Advertisement

އިޓްލޮސް މައްސަލައިގައި މަސައްކަތް ކުރި ކުރީގެ ސަރުކާރުގެ އޮފިޝަލުންގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް


އިޓްލޮސް މައްސަލައިގައި މަސައްކަތް ކުރި ކުރީގެ ސަރުކާރުގެ އޮފިޝަލުންގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ އިސްތިގްލާލީ ބާރު ހޯދަން މޮރިޝަސް އިން ބައިނަލްއަގްވާމީ ކޯޓުތަކުގައި ކުރި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މަސްލަހަތުގެ ދިފާއުގައި މަސައްކަތް ކުރި އޮފިޝަލުންގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަން މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އިޓްލޮސް މައްސަލައިގައި ކުރީގެ ސަރުކާރުން ނެގި ސްޓޭންޑުތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

އެހެންވެ، އެ ސްޓޭންޑުތައް ނެގި ސަބަބު އޮޅުން ފިލުވުމަށާއި މައްސަލައަކާ ގުޅިގެން ފިޔަވަޅެއް އަޅަންޖެހޭނެ ފިޔަވަޅެއް އެޅުމަށް އިންކުއަރީ ކޮމިޝަނެއް ހަދަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ނިމިދިޔަ ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައްސަލައިގައި އައްޔަން ކުރެވުނު ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ އެ ނިންމުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް އެ ނިންމުންތައް ނިންމާފައިވާ ސަބަބުތައް ދެނެގަތުމަށާއި އެކަންކަމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ނަމަ އެކަން ކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން އެކަށައެޅުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ކޮމިޝަން އޮފް އިންކުއަރީއެއް އުފެއްދުމަށް އަޅުގަނޑު ނިންމި ކަން ވެސް ތިޔަ ބޭފުޅުންނަށް އިއުލާނު ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

ޗާގޯސްއަކީ އިނގިރޭސިވިލާތުގެ އަސްކަރީ ބޭސްއެކެވެ. އެތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން ވަނީ މިދިޔަ އަހަރު އެއްބަސްވެފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.

ރާއްޖެއިން ޗާގޯސްއަށް ދައުވާ ކުރުމުގެ އަޑުތައް އިވެން ފެށީ އިޓްލޮސްގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ. ޗާގޯސްއަށް ރާއްޖެއިން ދައުވާ ކުރަނީ މީގެ ކުރިން ރާއްޖޭގެ ބައެއް ރަސްރަސްކަލުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައެއް ސިޓީތަކުގައި ލިޔުއްވާފައިވާތީ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ދިނުމަށް ބާރު އެޅުއްވުމަށް މުއިއްޒު މިފަހުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބާރު އަޅުއްވައިފަ އެވެ.

"ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ބަދަލުކޮށްފި ނަމަ، މިހާރު ވެސް އެތަން ހިނގާ ގޮތަށް ކުރިއަށް ގެންދަން ދިވެހި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ،" އެމެރިކާގެ ނިއުސްވީކް މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވި އެވެ. "ރައީސް ޓްރަމްޕުގެ މަގްސަދަކީ އެމެރިކާގެ ކަނޑުގެ ސިފައިންނަށް ކުރިއަށް އޮތް ތަނުގައި ވެސް ޗާގޯސް ބޭނުން ކުރެވޭނެކަން ކަށަވަރުކޮށް ޔަގީން ކުރުން."