އިންމި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް
އިންޑޯ ޕިޗަކާ އެކު ރާއްޖޭގެ ފުޓްސަލް އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް ގައުމީ ފުޓްސަލް ޓީމަށް ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތް ކާމިޔާބުކޮށްދިން ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ބުނެފި އެވެ.
ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން، ސާފް އިން މުޅިން އަލަށް ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދާފައި މި ވަނީ، ލީގު އުސޫލުން ކުޅުނުއިރު، ބާކީ އެއް މެޗު އޮއްވަ އެވެ.
އެ ގޮތުން، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލިކުރިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. ތިން ވަނަ މެޗުގައި، އިންޑިއާ އަތުން 5-0 އިން މޮޅުވިއިރު، ހަތަރު ވަނަ މެޗުގައި ނޭޕާލް އަތުން 2-1 އިން މޮޅުވި އެވެ. އަދި، މިއަދު ވަނީ ފަހަތުން އަރައި، 3-1 އިން ބޫޓާން އަތުން މޮޅުވެފަ އެެވެ.
ރާއްޖެ އަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދިނުމަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި އިންމި ބުނީ، މިއީ، ވަރަށް ހާއްސަ ކާމިޔާބެއް ކަމަށެވެ.
"އަލްހަމްދުލިއްލާހި މިއަދު ވަރަށް މުހިންމު މޮޅެއް، މި މޮޅަކީ ދެން، ޓައިޓަލް ކޮންފާމްވާ މެޗެއްގައި ލިބުނު މޮޅެއް، ވަރަށް ހާޑްވޯކް މީ ވަރަށް މަސައްކަތް، ޑޭ ވަން އިން ފައްޓައިގެން އެންމެ ކަމަކަށް ހަމަ، ޓާގެޓްކޮށްގެން މުޅި ޓީމު ވެސް މަސައްކަތް ކުރަމުން މިއައީ، އެ ހަމަ ތަށި ސާފްގެ ފުރަތަމަ ތަށި އުފުލާލުން އެ ކަމަށް ހުރިހާ އެންމެން ވެސް ކޯޗުން ވެސް ޕްލޭޔަރުން ވެސް، ސްޓާފުން އެންމެން ވެސް ފޯކަސް ކޮށްގެން، މިކަން ކުރަން މިކަން ކުރުމުގެ އަޒުމުގައި ޑޭ ވަން އިން ފަށައިގެން މި ނުުކުތީ، އެހެންވެ، އިރާދަކުރެއްވީތީ މިކަން މި އޮތީ ކާމިޔާބުވެފައި،" އިންމި ބުންޏެވެ.
އިންމި ބުނީ، ރާއްޖޭގައި ފުޓްސަލްގެ ފޯރި ވަރަށް ބޮޑަށް ހިފާފައި ވަނިކޮށް މި ވަރުގެ ކާމިޔާބެއް ލިބުމަކީ ބޮޑު ކަމެއް ކަމަށެވެ.
"ފުޓްސަލް މިހާބޮޑަށް ކުރިއަރާފައި އޮއްވައި މީތި އިތުރު ހަރުފަތަކަށް ގެންނަން ވަރަށް މުހިންމު ކަމެއް ކަންނޭނގެ މި ކޮށްލެވުނީ. އަސްލުގައި، މި 14 ޕްލޭޔަރުންނާއި މި ކޯޗިން ސްޓާފުން ހަމަ ޝުުކުރު ހައްގު، ވަރަށް ބޮޑު މަސައްކަތެއް، އަންނަ ޖެނެރޭޝަނުގެ ކުދިންނަށާއި ފުޓްސަލް ކުޅެން ރެޑީވާ ހުރިހާ ކުދިންނަށް މި އޮތީ ވަރަށް ބޮޑު މަގެއް ފެނިފައި. މި ކަމަށް އަދިވެސް ޕްރޮފެޝަނަލައިޒް ކޮށްގެން ފުޓްސަލް އިތުރު ހަރުފަތަކަށް ގެންދެވޭނޭ އަޅުގަނޑު ބުނާނީ،" އިންމި ބުންޏެވެ.
ސާފްގެ ހަތް ގައުމުގެ ޓީމުތައް ވެސް ވާދަކުރި މި މުބާރާތް އިއުލާނުުކުރިއިރު ވެސް ފީފާގެ ރޭންކިން އަށް ބަލާއިރު، ރާއްޖެ އަކީ ދެކުނު އޭޝިއާ ސަރަަހައްދުގެ އެއް ވަނަ އެވެ. އެހެންވެ، ހުރިހާ ޓީމަކުން ވެސް ދުރާލައި ރާއްޖެއާ މެދު ސަމާލުވާން ފެށި އެވެ.
