަވަރުތަކުގެ ގްރައުންޑް ފްލޯއިން ތަންތަން ކުއްޔަށް ދޫކޮށް, ހިދުމަތް ގާއިމްކުރަން ވަނީ ހަވާލުކޮށްފަ އެވެ.
އެޗްޑީސީން ދޭ ޔަގީންކަމަކީ މީހުން ދިރިއުޅެން ފަށަންވާއިރަށް ގްރައުންޑް ފްލޯގައި ކްލިނިކްތަކާއި ބޭސް ފިހާރަތަކާއި ސުޕަ މާކެޓްތަކާއި ބޯކޮށުމާއި ބުކްޝޮޕް ފަދަ ކޮންމެ ދުވަހަކަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ހުންނާނެ ކަމެވެ. ކުނި އުކާލަން ވެސް ޖާގަތަކެއް ގްރައުންޑް ފްލޯގައި, ވެމްކޯ އިން ހަދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި މީހުން އަލަށް އާބާދުވީ މި ފިޔަވަހީގައި, ވަގުތީ މިސްކިތެއް ހުރެ އެވެ. އޭގެ އިތުރުން ދެ މިސްކިތެއްގެ ޑިޒައިން މަސައްކަތް ކުރިއަށްދާ ކަން ސުހެއިލް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ހިޔާ މަޝްރޫއާ ތަންކޮޅެއް ދުރުގައި, މިހާރު ވެސް މީހުން ދިރިއުޅޭ ސަރަހައްދުގައި އަޅާ މިސްކިތް ރޯދައަށް ހުޅުވޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
އެންމެ ބޮޑު އެއް ދައްޗަކަށް ވާނީ ދެ ވަނަ ފިޔަވަހީގައި ސްކޫލެއް އަދި ނެތުމެވެ. އެތަނަށް ބަދަލުވާ ހުރިހާ ދަރިވަރުން ހުޅުމާލޭގެ ސްކޫލްތަކަށް ވެއްދުމަކީ ޖާގައިގެ ގޮތުން ބަލާއިރު މިވަގުތަށް ކުރެވެން ނެތް ކަމެކެވެ.
އެޗްޑީސީގެ ވިސްނުމަކީ ކުދިންގެ ކިޔެވުން މާލޭގައި މިހާރު ވެސް ތިބި ސްކޫލްތަކުގައި ކުރިއަށް ގެންދެވޭނެ ގޮތެއް ރޭވުމެވެ.
ސުހެއިލް ވިދާޅުވި ގޮތުގައި މީހުން ދިރިއުޅެންވާ އިރަށް އެތަނުގައި ސްކޫލެއް ހުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އެކަމަކު މިވަގުތަށް އެކަން ފަހިވެފައި ނެތުމުން, ވިސްނުމަކީ ދަރިވަރުންނަށް ބަހުގެ ހިދުމަތް ފެށުމެވެ.
ދެ ވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮންޓްރެކްޓަރާ އެކު ސޮއިކޮށްފަ އެވެ.
"ސްކޫލް އަޅާ ބިން ކޮންޓްރެކްޓަރާ ހަވާލުކުރުމުގެ މަސައްކަތުގައި މިއުޅެނީ," ސުހެއިލް ވިދާޅުވި އެވެ.
އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ މި ސްކޫލް ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
އެހާ އުސްކޮށް އިމާރާތްކޮށްފައިވާ ޓަވަރުތަކުގައި އެކަށީގެންވާ ފަދަ އަލިފާން ނިއްވޭނެ ނިޒާމެއް ގޮތެއް ނެތުމަކީ ކުރިން ކަންބޮޑުވުމެކެވެ. އެކަމަކު އެ މައްސަލައަށް މިހާރު ހައްލެއް ހޯދައިފި އެވެ.
ޓަވަރުތަކުގެ މަތީގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަަމަ އޮޓޮމެޓިކުން ފެން ޖެހޭ ގޮތަށް ސްޕްރިންކްލާ ސިސްޓަމް ހަރުކޮށްފަ އެވެ. މި ސިސްޓަމް ގާއިމްކުރީ އެމްއެންޑީއެފުން ކަނޑައެޅި މިންގަނޑުތަކަށެވެ.
މިފަދަ ހާދިސާއެއް ހިނގުމަކީ އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިދާނެ ކަމަކަށް ވާތީ އެ ސިސްޓަމްތައް ޓެސްޓްކުރަން މިދިޔަ އަހަރުގެ ތެރޭގައި ޑްރިލްތަކެއް ވެސް ބޭއްވި އެވެ.
