މިއަދުގެ ޕްރައިމަރީގައި މީހަކު ވޯޓުލާން ތައްޔާރުވަނީ --- ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގެ ވޯޓުލުން ބަންދުކޮށްފި އެވެ.
މެންދުރު 2:30 އިން ފެށިގެން ކުރިއަށް ދިޔަ މި ޕްރައިމަރީގައި މުޅި ރާއްޖޭގައި ޖުމުލަ 65 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އޭގެތެރެއިން 31 ވޯޓު ފޮށި ހުރީ މާލެ ސަރަހައްދުގަ އެވެ.
ފުރަތަމަ އިއުލާނުކުރި ގޮތަށް 8:00 ގައި ގިނަ ފޮށިތަކެއް ވަނީ ބަންދުކޮށްފަ އެވެ. ވޯޓު ގުނަން ފަށާނީ ބަންދުކުރާތާ 15 މިނެޓު ފަހުންނެވެ.
ޕްރައިމަރީގެ އެންމެ ވާދަވެރި ވޯޓަކީ މާލެ ސިޓީގެ މޭޔަރުގެ ޓިކެޓަށް ނަގާ ވޯޓެވެ. އެންމެ ފުޅާ ދާއިރާއެއްގައި ފޯރިގަދަ ކެމްޕޭނެއް ވެސް ކުރީ މާލޭގެ މޭޔަރުގެ ޓިކެޓަށް ވާދަކުރާ އާދަމް އާޒިމް އަދި އަލީ އާޒިމް އެވެ.
މާލޭ މޭޔަރުކަމުގެ ޕްރައިމަރީގައި 5475 މީހަކު ވޯޓުލާނެ އެވެ. އެހެންކަމުން އެއްވެސް ސުވާލަކާ ނުލާ އިންތިހާބު ކާމިިޔާބު ކުރެއްވީ 2700 އަށްވުރެ ގިނަ ވޯޓު ހޯއްދަވާ ބޭފުޅަކަށެވެ.
މިއަދުގެ ޕްރައިމަރީގައި ވޯޓުލާން ނުކުމެފައިވަނީ ވަރަށް މަދު ބަޔެކެވެ.
މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައި ހުރި މަރުކަޒުތަކަށް މިއަދު ހަވީރު މި ނޫހުގެ ނޫސްވެރިން ގޮސް ބެލި ބެލުމުން އެނގުނު ގޮތުގައި ގިނަ ވޯޓު ފޮށިތަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން ވެސް ވޯޓު ނުލަ އެވެ. ހަވީރު 5:00 ވީއިރު 100 ވޯޓު ހަމަވެފައި ހުރީ ވެސް މަދު ފޮށިތަކެއްގަ އެވެ.
ޕްރައިމަރީ ކުރިއަށް ގެންދިޔުމަށް އެކުލަވައިލި އިންތިހާބީ ކޮމިޓީގެ މުގައްރިރު، މުހައްމަދު ފަލާހު ވިދާޅުވި ގޮތުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދުވީ މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަކަށް ވެފައި ގިނަ ބަޔަކު މާލެއިން ބޭރުގައި ތިބުމެވެ. މި ދުވަސްވަރު ގިނަ އަދަދެއްގެ ބަޔަކު އުމްރާ އަށާއި ޗުއްޓީއަށް ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
Comment