17 ފެބުރުވަރީ 2026 - 06:55 0
17 ފެބުރުވަރީ 2026 - 06:55 0
ލަންޑަން (ފެބްރުއަރީ 17) - ސީޒަނުގެ މުހިންމު ހިސާބަކަށް އައިސް ގިނަ މުބާރާތްތަކުގައި ރަނގަޅު ވާދައެއް ކުރަމުން އަންނަނިކޮށް ތަކުރާރުކޮށް އަނިޔާގެ މައްސަލަތައް ކުރިމަތިވަމުން އަންނާތީވެ، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އިނގިރޭސި ލީގު ކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވާ އާސެނަލް އޮތީ ލީގުގެ ވެސް އެއް ވަނައިގަ އެވެ. އަދި، ވިގަން އެތުލެޓިކް އަތުން 4-0 އިން މޮޅުވެ، އާސެނަލް ވަނީ އެފްއޭ ކަޕްގެ ގަދަ 16 ބުރުން ޖާގަ ހޯދައިފަ އެވެ. އެ މެޗަށް ފަހު އާޓެޓާ ވަނީ އަނިޔާގެ މައްސަލަތަކުގެ ކަންބޮޑުވުން އިތުރުވަމުން އަންނަކަން ފާހަގަކޮށްފަ އެވެ.
"އެންމެ ފުރަތަމަ އަނިޔާވާން ފެށީ ސްޓްރައިކަަރުންނަށް، ދެން، ފެށީ ޑިފެންޑަރުންނަށް މިހާރު، މިކަން މި އޮތީ މިޑްފީލްޑަރުންނާ ލައިގަނެފައި،" އާޓެޓާ ބުންޏެވެ.
އޭނާ ބުނީ މި ވަގުތަށް ތިބި ކުޅުންތެރިން ލައިގެން ކުރިއަށްދެވޭތޯ ބަލަމުން އަންނައިރު، އެ ކުޅުންތެރިންގެ ފިޓްނަސް ހުރީ ވެސް އެންމެ ބޭނުންވާ ލެވަލްގައި ނޫން ކަމަށެވެ. އަދި، މި ވަގުތު މެޗުތަކުގައި ބޭނުންކުރަމުން އަންނަ ކުޅުންތެރިން މެނޭޖްކުރުމުގައި ވެސް ވަރަށް ފަރުވާތެރިވާން ޖެހޭ ކަމަށާއި އެކަމަކު، ފުޓްބޯޅަ އަކީ "ކޮންޓެކްޓް ސްޕޯޓް" އެއް ކަމުން ހުރިހާ ވަގުތަކުން ސަމާލުވެގެން ކުޅުނަސް އަނިޔާވުމުގެ ބިރު އޮންނާނެ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ އަވަހަށް އާސެނަލަށް ދެން އޮތީ ލީގު ތާވަލުގެ ފުލުގައި އޮތް ވުލްވްސްއާ ކުޅޭ މެޗެވެ. އެ މެޗު އޮތީ ވުލްވްސް ދަނޑުގަ އެވެ.
Comment