18 ފެބުރުވަރީ 2026 - 12:59 0
18 ފެބުރުވަރީ 2026 - 12:59 0
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއް ލައްކަ ރުފިޔާ ދޭން މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް މާލެ ސިޓީގެ މޭޔަރުގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
އޭޕްރީލް 4, ގައި ބާއްވަ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ދައުލަތުގެ ބަޖެޓުން މިފަދަ ބޮޑު ހޭދައެއް "އިނާޔަތުގެ" ނަމުގައި އިއުލާނު ކުރުމަކީ ވޯޓަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށް، އެއީ ރިޝްވަތު ދިނުން ކަމަށް ބުނަމުންނެވެ.
"ވޯޓާއި ދިމާކޮށް ފައިސާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަތް ވައުދަކީ "ކޮރަޕްޝަން"ގެ އަމަލެއްކަން އެނގެނީ، އިންތިހާބުގައި ރައީސްގެ ފަރާތުން ވާދަކުރައްވާ މޭޔާ ކެންޑިޑޭޓް އަދި އަންހެން ރައީސާ އާއި އެއްބަރިއެއްގައި އިންނަވައި އެހެން ވިދާޅުވުމެވެ،" ޒަރިޔަންދު އެކްސްގައި ލިޔުއްވި އެވެ.
އެ މައްސަލަ މިހާރު ވަނީ ރަސްމީކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފަ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ސިނަމާލޭގެ ހަތަރު ފްލެޓާއި މާލޭ ހިޔާގެ ދެ ފްލެޓުގައި ޖުމްލަ 161 އެޕާޓްމަންޓު ހުންނައިރު، އޭގެއިން ކޮންމެ އެޕާޓްމަންޓެއްގެ ވެރިޔަކަށް އެއް ލައްކަ ރުފިޔާ ދޭން ޖުމްލަ 16.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
އެ ނިންމެވުން މުއިއްޒު ނިންމެވީ މުލީއާގޭގައި މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓުތަކުގެ ބައެއް ވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މި ނިންމެވުން މުއިއްޒު ނިންމެވީ ސިނަމާލެ އާއި މާލޭހިޔާ ތަޅާލައި އާ ފްލެޓް އަޅައިދޭނެ ކަމަށްވީ ވައުދަށް އަމަލީ ސިފައެއް ނައިސް، ފްލެޓްތަކުގެ ސްޓްރަކްޗާ އިންތިހާއަށް ބާވެފައިވާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
Comment