19 ފެބުރުވަރީ 2026 - 14:55 0
އެފްއޭއެމް އިން މީގެ ކުރިން ބޭއްވި ވެޓަރަންސް ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ
19 ފެބުރުވަރީ 2026 - 14:55 0
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސީދާ ހިންގުމުގައި ޝާމިލުވެގެން ވެޓަރަންސް ފުޓްބޯޅަ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެ ގޮތުން، އެފްއޭއެމް ވެޓަރަންސް ކަޕްގައި މި ފަހަރު ޖުމްލަ އެކު 10 ޓީމެއް ވާދަކުރާނެ އެވެ. ދެ ގްރޫޕަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު، މުބާރާތުގެ ގްރޫޕް އޭގައި ހިމެެނެނީ، ދަ ގްރާންޑޭ، މުއިވެޔޮ ފްރެންޑްސް ކްލަބް، ދިވެހި ސިފައިންގެ ކުލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަދި ވިލިމާލެ ޔުނައިޓެޑް އެވެ.
ގްރޫޕް ބީގައި ހިމެނެނީ، ޔުނައިޓެޑް ވިކްޓްރީ، ހުއްރިއްޔާ ސްޕޯޓްސް ކުލަބް (ހުރާ)، ހުޅުމާލެ ވެޓެރަންސް ކުލަބް، ބުރު ސްޕޯޓްސް ކުލަބް އަދި ޕޮލިސް ކުލަބް އެވެ.
ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތް ފަށާނީ މާދަމާ ހަވީރު އެވެ. އެއީ، ނިއު އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗުންނެވެ. އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާއިރު، ސެމީ ފައިނަލް އޮންނާނީ 13 އާއި 14 މާޗުގަ އެވެ. އަދި، ފައިނަލް މެޗު ކުޅޭނީ 16 މާޗުގަ އެވެ.
އެފްއޭއެމް އިން ސީދާ ހިންގުމާ ހަވާލުވެގެން ވެޓަރަންސް މުބާރާތެއް ބޭއްވީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ފެށި މި ވެޓަރަންސް މުބާރާތް އެފްއޭއެމް އިން ބޭއްވި ފަހުން، ދެން، އެފްއޭއެމާ ގުޅިގެން ހިންގުމުގެ ކަންތައްތަކާ ހަވާލުވެގެން ބޭއްވީ އެކިއެކި ފަރާތްތަކުންނެވެ.
އެ ގޮތުން، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް)، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އަދި ކްލަބް އިވެންޓްސް އިން ވެސް ވަނީ މި މުބާރާތް ބާއްވައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment