about 1 hour 0
އިންޑިއާގެ ރޯހަން ސިންގް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
about 1 hour 0
ފަސޭހަކަމާ އެކު 5-0 އިން ބޫޓާން ބަލިކޮށް އިންޑިއާ އިން ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މާލޭގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި، އަންނަ ހުކުރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި އިންޑިއާ އިން ކުޅޭނީ ބަންގްލަދޭޝާ ދެކޮޅަށެވެ. މި ދެ ޓީމުން މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
އެންމެ ފަހުން، 20 އަހަރުން ދަށަށް ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު، ބަންގްލަދޭޝް އިން ވަނީ ނޭޕާލް ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު، މިދިޔަ އަހަރު މި މުބާރާތް 19 އަހަރުން ދަށަށް ބޭއްވިއިރު، ޕެނަލްޓީ ޖަހައިގެން އިންޑިއާ އަތުން ބަންގްލަދޭޝްވީ ބައްޔެވެ. ބަންގްލަދޭޝް އިން މިއަދު ފުރަތަމަ ސެމީގައި ވަނީ 1-0 ނޭޕާލް ބަލިކޮށްފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި އިންޑިއާ އިން ވަނީ ފަސް ވަަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ރޯހަން ސިންގް ނަގައިދިން ހުރަހަކަށް އަރައި އޮމަން ދުދޯން އެވެ. ގޯލު ކުރިމައްޗަށް އައި ބޯޅަ ދުދޯން ވަނީ ވެއްޓިގެންފައި ގޯލަށް ފޮނުވާލައިފަ އެވެ.
އޭގެ ފަހުން މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، ރަނގަޅު ކުޅުމެއް ދައްކަމުން އައި ބޫޓާނުން ނަތީޖާ ހަމަހަމަކުރަން ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ގޮތުން، އިންޑިއާގެ ހާފުގެ މެދުތެެރެއިން ބޫޓާނުގެ ސޯނަމް ޑޯޒީ ފޮނުވާލި ބޯޅަ އިންޑިއާގެ ކީޕަރު، ސޫރަޖް ސިންގް ކުރިއަށް އަރައި ހުރެފައި ފަހަތަށް ޖެހިލުމަށް ފަހު، ބޯޅައިގައި އަތުން ޖައްސާލިއިރު އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން، ސޯނަމް ނަގައިދިން ހުރަހަކަށް އެރި ބޫޓާނުގެ ޗޮގްޔެލް ޝެހާބް ފައިގައި ލައްވަައިނުލި އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޑިއާ އިން ލީޑުފުޅާކުރި އެވެ. މި ލަނޑު ޖަހައިދިނީ، މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދުދޯމް ނަގައިދިން ހުރަހަކަށް އަރައި، އެމްޑީ އަރްބާޝް އެވެ.
ދެ ގޯލުގެ ލީޑެއްގައި ފުރަތަމަ ހާފު ނިންމާލި އިންޑިއާ އިން ދެ ވަނަ ހާފުގައި ދެ މިނިޓްގެ ތެރޭ ދެ ލަނޑު ޖަހައި ހަމަޖެހިލި އެވެ. އެ ގޮތުން، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރޯހަން ވަނީ 55 ވަނަ މިނިޓްގައި އޭރިއާތެެރެއިން ލިބުނު ބޯޅަ ގޯލުގެ ކަނަށް ވައްދާލައިފަ އެވެ. އަދި، އޭގެ ޖެހިގެން އައި މިނިޓްގައި ބޫޓާންގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ރޯހަން ވަނީ އިތުރު ލަނޑެއް ޖަހައިދީފަ އެވެ.
ހަތަރު ގޯލުގެ ރަނގަޅު ލީޑެއް ލިބުމާ އެކު، އިންޑިއާ އިން ގިނަ ބަދަލުތަކެއް ކުރި އެވެ. އެ ޓީމުގެ ފަހު ލަނޑު ޖެހީ ބަދަލަކަށް އެރި ތޮކްޗޯމް އެވެ. އޭނާ ވަނީ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ފުރުސަތަކުން، ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ދެ ވަނަ ހާފުގައި، އިންޑިއާ އިން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދިއިރު، ފޮނުވާލި ހަމަލާތަކެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.
Comment