about 2 hours 0
އިލްޔާސް ހުސައިން އިބްރާހީމް
about 2 hours 0
ރެފަރެންޑަމަކަށް އެހޭނެ ތިން ކަމެއްގައި ސުވާލު އޮންނަންވާ ގޮތް ސާފުކޮށްދިނުމަށް ބޮޑުމަޖިލީހުން، ގާނޫނުއަސާސީގައި މާއްދާއެއް ހާއްސަކޮށްފައި ބޭއްވީ، ވެރިކަމަށް އަންނަ ބަޔަކު ދުސްތޫރީ ނިޒާމު ފުނޑާލިޔަ ނުދިނުމަށެވެ. އަސާސީގެ އަސްލު ބިނާއާއި ބިންގާ ފުނޑާލިޔަ ނުދޭށެވެ. ގާނޫނުއަސާސީން ރައްޔިތުންނަށް މުތުލަގުކޮށް ދީފައި އޮތް ބާރަށް، ވެރިކަމުގެ ބާރުން އަމިއްލައަށް އުނިކަމެއް ގެނަޔަ ނުދިނުމަށެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ 1، 2، 3 އަށް ބައްލަވާށެވެ.
މި މާއްދާގައިވާ ކަންކަމާ ކުޅުމަކީ އިސްލާހެއް ނޫނެވެ. އެއީ ގާނޫނުއަސާސީގެ ބިންގާ ބަދަލުކުރުމެވެ. މިކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ނެރުއްވާ ގަރާރަކުން ކުރެވޭނެ ކަމެއް ނޫނެވެ. އިލެކްޝަންސް ކޮމިޝަނުން ކޮށްގެން ވެސް ނުވާނެ ކަމެކެވެ. ގާނޫނުއަސާސީއަށް ބުންޔާދީ ބަދަލެއް ގެނެވޭނީ ސީދާ ރައްޔިތުންނަށެވެ. ރައްޔިތުންގެ މެދުގައި ބަހުސްކުރެވި ވިސްނުމަށް ފަހުގައެވެ. ގާނޫނުއަސާސީގެ ބިނާއާއި ބިންގަލާ ކުޅެން ނޫޅޭށެވެ. ވެރިމީހާއަށް އެއީ ކުރެވޭނެ ކަމެއް ނޫނެވެ.
ފަހެ، ދުސްތޫރުގައި މިވަނީ ރެފަރެންޑަމެއްގައި ރައްޔިތުންނާ ކުރެވޭނެ ސުވާލުތައް ސާފުކޮށްދީފައެވެ. މިކަން ރައްޔިތުންނާ ހިސާބަށް ގެންދަން ގާނޫނުއަސާސީގައި ބުނެފައި މިވަނީ، މިއީ ހަމައެކަނި އިސްލާހަކަށް ނުވާތީއެވެ. މިއީ އަސްލު ބަދަލުކުރުމަށް ވާތީއެވެ. ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަށް، އިލެކްޝަންސް ކޮމިޝަނުން ގާނޫނީ ލަފާ ނުހޯދައި، ފެންނަނުފެންނަ އާންމު ވޯޓެއް އިއުލާނުކޮށްފައި އެވަނީ ރައްޔިތުންގެ މެދުގައި ބޮޑު ހިޔާލުތަފާތުވުމެއް އުފެދިފައިވާ ވަގުތެއްގައެވެ. އެއްވެސް ގާނޫނީ އަސާސެއް ނެތި، ދުސްތޫރުގެ ބޭރުން އިލެކްޝަންސް ކޮމިޝަނުގެ އަމިއްލަ ރައުޔަށާއި ވިސްނުމަށެވެ.
މިފަދަ ހާލަތެއްގައި ސުޕްރީމް ކޯޓުގެ ލަފައެއް ނުހޯދައި އިލެކްޝަނުން ރެފަރެންޑަމެއް ބާއްވަން އެ އުޅެނީ ދުސްތޫރުން ބޭރުވެ ތިބެއެވެ. މިއީ ގާނޫނުއަސާސީ މުގުރާލުމެވެ. ވީމާ، އިލެކްޝަންސް ކޮމިޝަނުންނާއި އެފަދަ ގަރާރެއް ނެރުއްވި ފަރާތުން ވެސް އެ ކުރަނީ ދުސްތޫރީ ނިޒާމަށް އަރައިގަތުމުގެ ބޮޑު ކުށެކެވެ. ސުޕްރީމް ކޯޓުން އިސްނަގައި، ދިވެހި ދައުލަތުގެ ދުސްތޫރީ ނިޒާމު ފުނޑާލުމަށް އިލެކްޝަނުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގާ މި އަމަލު ހުއްޓުވަން ޖެހޭނެއެވެ.
ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުން ނުކުމެ މިކަމާ އުޅެންޖެހެއެވެ. ވަކީލުން ކަޅު ކޯޓުގައި ނުކުތުމުން ދުސްތޫރު ދެމެހެއްޓޭނެއެވެ. ކެރެންވީއެވެ. އެކުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކުރަންވީއެވެ. ސަރުކާރުން ދޭ މަގާމަކަށް ނުވަތަ ފައިސާއަކަށް ނުހެއްލެންވީއެވެ.
ނޫންނަމަ، މިއޮއްގެން ހިންގާ ނިންމާލަނީ އިދާރީ ޖަރީމާއެކެވެ. ފަހުން އެ ދެ ފަރާތާ މެދު ދައުވާ އުފުލަންޖެހޭ ވަރުގެ ބޮޑު ޖަރީމާއެކެވެ. ލޮބުވެތި ރައްޔިތުންނޭވެ! ދިވެހި ތަކުރުންނޭވެ! ހޭލާށެވެ! ހަރުއަޑުން "ނޫނެކޭ" ބުނާށެވެ!
ދިވެހި ދައުލަތުގެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި މިތިބީ ރާމާމަކުނުތަކެއްތޯ ސުވާލު އުފެދެއެވެ. ގާނޫނުއަސާސީއާ ފުށުއަރާ ސުވާލެއް، ފެންނަނުފެންނަ ވޯޓެއްގައި އެހިދާނެތޯއެވެ؟ ސުވާލަށް އުނިއިތުރު ގެނައުމުގެ ގާނޫނީ ބާރު ކޮމިޝަނަށް ނެތް ނަމަވެސް، އެ ސުވާލަކީ ދުސްތޫރުގެ ދަށުން ކުރެވިދާނެ ސުވާލެއްތޯ ބެލުމަކީ ކުރަންޖެހޭނެ ކަމެކެވެ. ދޮންކެޔޮވަކެއް ފެންނަ އިރަށް ރާމާމަކުނުތައް ތެޅިފޮޅިގަންނަ ގޮތާއި ކޮމިޝަނަރުންގެ މި އަމަލާ އެއްވެސް ތަފާތެއް ނެތެވެ. އަދާކުރާ ޒިންމާއާ މެދު ވިސްނާލުމެއް ނެތެވެ. ލަފައެއް އަހާލުމެއް ނެތެވެ. ހަމަ ގަރާރެއް ފެންނަ އިރަށް ކޮންމެ ފަދަ ސުވާލަކަށް ވިޔަސް ވޯޓަށް އަހަންވީ ހެއްޔެވެ؟
ރައީސްގެ ގަރާރުގައި އޮތް އެއްޗެއް ފަހުމްވުމުގައި އޮޅުންއަރައި ސާފުނުވާ ހާލަތުގައި، ޖެހޭނީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދާށެވެ. އެއީ އިދާރީ އޮނިގަނޑު ހަމަޖެހިފައި އޮންނަ ގޮތެވެ. ރާމާމަކުނުތައް ދޮންކެޔޮވަކަށް ހަދާލާހެން އަވަސްއަރުވާލައި، ތެޅިފޮޅިގަނެ ދިރުވާލުމުގެ ބަދަލުގައި، ތިމާމެންނަށް އޮތް އަމިއްލަ ދުސްތޫރީ ޒިންމާ އުފުލަން ޖެހޭނެއެވެ. އެއީ މަޖުބޫރު ކަމެކެވެ. އެއަށްފަހު ނޫނީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް އިއުލާނުކޮށްގެން ނުވާނެއެވެ.
މިހާރު ކޮށްފައިވާ މި އިއުލާނަކީ އިލެކްޝަންސް ކޮމިޝަނުން ކުރި ބޮޑު ކުށެކެވެ. ދިވެހި ދައުލަތުގެ ދުސްތޫރީ ނިޒާމަށް ދިން އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެކެވެ. ހިޔާނާތެކެވެ. އެ ކުށުގެ ފުރިހަމަ ޒިންމާ އެ ކޮމިޝަނުގެ މެންބަރުން އުފުލަން ޖެހޭނެއެވެ. ބޮޑު މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އޮތް އިހުތިޔާރުތަކުގެ ތެރެއިން މިކަންކަން ބޭރުކޮށް ރައްޔިތުން ގާތުން އެހުމަށް ގާނޫނުއަސާސީގެ މާއްދާއެއްގައި ލިޔެ ލާޒިމުކުރީ، ހުރިހާ އިހުތިޔާރެއް ރައީސް ބޭނުންފުޅުވާ ގޮތަކަށް ދޫކޮށްލުމުގެ މަގުސަދުގައެއް ނޫނެވެ.