އިންމި ބުނީ، ރޭންކިން އަށް ބަލާފައި ރާއްޖެ އަކީ ފޭވަރިޓުންގެ ގޮތުގައި ޓީމުތަކުން ދެކުނުއިރު، ފަހު މެޗުތަކަށް އައިއިރު ރާއްޖެއާ ދެކޮޅަށް ޓީމުތަކުން ކުޅެން ފެށީ ވަރަށް ޑިފެންސިވްކޮށް ކަމަށެވެ.
"ފުރަތަމަ މެޗުތަކުގައި އެހާ ރަނގަޅަށް ކުޅެ، ރަނގަޅު ރިޒަލްޓެއް ނުކުތް ހިސާބުން ވަރަށް ބޮޑަށް ޕްރެޕެއާވި، ރާއްޖެ ޓީމާ ދެކޮޅަށް ކުޅެން ވަރަށް ޑިފެންސިވް ހުރިހާ ޓީމެއް ވެސް، ކުޑަކުޑަކޮށް އުނދަގޫތަކެއް ވެސް އައި. ދެން، އެކަމަކު ކޯޗުގެ އިރުޝާދުގެ ދަށުން ގޭމްޕްލޭންތައް ބަދަލުކޮށް، ދެން ހަމަ، ހުރިހާ މެޗަކުން ވެސް މޮޅުވާން ރާއްޖެ ނުކުންނަނީ. ދެން، ހަމަ އެ ގޮތަށް އިންޝާﷲ މި ކާމިޔާބު ކޮށްލެވުނީ،" އިންމި ބުންޏެވެ.
ސާފް ފުޓްސަލް މުބާރާތަށް ރާއްޖެ އޮތީ ހަގީގަތުގައި ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް އިންމި ފާހަގަކުރި އެވެ. އެ ގޮތުން، އެފްއޭއެމް އިން އުޒްބެކިސްތާނުން މަތީ ފެންވަރުގެ ކޯޗު، ފާރޫކް ޒަކީރޯވް ގެނެސްގެން، ވިސްނުންތެރިކަމާ އެކު މަސައްކަތް ފަށައި، ޗައިނާގައި ކޭމްޕެއް ފުރިހަމަ ކުރުން ވެގެންދިޔައީ ރަނގަޅަށް ކުރެވިގެންދިޔަ ކަންކަން ކަމުގައި އިންމި ވަނީ ބުނެފަ އެވެ.
"މި ހުރިހާ ކަމަކަށް ބަލާއިރު، ހަމަ ފުރަތަމަ ސާފް ވީމަ ވަރަށް ދުރާލާ މި ތަށި ނަގާލަން ރެޑީވެފައި އޮތީ، ކުރިއަށްދާއިރު، އަޅުގަނޑަށް ހީވަނީ މިއީ ހަމަ ފެށުމެއް ކަންނޭނގެ ރަނގަޅު. ދެން، އިންޑޯ އަކީ އެންމެ މުހިންމު އެއް ކަންތައް އަދިވެސް، ދެން، ހަމަ އިންޑޯއަކާ އެއްކޮށް ލީގެއް ފެެށުމަކީ ވެސް ރަނގަޅު ކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ،" އިންމި ބުންޏެވެ.
ރާއްޖޭން ފަހު މެޗުގައި ލަންކާއާ ކުޅޭނީ ހޯމަ ދުވަހު އެވެ. މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އެ ދުވަހުގެ މެޗުތަކަށް ފަހު އެވެ.
މިދިޔަ ސަރުކާރުގެ ކުޅިވަރާ ބެހޭ މިނިސްޓަރު، އަހުމަދު މަހުލޫފް، ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯއެއް އަޅާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު، ދައުރު ނިމުނުއިރު، އެ އަށް އަމަލީ ސިފައެއް ނާދެ އެވެ. އަދި، މި ސަރުކާރު ފެށިގެން ހަފްތާ 14 ގެ ތެރޭގައި، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އާއި އެޗްޑީސީ އަދި، ފިނޭންސް މިނިސްޓްރީން ފުޓްސަލް/ނެޓްބޯލް ކޮމްޕެލްކްސްގެ ބިމާ ގުޅޭ އެއްބަސްވުމެއް ވެސް ހެދި އެވެ.
އެ ގޮތުން، ސަރުކާރުގެ ދެ މިނިސްޓްރީ އާއި އެޗްޑީސީން، 24 ފެބްރުއަރީ 2025 ގައި، ނެޓްބޯލް އާއި ފުޓްސަލް ކޮމްޕްލެކްސްގެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު، "އަދަދު ސްޕޯޓްސް" އިން ހުށަހެޅި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު (އާރްޓީއައި)ގެ ޖަވާބުގައި، ނޮވެމްބަރު 16 ވަނަ ދުވަހު، މިނިސްޓްރީން ބުނެފައިވަނީ، ނެޓްބޯޅަ އާއި ފުޓްސަލް ކޮމްޕެލްކްސްގެ، "މަސައްކަތް ނުފަށާ،" ކަމަށެވެ.
Comment