Advertisement

ޖަޕާން ބަލިކޮށް ރާއްޖޭގެ ފިރިހެން ނެޓްބޯޅަ ޓީމުން ލޯ މެޑަލް ހޯދައިފި

about 2 hours 0

ގައުމީ ފިރިހެން ނެޓްބޯޅަ ޓީމު.--- ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން


ޖަޕާން ބަލިކޮށް ރާއްޖޭގެ ފިރިހެން ނެޓްބޯޅަ ޓީމުން ލޯ މެޑަލް ހޯދައިފި

about 2 hours 0

ހޮންގް ކޮންގައި ކުރިއަށްދިޔަ އޭޝިއާ ކަޕް ނެޓްބޯޅަ މުބާރާތުގައި، ޖަޕާން ބަލިކޮށް ރާއްޖޭގެ ފިރިހެން ނެޓްބޯޅަ ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.

މިއީ، ގައުމީ ފިރިހެން ނެޓްބޯޅަ ޓީމެއް މި ގޮތަށް ޓީމެއް އެކުލަވާލައިގެން މަސައްކަތް ކުރުމަށް ފަހު މުބާރާތަކަށް ދިޔަ ފުރަތަމަ ފަަހަރެވެ. އެހެންކަމުން، މި މުބާރާތުން، ރާއްޖޭގެ ފިރިހެން ނެޓްބޯޅަ އަށް މެޑަލެއް ލިބުމަކީ ތާރީހީ ކާމިޔާބެކެވެ.

ގައުމީ ފިރިހެން ނެޓްބޯޅަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފުރަތަމަ ފަހަރަށް ފަށައި، ތިން މަހެއްހާ ދުވަހު ފަރިތަކުރުމުގެ ކަންކަން ކުރިއަށްގެންދިޔައީ މި މަހުގެ 3-13 އަށް އިންޑިއާގައި ކުރިއަށްގެންދާ ގޮތަށް މަސައްކަތްކުރި އޭޝިއަން މެންސް ނެޓްބޯލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށެވެ. އެކަމަކު، ފަހު ވަގުތު ދިމާވި ކަންތައްތަކެއްގެ ސަބަބުން، އެ މުބާރާތް ކެންސަލްވުމާ އެކު، ހޮން ކޮންގުން އިސްނަގައިގެން، ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމިީ އެވެ. އެ މުބާރާތުގައި ކުޅުނީ، ހޮންގް ކޮންގާއި މެލޭޝިއާގެ އިތުރުން ރާއްޖެ އާއި ޖަޕާން އެވެ.

މުބާރާތުގައި ރާއްޖޭގެ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، މެލޭޝިއާ އަތުން ފުރަތަމަ މެޗުގައި 62-11 އިން ބަލިވި އެވެ. ދެ ވަނަ މެޗުގައި، ހޮންގް ކޮންގް އަތުން 74-16 އިން ބަލިވި އެވެ. ތިން ވަނަ އަށް ކުޅުނު މެޗުގައި، ޖަޕާން އަތުން 24-18 އިން މޮޅުވިއިރު، ތިން ވަނަ ހޮވި މެޗުން ޖަޕާންގެ މައްޗަށް ކުރިހޯދީ، 28-21 އިންނެވެ.

ގައުމީ ފިރިހެން ނެޓްބޯޅަ ޓީމުގެ ކޯޗު، އީމާ އަބްދުއްސަތާރު، މުބާރާތުގެ ކުރިން ބުނެފައިވަނީ، ފުރަތަމަ މުބާރާތް ކަމަށްވާތީވެ، އިދިކޮޅު ޓީމުތަކުގެ ފެންވަރާ މެދު ސީދާ އެއްޗެއް ބުނަން ދަތި ކަމަށެވެ. އެ ގޮތުން، މުބާރާތުގެ މެޗުތައް ފެށިގެން ދިއުމާ އެކު، މެޗުތައް ބަލައިގެން، އިދިކޮޅު ޓީމުތަކުގެ ފެންވަރު ދެނެގަނެވޭނެ ކަމަށާއި މުބާރާތުން މެޑައްޔެއް ހޯދުމުގެ އަމާޒުގައި ކުރިއަށްދެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް އީމާ ވަނީ ބުނެފަ އެވެ.