about 16 hours 0
about 16 hours 0
ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން ކުޅޭ ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގައި ކުޅުނު ދެ ވަަނަ މެޗުން ވެސް މޮޅުވެ، ސީއެޗްއެސްއީ މާލޭން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
އެ ގޮތުން، ސީއެޗްއެސްއީ މާލޭން ދެ ވަނަ މެޗުގައި، ސީއެޗްއެސްއީ ހުޅުމާލެއާ ކުޅެގެން މޮޅުވީ، 7-1 އިންނެވެ. މި މެޗުގައި ސީއެެޗްއެސްއީ މާލޭގެ މުހައްމަދު އާޔަން ޝާޒް އާއި އަހުމަދު މިކްޔާލް މުއީން (މިކީ)، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ، ނާސިހު އަހުމަދު ޝިހާމް، މުހައްމަދު ސައިމް އިބްރާހިމް ފާއިޒް އަދި އިސްމާއިލް ޝާމިލް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ މިކީ އަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގެ އޮޑި ސްޕޯޓްސް ކްލަބްގެ ކުޅުންތެރިއެކެވެ.
ރޭގެ މެޗުގައި، ސީއެޗްއެސްއީ ހުޅުމާލޭގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އަހުމަދު އާއިޝް އެވެ.
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ވަނީ 1-1 އިން ވިލާ އިންޓަނޭޝަނަލް ހައިއާ އެއްވަރުވެފަ އެވެ. މި މެޗުގައި، އަހުމަދު ލައިތު އައްބާސް ވިލާ އަށް ލީޑު ނަގައިދިންއިރު، އަހުމަދިއްޔާ އަށް މެޗުގެ ފަހު ވަގުތު އެއްވަރުކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހިމް އަވްސަމް އަބްދުﷲ އެވެ.
އެފްއޭއެމް އިން، ޖުމްލަ އެކު، ހަތަރު ސްކޫލަކަށް ދައުވަތު ދީގެން ކުރިއަށްދާ މި މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުތަކަށް ބަލާއިރު، އަހުމަދިއްޔާ އިން ވަނީ 6-0 އިން ސީއެޗްއެސްއީ ހުޅުމާލެގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި، ސީއެޗްއެސްއީ މާލޭން މުބާރާތް ފެށީ ވިލާ އަތުން 2-1 އިން މޮޅުވެގެންނެވެ.
ގަލޮޅު ދަނޑުގައި ކުޅޭ މި މުބާރާތަކީ، ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ސްކޮޑު އެކުލަވާލުމުގައި ވެސް މުހިންމު މުބާރާތެކެވެ.
Comment