about 2 hours 0
about 2 hours 0
ޑަކާ، ސެނެގާލް (މާޗް 18) - ސެނެގާލް ޓީމުގެ ކުޅުންތެރިން ދަނޑުން ފޭބި މައްސަލަ ބަލައި، އެފްރިކަން ކަޕްގެ ތަށި ސެނެގާލް އަތުން އަތުލައި، މޮރޮކޯ އަކީ މުބާރާތުގެ ޗެމްޕިއަންކަމަށް އެފްރިކާގެ މައި ފުޓްބޯޅަ އިދާރާ، ކާފް އިން ނިންމި ނިންމުމާ ދެކޮޅަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި އެޕީލްކުރަން ސެނެގާލް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
ޖެނުއަރީ މަހު، ސެނެގާލުން 1-0 އިން މޮރޮކޯ ބަލިކޮށް އެފްރިކަން ކާމިޔާބުކުރި ފައިނަލު ނިމުނުތާ 57 ދުވަސް ފަހުން، ކާފް އިން އައި މި ނިންމުމުގެ ސަބަބުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
މެޗު ނުނިމެނިސް، ސެނެގާލުން ދަނޑުން ފޭބި މައްސަލަ ކާފް އަށް ހުށަހެޅީ މޮރޮކޯ އިންނެވެ. މި މައްސަލަ ފުރިހަމަ އަށް ތަހުގީގުކޮށް، ގަވާއިދުތަކަށް ބެލުމަށް ފަހު، ކާފްގެ އެޕީލް ބޯޑުން ނިންމީ، ސެނަގާލުން ދަނޑުން ފޭބުމާ އެކު، އެ ހިސާބުން މެޗު ފޯފެއިޓްވެ، 3-0 އިން މޮރޮކޯ އަށް މެޗު ލިބުނީ ކަމަށެވެ. މޮރޮކޯ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، މިއީ މެޗުން ބަލިވުމުން، ނަަތީޖާ ބަދަލުކުރުމުގެ އަމާޒުގައި ތަށި ހޯދަން ކުރި އެޕީލެއް ކާމިޔާބުކުރީ ނޫން ކަމަށާއި މިއީ، މުބާރާތުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރު އެޅުމުގެ ގޮތުން ކުރި އެޕީލެއް ކަމަށެވެ.
ސެނެގާލް ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ. އަދި، މި ފަދަ ގޮތަކަށް ކާފް އިން ނިންމުމުން، އެފްރިކާ ފުޓްބޯޅައާ މެދު މީހުން ދެކޭ ގޮތް ބަދަލުވާނެ ކަމަށެވެ. އަދި، މި ކަން ވީ އެންމެ ރަނގަޅަށް ކުރިއަށްގެންދިއުމަށްޓަކައި، ކާސް އަށް ހުށަހަޅައިގެން ކަންކަން ބެލުމުގެ މަރުހަލާ ސެނެގާލް ފުޓްބޯޅަ ފެޑެރޭޝަނުން ކުރިއަށްގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
ފައިނަލް މެޗުގެ ތެރޭގައި، މޮރޮކޯ އަށް 50 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯ އަށް ލިބުނު ޕެނަލްޓީއެއް ޖަހަން 17 ވަރަކަށް މިނިޓް މަޑުކުރަން ޖެހުނެވެ. އެއީ، ސެނެގާލް ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ހެދި އާއި ދަނޑުގެ ސެކިއުރިޓީ ހާލަތު ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ އިތުރުން، ހިތްހަމަނުޖެހިގެން ދަނޑުން ފޭބި ސެނެގާލްގެ ކުޅުންތެރިންނާއި ކޯޗު ތިއޯ އަލުން މެޗު ކުޅެން އެއްބަސްވުމަށް ނެގި ވަގުތެވެ. ހާލަތު ހަމަޖައްސައި، މެޗުފެ ފުރިހަަމަ ވަގުތުގައި ކުޅެން ލިބުނު އެންމެ ފަހު ބޯޅައިގައި މޮރޮކޯގެ ބްރަހިމް ޑިއާޒް ޖެހި ޕެނަންކާ ޕެނަލްޓީ ދިޔައީ، ސެނެގާލް ކީޕަރު އެޑޮއާޑް މެންޑީ އަތަށެވެ. މި ފަހަރުގެ އެފްރިކަން ކަޕްގެ އެންމެ ގިނަ ގޯލު (5 ލަނޑު) ޖެހި ބްރަހިމް އަށް އެންމެ މުހިންމު ފުރުސަތުގެ ބޭނުން ނުހިފުނެވެ.
މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޕާޕޭ ގޭއި ޖެހި ގޯލުން ފަސް އަހަރު ތެރޭ ދެ ވަނަ ފަހަރަށް ސެނެގާލަށް އެފްރިކާގެ ޗެމްޕިއަންކަން ލިބުނީ އެވެ. އެކަމަކު، ސެނެގާލް އަތުން ތަށި ނަގަން މިހާރު ކާފް އިން މި އޮތީ ނިންމައިފަ އެވެ.
Comment