about 1 hour 0
about 1 hour 0
ފައިނަލުގައި ހުޅުމާލެ ވެޓަރަންސް ކްލަބްގެ މައްޗަށް 1-0 އިން ކުރިހޯދައި، ފުރިހަމަ ރެކޯޑަކާ އެކު، ވިލިމާލެ ޔުނައިޓެޑުން އެފްއޭއެމް ވެޓަރަންސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މި އަހަރުގެ ކުރިން، އެފްއޭއެމް އިން ސީދާ ހިންގުމާ ހަވާލުވެގެން ވެޓަރަންސް މުބާރާތެއް ބޭއްވީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ފެށި މި ވެޓަރަންސް މުބާރާތް އެފްއޭއެމް އިން ބޭއްވި ފަހުން، ދެން، އެފްއޭއެމާ ގުޅިގެން ހިންގުމުގެ ކަންތައްތަކާ ހަވާލުވެގެން ބޭއްވީ އެކިއެކި ފަރާތްތަކުންނެވެ.
އެ ގޮތުން، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް)، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އަދި ކްލަބް އިވެންޓްސް އިން ވެސް ވަނީ މި މުބާރާތް ބާއްވައިފަ އެވެ.
އެންމެ ފަހުން، ކްލަބް އިވެންޓްސް އިން ބޭއްވި، އެފްއޭއެމް ވެޓަރަންސް ލީގުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ވެސް ހޯދީ ހުޅުމާލެ ވެޓަރަންސް އިންނެވެ. މި ފަހަރުގެ ފައިނަލަށް ހުޅުމާލެ ވެޓަރަންސް އިން ދަތުރުކުރީ މުބާރާުތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށްގެންނެވެ. ފައިނަލުގައި، ވިލިމާލެ ޔުނައިޓެޑްގެ އަތްދަށުވީ އެވެ.
އެފްއޭއެމް ވެޓަރަންސް ކަޕްގެ ފައިނަލުގައި ވިލިމާލެ ޔުނައިޓެޑާއި ހުޅުމާލެ ވެޓަރަންސް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ޓާފް އެއް ނަމްބަރު ދަނޑުގައި މި ފަހަރު ކުރިއަށްދިޔަ މުބާރާތުގައި، މިއަދު ކުޅުނު ފައިނަލްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ވިލިމާލެ ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ، 16 ވަނަ މިނިޓްގައި ހުސެއިން ރަޝީދު އެވެ. މިއީ، އަރިމަތިން ބޯޅަ ހިފައިގެން އައިސް ފަރުހާދު އިސްމާއިލް (ފަރޭ) ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ނެގި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހުސެއިން ރަޝީދު ޖެހި ގޯލެކެވެ.
ލަނޑެއް ޖަހައި، އެއްވަރުކުރެވޭތޯ ހުޅުމާލެ ވެޓަރަންސް އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
މި ފަހަރުގެ ވެޓަރަންސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިއަކީ ވިލިމާލެ ޔުނައިޓެޑްގެ ހަސަން ސޮލާހު (ހައްޓޭ) އެވެ. އަދި، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ވިލިމާލެ ޔުނައިޓެޑްގެ ހުސެއިން ޝިމާޒް (ކޮކީ) އެވެ. ކޮކީ ވަނީ މުބާރާތުގައި ޖުމްލަ އެކު، އަށް ލަނޑު ޖަހައިފަ އެވެ.
މުބާރާތުގެ ރަނަރަޕަށް ދިޔަ ހުޅުމާލެ ޔުނައިޓެޑްގެ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
މި ފަހަރުގެ ވެޓަރަންސް މުބާރާތުގައި ޖުމްލަ އެކު، 10 ޓީމެއް ވާދަކުރިއިރު، މުބާރާތް ކުރިއަށްދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ގްރޫޕް ސްޓޭޖަށް ފަހު ސެމީ ފައިނަލަށް ދިޔައީ، ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޕޮލިސް ކްލަބް އެވެ. ހުޅުމާލޭން ފައިނަލަށް ދިޔައީ ނިއު ކަޓުވާލައިފަ އެވެ. އަދި، ވިލިމާލޭން ވަނީ ސެމީ ފައިނަލުގައި ޕޮލިހުގެ މައްޗަށް ކުރިހޯދައިފަ އެވެ.
Comment