about 2 hours 1
މޮރިޝަސްގެ ރައީސް (ކ) ރާއްޖޭގެ ސަފީރާއެކު:
about 2 hours 1
މޮރިޝަސް އިން ރާއްޖެއާ ޑިޕްލޮމެޓިކް ގުޅުންތައް މިއަދުން ފެށިގެން ކަނޑާލައިފި އެވެ.
ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ކަނޑާލުމުން ދެ ގައުމުގެ މެދުގައި ރަސްމީ އެއްވެސް ގުޅުމެއް ނޯންނާނެ އެވެ. މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖެއާ ގުޅުން ކަނޑައިލި ފުރަތަމަ ގައުމެވެ.
ރާއްޖެއާއެކު އޮތް ގުޅުން ކަނޑާލަން މޮރިޝަސް އިން ނިންމީ، ޗާގޯސްގެ ސިޔާދަތީ ބާރު އެ ގައުމަށް އޮތް ކަމަށް ރާއްޖެއިން ގަބޫލު ނުކުރާތީ އާއި މޮރިޝަސްއާ ޗާގޯސް ހަވާލު ކުރަން އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން ދެކޮޅު ހަދާތީ އެވެ.
ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ކަނޑާލަން މޮރިޝަސް އިން ނިންމީ އެ ގައުމުގެ ރައީސް ދަރަމްބީރު ގޮކޫލް ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގަ އެވެ. އެ ނިންމުން ވަނީ މިހާރު އާންމުކޮށްފަ އެވެ.
މޮރިޝަސްގެ ސަރުކާރުން އެ ގައުމުގެ އިދާރާތަކަށް ފޮނުވި އަދަދު އަށް ލިބިފައިވާ އެތެރޭގެ ސާކިއުލާއެއްގައި ބުނެފައި ވަނީ ހާރިޖީ ގުޅުން ކަނޑާލިކަން މިހާރު ރާއްޖެއަށް ވެސް އަށް ވެސް އަންގާފައިވާނެ ކަމަށެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބޭ ކަމަށް ބައިނަލްއަގްވާމީ ކޯޓުތަކުން ކަނޑައަޅާފައި އޮއްވައި އަދި މޮރިޝަސް އާއި ރާއްޖެއާދެމެެދު ކަނޑުގެ ބޯޑަރު ބަހާފައި އޮއްވައި، އެކަންކަމަށް އަމަލު ނުކުރައްވާނެކަން އިއުލާނު ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު ފެބްރުއަރީ 5، ގަ އެވެ.
މުއިއްޒު ވިދާޅުވީ، ބައިނަލްއަގްވާމީ ކޯޓުން މޮރިޝަސްއަށް ދީފައިވާ ކަނޑުގެ ބަޔަކީީ ރާއްޖޭގެ ބައެއް ކަމަށެވެ. އަދި އެތަން ދިވެހި ސަރުކާރުން ބަލަހައްޓާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައިވާ ދިވެހިރާއްޖޭގެ އާކިޕެލޮޖިކް ބޭސް ޕޮއިންޓުތަކަށް ހަވާލާދީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި، ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ހާޒިރުގައި އެކަން އިއުލާނުކުރަން،" މުއިއްޒު ވިދާޅުވި އެވެ.
ކަނޑުގެ އެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަން އޭގެ ފަހުން ދިވެހި ސިފައިން ވަނީ އިއުލާނުކޮށްފަ އެވެ.
"ދިވެހިރާއްޖޭގެ އުތުރުން ޑީލިމިޓް ކުރެވިފައިވާ އިސްވެ ބަޔާން ކުރެވުނު [ސިލޯނު އަދި އިންޑިއާ ބޯޑަރު] ސަރަހައްދު ފިޔަވައި، ދިވެހިރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުން 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދެއް ދިވެހިރާއްޖެއަށް ލިބިގެންވާ ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރޭ،" ޑިފެންސް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޗާގޯސްއަކީ އިނގިރޭސިވިލާތުގެ އަސްކަރީ ބޭސްއެކެވެ. އެތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން ވަނީ މިދިޔަ އަހަރު އެއްބަސްވެފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.
އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރެއް ޗާގޯސްގައި ނޯންނާނެ ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ވަނީ 2021 ވަނަ އަހަރު ކަނޑައަޅައިފަ އެވެ. އެއިރު، އިޓްލޮސް އިން ވަނީ ދެކުނުން ރާއްޖޭގެ ބޯޑަރު ވެސް ކަނޑައަޅައިފަ އެވެ.
ރާއްޖެއިން ޗާގޯސްއަށް ދައުވާ ކުރުމުގެ އަޑުތައް އިވެން ފެށީ އިޓްލޮސްގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ. ޗާގޯސްއަށް ރާއްޖެއިން ދައުވާ ކުރަނީ މީގެ ކުރިން ރާއްޖޭގެ ބައެއް ރަސްރަސްކަލުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައެއް ސިޓީތަކުގައި ލިޔުއްވާފައިވާތީ އެވެ.
އިނގިރޭސިވިލާތުން އެއްބަސްވީ މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ދިނުމަށްފަހު އަހަރަކަށް 100 މިލިއަން ޑޮލަރަށް އެ ތަން ކުއްޔަށް ހިފުމަށެވެ. އެ މައްސަލައިގެ ތެރެއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަދެވަޑައިގަތީ، މޮރިޝަސްއަށް ޗާގޯސް ދޭން އިނގިރޭސިން ހެދި ޑީލަށް އެމަނިކުފާނު ފާޑުވިދާޅުވުމުންނެވެ.
Comment