about 2 hours 0
އަމަން ހަލީމް
about 2 hours 0
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ފިނޭންސް މިނިސްޓްރީން އަމިއްލަ ފަރާތަކަށް ވިއްކި 10 މިލިއަން ޑޮލަރުގައި އަގުކުރެވިފައިވާ ބޮންޑެއް ވިއްކީ އާންމުކޮށް ދޭ ވަރަށް ވުރެ ދެ ގުނަ ބޮޑު، އާދަޔާ ހިލާފަށް ބޮޑު ކޫޕަން ރޭޓެއްގައި ކަން ފަޅާއަރައިފި އެވެ.
މި ބޮންޑު ވިއްކިކަން އެނގިގެން އަދަދު ނޫހުން ވާނީ މި މުއާމަލާތް ހިނގި ދުވަސްވަރު އެ ކަން ރިޕޯޓުކޮށްފަ އެވެ. ނަމަވެސް އޭރު ފިނޭންސް މިނިސްޓްރީން ވަނީ އިންވެސްޓާ ކޮންފިޑެންޝާލިޓީ ހިފަހައްޓަން ކަމަށް ބުނެ މި މުއާމަލާތުގެ އިތުރު އެއްވެސް މައުލޫމާތެއް ހާމަކުރަން ދެކޮޅު ހަދައިފި އެވެ.
ފިނޭންސުން މި މައުލޫމާތު ހިފެހެއްޓި ނަމަވެސް، އޭރު ވެސް ސޯޝަލް މީޑިއާގައި މި ބޮންޑު އާދަޔާހިލާފަށް ބޮޑު ފައިދާއެއްގައި ވިއްކި ކަމަށާއި ބޮންޑު ގަތީ ހެޕީމާކެޓުން ކަމަށް އަޑު އެރި އެވެ.
މި މުއާމަލާތުގެ ތަފުސީލުތައް ފަޅާއަރުވާލީ އެކްސްގައި ހަރަކާތްތެރިވާ ވިސްލްބްލޮވާ އެކައުންޓު "ހަސަން ކުރުސީ" އިންނެވެ.
މި އެކައުންޓުން ބޮންޑު އެހެން ކުންފުންޏަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާ މުއާމަލާތް ކުރި އީމެއިލްތަކާއި، ބޮންޑަށް ފައިސާ އަނބުރާ ދައްކަން ފިނޭންސް މިނިސްޓްރީން އެއްބަސްވީ ގޮތުގެ ތާވަލާއި އެހެން ބޭންކުތަކަށް ވިއްކާފައިވާ ޑޮލަރު ބޮންޑުތަކުގެ ރޭޓުތައް އެނގޭ ފައިސާ ދައްކާނެ ގޮތުގެ ތާވަލު ހިމެނޭ ލިޔުންތައް ލީކުކޮށްލާފަ އެވެ.
ލީކުކޮށްލާފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ސަރުކާރުން މި ބޮންޑު ވިއްކީ އެފްޖީއޭ ހޯލްޑިން ގެސެލްޝާފްޓް ކިޔާ އޮސްޓްރިއާ ކުންފުންޏަކަށެވެ.
މި އޮސްޓްރިއާ ކުންފުންޏަކީ ދިވެހި ކުންފުންޏެއް ކަމުގައިވާ އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސްގެ ބޭރު ހިއްސާދާރު، ކަތްރިން ލަޓްޒްކާގެ ކުންފުންޏެކެވެ. ތިން ރިސޯޓެއް ހިންގާ އަންގިރި ކުންފުނީގެ ދިވެހި ހިއްސާދާރަކީ ހެޕީމާކެޓުގެ ވެރިޔާ މުހައްމަދު ނައީމެވެ.
އެފްޖީއޭ ހޯލްޑިންއަށް މި ބޮންޑު ވިއްކާފައި ވަނީ މާޗު 19، 2024, ގައި، އަށް ޕަސެންޓު ކޫޕަން ރޭޓެއްގައި (ފައިދާއެއްގައި) ދޮޅު އަހަރުން އަނބުރާ ދައްކާ ގޮތަށެވެ. މިއީ އާންމުކޮށް ޑޮލަރު ބޮންޑުތަކަށް ލިބޭ ފައިދާއަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ބޮޑު، އަދި އާންމުކޮށް ބޮންޑު އަނބުރާ އަދާކުރާ މުއްދަތަށް ވުރެ ކުރު މުއްދަތެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔެކިޔުންތަކުން، މި ވަރުގެ ބޮޑު ފައިދާއެއް ލިބޭ ގޮތަށް ދިވެހި ސަރުކާރު ހިއްސާވާ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ފަދަ ކުންފުނިތަކާއި ރާއްޖޭގައި ހަރަކާތްތެރިވާ ބޮޑެތި ބޭންކުތަކަށް ވެސް ބޮންޑެއް ނުވިއްކާކަން ވަނީ ކަށަވަރުވެފަ އެވެ.
އޭގެ އިތުރުން މި ބޮންޑު ވިއްކާފައި ވަނީ ޑޮލަރުން ފައިދާ އަނބުރާ ދޭ ގޮތަށެވެ. އާންމުކޮށް ދިވެހި ބޭންކުތަކާއި އެހެނިހެން މާލީ އިދާރާތަކަށް ވިއްކާ ޓީބިލުތަކާއި ބޮންޑުތަކުގެ ފައިދާ ދެނީ ދިވެހި ރުފިޔާއިންނެވެ. ޑޮލަރުން ދައްކަނީ ޕްރިންސިޕަލްގެ ގޮތުގައި އިންވެސްޓު ކުރި އަދަދެވެ.
ލީކުވެފައިވާ އީމެއިލްތަކުގައި ވަނީ އެފްޖީއޭ ހޯލްޑިންސްގެ ބޮންޑު ލަޓްޒްކާ ހިއްސާވާ އާ ކުންފުންޏަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން ކުރި މުއާމަލާތްތަކެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ކުރި އެ މުއާމަލާތްތަކުގައި ވަނީ ލަޓްޒްކާގެ އާ ކުންފުންޏެއް ކަމުގައިވާ، އެފްޖީއޭ ވެރޯގެންސްވާލްޓުން ޖީއެމްބީއެޗް ކިޔާ ކުންފުންޏަކަށް ބޮންޑުތަކުގެ މިލްކުވެރިކަން ބަދަލުކުރުމާ ގުޅޭ ގޮތުންނެވެ.
އާދަޔާ ހިލާފަށް ބޮޑު ފައިދާއެއްގައި ބޮންޑު ވިއްކި މައްސަލައިގައި ފިނޭންސް މިނިސްޓްރީގައި ސުވާލުކުރުމުން މި ހަބަރު ޝާއިއުކުރުމާ ހަމައަށް ފިނޭންސުން ވަކި އެއްޗެއް ނުބުނެ އެވެ.
Comment