ވިލާ ކޮލެޖުގެ ގާސިމް އިބްރާހީމް ސްކޫލް އޮފް ބިޒްނަސް (ކިއުއައިއެސްބީ) އަށް ބައިނަލްއަގުވާމީ "އެސްއޭކިއުއެސް" (SAQS) އެކްރެޑިޓޭޝަން ލިބިއްޖެ އެވެ.
މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި ބިޒްނަސް ތައުލީމުދޭ މުއައްސަސާތަކުގެ ފެންވަރު ވަޒަންކޮށް އެކްރެޑިޓް ކުރުމަށް ހިންގާ ނިޒާމަކުން ރާއްޖޭގެ މުއައްސަސާއަކަށް މި ޝަރަފު ލިބުނު ފުރަތަމަ ފަހަރެވެ.
މި އެކްރެޑިޓޭޝަނަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ އޭއޭސީއެސްބީ އަދި އީކުއިސް ފަދަ ނިޒާމުތަކާ އެއް ފެންވަރެއްގެ ކާމިޔާބީއެކެވެ.
މި އެކްރެޑިޓޭޝަން ހާސިލުކުރުމަށް ވިލާ ކޮލެޖުން ވަނީ 2021 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށްފަ އެވެ. ގާތްގަނޑަކަށް ފަސް އަހަރަށް ދެމިގެންދިޔަ މި ދަތުރުގައި، ބައިނަލްއަގުވާމީ މެންޓޯއެއްގެ އެހީތެރިކަމާއެކު ކޮލެޖުގެ ހިންގުމުގެ ނިޒާމުތަކާއި، ކިޔަވައިދޭ މުގައްރަރުތަކަށް ބައިނަލްއަގުވާމީ ފެންވަރުގެ ބަދަލުތަކެއް ގެނެސްފައި ވެއެވެ.
މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އެ ކޮލެޖުން ހިންގާ ބިޒްނަސް އެންޑް މެނޭޖްމަންޓް ދާއިރާގެ 13 ޕްރޮގްރާމެއް ބައިނަލްއަގުވާމީ ފެންވަރުގައި މިހާރު ވަނީ އެކްރެޑިޓް ކުރެވިފަ އެވެ. އޭގެ ތެރޭގައި މާސްޓާސް ފެންވަރުގެ ފަސް ޕްރޮގްރާމާއި ބެޗްލާސް ފެންވަރުގެ އަށް ޕްރޮގްރާމް ހިމެނެ އެވެ.
ވިލާ ކޮލެޖުން ހާމަކުރި ގޮތުގައި، މި އެކްރެޑިޓޭޝަންގެ ސަބަބުން ދަރިވަރުން ހާސިލުކުރާ ސަނަދުތަކުގެ އަގު ވަޒީފާގެ ބާޒާރުގައި އިތުރުވެ، ވަޒީފާ ދޭ ފަރާތްތަކުގެ އިތުބާރު އެ ދަރިވަރުންނަށް ބޮޑުވެގެންދާނެ އެވެ. އަދި ކިޔަވައިދޭ މުދައްރިސުންނާއި ކޮލެޖުން ދަރިވަރުންނަށް ފޯރުކޮށްދޭ އެހީތެރިކަން ހުރީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަން މި އެކްރިޑޭޓަޝަނުން ކަށަވަރުކޮށްދެ އެވެ.
މިއީ ހަމައެކަނި ވިލާ ކޮލެޖަށް ލިބުނު ފަހުރެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން އެ ކޮލެޖުން ފާހަގަކުރެއެވެ. ކޮލެޖުގެ ކުރިއަށް އޮތް މެއި މަހުގެ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
Comment