about 6 hours 0
about 6 hours 0
ލަންޑަން (ފެބްރުއަރީ 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން 1-1 އިން ބްރެންޓްފޯޑާ އެއްވަރުވެ، ލީގުގެ އެއް ވަަނައިގައި އޮތް ލީޑު ދެމެހެއްޓޭ ގޮތެއްނުވެ، ފަރުޖައްސާލަން ޖެހިއްޖެ އެވެ.
ރޭގެ މެޗަށް އާސެނަލް ނުކުތްއިރު، އެ ޓީމުގެ ލީޑު ވަނީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ. އެއީ، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީން އެއް މެޗު އިތުރަށް ކުޅެ، ފަރަގުކުޑަކޮށްފައިވާތީ އެވެ. ރޭ ބްރެންޓްފޯޑް އަތުން މޮޅުވެ، އާސެނަލަށް ހަ ޕޮއިންޓަށް ލީޑުފުޅާކުރެވެން އޮތް ނަމަވެސް އެއްވަރުވެ، ލިބިފައިވަނީ ހަތަރު ޕޮއިންޓުގެ ލީޑެކެވެ.
އެ ގޮތުން، އާސެނަލުން 26 މެޗުން 57 ޕޮއިންޓް ހޯދާފައިވާއިރު، ދެ ވަނައިގައި އޮތް ސިޓީ އަށް 26 މެޗުން ވަނީ 53 ޕޮއިންޓް ލިބިފަ އެވެ.
ބްރެންޓްފޯޑް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ރަނގަޅު އެޓޭކްތަކެއް ކުރިއިރު، މެޗުގައި ފުރަތަމަ ލަނޑު ޖަހައި، އާސެނަލުން ލީޑުނެގީ ދެ ވަަނަ ހާފުގަ އެވެ. އެ ގޮތުން، 61 ވަނަ މިނިޓްގައި، ބްރެންޓްފޯޑް އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައި، ނޯނީ މަޑުއޭކޭ ވަނީ އާސެނަލަށް ލީޑުނަގައިދީފަ އެވެ.
މެޗުގައި، އާސެނަލަށް ކުރީގައި އޮވެވުނީ 10 މިނިޓެވެ. މެޗުގެ 71 ވަަނަ މިނިޓްގައި ބްރެންޓްފޯޑުން އެއްވަރުކުރީ ދިގުއެއްލުމެއްގައި އޭރިއާތެރެއިން ތަނަވަސްވި ފުރުސަތެއްގައި، ކީން ލެވިސް-ޕޮޓާ ބޮލުން ޖެހި ގޯލުންނެވެ.
ބްރެންޓްފޯޑް މޮޅުކޮށްދޭން އެ ޓީމުގެ ބްރެޒިލް ފޯވާޑް އީގޯ ތިއާގޯ އަށް ރަނގަޅު ތިން ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އަދި، އާސެނަލަށް މެޗުގެ ތިން ޕޮއިންޓް ހޯދައިދޭން ބަދަަލަކަށް ކުޅެން އެރި ގަބްރިއެލް މާޓިނެލީ އަށް ލިބުނު ހުސް ފުރުސަތުގައި، އޭރިއާތެރެއިން އޭނާ ފޮނުވާލި ބޯޅަ ބްރެންޓްފޯޑްގެ ކީޕަރު، ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފަ އެވެ.
ބްރެންޓްފޯޑުން މި ލިބުނު ޕޮއިންޓާ އެކު، ހަތް ވަނައިގައި އޮތީ 26 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ.
Comment