އަސާސީ ހިދުމަތްތަކަށް ރަށްރަށުން މާލެ ޖަމާވާ ގޮތަށް, މިފަހަރުގެ ބޮޑު ތޮއްޖެހުމަކީ ހުޅުމާލެ އެވެ. މި ކުރިމަތިވަނީ އެއްފަހަރާ އެތައް މައްސަލަ އެކެވެ.
ދިރިއުޅުމުގެ އާދަތައް އެކި ގޮތަށް ހުންނާނެ އެތައް ބަޔަކު އެއް އިމާރާތެއްގެ ތެރޭގައި ދިގު މުއްދަތަކަށް ދިރިއުޅުން ހޭދަކުރުން ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެއް އިމާރާތެއްގައި މީގެ ކުރިން މިހާ ގިނަ ބަޔަކު އެއްފަހަރާ ދިރިއުޅުން ރާއްޖޭގައި ތަޖުރިބާއެއް ނުކުރެ އެވެ.
މިވަރުގެ އާބާދީއެއް އެއްފަހަރާ ހުޅުމާލެއަށް މީގެ ކުރިން ޖަމާވެފައި ނެތުމަކީ އެޗްޑީސީއަށް ވެސް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.
އަޅުގަނޑުމެންނަށް އަންދާޒާކުރެވޭ ގޮންޖެހުންތަކެއް ހުންނާނެކަން. މައްސަލަތައް ވެސް ނުކުންނާނެ. އަޅުގަނޑުމެން މަސައްކަތްކުރާނީ, މިގޮތަށް ނުކުމެދާނެ އިޖުތިމާއީ މައްސަލަތައް މަދުކުރެވޭނެ ގޮތަކަށް ކަންކަން ރާވަން. -- ސުހެއިލް
ޓަވަރުތަކަށް ބަދަލުވާ އާއިލާތަކަށް, އެ ތަނުގައި ދިރިއުޅެން ފެށުމުގެ ކުރިން މައުލޫމާތުތައް ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ދެ ވަަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާގެ ޓަވަރެއް: ކޮންމެ ޓަވަރެއްގައި ގާތްގަނޑަކަށް 2,000 މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު
ސުހެއިލް ލަފާކުރައްވާ ގޮތުގައި ކޮންމެ ދުވަހަކު ވެސް އެންމެ ބޮޑު މައްސަލައަކަށް އެންމެންނަށް އޮންނާނީ އިމާރާތަށް އަރައި ފޭބުމެވެ. ޓަވަރުތައް ޑިޒައިންކޮށްފައި ވަނީ އެފަދަ ތަނަކަށް ބަލާއިރު ޖާގައިގެ ގޮތުން ދަތި ހަތަރު ލިފްޓު ބަހައްޓައިގެންނެވެ. ލިފްޓެއްގެ ޖާގައަކީ ގާތްގަނޑަކަށް 14 މީހުންނެވެ.
"މިއީ މިތަނުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަކީ. ސްކުލް ކުދިންނާއި އޮފީހަށް ދާ މީހުން ކުރިއަށް ވަގުތު ލައިގެން އުޅެން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނަނީ," ސުހެއިލް ވިދާޅުވި އެވެ.
"އެއީ 25 ބުރިއަށް ހުންނަ އިރު މަތީ ދެ ފްލޯއިން މީހުން ފުރިއްޖިއްޔާ ވެސް ދެން ލިފްޓް ތެރޭގައި ތިބި މީހުންގެ ފްރަސްޓްރޭޝަން އިތުރުވާނެ, ލިފްޓް ފުރިފައި ހުއްޓައި ކޮންމެ ފްލޯއަކަށް ހުއްޓުން."
ކުނި އުކާލުން ފަދަ ކަންކަމަށް ސާވިސް ލިފްޓެއް ނުހުރެ އެވެ. އެކަމަށް ލިފްޓެއް ހާއްސަކޮށްފިއްޔާ, މީހުން އަަރައިފައިބަން ހުންނާނީ ތިން ލިފްޓެވެ.
މާލޭގެ އިމާރާތްތަކުގެ ލިފްޓްތަކާ އަޅާބަލާއިރު ހިޔާ ފްލެޓްތަކުގައި ހުންނަ ފްލެޓްތަކުގެ ސްޕީޑު މާ ބޮޑަށް ވެސް އަވަހެވެ. ގްރައުންޑް ފްލޯގައި ހުރެފައި އެންމެ މައްޗަށް ދާކަށް މާގިނަ އިރެއް ނުނަގަ އެވެ.
