Advertisement

ލެޖެންޑަރީ ބެޑްމިންޓަން ތަރި ސްޕެއިންގެ މަރީން ރިޓަޔާކޮށްފި

about 2 hours 0


ލެޖެންޑަރީ ބެޑްމިންޓަން ތަރި ސްޕެއިންގެ މަރީން ރިޓަޔާކޮށްފި

about 2 hours 0

މެޑްރިޑް (މާޗް 2) - ސްޕެއިނުގެ ލެޖެންޑަރީ އަންހެން ބެޑްމިންޓަން ތަރި، ކެރޮލީނާ މަރީން، 32 އަހަރުގައި ޕްރޮފެޝަނަލް ކެރިއަރު ނިންމާލައި، ރިޓަޔާމަންޓް އިއުލާނުކޮށްފި އެެެވެ.

މަރީން، ރިޓަޔާކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ، އޭނާ އަށް ކުރިމަތިވި ކަކުލުގެ ސީރިއަސް އަނިޔާއިން އެއްކޮށް ރިކަވާނުވުމެވެ. ސޯޝަލް މީޑިއާގައި މަރީން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕްރޮފެޝަނަލް ބެޑްމިންޓަން ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަށްގެންދިޔަ ކެރިއަރަށް ނިމުން ގެންނަން ނިންމާފައިވާ ކަމަށެވެ.

މަރީން އަކީ މިހާތަނަށް އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓްގެ ސިންގަލްސް އިން ރަން މެޑަލް ހޯދި އޭޝިއާ އަށް ނިސްބަތްނުވާ ހަމައެކަނި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯގައި ބޭއްވި، ރިއޯ އޮލިމްޕިކްސްގެ އަންހެން ސިންގަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ.


މީގެ އިތުރުން މަރީން އަކީ، ދުނިޔޭގެ ޗެމްޕިއަންޝިޕްގެ ތިން މުބާާރާތް ކާމިޔާބުކުރި ފުރަތަަމަ އަންހެން ކުޅުންތެރިޔާ އެވެ. އަދި، އޭނާ ވަނީ 66 ހަފްތާ ވަންދެން ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ރޭންކިންގެ އެއް ވަނަ މަގާމު ދަމަހައްޓައިފަ އެވެ. އަދި، ހަތް ފަހަރު ޔޫރަޕިއަން ބެޑްމިންޓަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ވަނީ ރެކޯޑެއް ހަދައިފަ އެވެ.

މަރީން، އެންމެ ފަހުން ކުޅުނު މެޗަކީ، އެންމެ ފަހުން، 2024 ގައި ބޭއްވި ޕެރިސް އޮލިމްޕިކްސްގެ ސެމީ ފައިނަލުގަ އެވެ. އެ މެޗުން މޮޅުވަމުން ދިޔަ މަރީންގެ ކަނާތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗު ދޫކޮށްލަން ޖެހުނުއިރު، މިއީ، އޭނާގެ ކެރިއަރުގައި ކަނާތު ކަކުލުގެ އެންޓެރިއޯ ކްރޫޝިއޭޓް ލިގަމެންޓް (އޭސީއެލް) އަށް އަނިޔާވި ދެ ވަނަ ފަހަރެވެ. އެންމެ ފުރަަތަމަ އެ ކަކުލުގެ އޭސީއެލް އަށް އަނިޔާވީ 2019 ގަ އެެވެ. އެހެންވެ، އޭނާ އަށް 2021 އަހަރު ބޭއްވި، ޓޯކިޔޯ 2020 އޮޮލިމްޕިކްސްގައި ވާދަނުކުރެވުނެވެ.

މަރީން، ރިޓަޔަމެންޓް އިއުލާނުކޮށްފައި މި ވަނީ އަންނަ މަހު ސްޕެއިނުގައި، ޔޫރަޕިއަން ބެޑްމިންޓަން ޗެމްޕިއަންޝިޕް ހޯސްޓްކުރަން ތައްޔާރުވެފައިވަނިކޮށެވެ.