Advertisement

ރާއްޖޭގެ އަންހެން ޓީމު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލި

about 2 hours 0

އިންޑިއާގެ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ސާލިޔާ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް


ރާއްޖޭގެ އަންހެން ޓީމު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލި

about 2 hours 0

ތައިލެންޑުގެ ނޮންތަބުރީގައި މިއަދު ފެށި ސާފް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަނުގައި ރާއްޖޭން ކުުޅުނު މެޗުގައި އިންޑިއާ އަތުން 11-1 އިން ބަލިވެއްޖެ އެވެ.

މިއީ، ރާއްޖޭގެ އަންހެން ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން، ޓްރެއިނިން މެޗެއް ވެސް ކުޅެފައިނުވާއިރު، މުބާރާތް ކުޅުމަށް ތައިލެންޑަށް އައުމުގެ ކުރިން އިންޑޯއެއްގައި ޕްރެކްޓިސްކޮށްފައެއް ވެސް ނުވެ އެވެ. ތައިލެންޑަށް އައުމަށް ފަހު، އިންޑޯގައި ޓްރެއިނިން ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ.

ނޮންތަބުރީގެ އިންޑޯ ހޯލުގައި މިއަދު ކުޅުނު މެޗު ފަށައިގެން ފުރަތަމަ ކޮޅުގައި ދެ ޓީމުން ވެސް ލިބޭ ފުރުސަތުތަކުގައިި، އަވަސް ކުޅުމަކާ އެކު އެޓޭކަށް ދާން ވިސްނި އެވެ. އެކަމަކު، އިންޑިއާ އިން ފުރަތަމަ ގޯލު ޖެހުމާ އެކު، މެޗުގެ އޮއެވަރު އެއްކޮށް ކަހަލަ ގޮތަކަށް އެ ޓީމު ކޮޅަށް އެނބުރެން ފެށި އެވެ. އެ ގޮތުން، އިންޑިއާ އިން ފުރަތަމަ ހާފު ނިންމާލީ 5-0 އިން ކުރީގައި އޮވެގެންނެވެ.

ކައުންޓަ އެޓޭކުގައި ލިބޭ ފުރުސަތުތަކުގައި ރާއްޖޭގެ ކެޕްޓަން، ފާތިމަތު ސާލިޔާ، މަރިޔަމް ނޫރާ، މަރިޔަމް ރިފާ އަދި، ފާތިމަތު ސާއިނާ ވަނީ އިންޑިއާ ހާފު ތެރޭގައި ކުރިއަށް ޖެހިގެން ހަމަލާތަކެއް އުފައްދައިފަ އެވެ. އެކަމަކު، އިންޑިއާގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތަކުގައި ވެސް ކާމިޔާބެއް ނުހޯދި ދިޔައިރު، 11-0 އިން އިންޑިއާ ކުރީގައި އޮއްވައި، ރާއްޖޭގެ ނޫރާ ކޯނަރަކުން ފޮނުވާލި ބޯޅަ އިންޑިއާ ކުޅުންތެރިއަކު ގައިގައި ޖެހިފައި ގޯލަށް ވަނެވެ. މިއީ، ގައުމީ އަންހެން ފުޓްސަލް ޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

އިންޑޯގައި ގިނަ ޓްރެއިނިންތަކެއް ކޮށްގެން މި މުބާރާތަށް މަހަކަށް ވުރެން ގިނަ ދުވަސް ވަންދެން އެކި ގޮތްގޮތުން ޓްރެއިނިންތައް ރޭވިގެން ކުރިއަށްގެންދިޔަ އިންޑިއާ އިން މި މެޗު ކުރިއަށްދިޔަ ވަރަކަށް ފެނުނީ ފޯމަކަށް އެޅި ލިބޭ ފުރުސަތުތައް ނިންމަމުން ދިޔަތަނެވެ.

އިންޑިއާ އަށް މި މެޗުގައި ގޯލުތައް ޖަހައިދީފައިވަނީ، ހުޝްބޫ ކާޝީރާމް ސަރޯޖް ހަތަރު ގޯލާއި ނިޝްކާ ޕަރްކާޝް އާއި ސޮނާލީ މޮންޑަލް، އަދި ރިތިކާ ސިންގް ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން، މިތިލާ ރަމާނީ ގޯލެކެވެ.

ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ގައުމީ އަންހެން ފުޓްސަލް ޓީމުން ދެ ވަނަ މެޗުގައި، ބުރާސްފަތި ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި، މި މަހު 17 ވަނަ ދުވަހު ޕާކިސްތާނާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި މި މަހު 21 ވަނަ ދުވަހު ބޫޓާނާ ބައްދަލުކުރާނެ އެވެ.

އޭގެ ފަހުން، ފަސް ވަނަ މެޗުގައި، މި މަހު 23 ވަނަ ދުވަހު ބޫޓާނާ ކުޅުމަށް ފަހު، ފަހު މެޗުގައި މި މަހު 25 ވަަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.