Advertisement

އެފްއޭއެމް ވެޓަރަންސް ކަޕް: ނިއު އިން ގްރާންޑޭ ބަލިކޮށް ފެށީ މޮޅަކުން

about 19 hours 0

ގްރާންޑޭ އާއި ނިއު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ހުސެއިން ޝައްމާހު


އެފްއޭއެމް ވެޓަރަންސް ކަޕް: ނިއު އިން ގްރާންޑޭ ބަލިކޮށް ފެށީ މޮޅަކުން

about 19 hours 0

އެފްއޭއެމް ވެޓަރަންސް ކަޕްގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 2-0 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުރިހޯދައި، މޮޅަކުން މުބާރާތް ފަށައިފި އެވެ.

ފަނަރަ ވަރަކަށް އަހަރު ފަހުން، އެފްއޭއެމްގެ ސީދާ ބެލުމުގެ ދަަށުން ބާއްވާ ފުރަތަމަ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ފެށިއިރު، މި ފަހަރުގެ މުބާރާތުގައި 10 ޓީމު ވާދަކުރެ އެވެ. ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތް ކުޅެނީ ދެ ގްރޫޕަށް ބަހާލައިގެންނެވެ.

ގްރޫޕް އޭގައި ހިމެެނެނީ، ދަ ގްރާންޑޭ، މުއިވެޔޮ ފްރެންޑްސް ކްލަބް، ދިވެހި ސިފައިންގެ ކުލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަދި ވިލިމާލެ ޔުނައިޓެޑް އެވެ.

ނިއު އަށް މިއަދު ކުޅުނު މެޗުގައި ލަނޑު ޖަހައިދިނީ، މީގެ ކުރިން އެ ޓީމަށް ކުޅުނު އަލީ އުމަރު (އައްޔަ) އާއި އަހުމަދު ނިޔާޒް (ނިޔާ) އެވެ. ފުރަތަމަ ހާފުގައި، 16 ވަނަ މިނިޓްގައި އައްޔަ ލަނޑު ޖެހީ ގްރާންޑޭ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެ މިނިޓެއް ފަހުން، ގްރާންޑޭ އޭރިއާތެރެއިން ހެދި ގޯހަކުން ލިބުނު ބޯޅަ ނިޔާ ވަނީ ގޯލަށް ވައްދާލައިފަ އެެވެ.

ދެ ވަނަ ހާފުގައި ގްރާންޑޭ އިން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ.

ގްރޫޕް ބީގައި ހިމެނެނީ، ޔުނައިޓެޑް ވިކްޓްރީ، ހުއްރިއްޔާ ސްޕޯޓްސް ކުލަބް (ހުރާ)، ހުޅުމާލެ ވެޓެރަންސް ކުލަބް، ބުރު ސްޕޯޓްސް ކުލަބް އަދި ޕޮލިސް ކުލަބް އެވެ.

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ފެށި މި ވެޓަރަންސް މުބާރާތް އެފްއޭއެމް އިން ބޭއްވި ފަހުން، ދެން، އެފްއޭއެމާ ގުޅިގެން ހިންގުމުގެ ކަންތައްތަކާ ހަވާލުވެގެން ބޭއްވީ އެކިއެކި ފަރާތްތަކުންނެވެ. އެ ގޮތުން، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް)، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އަދި ކްލަބް އިވެންޓްސް އިން ވެސް ވަނީ މި މުބާރާތް ބާއްވައިފަ އެވެ.

މުބާރާތުގައި މާދަމާ އޮތީ މުއިވެޔޮ އާއި ދިވެހި ސިފައިންގެ ކްލަބް އެވެ.