about 2 hours 0
about 2 hours 0
ލަންޑަން (ފެބްރުއަރީ 7) - ސަންޑަލެންޑް އަތުން 3-0 އިން މޮޅުވެ، އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނެގިއިރު، ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުތަކުން މޮޅުވެ، ރަނގަޅު ފޯމު ދަމަހައްޓައިފި އެވެ.
ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން މޮޅުވީ 2-0 އިންނެވެ. އަދި، ރަށުންބޭރުގައި ވުލްވްސް އަތުން ޗެލްސީ ވަނީ 3-1 އިން މޮޅުވެފަ އެވެ.
އެއް ވަނައިގައި އޮތް އާސެނަލަށް 25 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 24 މެޗުން 47 ޕޮއިންޓް ލިބިފައިވެ އެވެ. ސިޓީން މާދަމާރޭ ކުޅޭނީ ލިވަޕޫލް ދަނޑުގައި އެ ޓީމާ ދެކޮޅަށެވެ. ތިން ވަނައިގައި އޮތް އެސްޓަން ވިލާ ވަނީ 1-1 އިން ބޯންމައުތާ އެއްވަރުވެފަ އެވެ. އެ ޓީމަށް 25 މެޗުން 47 ޕޮއިންޓް ލިބިފައިވެ އެވެ. ހަތަރެއްގައި އޮތް ޔުނައިޓެޑަށް 25 މެޗުން 44 ޕޮއިންޓް އަދި ފަސް ވަނައިގައި އޮތް ޗެލްސީ އަށް 25 މެޗުން 43 ޕޮއިންޓް ވަނީ ލިބިފަ އެވެ.
މެޗުގައި ޔުނައިޓެޑްގެ ބްރޫނޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ޔުނައިޓެޑުން އެ ޓީމުގެ ދަނޑުގައި ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގައި ބްރަޔާން އެމްބެއުމޯ ޖެހި ގޯލުން ލީޑުނަގާފައިވަނިކޮށް، ޓޮޓެންހަމް އަށް މައްސަލަ ދިމާވީ އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއަން ރޮމޭރޯ އަށް ރަތެއް ދެއްކުމުންނެވެ. ރޮމޭރޯ އަށް ރަތެއް ދެއްކީ ޔުނައިޓެޑްގެ ކަސެމީރޯ އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.
މެޗުގެ ތިން ޕޮއިންޓް ޔުނައިޓެޑަށް ކަށަވަރުކޮށްދީ މައިކަލް ކެރިކް ހަވާލުވި ފަހުން ކުޅުނު ހަތަރު ވަނަ މެޗުން ވެސް ޔުނައިޓެޑަށް މޮޅެއް ޔަގީންކޮށްދިން ގޯލު ޖެހީ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އެވެ. ޔުނައިޓެޑުން ލީގުގައި ޓޮޓެންހަމް ބަލި މި ކުރީ ތިން އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ.
ސަންޑަލެންޑް ކޮޅަށް އާސެނަލްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު، މާޓިން ޒުބިމެންޑީ އެވެ. ދެ ވަނަ ހާފުގައި ސަންޑަލެންޑުން ކުޅުން ރަނގަޅުކުރި އެވެ. އެކަމަކު، ބަދަލަކަށް ކުޅެން އަރައި، އާސެނަލްގެ ސްވިޑެން ފޯވާޑް ވިކްޓަ ޔޯކެރޭޝް ވަނީ ދެ ލަނޑު ޖަހައި އެ ޓީމަށް ލީގުގެ ރޭހުގައި މުހިންމު މޮޅެއް ޔަގީންކޮށްދީފަ އެވެ.
ޗެލްސީގެ ޕާމާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ލީގުގެ ފުލުގައި އޮތް ވުލްވްސް ކޮޅަށް ޗެލްސީގެ ތިން ލަނޑު ޖަހައި، ކޯލް ޕާމާ ހެޓްރިކެއް ހެދި އެވެ. ޕާމާ ފުރަތަމަ ދެ ގޯލު ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީތަކުންނެވެ. އަދި، މާކް ކުކުރޭއާ ދިން ބޯޅައަކުން ޕާމާ، ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކުރި ލަނޑު ޖަހައިފަ އެވެ. މިއީ، ޕްރިމިއާ ލީގުގައި ޕާމާގެ ހަތަރު ވަނަ ހެޓްރިކް އެވެ.
މެޗުގައި ވުލްވްސް އިން ޖެހި ހަމައެކަނި ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބުކުރީ، ޓޯލޫ އަރޮކޮޑާރޭ އެވެ.
ލީގުގައި މިރޭ އެވަޓަން އިން ފަހު ވަގުތު ޖެހި ގޯލުން 2-1 އިން ފުލަމް ދަނޑުގައި މޮޅުވިއިރު، ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ބާންލީ ދަނޑުގައި 2-0 އިން ކުރިހޯދައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment