ޖިމީ ލައި
ހޮންކޮންގުގައި ކުރިން ހިންގި ނުފޫޒުގަދަ ނޫހެއް ކަމުގައިވާ އެޕަލް ޑެއިލީގެ ވެރިޔާ ޖިމީ ލައި، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގި ކަމުގެ ކުށުގައި 20 އަހަރަށް ޖަލަށް ލުމަށް ހޮންކޮންގުގެ ކޯޓަކުން މިއަދު ހުކުމްކޮށްފިއެވެ.
ޗައިނާއިން ހޮންކޮންގުގައި ތަންފީޒުކުރަމުންދާ ގައުމީ ސަލާމަތުގެ ގާނޫނުގެ ދަށުން ޖިމީ ލައިގެ މައްޗަށް މި ހުކުމް އިއްވީ ބޭރު ގައުމުތަކާ ގުޅިގެން ރޭވުންތައް ރޭވުމާއި ފިތުނަ އުފައްދާ ފަދަ ލިޔުންތައް ޝާއިއުކުރި ކަމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
ކޯޓުގެ ނިންމުމުގައިވާ ގޮތުން، މިހާރުވެސް 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ 78 އަހަރުގެ ލައި، އިތުރު 18 އަހަރު ޖަލުގައި ހޭދަކުރަން ޖެހޭނެއެވެ.
މި މައްސަލައިގައި ލައިގެ އިތުރުން، މިހާރު އުވާލާފައިވާ "އެޕަލް ޑެއިލީ" ނޫހުގެ ކުރީގެ އިސް 6 މުވައްޒަފަކާއި އެކްޓިވިސްޓަކަށް ވެސް މިއަދު ވަނީ 6 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމްތަކެއް އިއްވާފައެވެ.
މި ހުކުމްތަކާ ގުޅިގެން ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުން ވަނީ މިއީ ހޮންކޮންގުގެ ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށް ހިންގި އަމަލެއް ކަމަށް ބުނެފަ އެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޖިމީ ލައި މިނިވަންކުރުމަށް މީގެ ކުރިން ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އަރިހުން އެދިވަޑައިގެންފައެވެ. ނަމަވެސް ޗައިނާއިން ބުނަމުންދަނީ މިއީ ހޮންކޮންގުގެ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ހިންގޭ ގާނޫނީ މައްސަލައެއް ކަމަށާއި، މީގެ ތެރެއަށް ބޭރުގެ ގައުމުތަކުން ވަދެގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޖިމީ ލައިއަކީ 2020 ވަނަ އަހަރު ހޮންކޮންގުގައި ގައުމީ ސަލާމަތުގެ ގާނޫނު ތައާރަފްކުރި ފަހުން ހައްޔަރުކުރި އެންމެ ނުފޫޒުގަދަ އެކަކެވެ. އޭނާ ހައްޔަރުކޮށް، "އެޕަލް ޑެއިލީ" ގެ މުދާތައް ހިފެހެއްޓުމާ ގުޅިގެން 2021 ވަނަ އަހަރު އެ ނޫސް ވަނީ ބަންދުކުރަން ޖެހިފައެވެ.
Comment