about 2 hours 0
about 2 hours 0
ތަައިލެންޑުގެ ނޮންތަބުރީގައި މިއަދު ފެށި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި، ބޫޓާނާއި ޕާކިސްތާން 1-1 އިން އެއްވަރުވިއިރު، ސްރީ ލަންކާ އާއި ނޭޕާލް 2-2 އިން އެއްވަރުވެއްޖެ އެވެ.
މިއަދުން ފެށިގެން މި މަހުގެ 26 ގެ ނިޔަލަށް ނޮންތަބުރީ އިންޑޯ ސްޓޭޑިއަމްގައި ކުޅޭ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ސާފްގެ ހަތް ގައުމުން ކުޅެ އެވެ. މިއީ، ސާފް އިން ފުޓްސަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. ދެ މުބާރާތް ވެސް ކުރިއަށްދަނީ ލީގު އުސޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.
މިއަދު ކުޅުނު އަންހެން ޑިވިޝަނުގެ ތިން މެޗަށް ބަލާއިރު، ފުރަތަމަ މެޗުގައި އިންޑިއާ އިން ވަނީ 10-1 އިން ރާއްޖެ އަތުން މޮޅުވެފަ އެވެ. އޭގެ ފަހުން ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. މިއަދު މެޗެއް ނުކުޅެނީ ބަންގްލަދޭޝް ޓީމުންނެވެ.
އެ ގޮތުން، ޕާކިސްތާނުގެ ކެޕްޓަން، ޝަހްރާ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، ބޫޓާނަށް އެއްވަރުކޮށްދިނީ، އެ ޓީމުގެ ތަރި ޔެޝީ އެވެ. ހާފުގެ މެދެއްހާ ހިސާބުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އިތުރު ގޯލެއް ޖަހަން ދެ ޓީމުން ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވި އެވެ.
ލަންކާ އިން ނޭޕާލް ކައިރިން ތަނިކާގެ ގޯލުން ލީޑުނެގި އެވެ. އެކަމަކު، ނޭޕާލުގެ މަނީޝާ ތާޕާ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އަދި، ބިމަލާ ޗޯދަރީ ޖެހި ބޯޅަކުން މަނީޝާ އޭރިއާތެރެއިން ގޯލަށް ވަންނަން ދޫކޮށްލުމުން ނޭޕާލުން ލީޑުނެގި އެވެ. ނޭޕާލުން ލީޑުގައި އޮވެ، ފުރަތަމަ ހާފު ނިންމާލިއިރު، ލަންކާ އިން ވަނީ ދެ ވަނަ ހާފުގައި ތަރިންދީ ޖެހި ގޯލުންނެވެ.
މުބާރާތުގައި މާދަމާ އޮންނާނީ ފިިރިހެން ޑިވިޝަނުގެ ތިން މެޗެވެ. ފުރަތަމަ މެޗުގައި ސްރީ ލަންކާ އިން ބޫޓާނާ ކުޅޭއިރު، ދެ ވަނަ މެޗުގައި އިންޑިއާ އިން ބަންގްލަދޭޝާ ބައްދަލުކުރާނެ އެވެ. އަދި، ތިން ވަނަ މެޗުގައި، ރާއްޖޭން ޕާކިސްތާނާ ދެކޮޅަށް ކުޅޭނެ އެވެ.
Comment