about 2 hours 0
about 2 hours 0
މެޑްރިޑް (ފެބްރުއަރީ 10) - ހުރިހާ ގޮތަކުން ބެލިޔަސް އިނގިރޭސި ޕްރިމިއާ ލީގު އޮތީ ސްޕެނިޝް ލަލީގާ އަށް ވުރެން ކުރީގައި ކަމަށް ރެއާލް އޮވިއޭޑޯގެ ތަޖުރިބާކާރު މިޑްފީލްޑަރު، ސަންޓި ކަޒޯލާ ބުނެފި އެވެ.
އުމުރުން 41 އަހަރުގެ ކަޒޯލާ، ސްޕެނިޝް ލީގާ މެދު ހިތްހަމަނުޖެހިގެން މި ގޮތަށް ޝުއޫރުފާޅުކުރީ ރަޔޯ ވަޔެކާނޯގެ ވަލެސަސް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހު އޮވިއޭޑޯއާ އެކު ކުޅެން އޮތް މެޗު ފެށެން މަދު ގަޑިއިރަކަށް ވެފައި ވަނިކޮށް ކެންސަލްކުރަން ލީގުން ނިންމުމާ އެކު އެވެ.
ސަބަބެއް ގޮތަށް ބުނެފައިވަނީ، ވަލެސަސް ސްޓޭޑިއަމްގެ ޕިޗްގެ މަސައްކަތްތައް ވަރަށް ފަހުން ނިންމިއިރު، އެ ދަނޑުގެ ހާލަތު އޮތީ މެޗެއް ކުޅެން އެކަށޭނެ ހާލަތެއްގައެއް ނޫން ކަމަށްވާތީ އެވެ.
"ހަގީގަތަކީ ސްޕެނިޝް ލީގު މި އޮތީ ހުރިހާ ކަމަކަށް ބެލިޔަސް ޕްރިމިއާ ލީގަށް ވުރެން ފަހަތުގައި،" 2012 އިން 2018 އަށް އާސެނަލަށް ކުޅެދިން ކަޒޯލާ ބުންޏެވެ.
ކުރިން ސްޕެނިޝް ލީގުގައި ވިޔަރެއާލް، ރެކްރެޓީވޯ އަދި މަލާގާ އަށް ކުޅެފައިވާ ކަޒޯލާ އަކީ، އޮވިއޭޑޯ ދެ ވަނަ ޑިވިޝަނުގައި އޮއްވައި، 24 އަހަރަށް ފަހު އެ ޓީމު ފުރަތަމަ ޑިވިޝަނަށް ގެނެސްދިނުމަށް މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.
މި ވަގުުތު ލީގު ތާވަލުގެ އެންމެ ފުލުގައި، އޮވިއޭޑޯ އޮތީ 22 މެޗުން 16 ޕޮއިންޓާ އެކު އެވެ.
Comment