about 2 hours 0
ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެކުގައި ގައުމީ ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް އުފުލާލައިގެން.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް
about 2 hours 0
ދެކުނު އޭޝިއާގެ ގައުމުތަކަށް ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން، މިހާތަނަށް މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، ބާކީ މެޗެއް އޮއްވައި، ރާއްޖެ އަށް ކާމިޔާބުކޮށްދިން ކޯޗު، އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް، މި ހޯދުނު ތާރީހީ ކާމިޔާބީ ދިވެހިންނަށް ހާއްސަކޮށްފި އެވެ.
މުޅިން އަލަށް ބޭއްވި ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދާފައި މި ވަނީ، ލީގު އުސޫލުން ކުޅުނުއިރު، ބާކީ އެއް މެޗު އޮއްވަ އެވެ. އެ ގޮތުން، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލިކުރިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. ތިން ވަނަ މެޗުގައި، އިންޑިއާ އަތުން 5-0 އިން މޮޅުވިއިރު، ހަތަރު ވަނަ މެޗުގައި ނޭޕާލް އަތުން 2-1 އިން މޮޅުވި އެވެ. އަދި، މިއަދު ވަނީ ފަހަތުން އަރައި، 3-1 އިން ބޫޓާން އަތުން މޮޅުވެފަ އެެވެ.
ބޫޓާން މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ފާރޫކް ބުނީ، މުބާރާތް ފެށިގެން އައި ގޮތާއި ހުރިހާ ކަމަކަށް ބަަލައި، ޓީމުތަކުން ރާއްޖެ އަކީ ފޭވަރިޓުންގެ ގޮތުގައި ބަލައިގެން ނުކުމެ ރަނގަޅަށް ކުޅެން ފެށުމާ އެކު މެޗުތައް އުނދަގޫވާނެ ކަމަށް ގަބޫލުކުރި ކަމަށެވެ.
"އެހެންވެ، އުންމީދުކޮށްގެން ހުރީ އުނދަގޫވާނެ ކަމަށް. އަހަރެމެންގެ ތައްޔާރީތައް ދިޔައީ ރަނގަޅަށް، ތަފާތު ދަނޑެއްގައި، ހުރިހާ ކުޅުންތެރިން ވެސް ކުޅެގެން މި މުބާރާތް ކާމިޔާބުކުރަން ބޭނުންވިކަން އަހަންނަށް ފުރަތަމަ ދުވަހު ވެސް ވިސްނުނު. އެ ކަންކަން ބަލާފައި އަހަންނަށް ވަރުގަދަ އަށް މިކަން ކުރަން ހިތްވަރު ލިބުނު،" އުޒްބެކިސްތާން ގައުމީ ޓީމުތަކަށް ކުރިން ކުޅެފައިވާ ކޯޗު ފާރޫކް ބުންޏެެވެ. "މުބާރާތުގެ ކުރިން އަހަރެން އަމިއްލަ ނަފްސާއި ކުޅުންތެރިންްނަށް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބެލީ މިއީ ކާމިޔާބުކުރަން ޖެހޭނެ މުބާރާތެކޭ. އަލްހަމްދުލިއްލާހި އަަހަރެެމެން ބޭނުންވި ކަންތައް ހާސިލްވެއްޖެ،"
މިދިޔަ މަހުގެ ފުރަތަމަ ހަފްތާ އިން ފެށިގެން ފާރޫކްއާ އެކު ގައުމީ ފުޓްސަލް ޓީމުން ޕްރެކްޓިސް ފެށީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގަ އެވެ. ޑިސެމްބަރު މަސް ނިމެންދެން އެ ދަނޑުގައި ޕްރެކްޓިސްކުރުމަށް ފަހު، މުބާރާތުގެ ކުރިން، އެފްއޭއެމް އިން ހަމަޖައްސަައިދިން ފުރުސަތެއްގައި ޗައިނާގައި ރަނގަޅު ކޭމްޕެއް ކުރިއަށްގެންދިޔަ އެވެ.
ފާރޫކް ބުނީ، ހަގީގަތުގައި އިންޑޯގައި ކުޅޭ މުބާރާތަކަށް އެހެން ކަހަަލަ ދަނޑެއްގައި ގިނަ ޕްރެކްޓިސްތަކެއް ކުރަން ޖެހުމުން އުނދަގޫތަކެއް ހުންނާނެ ކަމަށެވެ. އަދި، މި ކަންކަން ރަނގަޅުކުރަން ލިބުނު އެންމެ ބޮޑު ފުރުސަތަކީ ޗައިނާ ކޭމްޕް ކަމަށާއި އޭގެ ސަބަބުން ޓީމަށް ބޮޑެތި ފަސޭހަތަކެއްވެ، ރަނގަޅު ފުޓްސަލް އެއް ކުޅެން މަގުފަހިވި ކަމަށް ފާރޫކް ވަނީ ބުނެފަ އެވެ.
"އަހަރެން ވަރަށް އުފަލުން މި ހުރީ ހުރިހާ ދިވެހިންނަށްޓަކައި، އަހަންނަށް އިހުސާސްވޭ އެ މީހުންގެ ސަޕޯޓް، ޔަގީންކަމެއް، އަހަރެން ބޭނުން ރާއްޖޭގައި ފުޓްސަލްގެ މުސްތަގުބަލު ރަނގަޅަށް އޮންނަން، ރަނގަޅު ޑިވެލޮޕްމަންޓަކާ އެކީގައި. އަހަރެން އެންމެންނަށް މަރުހަބާ ކިޔަން މި މުބާރާތް ކާމިޔާބު ކުރީމަ. އެކަމަކު، މި މަސައްކަތް ކުރިއަށްގެންދަން ޖެހޭ،"
އޭނާ ބުނީ، އަދި އެއް މެޗު އޮތްކަން ހަނދާނުން ފޮހެލައިގެން ނުވާނެ ކަމަށާާއި އެ މެޗުން ވެސް މޮޅުވާން ޖެހޭ ކަމަށެެވެ.
ބޫޓާނާ ދެކޮޅަށް މިއަދު ކުޅުނު މެޗު ނިމުނު ވަގުތު ކުރެވުނީ ކޮން އިހުސާސެއްތޯ އެހުމުން ފާރޫކް ބުނީ، "ފަހު ކަށިގަނޑާ އެކީގައި ބުނެވުނީ، އަހަރެމެންނަކީ ޗެމްޕިއަނުން" ކަމަށެެވެ.
ރާއްޖޭން ފަހު މެޗުގައި ލަންކާއާ ކުޅޭނީ ހޯމަ ދުވަހު އެވެ. މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އެ ދުވަހުގެ މެޗުތަކަށް ފަހު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment