Advertisement

ނޭޕާލް ބަލިކޮށް ރާއްޖޭން ސާފް ފުޓްސަލް ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް

about 1 hour 0

ރާއްޖޭގެ ކުޅުންތެރިން ލަނޑު ޖެހުމަށް އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް


ނޭޕާލް ބަލިކޮށް ރާއްޖޭން ސާފް ފުޓްސަލް ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް

about 1 hour 0

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން ނޭޕާލް އަތުން 2-1 އިން މޮޅުވެ، ރާއްޖޭން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

ރާއްޖޭން މި މެޗަށް ނުކުތްއިރު، ފުރަތަމަ ތިން މެޗުން ވަނީ މޮޅުވެފަ އެވެ. އަނެއްކޮޅުން، ނޭޕާލް ވަނީ ފުރަތަމަ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެ، އެއް މެޗުން މޮޅުވެފަ އެވެ. އެހެންކަމުން، މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ބަލާއިރު، މިއީ މި ދެ ޓީމަށް ވެސް މުހިންމު ކުރިމަތިލުމެކެވެ.

ރާއްޖޭން މި މެޗުން ހޯދި މޮޅާ އެކު، ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓް ހޯދާފައިވާއިރު، ޗެމްޕިއަންކަން ހޯދަން ދެން ބޭނުންވަނީ ދެ މެޗުން ދެ ޕޮއިންޓެވެ. އެކަމަކު، މިއަދު، ދެން އޮތް މެޗުން ބަންގްލަދޭޝް އާއި ޕާކިސްތާން އެއްވަރުވެއްޖެނަމަ، ބާކީ ދެ މެޗު އޮއްވައި، ރާއްޖެ އަށް ޗެމްޕިއަންކަން ލިބޭނެ އެވެ.

ނޮންތަބުރީ ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި މިއަދު ކުޅުނު މެޗު ފަށައިގެން، ނޭޕާލްގެ ރޭވުންތެރިކަން ފެނުނީ ފަހަތުގައި ތިބެފައި ލިބޭ ބޯޅަަތަކުގައި ކުރިއަށްޖެހިގެން ކުޅޭ ގޮތަށެވެ. ނޭޕާލްގެ އެ ވައްޓަފާޅި އަށް ތައްޔާރުވެ، ރާއްޖޭން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަމަ ހާފުގައި ގޯލެއް ޖެހޭގޮތެއްނުވި އެވެ.

މިއީ، މި މުބާރާތުގައި، ރާއްޖެ އަށް ގޯލެއް ނުޖެހި ހާފެއް ނިމުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭން ބަދަލަކަށް ކުޅެން އެރި ހުސެއިން ސުހައިލް (ސޮކޭ) އަށް ރަނގަޅު ދެ ހަމަލާއެއް ފޮނުވާލަން ލިބުނު ފުރުސަތުގައި ރަނގަޅަށް ފޮނުވާނުލެވުނުއިރު، ރާއްޖޭގެ އަލީ ޝަމާލް އަބްދުﷲ (ޝަންމު) ހުސްކޮށްލާފައި ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) އަށް ދިން ބޯޅައެއް ޑިފެންސް ކުރަން އުޅުމުގެ ތެރޭގައި ނޭޕާލް ކުޅުންތެރިއަކު ފައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އޭރިއާބޭރުން، ރާއްޖޭގެ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އާއި އަލީ ޝިޔާހު (ޝިޔަޅޭ) ފޮނުވާލި ހަމަލާތައް ނޭޕާލް ކީޕަރު، ޕަދަމް ތަމަންގް ވަނީ މަަތަކޮށްފަ އެވެ.

އަނެއްކޮޅުން، މެޗުގެ ފުރަތަމަ ހާފު ނިމެން، ހަތަރު ސިކުންތަށް ވެފައި ވަނިކޮށް، ރާއްޖޭގެ އޭރިއާތެރެއިން ނޭޕާލްގެ ކެޕްޓަން، ބިޖޭ ޝްރެސްތާ ފޮނުވާލި ބާރު ބޯޅައެއް ރާއްޖޭގެ ކީޕަރު، ޒައިދާން އަހުމަދު (އަސޫ) ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ތިން މިނިޓް ތެރޭ ރާއްޖޭން ލީޑުނެގި އެވެ. މި ލަނޑު ކާމިޔާބުކުރީ، އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ރާއްޖޭގެ އަހުމަދު ހަމީދު (އައްމަޑޭ)ގެ ރަނގަޅު މަސައްކަތަކަށް ފަހު، ޝާއްޕެ އަށް ހުސްކޮށްލާފައި ދިން ބޯޅަ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

ރާއްޖޭން ލަނޑު ޖެހިތާ މިނިޓެއް ފަހުން، ނޭޕާލުން ނަތީޖާ ހަމަހަމަކުރުމާ ވަރަށް ގާތަށް ޖެހިލި އެވެ. ރާއްޖެ ހާފުގެ ތެރެއިން، ޝާއްޕެ އަތުން ގެއްލުނު ބޯޅައަކުން ނޭޕާލުގެ ބިކްރާންތު ނާސިން ފޮނުވާލި ހަމަލާ، ގޯލު ރޮނގުމަތިން ސަލާމަތްކުރީ ޝާއްޕެ އެވެ.

އެކަމަކު، އޭގެ އިރުކޮޅެއް ތެރޭ ލިބުނު ކޯނަރަކުން ބިކްރާންތު ވަނީ ހުސްކޮށް ހުރެފައި ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ ބިކްރާންތު ވަނީ ހަމަޖެހިލައިފައި ގޯލަށް ވައްދާލައިފަ އެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަކުޅުމެއް ފެންނަމުންދަނިކޮށް، މެޗުގެ 13 ވަނަ މިނިޓްގައި، ނޭޕާލުގެ އަމިތު ލާމާ ކުރި ފައުލަކަށް އޭނާ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ، ރާއްޖޭގެ ޝާއްޕެ، އެޓޭކަށް ހުސްކޮށް އަރައި ދިޔަ ބޯޅައެއްގައި އޭނާ އަށް ކުރި ނުރައްކާތެރި ފައުލަކަށް ދެއްކި ރަތް ކާޑެކެވެ. އެ ހިލޭ ޖެހުމުގައި، ރާއްޖޭގެ ކެޕްޓަން، އިންމި ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ރާއްޖެ އަށް ލީޑުނަގައިދީފަ އެވެ.

ރާއްޖެ އަށް ދެން އޮތީ ބޫޓާނާއި ލަންކާއާ ދެކޮޅަށް ހޮނިހިރު ދުވަހު ބޫޓާނާ ބައްދަލުކުރާ މެޗާއި ހޯމަ ދުވަހު ލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.