about 1 hour 0
about 1 hour 0
މެންޗެސްޓާ (ޖެނުއަރީ 23) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު، ކަސެމީރޯ، އެ ކްލަބާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވުމުން ޓީމު ދޫކޮށްލާނެކަން ޔުނައިޓެޑުން އިއުލާނުކޮށްފި އެވެ.
އުމުރުން 33 އަހަރުގެ ކަސެމީރޯ، ޔުނައިޓެޑާ ގުޅުނީ 2022 ވަނަ އަހަރު 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ.
ޔުނައިޓެޑަށް 146 މެޗު ކުޅެދިން ކަސެމީރޯ ވަނީ އެ ޓީމާ އެކު، އެފްއޭ ކަޕެއް ހޯދުމުގެ އިތުރުން 2023 ވަނަ އަހަރު، އިނގިރޭސި ލީގު ކަޕް ޗެމްޕިއަންކަން ހޯދި ޔުނައިޓެޑްގެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި، އެ ފަހަރު ފައިނަލުގައި ނިއުކާސަލް ކޮޅަށް ޔުނައިޓެޑްގެ ފުރަތަމަ ގޯލު ޖެހީ ވެސް ކަސެމީރޯ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑުން ފުރަތަމަ ކަސެމީރޯ އަށް އިތުރު އެއް އަހަރުގެ ކޮންޓްރެކްޓެއް ދޭން ނިންމި ނަމަވެސް ފަހުން އެ ނިންމުން ބަދަލުވީ އެ ކްލަބްގެ ފުޓްބޯޅައިގެ ނިންމުންތަކާ ހަވާލުވި އިނިއޯސް ކުންފުނީގެ ޕޮލިސީގެ ދަށުންނެވެ. ދުވަސްވީ ކުޅުންތެރިން ބޮޑު މުސާރައިގައި ބެހެއްޓުމާ މެދު އިނިއޯސް ކުންފުނިން ބަލާނެ ތަފާތު މިންގަނޑުތަކެއް އޮންނާނެ ކަމަށް އެ ކުންފުނީގެ ވެރިޔާ، އަދި ޔުނައިޓެޑްގެ އެއް ހިއްސާދާރު ޖިމް ރެޓްކްލިފް ވަނީ ވިދާޅުވެފަ އެވެ.
ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ކަސެމީރޯ އަށް ޔޫރަޕާއި ދެކުނު އެމެރިކާގެ ކްލަަބްތަކުގެ އިތުރުން، ސައުދީ އަރަބިއްޔާގެ ކްލަބްތަކުގެ އޮފާތަކެއް ލިބިފައިވެ އެވެ.
Comment