about 1 hour 0
about 1 hour 0
އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ބަދަލު ހިފާނެ ކަމަށާއި ހަނގުރާމަ ހުއްޓާލުމަށް ޕްރެޝަރު ކުރުމުގެ ގޮތުން ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމަށް އިރާނުގެ އާ ރޫހާނީ ލީޑަރު މުޖުތަބާ ހާމަނާއީ ވައުދުވެއްޖެ އެވެ.
އިރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް މުޖުތަބާގެ ބަޔާނެއް ފުރަތަމަ ފަހަރަށް ވަނީ ގެނެސްދީފަ އެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތީ އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި އަލީ ހާމަނާއ އަވަހާރަކޮށްލުމުންނެވެ.
ހާމަނާއީ ވިދާޅުވީއެ ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ވަގުތުން ބަންދުކުރަން ޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ އެ ތަންތަނަށް ހަމަލާދޭނެ ކަމަށެވެ.
ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމުގެ ބޭނުމަކީ ހަނގުރާމަ ހުއްޓާލުމަށް ދުޝްމަނުންނަށް ފިއްތުންތައް ކުރިމަތިކުރުވުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އަވަށްޓެރި ގައުމުތަކާއެކު އެކުވެރިކަން ބާއްވަން ބޭނުންވިޔަސް، އެމެރިކާގެ މަރުކަޒުތަކަށް ދޭ ހަމަލާތައް ކުރިއަށްދާނެ ކަމަށް ހާމަނާއީ ވިދާޅުވި އެވެ.
ޔަމަނުގައި ތިބި ހަތިޔާރުއެޅި ޖަމާއަތްތަކުން ވެސް މި މަސައްކަތުގައި ބައިވެރިވާނެ ކަމަށާއި، އިރާގުގައި ތިބި ހަނގުރާމަވެރިން ވެސް މި ހަނގުރާމައަށް އެހީތެރިވާން ބޭނުންވާ ކަމަށް ހާމަނާއީ ވިދާޅުވިއެވެ.
އީރާނަށް ދެމުންދާ ހަމަލާތަކުގައި ގައުމު އިސްތިއުމާރުވިޔަނުދީ ހިފެހެއްޓި އަސްކަރިއްޔާއަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އެ ގައުމަށް ނުރައްކާވެފައިވާ މި ދަނޑިވަޅުގައި އީރާނުން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ޖުމުލަ 37 އަހަރު ވަންދެން އީރާނުގައި ވެރިކަން ކުރެއްވި އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ތެހެރާންގަ އެވެ.
އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ އެ މަގާމަށް އައްޔަންކުރުމަށް އީރާނުގެ "އެސެމްބްލީ އޮފް އެކްސްޕާޓްސް" އިން ނިންމީ މިދިޔަ އާދިއްތަ ދުވަހު އެވެ.
Comment