Advertisement

ލެބްރަން ޖޭމްސް މި ފަހަރު މުގުރާލީ 29 އަހަރުވީ ރެކޯޑެއް

about 1 hour 0


ލެބްރަން ޖޭމްސް މި ފަހަރު މުގުރާލީ 29 އަހަރުވީ ރެކޯޑެއް

about 1 hour 0

ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (މާޗް 22) - ލޮސް އެންޖެލްސް ލޭކާސް (އެލްއޭ ލޭކާސް) އަށް ކުޅޭ ލެޖެންޑަރީ ތަރި، ލެބްރަން ޖޭމްސް، 29 އަހަރުވީ އެންބީއޭގެ ރެގިއުލާ ސީޒަންގެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މުގުރާލައިފި އެވެ.

އުމުރުން 41 އަހަރުގެ ޖޭމްސް ގިނަ ރެކޯޑްތަކެއް ހަދާފައިވާއިރު، މި ފަހަރު މުގުރާލާފައި މި ވަނީ 1997 ވަނަ އަހަރުން ފެށިގެން ކުރީގެ ކުޅުންތެރިޔާ، ރޮބަޓް ޕެރިސް އަތުގައި އޮތް ރެކޯޑެކެެވެ.

ރެކޯޑް ހެދި، ޖޭމްސް ވަނީ 1612 މެޗު ކުޅެފަ އެވެ. ޕެރިސް ރެކޯޑް ހެދީ 1611 މެޗު ކުޅެގެންނެވެ.

"ވަކި ކަންތައްތަކެއް ހާސިލްކުރަން ލިސްޓެއް ހަދައިގެންނެއް ނޫން މި ކުޅެނީ. އެކަމަކު، މިދިޔަ އަހަރުތަކުގައި އަހަންނަށް ގިނަ ރެކޯޑްތަކެއް ވަނީ ހެދިފައި. އެއީ ވަރަށް ވެސް ހާއްސަ ކަންތައްތަކެއް،" ޖޭމްސް ބުންޏެވެ.

ރޭގެ މެޗުން ލޭކާސް މޮޅުވީ، 0.6 ސިކުންތު ބާކީ އޮއްވައި، ލޫކް ކެނާޑް ވައްޓާލި ތުރީ ޕޮއިންޓާ އަކުން، 105-104 އިންނެވެ.


އެންބީއޭގެ އެއް ވަނައިގައި އޮތީ އޮކްލަހޯމާ ތަންޑާ އެވެ. ސެން އެންޓޯނިއޯ ސްޕާސް ފަހަތުން ތިން ވަނައިގައި އޮތީ ލޭކާސް އެވެ.

މިއީ، އެންބީއޭގައި ޖޭމްސްގެ ރެކޯޑް 23 ވަނަ ސީޒަނެވެ. ބުރަކަަށްޓާއި ފައިގެ ނާރުތަކުގައި ރިއްސާ ބައްޔަކަށް ފަރުވާ ހޯދާތީ، ޖޭމްސް އަށް މި ފަަހަރުގެ ޕްރީ ސީޒަން މެޗުތަކުގެ އިތުރުން ފުރަތަމަ މެޗުތައް ވެސް ގެއްލުނެވެ.

ޖޭމްސް ކެރިއަރު ފެށީ 2003 ވަނަ އަހަރު، ކްލެވަލޭންޑް ކަވަލިއާސްއާ އެކު އެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު މިއާމީ ހީޓާ ގުޅި، އެ ޓީމާ އެކު، ދެ ފަހަރު އެންބީއޭ ކާމިޔާބުކުރި އެވެ. އެނބުރި، ކްލެވަލޭންޑަށް ގޮސް، 2016 ވަނަ އަހަރު އެ ޓީމަަށް ފުރަތަމަ ފަހަރަށް އެންބީއޭ ކާމިޔާބުކޮށްދިނެވެ.

ލޭކާސްއާ 2018 ވަނަ އަހަރު ގުޅުމަށް ފަހު، އެ ޓީމަށް ކުޅެމުން އަންނަ ޖޭމްސް ވަނީ، 2020 ވަނަ އަހަރު އެ ޓީމާ އެކު، އެންބީއޭ ކާމިޔާބުކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ޖޭމްސް ވަނީ، އެންބީއޭގައި 50،000 ޕޮއިންޓް ހަމަކުރި ފުރަތަަމަ ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ. ފާއިތުވި ސީޒަނުގައި މުގުރާލި ދެން ހެދި ހާއްސަ ރެކޯޑަކަށް ބަލާއިރު، އެންމެ ގިނަ މެޗު 30 ޕޮއިންޓަށް ވުރެ ގިނައިން ސްކޯކޮށްގެން، މައިކަލް ޖޯޑަން 2003 ވަނަ އަހަރު ހެދި ރެކޯޑް ވެސް ވަނީ މުގުރާލައިފަ އެވެ.