ހިޔާ ފްލެޓްތަކުން ބޭރަށް ނުކުމެ ހިތްހަމަޖައްސާލަން މަޑުކޮށްލެވޭނެ އިންތިޒާމެއް އަދި ނެތެވެ. އެކަމަކު އެއީ މުހިއްމު ކަމަކަށް ވާތީ އެ ސަރަހައްދުގައި ޕާކެއް އަޅާނެ އެވެ.
ސުހެއިލް ވިދާޅުވި ގޮތުގައި މީހުން ދިރިއުޅެން ފެށުމާ އެކު "ހިޔާ ޕާކު" އެތަނުގައި ގާއިމްކުރާނީ އެންމެންނަށް އެކުވެ, އިޖުތިމާއީ ގުޅުން ބަދަހިކުރެވޭނެ ގޮތަކަށެވެ.
މި ފްލެޓްތަކުން ކޮންޓްރެކްޓަރު ހަވާލުކުރާނީ ފިނިޝިން ނުނިންމަ އެވެ. އެއީ މި ފްލެޓްތައް އިމާރާތް ކުރުމުގައި ކޮންޓްރެކްޓަރާ އެކު ކުރީގެ ސަރުކާރުން އެއްބަސްވުން ހަދާފައިވާ ގޮތް ކަމަށް އެޗްޑިސީން ބުންޏެވެ.
އެހެންވެ, ކޮޓަރިތަކުގައި ދޮރުފަތް ހަރުކުރުމާއި ތަށިމުށި ޖެހުން ފަދަ ފިނިޝިންގެ މަސައްކަތް ކުރަން ޖެހޭނީ ފްލެޓް ލިބޭ މީހެކެވެ.
"ޓައިލްސް, ލައިޓް, ފަންކާއެއް ނުހުންނާނެ. އާއްމުކޮށް ރާއްޖޭގައި މި ހުންނަ ގޮތަށް ފާހާނާގައި އެއްކޮށް ޓައިލްސް ޖަހާފައި ނުހުރޭ. ހަތަރު ފޫޓު އުސް މިނަށް ހުރީ," ސުހެއިލް ވިދާޅުވި އެވެ.
ގުރުއަތު ނިމުމުން ތަޅުދަނޑި ހަވާލުކޮށް, ފްލެޓްތައް ނިންމަން ތިން މަސް ދޭނެ އެވެ. އެ މުއްދަތުގައި މަހު ކުލި ނުނަގާނެ އެވެ.
ހިޔާގެ ފްލެޓްތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ވެސް ގާއިމްކޮށްފި އެވެ. އެކަމަކު އެ ހިދުމަތް ޓެސްޓް ނުކުރެވި ލަސްވެފައި ވަނީ ޓަވަރުތަކަށް ކަރަންޓު ދިނުމުގައި ދަތިތަކެއް ދިމާވެގެންނެވެ.
ދެ ވަނަ ފިޔަވައްސަށް ކަރަންޓް ލުމުގެ ޕްރޮޖެކްޓުގެ ތެރެއިން ހިޔާ މަޝްރޫއަށް ހިދުމަތް ދޭން ބެލިއިރު މާ ގިނަ ދުވަސް ނަގާތީ, އެ ފްލެޓްތަކަށް ވަކިން ކަރަންޓް ލުމަށް ޝެޑިއުލެއް ވަނީ ހަދައިފަ އެވެ.
"އެންމެ ފަހުގެ އަޕްޑޭޓަކީ ޖޫން މަހުގެ ތެރެއަށޭ މުޅި ހުރިހާ ފްލެޓްތަކަކަށް ކަރަންޓް ދެވޭ ވަރު ވާނީ," ސުހެއިލް ވިދާޅުވި އެވެ.
މީގެ ތިން އަހަރު ކުރިން ދާއިމީ ލިސްޓުތަކެއް ނެރެ މައްސަލަ ބޮޑުވުމުން މި ސަރުކާރުގައި އާ ލިސްޓެއް ނެރެފައިވާ މަޝްރޫއުގައި ދިރިއުޅެން ފެށުން ލަސްވުމުގެ ޝަކުވާ އިންތިހާއަށް އެބައޮތެވެ. ބޭއިންސާފުން ފްލެޓް ދޫކުރުމުގެ ތުހުމަތު ކުރީގެ ސަރުކާރަށް ކުރެ އެވެ. މި ސަރުކާރުގައި ވެސް ލިސްޓުތައް އިންސާފުވެރި ނޫން ކަމުގެ ތުހުމަތާ އެކު މި ފްލެޓައް ދިނުން ލަސްވުމުގެ ފާޑުކިއުން ބޮޑެވެ.