ވެރިކަމުން މިހާ ހިސާބަށް ދިއުމަކީ އަމިއްލަ އެދުމުގައި ހައްދުފަހަނައަޅައި ދިއުމެވެ. ގާނޫނުއަސާސީން ނުދޭ ބާރުތައް އެއްކުރުމެވެ. ދައުލަތުގެ ތިން ބާރު އެއްކޮށް އަމިއްލަ ބާރުގެ ދަށަށް ޖަމާކުރުމެވެ. މިއީ ކުރެވޭނެ ކަމެއް ނޫނެވެ. ރައީސަށް އޮތް އިހުތިޔާރެއް ނޫނެވެ. މުޅި ކާއިނާތުގެ ތަބީއަތާއި ދިރިދެމިއޮތުމުގެ ހަމަތައް ވެސް، އަމިއްލަ އެދުމުގައި ޖެހި ގަސްދުގައި މުގުރާލުމެވެ.
ކޮންމެ ކަމަކަށް ވެސް ވަގުތެއް ކަނޑައަޅުއްވާފައި ވަނީ ހަމަތަކެއްގެ މަތިން ދެމިގެން ދިއުމަށެވެ. އަމިއްލަ އެދުމުގެ ދަހިވެތިކަން މިވަރަށް ދަންޏާ، ދެ އީދު ނަމާދު ވެސް އެއްކޮށްލައި، ކޮންމެ ދުވަހަކު އެއް ނަމާދު ފަތިހު ކޮށްލައިގެން ހުރުމަކީ ވެސް ކުރެވިދާނެ ކަމެއް ނަމަ، ވެރިކަމުގެ ބާރުގައި ދެމިހުރުމަށް މި ޑިކްޓޭޓަރު އެކަން ވެސް ކޮށްފާނެއެވެ!
ދަންނާށެވެ! މިއީ ކާއިނާތުގައި ﷲ ލެއްވި ތަބީއީ ހަމަތަކާއި ދުސްތޫރީ ނިޒާމަށް ސީދާ ގޮންޖެހުމެވެ. އަމިއްލަ ބާރާއި ދައުވާ އިސްކުރުމެވެ. ފަހެ، މިއީ ހުރިހާ ރައްޔިތުންގެ ހައްގަށާއި އަސާސީ ބާރަށް އަރައިގަތުމެވެ. މުތުލަގުކޮށް ރައްޔިތުންނަށް ދީފައި އޮތް ބާރެއް ނިގުޅައިގަތުމެވެ. އެފަދަ ކަމެއް ވެރިކަމުން ހިނގަފާނެ ކަމުގެ ބިރަށް ބޮޑު މަޖިލީހުން ދުސްތޫރުގައި ހިމަނާފައިވާ މާއްދާ އޮޅުވާލުމެވެ. އެއްވެސް ހާލެއްގައި މިއީ ކޮށްގެން ވާނެ ކަންކަމެއް ނޫނެވެ.
ގުރުއާން ބުނެދެނީ މިފަދައިންނެވެ. އިންސާނާއަށް އޭނާގެ އަމިއްލަ ނަފްސު ފުދިގެންވާ ކަމަށް ފެނުމުން، އޭނާ ހައްދުފަހަނައަޅައި ދެއެވެ. މިއީ ނުރައްކާތެރި ހާލަތެކެވެ. އިންސާނާގެ ދުނިޔެވީ، މާއްދީ ފުދުންތެރިކަން ހަމަޖެހި، ވެރިކަމުގެ ބާރު ލިބުމުން، ކޮންމެ ކަމެއް ކުރުމުގެ ބާރުވެރިކަން އޭނާއަށް ލިބިގެންވާ ކަމަށް ގަބޫލުކުރެވެއެވެ.
ދަންނާށެވެ! އެކަމެއްގެ ވަގުތުގައި އެކަމެއް ކުރުމަކީ ރައްޔިތުންނަށް ލިބޭ އެންމެ މާތް ފުރުސަތެވެ. އެ ފުރުސަތަކީ އެއްވެސް މީހަކު އަމިއްލަ ބާރުގައި ހަނިކޮށް ބަންދުކޮށްގެން ވާނެ ދޮރުތަކެއް ނޫނެވެ. އެއީ ދުސްތޫރުގެ އިތުރުން ތަބީއީ ގޮތުން ﷲ ހުޅުއްވައިދެއްވާފައިވާ މަގެވެ.
މި އަމަލަކީ ދިވެހި ދައުލަތުގެ ދުސްތޫރީ ނިޒާމު ފުނޑާލުމެވެ! މި ކުށުގެ އަދަބު ދިނުމަކީ ދުސްތޫރީ ނިޒާމާއި ރައްޔިތުންގެ ބާރު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ! ލޮބުވެތި ރައްޔިތުންނޭވެ! ދިވެހި ތަކުރުންނޭވެ! އުއްތަމަ ފަނޑިޔާރު ކޮބައިތޯއެވެ؟ ސުޕްރީމް ކޯޓު ހޭލާށެވެ! ޒިންމާ އަދާކުރާށެވެ!
Comment