about 2 hours 0
about 2 hours 0
ކުއަލަ ލަމްޕޫރު، މެލޭޝިއާ (މާޗް 26) - އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ހެދި މެދުއިރުމަތީގައި ދަތުރުފަތުރު ކުރުމަށް ހުރި ދަތިތަކާ ހުރެ، އަންނަ މަހު ބާއްވަން ނިންމާފައި އޮތް އަންނަ އަހަރު ސައުދި އަރަބިއްޔާގައި ހޯސްޓްކުރާ އޭޝިއަން ކަޕްގެ ގުރުއަތުލުން ފަސްކުރަން އޭއެފްސީން ނިންމައިފި އެވެ.
ގުރުއަތުލުން ކުރިއަށްގެންދަން އޭއެފްސީން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 11 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގަ އެވެ. އޭއެފްސީން ބުނެފައިވަނީ، އޭޝިއަން ކަޕްގެ ގުރުއަތުލުމުގެ އިވެންޓްގައި ބައިވެރިވާން ޖެހޭ ހުރިހާ ސްޓޭކްހޯލްޑަރުންނަށް ހަޒިރުވެވޭގޮތަށް ކަންކަން ރޭވުމުގެ ގޮތުން، ގުރުއަތުލުން ފަސްކުރަން ނިންމާފައިވާ ކަމަށެވެ.
ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން، އެމެރިކާ އާއި އިޒްރޭލު އަދި އިރާނާ ދެމެދު ހިނގަަމުން އަންނަ ހަނގުރާމައާ ހެދި، މެދުއިރުމަތީގައި ކުރިއަށްގެންދަން ނިންމާފައި އޮތް ގިނަ ކުޅިވަރު އިވެންޓްތަކެއް ވަނީ ކެންސަލް ކުރަން ވެސް ޖެހިފަަ އެވެ. އަދި، ބައެއް އިވެންޓްތައް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
އޭޝިއާގެ އެންމެ ވަރުގަދަ 24 ގައުމު ވާދަކުރާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވަން ނިންމާފައިވާއިރު، މިއީ އެ ގައުމުގައި މި މުބާރާތް ހޯސްޓްކުރާ ފުރަތަމަ ފަަހަރެެވެ. އެންމެ ފަހުގެ އޭޝިއަން ކަޕްގެ ޗެމްޕިއަން، ގަތަރުން އަންނަ އަހަރުގެ މުބާރާތުން ވެސް ޖާގަ ހޯދާފައިވާއިރު، ފަސް ފަހަރު ތަށި އުފުލާލި ޖަޕާނާއި އޭޝިއާގެ ގަދަބާރުންގެ ގޮތުގައި ދެން އޮތް ދެކުނު ކޮރެއާ، އިރާން، ޖޯޑަން، އޮސްްޓްރޭލިއާ އަދި އުޒްބެކިސްތާން ވެސް ވަނީ ކޮލިފައިވެފަ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗުތައް މި ހަފްތާގައި ކުރިއަށްދާނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment