Advertisement

ވިލާ އާއި ފޮރެސްޓް ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލަށް

about 2 hours 0


ވިލާ އާއި ފޮރެސްޓް ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލަށް

about 2 hours 0

ލަންޑަން (މާޗް 20) - ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގެ މެޗުތަކުން މޮޅުވެ، އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާ އާއި ނޮޓިންހަމް ފޮރެސްޓުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ވިލާ އިން ވަނީ ފްރާންސްގެ ލިލް ދަނޑުގައި 1-0 އިން މޮޅުވެފަ އެެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން މޮޅުވީ 2-0 އިންނެވެ. އެއާ އެކު، ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ކޯޗު، އުނާއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅޭ ވިލާ އަށް އެގްރިގޭޓުން ކުރި ލިބުނީ 3-0 އިންނެވެ.

ޑެންމާކްގެ މިޓްޔައެލަންޑް އަތުން ފުރަތަމަ ލެގުގައި ފޮރެސްޓް ވަނީ ރަށުންބޭރުގައި 1-0 އިން ބަލިވެފަ އެވެ. އެކަމަކު، ރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގައި 2-1 އިން މޮޅުވެ، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ފޮރެސްޓް ވަނީ 3-0 އިން މޮޅުވެފަ އެވެެ.

އަމިއްލަ ދަނޑުގައި ކުޅުނު ވިލާ އިން ރޭގެ މެޗުގައި ލިލް ކޮޅަށް ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ނުވަ ވަނަ މިނިޓްގައި ޖޭޑަން ސަންޗޯ ދިން ބޯޅައަކުން ވިލާ އިން ލީޑުނެގީ ޓީމުގެ ކެޕްޓަން، ޖޯން މެކްގިން ޖެހި ލަނޑުންނެވެ. އަދި، އެއް ގޯލުގެ ލީޑެއްގައި މި ހާފުގެ ބޮޑުބައި ހޭދަކުރި ވިލާ އިން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ހުއްޓައި، ލީޑުފުޅާކުރީ 85 ވަަނަ މިނިޓްގައި އޮލީ ވަޓްކިންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލެއޯން ބެއިލީ ޖެހި ގޯލުންނެވެ.

ނިކޮލަސް ޑޮމިންގޭޒާއި ރަޔާން ޔޭޓްސްގެ ލަނޑުތަކުން ފޮރެސްޓުން ލީޑުނަގާފައިވަނިކޮށް، މިޓްޔައެލަންޑަށް ލަނޑު ޖަހައިދިނީ މާޓިން އެލިޗް އެވެ. އެ ގޯލާ އެކު، މެޗުގައި ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނު ނަމަވެސް ޓީމަކަށް ކުރިހޯދޭ ގޮތް ނުވުމުން، ދިޔައީ ޕެނަލްޓީ އަށެވެ. ޕެނަލްޓީގައި މިޓްޔައެލަންޑަށް، ތިން ޕެނަލްޓީ ފޮނުވާލިއިރު އެންމެ ޕެނަލްޓީއެއް ވެސް ކާމިޔާބެއްނުވި އެވެ. އެކަމަކު، ފޮރެސްޓުން ތިން ޕެނަލްޓީ ވެސް ވައްދާލައި މެޗުން މޮޅުވީ އެވެ. ޕެނަލްޓީތައް ޖެހީ މޯގަން ގިބްސް-ވައިޓް، އިބްރާހިމް ސަންގާރޭ އަދި ނިކޯ ވިލިއަމްސް އެެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ މެޗުތައް:

ބްރާގާ - ރެއާލް ބެޓިސް

ފްރެއިބާގް - ސެލްޓަ ވީގޯ

ޕޯޓޯ - ނޮޓިންހަމް ފޮރެސްޓް

ބޮލޯނިއާ - އެސްޓަން ވިލާ