ފްލެޓްތައް ހަވާލުކުރާނެ ތާރީޚްތަކެއް ދިިނެވެ. އެކަމަކު އެކި މައްސަލަ ދިމާވެ އެ މުއްދަތަކަށް ނުވަދެވެ އެވެ. އެކަމަކު ހައުސިން މިނިސްޓްރީން މިހާރު ފްލެޓްތައް ހަވާލުކުރުމުގެ ތައްޔާރީތައް ވަމުން އެބަދެ އެވެ.
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް "އަދަދު"އަށް ވިދާޅުވީ ފްލެޓްތައް މި މަހުގެ ކުރީކޮޅު ހަވާލުކުރާނެ ކަމަށެވެ. އެކަމަކު ދާއިމީ ލިސްޓުގައި ތިބި މީހުންނާ ފްލެޓް ހަވާލުކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ބެލިއިރު 200 މީހުންގެ މައްސަލަތަކެއް ފާހަގަކުރެވި އަންނަނީ ބަލަމުންނެވެ.
ހިޔާގެ ފްލެޓްތަކުގެ ގުރުއަތު ހަފުތާއަކަށް ދެމިގެންދާނެ ކަމަށް އެޗްޑީސީން ލަފާކުރޭ. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު
މިނިސްޓަރު ވިދާޅުވި ގޮތުގައި އޭގެތެރެއިން ބައެއް މީހުންނަކީ އަމިއްލަ ބޯހިޔާވަހިކަމެއް ހުރި މީހުން ކަމަށް ރަސްމީ އިދާރާތަކުން ބުނެ އެވެ. އެއާއެކު ނުކުޅެދުންތެރިކަން ހުންނަ ކެޓަގަރީން ކުރިމަތިލީ މީހާ ދުނިޔޭގައި ނެތުން ފަދަ ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހަކު ބަލާ ކަން ޔަގީން ނުވުން ފަދަ މައްސަލަތައް ފާހަވެފައި އެބަހުއްޓެވެ.
"މިގޮތަށް ފާހަގަވި 200 މީހުންނަށް އަޅުގަނޑުމެން މިއުޅެނީ ފުރުސަތެއް ދޭން. ނަމެއް ދާއިމީ ލިސްޓުން އުންޏެއް ނުކުރާނަން. އެ މީހުންނާ ވާހަކަ ދައްކާފައި ސާފުވީމައި ނޫނީ," އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގުރުއަތަށް ދާން ބޭނުން ވަނީ ވަރަށް ރަނގަޅަށް ބެލުމަށް ފަހު އެވެ. އެއީ ގުރުއަތުން އެ މީހަކަށް ލިބޭނެ ފްލެޓެއް ކަނޑައެޅޭއިރު ހަމަހަމަ ފުރުސަތު ދިނުމަށެވެ.
ގުރުއަތު ފަށަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންމެ ތިރިން ފްލެޓްތައް ހަމަޖައްސައިދިނުމަށް ފަހު. -- މިނިސްޓަރު އަސްލަމް
ގުރުއަތުލުން ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބާއްވާނެ އެވެ. ކުރީގެ މަޝްރޫއުތަކުގައި ގުރު ނަގަނީ ފްލެޓް ކަށަވަރުވާ މީހާ ނުވަތަ އެ މީހަކު ފޮނުވާ މީހަކު ބައިވެރިވެގެންނެވެ.
އެކަމަކު ހިޔާ ފްލެޓް ލިބޭ އެންމެންގެ ބައިވެރިވުމާ އެކު ގުރުއަތު ނެގުމަކީ މުއްދަތެއް ހިނގާނެ ކަމަކަށް ވާތީ ހައުސިން މިނިސްޓްރީ އާއި އެޗްޑީސީގެ ނިންމުމަކީ ޓީވީން ލައިވްކޮށް ގުރުއަތު ނެގުމެވެ.
ޗައިނާގެ އެގްޒިމް ބޭންކުން ކުރީގެ ސަރުކާރުން ނެގި 434 މިލިއަން ޑޮލަރުގެ ލޯނަކުން އިމާރާތްކުރި މި ފްލެޓްތަކުގެ މަހު ކުއްޔާ ގުޅޭ ގޮތުން ކެބިނެޓުގައި މިދިޔަ ހަފުތާގައި މަޝްވަރާކުރި އެވެ. އެކަމަކު އަގު އިއުލާންކުރުން މިނިސްޓަރު އަސްލަމް ދޫކޮށްލެއްވީ ރައީސް އޮފީހަށެވެ.
އަސްލަމް ދެއްވި ޔަގީންކަމަކީ ސޯޝަލް ހައުސިން ސްކީމްގެ ގޮތުގައި ކަނޑައެޅި ފްލެޓްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގަތް އަގަށް ވުރެން ބޮޑު ނުވާނެ އެވެ.
ރައީސް ވިދާޅުވެފައި ވަނީ ހިޔާގެ މަހު ކުލި 7,000ރ. އަށް ވުރެން ބޮޑެއް ނުކުރައްވާނެ ކަމަށެވެ.
"މި ފްލެޓްތަކުގެ އަސްލު އަގު ވަރަށް ބޮޑު. މިތަނަށް ވަންނަ ގިނަ މީހުންނަކީ ނިކަމެތިން. އެހެންވެ ދެއްކޭނެ ވަރުގެ އަގެއް ހިފަހައްޓަން ސަރުކާރުން މަސައްކަތް ކުރަނީ," އަގާ ގުޅޭ ގޮތުން ރައީސްގެ ވާހަކަފުޅަށް ބާރު ދެއްވައި އަސްލަމް ވިދާޅުވި އެވެ.
ޗައިނާގެ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާ އެކު ކުރީގެ ސަރުކާރުން އެއްބަސްވީ ފްލެޓަކަށް 62,000 ޑޮލަރު (956,040ރ.)ގެ ރޭޓުންނެވެ. ކުރީގެ ސަރުކާރުން ބުނެފައި ވަނީ ފްލެޓްތަކުގެ މަހު ކުލި މެއިންޓަނަންސްއާ އެކު ހަމަޖެއްސީ 6,800ރ. އަށް ކަމަށެވެ. އެކަމަކު އެޗްޑީސީން ބުނެފައި ވަނީ އެއީ ރަނގަޅު އަގެއް ނޫން ކަމަށެވެ.
ހިޔާ މަޝްރޫއާ ގުޅޭ ގޮތުން މި ސުވާލު އުފައްދަ އެވެ.
މާލެއަށް ކުރިމަތިވެފައިވާ އިޖުތިމާއީ ގިނަ މައްސަލަތަކުގެ އަސްލަކީ ބޯހިޔާވަހިކަމެވެ. އަސާސީ ބޭނުންތަކަށް މާލެ ބަދަލުވާން ޖެހުނު އެތައް އާއިލާއެއް ކުދި ގޮޅިތަކުގައި ދިރިއުޅެން މަޖުބޫރުވެފައި އެބަތިއްބެވެ. ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން ތިބި މީހުންގެ ތެރެއިން ހިޔާއަށް މި ބަދަލުވަނީ ނިސްބަތުން މަދު ބައެކެވެ. އޭގެ ތެރެއިން ބައެއް އާއިލާތަކުގެ ދިރިއުޅެމުން ހަމަޖެހިފައި ހުރީ ވަރަށް ދަތި ހާލުގަ އެވެ.
ހަމައެގޮތަށް ހިޔާ ލިސްޓުގައި ލައްވާ ނުލި ނަމަވެސް ވަރަށް ނިކަމެތި ހާލުގައި އުޅޭ އާއިލާތައް އެބަތިއްބެވެ.
ހުޅުމާލެ އަށް މި އަންނަ ބަދަލުން މާލޭގެ ބޯހިޔާވަހިކަމަށް އޮތް ޑިމާންޑް ކުޑަވެދާނެ ކަމަކަށް ގަބޫލުނުކުރެވޭ އެއް ސަބަބަކީ އެ އެވެ.
ދެން އޮތީ ތޮއްޖެހިގެން ދިރިއުޅެން ޖެހޭ ގޮތަށް ހަދާފައިވާ މިފަދަ އިމާރާތްތަކުން ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ރާއްޖޭގައި ކާމިޔާބުވެދާނެތޯ އުފައްދާ ސުވާލެވެ. ހިޔާ ފްލެޓްތަކުގައި ދިރިއުޅެން ފެށުމުން މިކަން ސާފުވާނެ އެވެ.
މިކަންކަން ހުއްޓަސް ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް މިވަގުތު މުހިއްމީ ދިރިއުޅެން އެހެން ގޮތެވެ. ހާލަތު ބަދަލުވެ, ލިބޭ އެއްޗަކުން ދެކޮޅު ޖެހުމެވެ. ކުލި ދެއްކެނީ މިލްކުވާނެ ތަނެއްގެ ކަމުގެ ޔަގީންކަމެވެ.
މިއީ, ބޯހިޔާވަހިކަމަށް އެއް ބަޔަކު ކުރި ދިގު އިންތިޒާރަށް ނިމުން އައި ގޮތެވެ.
Comment